އަންހެން މީހާ ބުނެފައިވަނީ މިއީ އޭނާ ފިރިމީހާގެ މުދަލުން މަހުރޫމްކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށް
އުމުރުން ދުވަސްވީ އަންހެނަކު މަގުމަތިން ހިނގާފައި ދަނީ: ފިރިމީހާގެ މަރަށް ފަހު އޭނާގެ ދަރިން ކޯޓަށް ގޮސް ދޮންމަންމަ އަކީ ވަރިކޮށްފައި ހުރި މީހެއް ކަމަށް ސާބިތުކުރަން ހުށަހެޅި މައްސަލައެއް ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ވަނީ ނާކާމިޔާބުވެފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
09 ޑިސެމްބަރ 2025 - 07:05
ކޯޓުން އެންމެ ފުރަތަމަ ވެސް ފާހަގަކުރީ މިއީ އާންމު އުސޫލާ ހިލާފު، ކޯޓަށް ވެސް ހުށަހެޅިފައި އޮތް އާދަޔާ ހިލާފު މައްސަލައެއް ކަމެވެ. އާންމު އުސޫލުން ވަރި ކައިވެނީގެ މައްސަލަތަކަކީ އަނބި/ފިރިން ޝަރީއަތަށް ހުށަހަޅާ ބާވަތުގެ މައްސަލަތަކެވެ. އެކަމަކު، މި އާދަޔާހިލާފު މައްސަލައިގައި، މަރުވެފައިވާ ބައްޕަގެ އަނބި ނުވަތަ ދޮންމަންމަ ވަރިކުރިކަން ސާބިތުކުރަން ކޯޓަށް މައްސަލަ ހިފައިގެން ގޮސް ހުރީ ދަރިފުޅެވެ.
ފެމެލީ ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މި މައްސަލަ ފެށުނީ ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަރުވުމާ އެކު އެވެ. އެ މީހާ މަރުވުމުގެ ހަތް ދުވަސް ކުރިން ދެ ފިރިހެނުން ހެކިކޮށް ސޮއިކުރި ކަމަށް ބުނާ ލިޔުމެއް އޮތެވެ. އެ ލިޔުމަކީ ބަލިއެނދުގައި އޮތް މީހާގެ އޭރު އަނބި ވަރިކޮށްފައިވާ ކަމަށް ބުނާ ލިޔުމެކެވެ.
މަރުވި ފިރިހެން މީހާ އަކީ ބަލި ހާލަތު ހުރި ގޮތުން އަމިއްލައަށް އެނދުން ވެސް ނުތެދުވެވޭ މީހެކެވެ. އޭނާ އާއި އަނބިމީހާއާ ގުޅުމެއް ނޯންނަ ކަމަށާއި އެކުގައި ދިރި ވެސް ނޫޅޭނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ސިވިލް ކޯޓަށް ދަރިފުޅު ދިޔައީ އެ ލިޔުމަށް ރިއާޔަތްކޮށް އޭނާގެ ބައްޕަ، އަނބިމީހާ ވަރިކޮށްފައިވާކަން ނުވަތަ ނޫން ކަން ކަނޑައެޅުމަށެވެ. އެއީ މައްސަލަ ހުށަހެޅި ދަރިފުޅުގެ ދޮންމަންމަ އެވެ. އޭރު މަރުހޫމްގެ ތަރިކައިގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދިޔަ އެވެ. އެހެންވެ، އެ މީހާ މަރުވިއިރު އަންބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުން އޮތީ މުހިންމުވެފަ އެވެ.
ނަމަވެސް، މައްސަލަ ރައްދުވާ އަންހެން މީހާ ފެމެލީ ކޯޓުގައި ބުނީ ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މަރުވި ފިރިމީހާގެ ތަރިކައިން އޭނާ ބޭރުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި މި ވަރިކުރިކަން ސާބިތުކުރުމަށް ގެންގުޅޭ ލިޔުމުގެ ސައްހަކަމާ މެދު އެ މީހާ ސުވާލު އުފެއްދި އެވެ. އެ ލިޔުމުގައި ސޮއިކުރިއިރު ފިރިމީހާ އޮތީ މަރުބަލީގައި އެނދުމަތި ކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެފަދަ ލިޔުމެއްގައި ސޮއިކުރެވޭނެ ސިއްހީ ހާލަތެއްގައި ވެސް އޭރު އެ މީހާ ނެތް ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.
