މިދިޔަ އަހަރު އޮތް އުރީދޫ ފަން ރަންގެ ބައެއް ބައިވެރިން: މިއަހަރު ފަން ރަންގެ ކުޑަކުދިންގެ ހަރަކާތްތައް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އުރީދޫން ބުނޭ --- މިހާރު ފޮޓޯ/ނިޝާން އަލީ
16 ޑިސެމްބަރ 2025 - 19:36
އަންނަ ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންގެ ފޯރި އިތުރު ކުރުމަށް ބާއްވާ ހަރަކާތްތައް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އުރީދޫން ބުނެފި އެވެ.
ފަން ރަންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބާއްވަނީ ކުޑަކުދިންގެ ހަވީރެކެވެ. ބުރާސްފަތި ދުވަހު ހަވީރު 4 އިން 6 އަށް ބާއްވާ މި ހަރަކާތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ބައިވެރިވާ އެ ހަވީރުގައި ތަފާތު އިނާމުތައް ލިބޭ ގިނަ ގޭމުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ހަރަކާތުގައި ފްރީ ފްލައިން އެސޯސިއޭޝަނުން މަކާއޯ ދޫނިތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އާއިލާތަކަށް އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ ހަވީރެއް ކަމަށް އުރީދޫން ބުންޏެވެ.
ކުޑަކުދިންގެ ހަވީރުގެ އިތުރުން ފަން ރަންއާ ގުޅުވައި، ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންނަށް ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި ޓްރެފިކް ޖޭމާއި އިކުއެޓިކް ވައިބްގެ އިތުރުން ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމް ކުރާނެ އެވެ. އެ ޝޯ އޮންނާނީ އެރޭ 8 އިން 12 އަށެވެ.
އުރީދޫ ފަން ރަން އޮންނާނީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. އެއީ އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ހަރަކާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy