ބީއެމްއެލް، އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސްއިން ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ބީއެމްއެލް
11 ޑިސެމްބަރ 2025 - 12:14
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ އެކު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގައި ފޯރުކޮށްދޭ "ޕޭމަންޓް ސޮލިއުޝަންތައް" އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީ އިޝްތިހާރުކޮށް، ކުރިއެރުވުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސޮއިކުރި ދެ އެއްބަސްވުމެވެ.
މި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅި މުހިންމު އެއް ބިންގާ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ އަށް ހެދުމަށް މަސައްކަތް ކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަ ކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުން ހިމެނެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް އާއި އަލިޕޭ+ އާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފްކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނަން ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާ އެކު ސޮއިކުރި ސްޓްރެޓީޖިކް އެއްބަސްބުންތަކަކީ ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގެ ދުވެލި އަވަސްކުރުމުގެ ތަސައްވުރުގައި ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑު އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.
ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާ އެކު މޮނިޓަ ކުރުމާއި އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭކު ސަވާލް
11 December 2025
ބޭރު ޤައުމެއްގައި އޭޓީއެމް ބަހެއްޓޭނެ ޕްރޮޖެކްޓެއް ނެތްތޯ؟
ކުރެވޭނެ ވާނެ
11 December 2025
ރަނގަޅު ފެށުމެއްތީ. ބީއެމްއެލުން ހުރިހާކަމެެއް ކުރެވޭނެ. ފައިސާ ހުރި ބަޔަކަށްތާ ކަންކަން ކުރެވޭނީ. މަސްވެރިންނަށް ދޭންވާ ފައިސާވެސް ބީއެމްއެލުން ދޭންވީ. ރަށްރަށުގެ މަގުތައްވެސް ހަދައިދޭންވީ ނަރުދަމާވެސް ބަނދަރުވެސް ބުރިޖުވެސް ފަޅުކޮނުމާއި، ބިންހިއްކުންވެސް ބީއެލްއެލުން ކުރަންވީ. ފައިސާ ހުރީ ބީއެމްއެލްގަ.