މިއީ ފިރިމީހާގެ މުދަލުން އެ އަންހެން މީހާއަށް ލިބޭ ބައިން މަހުރޫމް ކުރުމުގެ ބޭނުމުގައި ހުށަހެޅި މައްސަލައެއް ކަމަށް އަންހެން މީހާ ތުހުމަތުކޮށް ފާހަގަކުރީ މުހިންމު ކަމެކެވެ.
އެއީ އެ ލިޔުން އަސްލަކަށް ބަލައިގެން ވަރި ސާބިތުވާ ހާލަތެއްގައި ވެސް ރަޖުއީ ވަރިއަކުން ވަރިވެފައިވާ އަންހެނާއަށް ފިރިމީހާ މަރުވެއްޖެ ހާލަތުގައި އިއްދައިގެ މުއްދަތުގައި މުތުލަގުކޮށް ތަރިކައިން ވާރުތަކުރާނެކަމެވެ. އިސްލާމީ ޝަރީއަތުގައި އޮންނަނީ އެހެންކަން އަންހެން މީހާ ކޯޓުގައި ފާހަގަކުރި އެވެ.
އިއްދައިގެ މުއްދަތުގެ ގޮތުގައި ގުނަނީ ތިން މަހެވެ. ފިރިހެން މީހާ މަރުވީ ލިޔުމުގައި ސޮއިކުރި ކަމަށް ބުނާ ތާރީހުގެ ހަތް ދުވަސް ފަހުންނެވެ.
ފެމެލީ ކޯޓު: މަރުވި ބައްޕަގެ އަނބިމީހާ ވަރިކުރިކަން ސާބިތުކުރަން ދަރިފުޅު ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި
ފެމެލީ ކޯޓުގެ ކުރިމަތީ އޮތް މި މައްސަލާގައި އެ ކޯޓުން ކަނޑައެޅީ މި ކަމުގައި ނިޔާއެއް ކަނޑައަޅަން ޖެހޭ ސަބަބެއް ނެތަތީ ދައުވާ ފޯމް ބާތިލް ކުރާށެވެ. އޭގެ ހަ ސަބަބެއް ކޯޓުން ދެއްކި އެވެ. އެއީ؛
● ކައިވެނީގެ ގުޅުން ނިމުމަކަށް އަންނަ ސަބަބުތަކެއް (ވަރިކުރުން ނުވަތަ މަރުވުން) މެދުވެރިވެފައިވާތީ
● ވަރި ސާބިތު ވުމާއި ނުވުމުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެތީ
● މީހަކު ނިޔާވުމަށް ފަހު، އެ ފަދަ ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގު ފަހިވެދާނެކަމެއް
● ވަރިކުރިކަމުގެ ލިޔުން އޮތް ތާރީހުގެ ހަފްތާއެއްހާ ދުވަސްފަހުން ފިރިމީހާ މަރުވެފައިވާތީ އެ ދުވަހުން ފެށިގެން ކައިވެނި ނިމުމަކަށް އައިސްފައިވާތީ
● ވަރި ސާބިތުނުކުރުމުން އެއްވެސް ފަރާތެއްގެ ހައްގަކަށް އަންނާނެ އުނިކަމެއް ނެތުމުން
● ހިމާޔަތްކުރެވޭ މަސްލަހަތުތަކަށް ރިއާޔަތްކޮށް ވަރިސާބިތުކުރުމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތުން.
ފެމެލީ ކޯޓުގެ މި ނިންމުން ދަރިފުޅަށް ކަމަކުނުދިޔަ އެވެ. އެހެންވެ، އޭނާ އެ މައްސަލަ ހިފައިގެން ހައި ކޯޓަށް ދިޔަ އެވެ. ހައި ކޯޓުން މި މައްސަލާގައި ގޮތް ކަނޑައަޅާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެ އިއްވަން ޖެހުނީ ދިގު ހުކުމެކެވެ.
އިއްޔެ ހައި ކޯޓުން ނިންމި މި މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އާއި ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފަރްހީޒާ އިއްވެވި ރައުޔުގައި ސުވާލު އުފެއްދެވީ ވަރީގެ މައްސަލައެއްގައި ވަރި ސާބިތުކުރަން ކޯޓަށް ހުށަހެޅޭނެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތަކީ ކޮބައިކަމާ މެދު އެވެ. ފަނޑިޔާރު ވިދާޅުވީ ވަރިވުމަށް އެދި ހުށަހެޅުމަކީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް މައްސަލަ ހުށަހެޅުމުގެ ސިފަތު ލިބިދީފައިވާ ކަމެއް ކަމަށެވެ.
