ލައިފްސްޓައިލް

ކޮންޓެކްޓް ލެންސަކުން ލޯ އަނދިރިވި މީހެއްގެ ވާހަކަ

އައިރީން އެކޭޝިސް: އޭނާގެ އެއް ލޯ އަނދިރިވީ ލޮލަށް ލެންސް ލެއްވުމުގައި ހެދި ގޯހަކުން

13 އެޕްރީލް 2017 - 05:57

އިނގިރޭސި ވިލާތުގެ މީހެއް ކަމަށްވާ، އައިރީން އެކޭޝިސްގެ އެއް ލޯ ހިރުވަން ފެށުމުން އޭނާ ހީކޮށްގެން ހުރީ އިރުކޮޅަކުން އެކަން ރަނގަޅުވެދާނެ ކަމަށެވެ. އެކަމަކު ރަނގަޅު ނުވެ ހުރެ، ތަދު ބޮޑުވެ އެ ލޯ އަނދިރިވި އެވެ. މިއީ އޭނާ ލޮލަށް ލައްވަން ގެންގުޅޭ ކޮންޓެކްޓް ލެންސް ލެއްވި އިރު، އަތް ތެމިފައި ހުއްޓާ އޭގައި އަތްލުމުގެ ނަތީޖާ އެވެ.

އެއީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހޮނިހިރު ދުވަހެކެވެ. އެއް ދުވަހަކު ހެނދުނު ހޭލި އިރު ކަނާތު ލޮލުން ފެން އަންނަނީ އެވެ. އެކޭޝީސް ފަރުވާ ހޯދީ އަމިއްލައަށެވެ. ބޭސްފިހާރަޔަކަށް ގޮސް ބޭހެއް ހޯދައިގެން ލޮލަށް އެޅީ އެވެ.

"އަހަރެން ހީކުރީ އެއީ އާދައިގެ އިންފެކްޝަނެއް ކަމަށް. ހޯމަ ދުވަސް އަންނައިރު ރަނގަޅުވާނެ ކަމަށް ބަލައިގެން ހުރީ. އެ ދުވަހު އިރު އޮއްސުނުއިރު ބަދިގެއަށް ވެސް ވަންނަން ނުކެރުނު، އެތަނުގައި ހުރި ބޮކީގެ އަލިން ލޮލަށް ވާ އުނދަގުލުން. ހީވަނީ ވަރަށް އަލި ގަދަހެން. ވަރަށް ތަދުވޭ،" އެކޭޝީސް ބީބީސީ އަށް ކިޔައިދީފައިވެ އެވެ.

ކެތްނުވެގެން އެންމެ ފަހުން ޑޮކްޓަރަށް ދެއްކި އެވެ. ހަދަންޖެހުނީ ވޭން ހުރި ޓެސްޓެކެވެ. އެއީ ސީދާ ލޮލަށް ކަށި ހަރައިގެން ސެލްތަކެއް ނަގައިގެން ހެދި ޓެސްޓެކެވެ. ޓެސްޓުގެ ނަތީޖާ ދެއްކީ ސީރިއަސް އިންފެކްޝަނެއް ކަމަށްވާ، އެކަންތަމީބާ ކެރަޓައިޓިސް (އޭކޭ) ކަމަށެވެ. މިއީ ސަޕްލައި ފެނާއި މޫދާއި ސްވިމިންޕޫލްތަކުގައި ހުންނަ ވަރަށް ނާދިރު މައިކްރޮއޮގަނިޒަމެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

"އަހަންނަށް ލިބުނީ ޝޮކެއް، ވަރަށް ބިރުގަތް. އޭރު އެ ލޮލަށް ނުވެސް ފެނޭ. ފެނުގެ ސަބަބުން ފުސް ބުރާފައި ހުންނަ ލޯގަނޑަކަށް އެއްޗެހީގެ ކުލަ ފެންނަ ކަހަލަ ގޮތަކަށް ފެނޭ. ފެންނަނީ ވަރަށް ކުޑަކޮށް،" އައިނުގެ ބަދަލުގައި، ލެންސް ލައްވަން، އުމުރުން 12 އަހަރުގައި ފެށި އެކޭޝީސް ބުންޏެވެ.

އެކަމަކު އޭނާއަށް މައްސަލަ ދިމާވީ އުމުރުން 30 އަހަރުގަ އެވެ. އޭނާ ލައްވަމުން އައީ ޑިސްޕޮސަބްލް ލެންސެވެ. ހެނދުނު ލައްވާ ލެންސް ރޭގަނޑު އެއްލައިލަ އެވެ. އެކަމަކު ގޯހެއް ހެދި، އަދި އިއްތިފާގުން އެއް ލޯ ހަލާކުވީ އެމީބާގެ ނުރައްކާ ވައްތަރެއް ލޮލުގެ ތެރެއަށް ގޮސްގެންނެވެ.

އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު މި މައްސަލަ ގާތްގަނޑަކަށް 125 މީހަކަށް ދިމާވެ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކޮންޓެކްޓް ލެންސް ލައްވާ، އަދި އެކަމާ ގުޅުން ހުރި ކަންކަމުގައި ލޯ އިންފެކްޓްވާ މީހުންނެވެ.

ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ

- ލެންސް ލެއްވުމުގެ ކުރިން، އަތް ދޮވުމަށް ފަހު ރަނގަޅަށް ހިއްކާލަންޖެހޭނެ

- މޭކަޕްކުރާ މީހެއް ނަމަ ލެންސް ލައްވަން ވާނީ މޭކަޕް ކުރުމުގެ ކުރިން

- ލެންސް ލައްވައިގެން ހުންނައިރު އެއްވެސް ސްޕްރޭއެއް ޖަހާ ނަމަ ލޯ މަރަންޖެހޭނެ

- ފެންވަރާއިރު، މޫދަށް އަދި ޕޫލަށް އެރޭއިރު ނުވަތަ ބާތު ޓަބަށް އެރޭއިރު ލެންސް ލައްވައިގެން އުޅެންވާނީ ގޮގްލްސް އެއް އަޅައިގެން އުޅޭ ނަމަ

- ޝަވަރުން ފެންވަރާއިރު ލެންސް ލައްވައިގެން ހުންނަ ނަމަ ގަދަޔަށް ލޯ މަރައިގެން ހުންނަން ޖެހޭނެ

- ލެންސަށް ކުޅުގެ އަސަރެއް ކޮށްގެން ނުވާނެ

0 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 86%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454