ދުނިޔެ / ފަލަސްތީން

ބަރްޣޫތީ މިނިވަންކޮށްގެން ފަލަސްތީނު އެއްބައިވަންތަ ކުރެވޭނެ: ދަރިފުޅު

ޖަލަށް ލާފައިވާ، ފަލަސްތީނުގެ ލީޑަރު މަރްވާން ބަރްޣޫތީގެ މިނިވަންކުރުމަށް ގޮވާލައި މި މަހުގެ 19 ވަނަ ދުވަހު ރާމަﷲ ގައި ބޭއްވި އެއްވުމެއްގައި އޭނާގެ އަނބިކަނބަލުން ފަދްވާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

28 އޮކްޓޯބަރ 2025 - 06:08

1 comments

އިޒްރޭލުން ޖަލަށް ލާފައިވާ ފަލަސްތީނުގެ އިސް ލީޑަރެއް ކަމަށްވާ މަރްވާން ބަރްޣޫތީ މިނިވަންކޮށްފި ނަމަ، ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ލިބިފައިވާ ފުރުސަތުގައި ދެ ދައުލަތުގެ ހައްލު ހޯދައި އެއްބައިވަންތަކަން ގާއިމުކުރެވޭނެ ކަމަށް އޭނާގެ ދަރިފުޅު އަރަބް ބަރްޣޫތީ ވިދާޅުވެއްޖެ އެވެ.

އަރަބް ވަނީ މި ފުރުސަތުގެ ބޭނުންހިފައި ބަރްޣޫތީ މިނިވަންކޮށްދިނުމަށް މަސައްކަތްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އުމުރުން 66 އަހަރުގެ މަރްވާން ބަރްޣޫތީ އަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ފަލަސްތީނު ރައްޔިތުން މިނިވަންކަމަށް ހިންގި ދެ ވަނަ އިންތިފާޟާގެ އެއް ލީޑަރެވެ. "ފަލަސްތީނުގެ މަންޑޭލާ" ގެ ގޮތުގައި ބައެއް ފަހަރު ނިސްބަތްކުރާ ބަރްޣޫތީ އަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށް ފަހު ދެން އެ މަގާމަށް ވަޑައިގަންނަވާނެ ލީޑަރު ކަމަށް ގިނަ ބަޔަކު ދެކެމުން އަ އެވެ.

ޖޫން 2004 ގައި ބަރްޣޫތީ ޖަލަށް ލީ އުމުރަށް ޖަލަށް ލުމުގެ ފަސް ހުކުމާ އެކު އެވެ. އެއީ އިޒްރޭލުގެ ފަސް މީހަކު މަރުވި ހަތަރު ހަމަލާއެއްގައި ބަރްޣޫތީގެ ބައިވެރިވުން އޮތް ކަމަށް ނިންމުމަށް ފަހު އެވެ.

މި ހުކުމަށް ފަހު ވެސް ފަލަސްތީނުގައި ބަރްޣޫތީއަށް އޮތް ތާއީދަށް އެއްވެސް ބަދަލެއް ނާދެ އެވެ.

"އެއީ ފަލަސްތީނު އެއްބައިވަންތަ ކުރުމުގެ ރެކޯޑް އޮތް ބޭފުޅެއް،" އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ދަރިކަލުން، އަރަބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ދައުލަތު ހައްލުން ފަލަސްތީނާއި އިޒްރޭލަށް ހަމަޖެހުން ގެނެސްދެވޭނެކަން ވިސްނައިދޭން ބަރްޣޫތީ ފަދަ ބޭފުޅަކު ނުހުންނާނެ ކަމަށާއި އެހެންވެ މިއީ ހައްލެއް ހޯދުމުގެ މަސައްކަތުގައި ސީރިއަސް ނަމަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަރަބް މި ވާހަކަ ދައްކަވާފައި ވާއިރު ފްރާންސާއި އިނގިރޭސި ވިލާތް އަދި ކެނެޑާ ފަދަ އެތައް ގައުމަކުން މި ފަހުން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ.

އަރަބް އަކީ ބަރްޣޫތީ ދޫކޮށްލުމަށް އެމެރިކާގެ ރައީސްގެ އަރިހުން އެދިވަޑައިގަތް، އާއިލާގެ ދެވަނަ މެންބަރެވެ. ބަރްޣޫތީގެ އަނބިކަނބަލުން ފަދްވާ ވެސް ވަނީ ޓްރަމްޕުގެ އަރިހުން މިކަމަށް އެދިވަޑައިގެންފަ އެވެ.

އެމެރިކާގެ "ޓައިމް" މަޖައްލާއަށް މި މަހުގެ 15 ގައި ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ވަކި މުއްދަތެއް ނުދެއްވަ އެވެ.

"އަޅުގަނޑު އުންމީދުކުރަނީ އެކަން ކޮށްދެއްވާނެ ކަމަށް، އަޅުގަނޑުގެ ބައްޕަ މިނިވަން ކުރުމަށް އިޒްރޭލަށް ޕްރެޝަރު ކުރައްވާނެ ކަމަށް، އެއީ ސުލްހައިގެ ބައިވެރިއެއް،" އަރަބް ވިދާޅުވި އެވެ.

އަރަބް ވިދާޅުވީ ބައްޕައާ ވާހަކަ ދެއްކުމުގެ ހުއްދަ އިޒްރޭލުން ނުދޭތާ ތިން އަހަރު ވެއްޖެ ކަމަށާއި އެކަމަކު ބައްޕަކީ އަދިވެސް ފަލަސްތީނުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބޭފުޅެއް ކަމަށެވެ.

ރައީސް އައްބާސްގެ ފަތަހް ޖަމާއަތުގެ ދުވަސްވީ މެންބަރެއް ކަމަށްވާ ބަރްޣޫތީ ވަނީ އެ ޕާޓީގެ މައި ކޮމިޓީގެ މެންބަރުކަމަށް އެތައް ފަހަރަކު އިންތިހާބުވެފަ އެވެ. ޖަލުގައި ހުންނަވަނިކޮށް ވެސް ދެ ފަހަރަށް އިންތިހާބުކުރި އެވެ. -- އޭއެފްޕީ

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫކޭ

28 October 2025

ތިމީހުންނަކީ ހުޅަނގުގެ ޕަޕެޓުން، ދެ ދައުލަތަކަށް ފުރިހަމަ މުސްލިމަކު ނުރުހޭނެ. ފަލަސްތީން ބިމުގަ ޔަހޫދީ އަދި އެހެން ދީނެއްގެ ދައުލަތަކަށްވެސް ޖާގައެއް ދީގެން ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454