ފަނޑިޔާރު ފާތިމަތު ފަރްހީޒާ: ފިރިމީހާ މަރުވުމުން އެ މީހާގެ ވަރިއާ ގުޅޭގޮތުން ތިންވަނަ ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ދޮރު ހުޅުވެގެން ދިޔުމަކ،ީ ފަސާދައަށް ހުޅުވޭ މަގެއް ކަމަށް ވިދާޅުވި
ފަނޑިޔާރު ލިޔުއްވާފައިވާ ގޮތުގައި މިބާވަތުގެ މައްސަލަތަކުގައި ފެމިލީ ކޯޓުން ޒަމާންތަކެއް ވަންދެން އަމަލުކުރަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، ވަރި ސާބިތުކުރުމަށް ހުށަހެޅޭ މައްސަލަތަކަށާއި ވަރިއާ މެދު ޝައްކުވެގެން ހުށަހަޅާ ފޯމުތަކުގައި ޒަވާޖީ ހަޔާތަށް ހާއްސަ ޒާތީ މައުލޫމާތު ހިމަނަށް ޖެހެ އެވެ.
ވަރީގެ މައްސަލައެއްގެ ދައުވާކުރާ ސަބަބަށް ބަލާއިރު، އާންމު އުސޫލުން ބަލާނެ އުންސުރުތަކަކީ ވަރިއެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމާއ،ި އިއްދަ އާއި ދެމަފިރިންގެ ދެމެދު އޮތް ޝަހުސީ ގުޅުމާއި ހުރި ހައްގުތަކާއި ވާޖިބުތަކަށެވެ.
"މިފަދަ މައްސަލައަކުން ކަނޑައެޅޭ ނިޔާގައި ވާރިސުންނަށް ސީދާ ގޮތެއްގައި ނިސްބަތްކުރެވޭ މަސްލަހަތެއް ނެތުމުން މި ބާވަތުގެ މައްސަލަ ހުށަހެޅުމުގެ ސިފަތު ވާރިސުންނަށް ލިބިގެންނުވެ އެވެ،" ހުކުމްގައިވެ އެވެ.
އެހެންވެ، ފަނޑިޔާރު ކަނޑައެޅުއްވީ ވަރިކުރުމާއި ވަރިއާ މެދު އޮޅުން އަރާ މައްސަލަތަކުގައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު އޮތީ ކައިވެނީގެ ބައިވެރިންނަށް ކަމަށެވެ.
އަދި ވަރި ސާބިތުކުރުމަށް އެކަށީގެންވާ މަސްލަހަތެއް ދަރިފުޅުގެ އޮތް ކަމަށް ވެސް ގަބޫލުނުކުރެވޭ ކަމަށް ހުކުމްގައިވެ އެވެ. އެއީ މި މައްސަލައިގައި ބުނެވޭ ވަރިއަކީ ރާޖިއު ވަރިއެއް ކަމަށް ބެލެވޭ ހިނދުގައި ވެސް އިއްދައިގެ މުއްދަތުގައި ތަރިކަ މުތުލަބަގަށް ލިބޭނެ ކަމަށް އިލްމްވެރިން އިއްތިފާގުވެފައިވުމާއި ބައްޕަ މަރުވެފައިވަނީ ލިޔުމުގައި ސޮއިކުރިތާ ހަތް ދުވަސް ފަހުން ކަމަށްވާތީ، އަންހެން މީހާ ހުންނާނީ އިއްދައިގެ މުއްދަތުގައި ކަމަށްވާތީ އެވެ.
