މާލެ އިން އިއްޔެ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފުން ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން
11 ޑިސެމްބަރ 2025 - 18:39
މާލޭގައި ހިންގާ އިތުރު ހަތަރު މަސާޖުޕާލާއެއް އިއްޔެ ބަންދުކޮށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައިފާސްކުރި ކަމަށެވެ. އަދި އެ ހަތަރު ތަނުގައި ހިންގާ ވިޔަފާރި "ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް" އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުންޏެވެ.
މާލެ އިން އިއްޔެ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފަކު ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން އަތުލައިގަންނަން ހާއްސަ ޓާސްކުފޯހުން ހިންގާ އޮޕަރޭޝަންގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާލެ އިން ހަތަރު މަސާޖުޕާލާއެއް ބަންދުކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނަ އެވެ.
މާލެ އިން އިއްޔެ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފަކު ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ތަންތަން ހިންގާއިރު އެއީ ހަށިވިއްކުމަށް ހިންގާ ވިިޔަފާރިތަކެއް ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެ ގޮތަށް ފާހަގަވާ ގޮތަށް އިޝްތިހާރުކޮށް، ބިދޭސީން ފާޅުގައި ދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.
އެ ތަންތަން ރަޖިސްޓަރީ ކޮށްފައި ހުންނަނީ ދިވެހިންގެ ނަމުގައި ކަމަށް ވިޔަސް ހުރިހާ ބާރެއް ބިދޭސީންނަށް ދޫކޮށް، މާލޭގެ އެކި އެޕާޓުމަންޓުތައް ހިފައިގެން "ހަށިވިއްކާ" މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ބިދޭސީން ގެންދަނީ އެ މީހުންގެ އަމިއްލަ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ސޯޝަލް މީޑިއާގައި ފަތުރައި، އިޝްތިހާރު ކުރަމުންނެވެ.
މާލެ އިން އިއްޔެ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ތަނެއްގެ ކޮޓަރިއެއް.---ފޮޓޯ: އިމިގްރޭޝަން
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ތިން އަވަށުގެ ރައްޔިތުންނާ ދާދި ފަހުން ބައްދަލުކުރެއްވިއިރު ވެސް ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މަސާޖުޕާލާތަކުގެ ނަމުގައި "ހަށިވިއްކާ" ތަންތަން ހިންގާ މައްސަލައެވެ. އެ މީސްމީހުން ކަންބޮޑުވުމާ އެކު ވަނީ އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމީޒު
12 December 2025
މަސާޖު ޕާލާ ހިންގަން ހުއްދަ ދޭން ޖެހޭ އުތަ, އެހެން ވިއްޔާ އެތަންތަނުން ޚިދުމަތް ހޯދަންދާ މީހުނަށް އެތާތިބޭ ކުދިން އެ ވިއްކާ އެއްޗެއް ވިއްކާނެ އެތަނަށް ދާމީހުން ގަންނާނެ, ތިކަމެއް ނުހުއްޓުވޭނެ.
ލޮނު ޒިޔާރަތްމަގު
11 December 2025
ލޮނުޒިޔާރަތްމަގުގައި ދިވެއްސަކު ހިންގި ވަޒަންމާޓު ގަނެލީ އިހުސާން ފިހާރައިގަ އުޅޭ ބަންގުލަދޭޝް ރަނާއެވެ، އޭގެފަހުން އޯ ވަޒަންމާޓަށް ބަދަލުކޮށް މިހާރު ނޮކްރޯ މާޓަށް ވަނީ ނަންބަދަލުކޮށްފައެވެ. ޤަވައިދާހިލާފަށް ހިންގާ މި ވަގުވިޔަފާރީގައި އެފިހާރައިގަ އުޅެނީވެސް އިހުސާން ފިހާރައިގަ އުޅޭ މީހުންނެވެ އެއީ ރަނާގެ ފެމެލީ މީހުންނެވެ.
