01 އޮކްޓޯބަރ 2025 - 23:16
ވިކްޓަރީގެ ރައީސަކަށް މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އިންތިހާބުކޮށްފި އެވެ.
ވިކްޓަރީގެ ކުރީގެ ބޯޑު އިސްތިއުފާ ދިނީ، އާ އިންތިހާބަކަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ވިކްޓަރީގެ މިފަހަރުގެ ބޯޑުގެ މަގާމުތަކަށް ވަޑައިގެންފަ އެވެ.
ހަތަރު ނައިބު ރައީސުން ތިއްބަވާ، ކްލަބްގައި ދެ ނައިބުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެއީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
ނަޒީމަކީ އަބަދުވެސް ވިކްޓަރީއާ ގާތް ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެ ކްލަބްގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. މިއީ އެ ކްލަބްގެ ނައިބު ރައީސްކަމަށް އޭނާ ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
ދެން ތިއްބެވި ދެ ނައިބު ރައީސުންނަކީ އަބްދުﷲ ވަހީދާއި އަބްދުރަހީމް ލަތީފެވެ.
ބޯޑް މެންބަރުންގެ ގޮތުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ، ކުރީގެ ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އާއި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރު ހުސައިން ފަހްމީ އާއި އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޖުތޮބާ ލަތީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބޯޑްގައި ދެން ތިއްބެވި މެންބަރުންނަކީ ވިކްޓަރީގެ ދެ ހިދުމަތްތެރިން ކަމަށްވާ، އަހްމަދު ރިޔާޒު (ގާނާ) އާއި އަހްމަދު އަރީޝް (ޕަޓޭ) އެވެ.
ބޯޑުގައި އަންހެން މެންބަރެއްގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ އާއިޝަތު ރައިހާނާ އެވެ.
ސެކްރެޓަރީ ޖެނަރަލްކަން ކުރައްވާނީ މިދިޔަ ދައުރުގައި ވެސް ވިކްޓަރީގައި މަސައްކަތް ކުރި ހުޒާމް ހުސައިން ދީދީ އެވެ. ހަޒާންދާރަކީ މުހައްމަދު މުޖާހް މުނީރެވެ.
ވިކްޓަރީގެ ބޯޑުގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރެވެ.
ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓްގެ ބޯޑްގައި ވެސް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ހިމެނި ވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުޖީ
02 October 2025
ނަޒީމްގެ ޗެއާމަންކަމުގެ ދަށުގައި މުސާރަނުދިނުމާއި ދެންވެސް ޖެހުނު މައްސަލަތަކުގެ ސަބަބުން ސަސްޕެންޑުވީ. މިފަހަރު އެފަދަގޮތަކަށް ނުވާނެކަމަށް އުއްމީދުކުރަން.
ކޮރަލް
02 October 2025
ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓްގެ ބޯޑްގައި ވެސް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ހިމެނި ވަޑައިގަންނަވަ އެވެ. ކްލަބް ތަކަށް ރަނގަޅު މުސްތަގް ބަލެއް ނެތެވެ. މިއޮތީ ސިޔާސީ ވެފަ އެވެ. ސަރުކާރު ބަދަލު ވާ އިރަށް މިމީހުން ދާނެ އެވެ. ކުރީންވެސް ދިޔައީ އެގޮތަށެވެ. ކްލަބް ތަކަށް ފައިސާ ލިބޭނޭ މިނިވަން ގޮތް ތަކެއް ނެތި ކުރިއަށް ނުދާނެ އެވެ.
މީދޫ މޫސާ ބަދުރުއްދީން
02 October 2025
ކުޅިވަރު ސިޔާސަ ނުކުރާށެވެ.މީގެ ކުރިންވެސް ބަޔަކު ތިޔަ ކްލަބްތަކާއި ހަވާލުވިއެވެ.ނެގުނު ސިޔާސީ އެއްވެސް ފައިދާއެއް ނެތެވެ.ސަރުކަރުތަކުގެ މަތީ ފަޑީގައި ތިބޭ މީހުން ބައިތުލް މާލުން ރުފިޔާ ނެރެވޭނެކަމަށް ބަލައިގެން ކްލަބްތައް ހިންގަން ހަވާލުވުމަކީ ކުޅިވަރަށް އޮތް ގޮންޖެހުމަކާއި އަދި ވަރަށް ނުރަގަޅު ތަސައްވުރެކެވެ.
ކަމަރަން
02 October 2025
ދައުލަތުގެ ބައިތުލް މާލުން ރުފިޔާ ނެރެވޭނެ މީހުންލީމަ ކްލަބަށް ފައިސާ ލިބޭނީ
ފާގަ ހަސަން
01 October 2025
މީ ފުޓުބޯޅަ ކުރިނާރާ ސަބަބަކީ. ދެން ފަސް އަހަރު ނިމި މަގާމު ގެއްލޭ އިރު ކްލަބްވެސް ބަނގުރޫޓުވެ ހާލުގަ ޖެހޭނެ. ސިޔާސީ މީހުން އެއްފަރާތަށް ޖެހި އެމީހުންގެ ސިޔާސީ ކުޅިވަރައިގެން އެމީހުން އުޅެގެން މިކަންވާނީ. ނޫނީ ކޮންމެ ސިޔާސީ ޕާޓީއަކަށް ކުލަބެއް ހަދަންވީ މިހާރު ހުރި ކްލަބްތައް އުވާލާފަ. އެފްސީ ޕީއެންސީ. އެމްޑީޕީ ފުޓްބޯލް ކްލަބް. ޖޭޕީ ޔުނައިޓެޑް. އެތްލެޓިކޯ އަދާލަތު. އެމްޑީއޭ އެފްސީ