● ކާވެންޏެއްގައި ދެމަފިރިން އެކަކު އަނެކަކުގެ ކަރާމާތް ހިމާޔަތްކޮށ،ް އެކަކު އަނެކަކުގެ އުނި އައިބުތައް އެހެން މީހުންނަށް ހާމަނުކުރަން ބާރު އަޅާކަން
● އިސްލާމްދީނުގައި ވަނީ ދެމަފިރިންގެ ދެމެދުގެ ގުޅުމުގެ ވާހަކަ ދިރިތިބޭ ހާލު ވެސް ދެއްކުމުން ދުރުހެލިވުމަށް ބާރުއަޅާފައިކަން
● ވަރީގެ ނަތީޖާއަށް އަސަރު ކުރުވަނިވި މައުލޫމާތަކީ ތިންވަނަ ފަރާތަކަށް އާންމު އުސޫލުން ފޯރުކޮށްދެވޭނެ މައުލޫމާތުތަކެއް ނޫންކަން
● ތިންވަނަ ފަރާތަކަށް ވަރީގައި ބަސްބުނުމުގެ ފުރުސަތު ޝަރީއަތެއްގައި ހުޅުވާލެވި މި މައުޟޫއު މަޝްވަރާކުރެވިގެން ދިޔުމަކީ ފަސާދައަށް މަގުފަހިވެގެންދިޔުން ކަމުގައި ސުވާލު އުފައްދާނެ ޖާގައެއް ނެތްކަން.
● ކައިވެންޏާއި ވަރީގެ ގުޅުމަކީ އެ އަގުދުގައި ހިމެނޭ ދެފަރާތުގެ ޝަހުސުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާއި އުފަންކުރުވާ ގުޅުމެއްކަން
● ފިރިމީހާ މަރުވުމުން އެ މީހާގެ ވަރިއާ ގުޅޭގޮތުން ތިން ވަނަ ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ދޮރު ހުޅުވެގެން ދިޔުމަކ،ީ ފަސާދައަށް ހުޅުވޭ މަގެއްކަން
އެހެންވެ، ފަނޑިޔާރު ފަރްހީޒާ ނިންމެވީ މައްސަލައިގައި ހިމާޔަތްކުރެވޭ މަސްލަހަތަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށް ނުގެންދަން ފެމެލީ ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ. އެ ނިންމުން ދަމަހައްޓަން ފަނޑިޔާރު ހުސެއިން މަޒީދުގެ ވެސް ތާއިދު ކުރެއްވި އެވެ.
ނަމަވެސް، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ރައުޔުގައި ވިދާޅުވީ ވަރި އާއި ކައިވެނީގެ ތަބީއަތަކ،ީ ޒާތީ ދިރިއުޅުމާ ގުޅުން އޮންނަ ކަމަކަށް ވާއިރު އެކަމުގައި އާންމު އުސޫލަކުން އެފަދަ މައްސަލަތައް ހުށަހަޅާނެކަމަށް ގަބޫލުކުރެވިފައި އޮންނަނީ އެ ގުޅުމެއްގައި އުޅޭ ދެމަފިރިންކުރެ މީހެެއް ކަމަށެވެ. މައްސަލައެއް ޖެހިއްޖެ ނަމަ، އެކަމެއް ހުށަހަޅަން ލާޒިމުވާ އަދި އެފަދަ ކަންކަން ހުށަހަޅަން މުއްދަތު ކަނޑައަޅާފައިވަނީ ވެސް ދެމަފިރިންގެ މައްޗަށް ކަމަށެވެ.
"...އެހެންނަމަވެސް، ޒަމާނާއ،ި ތަނާއި ވަގުތާ ހާލަތަށް ރިއާޔަތްކޮށް މިކަންކަމަކީ ބަދަލުވެ، ބަދަލުވަމުންދާ ހާލަތުގެ މައްޗަށް އެކިއެކި އިސްތިސްނާތަކާއި ހައްލުތައް ގެނެސްދީފައި ހުންނަ ކަންކަމެވެ." ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެގޮތުން، ފަނޑިޔާރު ވިދާޅުވީ ދިވެހިރާއްޖޭގައި ވެސް ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ކަމަކަށް ވިޔަސް ދެމަފިރިންކުރެ މީހަކު އެކަމަށް ނުކުޅެދިއްޖެ ނަމަ، އެކަމަށް އެދި އެހެން ފަރާތަކުން ހުށަހެޅުމުގެ ހައްގު އާއިލާއާ ބެހޭ ގަވައިދުން ދީފައިވާ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް: ޝަރުއީ އުސޫލުން ޖަބާވު ލިބެންޖެހޭ ކަމެއްގައި ޖަވާބު ނުލިބުމަކީ އާއިލާއެއްގެ ތެރޭގައި އެކަމުގެ ސަބަބުން ދާއީމީ ގޮތެއްގައި ފަސާދަ އުފެދި ނުރުހުންތެރިކަން ބޮޑުވެދާނެ ކަމެއް ކަމަށް ވިދާޅުވި
ކޯޓުގައި އޮތް މައްސަލާގައި ދިމާވެފައިވާ ހާލަތަކ،ީ ވަރީގެ މައްސަލައެއް ހުށަހަޅަންޖެހޭ ފަދަ ހާލަތެއް ދިމާވެފައިވާ ކަމަށް ބެލެވޭ ހާލަތެއްގައ،ި ފިރިހެން މީހާ ދުނިޔޭގައި ނެތް ހާލަތެއް މެދުވެރިވެފައިވުން ކަމަށް އެ ފަނޑިޔާރު ގަބޫލުކުރައްވަ އެވެ. އެފަދަ ހާލަތުގައި އަންހެން މީހާއަށް އެކަން ނޭނގޭ ހާލަތުގައި ނުވަތަ އެއްވެސް ސަބަބަކާ ހުރެ ކޯޓަށް އެ މައްސަލަ ހުށަނާޅާ ހާލަތުގައި، ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ހައްގު ވާރިސުންނަށް އޮތުމަކީ މުހިންމު ކަމެކެވެ.