އަލްޖިބްރރާ
11 December 2025
ނޭޕާލް ކުދިންތައް އުޅޭ ކެފޭތައް ޗެކްކޮށްލެވޭނެބާ؟ ޓޫރިސްޓް ވިސާގަވެސް އުޅޭކަމަށްވަނީ.
އެމްސް
12 December 2025
މިހާ ކުޑަކުޑަ އާބާދީއެއްގަ، އެހާބައިވަރު ކެފޭ އާއި ފިހާރަތަައް ހަދަނީ ބިދޭސީންނަށް ވަޒީފާ ތަނަވަސްކުރަން ބާއެވެ؟
އިހްސާސް
11 December 2025
ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާތަންތަންވެސް ބަލާލާ.
އިހްސާސްވޭތަ
11 December 2025
ތަޖުރިބާއެބަހުރިތާ. ދެންކޮންތަނެއްބަލަންވީ؟
ރަދީފު ބިން ރަފައިދާ
11 December 2025
ތީ ހެޑްލައިން މިހަފްތާގެ. އަނެއްކާ މިހެޑިން ފެންނާންލަމަށް ބެލެވެނީ ރޯދައިގެފަހުން.
ފިސްކޯލު
11 December 2025
މީ ދިވެހިން އަޑީގަ ތިބެގެން އެމީހުންގެ ނަމުގަ ރަޖިސްޓާރ ކޮއްފަ ހުރި ވިޔަފާރިތަކެއް. އެމީހުންނައް ވެސް ފިޔަވަޅު އަޅަންޖެހޭ. އޭރުން މިކަން ހުއްޓޭނީ
އެމްސް
12 December 2025
2 އަހަރަށްވުރެ ގިނަ ދުވަހު ލޭބަރ ކެޓަގަރީ މީހުނަށް ރާއްޖޭގަ ނޫޅެވޭގޮތް ހެއްޖަސް ލައްކަ ކަންކަން ވާނެއެވެ! އަދި ޕްރޮފެޝަނަލް ކެޓަގަރީއަަށް 2 އަހަރުގެ 2 ޓާމް އަށްވުރެ ދިގުކޮށް ވިސާ ދިނުން ހުއްޓާލިޔަސް ތިބާވަތުގެ ވަގުވިޔަފާރި ހިންގަން ދަތިވާނެއެވެ!
ކޮރަލް
11 December 2025
ތިކަހަލަ ތަނެއް ނެތް މަގެއް މަދުވާނެ އެވެ. ބިދޭސީން ލައްވާ ޔުނީފޯމް ލީ މީހުން އަޑީގަ ހުރެގެން ވެސް ތިޔަ ކަން ކުރުވަ އެވެ. ބިދޭސީ މީހާ އެބަ ބުނޭ މިތަން ބަލާކަށް ނާންނާނެ އޭ! މިކަން އޮތީ އެހާ ހިސާބުގަ އެވެ. ފިރިމީހާ އަށް ލިބޭ ފައިސާ ވަންނަ ތަނެއް ބަލާލަން ވީ އެވެ.
ދޮހޮއްތު
11 December 2025
ޢަޖައިބެއް ގައިގަ ތެޔޮދެމެން ޖެހޭ ..
2025
11 December 2025
ކޮން މަސާޖުޕާލާއެއް ހިންގާކަށް ވޭޕްވެސް މަނާކުރީ ހުރިހާ ތިކަހަލަތަންތަންވެސް ބަންދުކުރަންވީ.....ބޮއިހަލަކި
3
11 December 2025
މަސާޖުކުރެވޭނީ ފުލުހެއްގެ ހާޒިރުގާކަމަށް ގަަނޫނެއްގާ ލިޔަންޖެހޭ. ދީނީސަރުކާރަކަށް މިވަރު ކުޑަމިނުން ކޮށްލެވެންޖެހޭނެ.