12 ޑިސެމްބަރ 2025 - 07:04
މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން ގެނެސްގެން ގާއިމުކުރި ރެކޯޑު މުގުރާލައި، އާ ރެކޯޑެއް ގާއިމުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރު، ރާއްޖެ އަށް ޒިޔާރަތްކުރި 2،046،615 ޓޫރިސްޓުންނަކީ، ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ދެ މިލިއަން ޓޫރިސްޓުންގެ އަދަދު ހުރަސްކުރި ފުރަތަމަ ފަހަރެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހާ ހަމައަށް 2،080،134 ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، މިދިޔަ އަހަރު ރެކޯޑު މިހާރު ވެސް ވަނީ މުގުރާލައިފަ އެވެ.
މިދިޔަ އަހަރު ރެކޯޑު ހެދުމަށް ފަހު، މި އަހަރަށް ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.
ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކަނޑައެޅިއިރު، އެ އަމާޒު ވަނީ 2.2 މިލިއަނަށް ދަށްކޮށްފަ އެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހު، ރާއްޖެ އަށް ދުވާލަކު އެވަރެޖުކޮށް 6،453 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
އަހަރުގެ ބާކީ އޮތް 22 ދުވަހަށް އެ އެވްރެޖު ހިފެހެއްޓޭނެ ކަމަށް ބެލެވޭއިރު، މި މަހުގެ ނިޔަލަށް 2.2 މިލިއަން ޓޫރިސްޓުން ފަސޭހަކަމާ އެކު ހާސިލު ކުރެވޭނެ އެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން، މި އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އަހަރުގެ މިހާތަނަށް 318،032 ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިޔާ އިން 260،416 ޓޫރިސްޓުން އައިސްފައިވާއިރު، ތިންވަނައިގައި އިނގިރޭސި ވިލާތް އޮތީ، 186،762 ޓޫރިސްޓުންނާއެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހި
12 December 2025
ރައްޔިތުމީހާއަށް ތިކަމުން އެނގުމެއްވެސް ނުވޭ ޑޮލަރުގެ އަގުދަނީ މައްޗަށް
އަބްދުއް ނަޝީދު އަލީ
12 December 2025
މިޔަކުން ނޭގުނު މިއައި ޓޫރިސްޓުންގެ ތެރެއިން ހަލާލް ޓުރިޒަމްގެ ނިސްބަތެއް.. މިކަހަލަ ސްޓެޓިސްޓިކްސް ހާމަކުރީމަ ބޭނުން މައުލޫމާތެއް ނުލިބޭ.
ދަގަތްފާނު
12 December 2025
ސަރުކާރުތެރޭ ބަޔަކު މޯދީއަށް ކުޑާމީސް ކުރުމުގެ ސަބަބުން އެތައްލައްކަ ޓުއަރިސްޓުންނެއް މަދުވެފަ ތިހިރީ. އޭގެސަބަބުން ގައުމުގެ އިގުތިސާދުން ބައެއް ގެއްލިއްޖެ.
ޢިންދޫ
12 December 2025
މޯދީ އަކީ ގުޖުރާތު ގައި 2000 މުސްލިމުން މެފިމުގެ މޭސްތިރި... މޯދީ އަކީ ސަރަހައްދީ ކުދި ގައުމު ތަކައްބިރުދައްކަމުންދާ މީހެއް
ޔަޤީން
12 December 2025
ޔަޤީންވާކަމަކީ ބަންގުލަދޭޝް އިން ޒިޔާރަތް ލުރެއްވި އެއްވެސް ޠްއަރިސަޓަކު 20 ނުވަތަ 25 އަހަރު ކުރިން މިޤަޢުމު އިން ބޭރުނުވާނެލަމެވެ. ބޭރުވާއޮރު އޮންނާނީ މަހުޖަނުންގެ ލިސްޓުގައެވެ.
އައްމަޑޭ،
12 December 2025
މީގެ މުހިންމީ މި އަހަރަށް ކަނޑައެޅި ޓާގެޓު 2.3 މިލިއަން. ޢެޔެއް ހާސިލެއް ނުކުރެވޭ. އަނެއްކާ އަންނަ އަހަރު ޓާގެޓުވެސް މިއަހަރު ޓާގެޓުކުރި ވަރަށް ވުރެ 1 ލައްކަ ދަށް. އުއްމީދު ނެތީބާ