"ނަމަވެސް މިފަދައިން މައްސަލަ ހުށަހެޅޭ ކޮންމެ ފަހަރަކީ ނިޔާވި މީހާ ދޫކޮށްފައިދާ ތަރިކައިން، ދެމަފިރިންގެ ތެރެއިން ދުނިޔޭގައި ހުރި ފަރާތް މަހުރޫމުކުރެވޭ ހާލަތަކަށް ނުވެދާނެ އެވެ. ސަބަބަކ،ީ މި މައްސަލާގައިވާ ހާލަތްތަކުގައި ކުރެވޭ ނުވަތަ ސާބިތުކުރެވޭ ވަރީގެ ނަތީޖާއާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފުތަކެއް އެބަހުއްޓެވެ." ހުކުމްގައިވެ އެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުންނަ މިފަދަ މައްސަލަތަކުގައ،ި މައުޟޫއީ ގޮތުން އެކަންކަން ނިއުޅައ،ި ނިކުންނަ ނަތީޖާއަކީ ކޮބައިކަން ބަޔާންކުރުމެއް ނެތ،ި އެކަން ނުބެލުން އައުލާކަން ބޮޑުކަމަށް ކަނޑައަޅާ ނަމަ، އެކަމުގެ ސަބަބުން ހައްގެއް ގެއްލިގެން ދިއުމަކީ ވެސް ވެދާނެކަމެވެ.
● ވަރިއާ މެދު ޝައްކުވެއްޖެ ނަމަ، ދެމަފިރިންގެ ދުނިޔޭގައި އެ ދެމަފިރިންގެ ތެރެއިން މީހަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި އެކަމުގައި ޝަރުއީ އުސޫލުތަކުގެ މައްޗަށް ކޯޓުން ޖަވާބެއް ދޭންޖެހޭ
● ދެމަފިރިންގެ ތެރެއިން އެކަކު ނިޔާވާ ހާލަތުގައ،ި ނިޔާވާ މީހާގެ ފަރާތުން އެކަށީގެންވާ މަސްލަހަތެއް އޮވެދާނެ ކަމަށް ބެލެވޭ ފަރާތަކުން އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް އެފަދަ ޝައްކެއް އޮތްކަން އެނގޭ ފަދަ މައްސަލައެއް ހުށަހެޅި ނަމަވެސް ވަރިއާ މެދު އޮތް ސުވާލަށް ކޯޓުން ޖަވާބެއް ދޭންޖެހޭ
● ޝަރުއީ އުސޫލުން ޖަބާވު ލިބެންޖެހޭ ކަމެއްގައި ޖަވާބު ނުލިބުމަކީ އާއިލާއެއްގެ ތެރޭގައި އެކަމުގެ ސަބަބުން ދާއީމީ ގޮތެއްގައި ފަސާދަ އުފެދި ނުރުހުންތެރިކަން ބޮޑުވެދާނެ ކަމެއްކަން
● ދުނިޔޭގެ އެހެން ބައެއް މުސްލިމް ގައުމުތަކުގައި ވެސް މިފަދަ މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭކަން
● ވަރިއާ މެދު އުފެދިފައިވާ ސުވާލަކީ ހަގީގީ ސުވާލެއްކަމާއ،ި އެކަމަށް ޝަރުއީ ދަލީލުތަކާއ،ި ޝަރުއީ އިލްމުވެރިންގެ ރައުޔުތަކުގެ އަލީގައި ޖަވާބެއް ލިބުމަކީ މަރުހޫމްގެ ވާރިސުންގެ ހައްގުގައި މުހިންމު ކަމެއްކަން
