ހޮޓެލިއާ މޯލްޑިވްސް އިން އިންތިމާޒްކޮށްގެން ރިސޯޓްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްގެ ބައިވެރިން. ފޮޓޯ: ހޮޓެލިއާ
19 އެޕްރީލް 2017 - 17:28
ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިސް މެނޭޖްމަންޓަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސް އިން ބާއްވާ "ޖެނެރަލް މެނޭޖާސް ފޯރަމް 2017" މިއަދު ފަށައިފި އެވެ.
ހޮޓެލިއާ އިން ބުނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ކުރިއަށް ގެންދާ މި ފޯރަމަކީ ޓޫރިޒަމް ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާއި އެ ދާއިރާ އިތުރަށް ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ފޯރަމެއް ކަމަށެވެ.
މިއީ ހޮޓެލިއާ މޯލްޑިވްސްއިން އިސްނަގައިގެން ޖީއެމް ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.
ހޮޓެލިއާ މޯލްޑިވްސް އިން އިންތިމާޒްކޮށްގެން ރިސޯޓްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް (ކ) ބައިވެރިވަނީ. ފޮޓޯ: ހޮޓެލިއާ
މި އަހަރުގެ ފޯރަމްގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޙުސައިން އަފީފް އަދި އެސްޓީއާރް ގްލޯބަލްގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އޭރިއާ ޑިރެކްޓަރު ޔެސްޕާ ޕަމްކްވިސްތް ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޕަމްކްވިސްތް އަކީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މައުލޫމާތު އެއްކުރުމާއި ތަފާސްހިސާބުގެ އަލީގައި އެ ދާއިރާ ކުރިއެރުވުމާއި ވިޔަފާރި ކުރިއަށް ލަފާކުރުމުގައި އެހީތެރިވެދިނުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅެކެވެ.
ހޮޓެލިއާ އިން ބުނިގޮތުގައި، ޓޫރިޒަމް ދާއިރާގައި 71 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޕަމްކްވިސްތް އަކީ، ތަފާސްހިސާބުގެ އަލީގައި އާމްދަނީ އަދި ފައިދާ އިތުރުކުރާނެ ގޮތްތަކާއި ބެހޭ މާހިރެކެވެ.
މި އަހަރުގެ ފޯރަމްގައި ހޮސްޕިޓަލިޓީ ދާއިރާ ގުޅުން ހުރި ހާއްސަ މައުލޫތަކަށް ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިންފްރާސްޓްރަކްޗާއާ ބެހޭ މެނޭޖަރު މުހައްމަދު ސަލާހާއި ސުއޫދު އަންވަރު އެންޑް ކޯ އެލްއެލްޕީގެ ސީނިއާ ކައުންސެލް މުހައްމަދު ޝަހުދީ އަންވަރާއި ލެކްސިސް ނެކްސިސް ބިޒްނަސް އިންސައިޓް ސޮލޫޝަންސްގެ ހެޑް އޮފް ސްޓްރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް ތޯމަސް ސްޓޮއެކްލް އާއި ޖޭއެލްއެލްގެ އެސެޓް މެނޭޖްމަންޓް އޭޝިއާގެ ވައިސް ޕްރެޒިޑެންޓް ކްރިސް އެލީ އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑޭވިޑް ފައިންބާގް ހިމެނެ އެވެ.
"މި އަހަރުގެ ފޯރަމްގައި މަޝްވަރާކުރާ ބައެއް މުހިއްމު މައުލޫތަކުގެ ތެރޭގައި ދަތުރުފަތުރާއި، ވަޒީފާއާ ބެހޭ ގާނޫނާއި، ތަފާސްހިސާބާއި ކުރިއަށް ލަފާކުރުން، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރުން، ތިމާވެށި ހިމާޔަތްކުރުން، ރީއިންވެސްޓް ކުރުމާއި އައު ރިސޯޓްތައް ތަރައްގީކުރުން، އޮންލައިން ޓްރަވަލް އޭޖެންސީތަކުގެ ދައުރު އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓްކޮށް އިޝްތިހާރު ކުރުން ހިމެނޭ،" ހޮޓެލިއާ އިން ބުންޏެވެ.
ހޮޓެލިއާ މޯލްޑިވްސް އިން އިންތިމާޒްކޮށްގެން ރިސޯޓްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްގައި ގާނޫނީ ވަކީލު ޝަހުދީ އަންވަރު ވާހަކަދައްކަވަނީ. ފޮޓޯ: ހޮޓެލިއާ
މި އަހަރުގެ ފޯރަމްގައި 40 ޖެނެރަލް މެނޭޖަރުންނާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 110 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ. މިއީ، މިދިޔަ އަހަރު ބޭއްވި ފޯރަމާ އަޅާބަލާއިރު، ދެ ގުނަ އިތުރު އަދަދެއް ކަމަށް ވެސް ހޮޓެލިއާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައަލީ
20 April 2017
ކޮބާތަ ޔާމީން ދޭންބުނި ރިސޯޓު ހިއްސާ
އުމަރު
19 April 2017
ތިޔަ ފޯރަމުގައި ހަގީގަތުގައި ޓޫރިޒަމުގައި ހުރި ގޮންޖެހުންތަކަށް ވާހަކަ ނުދައްކާނެ، ބިރުގަންނާނެ، އެހެންކަމުން ތިޔަ ފޯރަމުން ދައްކާވާހަކައެއް އަޑުއަހައި އަމަލުކުރާނެ މީހަކު ނުހުންނާނެ