ރިޒޭ: ލޯނު ޓްރާންސްފާ އަށް އޭނާ ވިކްޓަރީ އަށް ސޮއި ކުރުވި މުއާމަލާތުގައި އެ ކްލަބުން ވަނީ ރިޒޭގެ ދާއިމީ ކޮންޓްރެކްޓް އޮތް އީގަލްސް އަށް ޓްރާންސްފާ ފީގެ ގޮތުގައި 100،000ރ. ދީފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ޑިސެމްބަރ 2025 - 12:22
ލޯނު އެއްބަސްވުމުގެދަށުން ވިކްޓަރީ އަށް ސޮއި ކުރި ފޯވާޑް އަހްމަދު ރިޒުވާން (ރިޒޭ) ގެ ޓްރާންސްފާ ފީ ގެ ގޮތުގައި 100،000ރ. ވިކްޓަރީން އީގަލްސްއަށް ދީފި އެވެ.
އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރި ރިޒޭގެ ސޮއި ވިކްޓަރީން ހޯދީ އެ ޓީމުގެ ކުރީގެ އެންމެ ބޮޑު ވާދަވެރިޔާ ނިއު ރޭޑިއަންޓުން ވެސް އެ ޓްރާންސްފާ އަށް މަސައްކަތް ކުރަނިކޮށެވެ.
އެކަމަކު އީގަލްސް އާއި ނިއުގެ މަޝްވަރާތައް ހުއްޓުނީ ޓްރާންސްފާ ފީއާ ހެދިއެއް ނޫނެވެ. "މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒޭ ނިއު އަށް ދޫކޮށްލުމަށް ފަހު ނިއުގެ އަހްމަދު ހުސާމް (ހުސާންކޮ) އަށް އީގަލްސް އަށް ބަދަލުކުރަން އެ ޓީމުން ނިއު އަށް ހުށަހެޅި އެވެ. އެކަމަކު އެ ދެ ޓީމުގެ ޓްރާންސްފާ ހުއްޓުނީ އެކަމާ ނިއު އަށް އެއްބަސް ނުވެވުމުން ކަމެއް ނޭނގެ އެވެ.
ރިޒޭ، ވިކްޓަރީ އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. މިސީޒަނަށް ފަހު އޭނާ އީގަލްސް އަށް އަލުން ބަދަލުވާނެ އެވެ.
އީގަލްސްއިން ވިކްޓަރީ އަށް ޝަރުތު ކުރީ އީގަލްސްގެ މެޗުތަކުގައި ރިޒޭ ބޭނުން ނުކުރުމަށެވެ. އެކަމަކަށް ވިކްޓަރީން ވަނީ އެއްބަސްވެފަ އެވެ. މިއަދު ފަށާ ލީގުގެ ދެވަނަ ބުރުގެ ވިކްޓަރީގެ ފުރަތަމަ މެޗުގައި ވެސް އެ ޓީމު ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
ވިކްޓަރީން ވަނީ އެ ޓީމަށް ކުޅުނު ސީރިއާގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް ފޮނުވާލާފަ އެވެ. އޭނާގެ ބަދަލުގައި ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ޗެމެޗޮން ވަނީ ގެނެސްފަ އެވެ. އަދި ސްލޮވޭކިއާގެ ފޯވާޑެއްކަމަށްވާ މިލޯސް ލަޗްނީ ވެސް ވަނީ ގެނެސްފަ އެވެ. ކިރަން އާއި ލަޗްނީ ވެސް ވަނީ ވިކްޓަރީގެ ޕްރެކްޓިހާ ގުޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާރީ
11 December 2025
ހުސާންކޮ ދޫކޮށްލާފަ ގެންނަވަރު ކުޅުންތެރިއެއް ނޫން ރިޒޭއަކީ. ނިއުގެ ނިންމުން ރަގަޅު