އެހެންވެ ފަނޑިޔާރު ޝަނީޒްގެ ރައުޔުއަކީ މިއީ މައުޟޫއީ ގޮތުން ބަލައ،ި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށާއި އެހެންވެ އަލުން މައްސަލަ ބަލަން ފެމިލީ ކޯޓަށް މި މައްސަލަ ފޮނުވަން ޖެހޭ ކަމަށެވެ. ނަމަވެސް، އަޣުލަބިއްޔަތު ރައުޔުއާ އެއްގޮތަށް މައްސަލަ ނިންމާފައިވަނީ ފެމެލީ ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުވިސްނޭ މީހާ
10 December 2025
ބައެއްފިރިންވެސް ދެއިރުކާބޭހެއްހެން ގެއިންނިކުމެގެންދާނެ އެހެންތާވާނީ މާލޭގަ ގެހުރެއްޖެނަމަ އަދިމާ ބާރަށް ފުއްޕާއިގެންދާނެ، އަހަރެންގެ ފިރިމީހާ އާއްމުކޮށްކުރާކަމެއްމީ ނިކަންބާރަށް ގެއަށް ނައްޓާލާނެ. ދެން އަހަރެންގޮސް ބޭބީ ހައްދައިގެން ގެންނަންޖެހެނީ. މިފަހަރު ދިޔާމަ އަހަރެން ބަލާ ނުދަން މިހާރު ފިރިމީހާ އޭނާގެ ގޭގައުޅެނީ. މިހާރު ނުވަމަސްވެއްޖެ. މިހެންތިއްބާ ފިރިމީހާއަށްނުވަތަ އަހަރެންނަށް ކަމެއްވެއްޖިޔާ ދެމީހުންގެ ކުދިންކޮޅު ދުއްވައިގަންނާނެ
އައިޖޭ
10 December 2025
"އެ ލިޔުމުގައި ސޮއިކުރިއިރު ފިރިމީހާ އޮތީ މަރުބަލީގައި އެނދުމަތި ކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެފަދަ ....... އަންހެން މީހާ ބުނެފައިވެ އެވެ." މިއަނހެންމީހާ އިނދެގެން ފިރިމާީހ ަހާލަު ބަލަމުން ދިޔަނަމަ، "އެނދުމަތި ކުރެވިފައިވާ ކަމަށް ބލެވޭ" ކަމަށް ބުނުމު ް، އޭނާގެ އަޅަލުން ނުލިބޭކަން ދޭހަ ވޭ... މިމައްސަލަ ބެލެން ޖެހޭ އަދި ޝަރުއީ ފަރުވާއެއް ލިބެން ޖެހޭ ކަމަށް ދެކެމު... ސްޕްރީމް ކޯޓުން ބަލާނެ ކަމަށް ދެކެމު
ކި
10 December 2025
1
މުޙައްމަދު123
10 December 2025
މި މައްސަލަ ކޯޓުން ބަލައި ގޮތެއް ނިންމައިދޭން ޖެހޭ. އެކަމުގައި އަންހެން މީހާގެ ވެސް މަސްލަހަތު އެބައޮތް. މިސާލަކަށް ވަރީގެ އިއްދައާއި ހުވަފަތްވުމުގެ އިއްދަ ތަފާތުވާނެ.
ދަާރާ
10 December 2025
މޮލު ލޯފާމަކުން ކުރިކަމެއްތީ ބަަަައްޕަ ނިޔާވި ފަހުން ތަތްޔާރު ކުރި ވަގު ލިޔުމެއްތީ
އަހަންމަދު.
09 December 2025
ބައްޕަ ބަލި އެނދަށް ލައިގެން ބައްޕަގެ މަރަށް އިންތިޒާރުކުރަމުން، އަދި ބައްޕަގެ މުދާ ބެހެވިގެން ދާނެ ގޮތުގެ ސައްލާ ކޮށް، ރޭވުންތައް ރާވައި ވަރީގެ ލިއުމުގައިވެސް ސޮއި ކުރުވި ކަމަށް ބެލެވެނީ. މިއޮތީވާ ޒަމާނެއް.
މުލޭ
09 December 2025
މި މައްސަލައިގައި މައިނޯރިޓީ ރައުޔަށް އަޅުގަނޑަށް ތާއީދު ކުރެވެނީ. ތަރިކައިން ލިބުމާއި ނުލިބުމަށްވުރެ މިފަދަ މައްސަލަތައް ވެސް ބެލޭނެގޮތް ވުން މުހިންމު. މިމައްސަލައިގައި ވަރި ސާބިތުވިޔަސް ތަރިކައިން ލިބޭނެގޮތް ވިޔަސް ޢިއްދައިގެ މުއްދަތު ހަމަވާފަހުން މިފަދަ ގޮތަކަށް ދިމާވެފައިވާނަމަ އެމައްސަލަ ނުބަލައިފިނަމަ ބައެއްގެ ޙައްގުތަކެއް ގެއްލުމުގެ ފުރުސަތު އޮންނާނެ. އެކަކުގެ ޙައްގެއް ނިގުޅައިގަތުމަށް އަނެކަކު މަސައްކަތް ނުކުރުން އެދެން. މަރު ދާދިކައިރި.
މައިނޯރިޓީ ރައުޔު
09 December 2025
މި އާޓިކަލްިއން ދޭހަވަނީ މި ކައިވެންޏަކީ "އަނބިފިރި ކަމުގެ ގުޅުން" ނެތް ކައިވެންޏެއް ކަމަށް. އެހެންވީމާ ވަރި އަކީ ކޮން ބާވަތެއްގެ ވަރިއެއްތޯ ކަނޑައަޅަންޖެހޭ. އެޙާލަތުގައި ތަރިކައިން ނުލިބުމުގެ ފުރުޞަތު އޮވެދާނެ. އެހެނަމަ ދެން ތަރިކައިން ލިބޭ މީހުންގެ ޙައްގެއް އޮތްކަމަށް ބެލެވޭ، މި ވަރިއަކީ ވަރިއެއްތޯ ނުވަތަ ނޫންތޯ. ރަޖުއީތޯ ނުވަތަ ނޫންތޯ. އިއްދައެއް އޮވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން. އެހެން ނޫނީ ތަރިކައިން ލިބޭ ބައެއްގެ ޙައްޤެއް ގެއްލޭހެން ހީވަނީ
އިހްސާސް
09 December 2025
ބައްޕަ ތިޔަ ބުނާ ލިޔުމުގައި ސޮއި ކުރިއިރު ހުރީ ބުއްދި ސަލާމަތުންތޯ އަދި ލިޔުމުގައި ލިޔެފައިވާ އެއްޗެއް ރަގަޅަށް ކިޔަން އެނގޭ ޙާލުގައިތޯ ދަރިފުޅު ނިކަން ބުނެދީބަލަ؟ ދޮންމަންމަ އާއި ބައްޕައާ ދުރުގަ ތިއްބަސް އަދި ދެމީހުންގެ ދެމެދުގައި ގުޅުންނެތަސް ބައްޕަ ވަރިނުކުރާހާ ހިނދަކު ނުވަތަ ޝަރީއަތުން ކައިވެނި ރޫޅާނުލާހާ ހިނދަކު އެކައިވެނި ދެމިއޮންނާނެ މަރުދުވަހާ ހަމައަށް.
ވޭހޭ
09 December 2025
މައްސަލަ ބެލީމަތާ އެކަން އެނގޭނީ. ނުބަލައިގެންދޯ ކޯޓަށް އެދަނީ
ދަލޭކަ ދައިތަ
09 December 2025
ވ އެބަފެނޭ، މެދު އުމުރުން މަތިވާފަހުން ކުރާ ކައިވެނިތަކުގައި ދެފަރާތަށް ދަރިން ލިބިފައިވާތީއާ ދެމީހުންގެ އުމުރުވެސް މަތިވީމަ ދެފަރާތުންވެސް ވިސްނާ ދަރިން ނުހޯދާއެކީގައި އުފާވެރި ދިރިއުޅުމެއް އުޅެން. ތަރިކައިން ނުދޭން ފިރިހެންމީހާގެ ދަރިން ބޭނުންވާނަމަ މި ހާދިސާގައި ވީހެން މިފަދަ ދޮންމަންމައިންނަށް ދިމާ ވުމަކީ ދެންވެސް ވ ކައިރިކަމެއް.