އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ކިރްގިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން--. ފޮޓޯ:ނިޝާން އަލީ/މިހާރު
10 މެއި 2017 - 09:20
ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ ކަންތައްތައް ހަމަޖެއްސުމަށާއި ޓީމާ ބެހޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ވީއޭއެމުން ބުނީ މިއީ އެ އެސޯސިއޭޝަންގެ އިސްލާހީ އެޖެންޑާގެ ތެރެއިން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި މި ކޮމިޓީއާ އެކު ގައުމީ ވޮލީބޯޅަ ޓީމުގެ ކަންތައްތައް ކުރިއަށް ވުރެން ރަނގަޅަށް ކުރިއަށްދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކޯޗު މުހައްމަދު އަނީސް (ތަރި އަނީސް) އެވެ. ވައިސް ޗެއާމަނަކީ ކުރީގެ ކޯޗު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. ދެން ކޮމިޓީގައި ހިމެނެނީ ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި ސައްޔިދު އަލީ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ކުޅުންތެރިއާ އައްބާސް ޝަރީފާއި ކުރީގެ ކުޅުންތެރިއާ ފާތިމަތު ލިއުޝާ ކުރީގެ ގައުމީ ޓީމު މެނޭޖަރު އަހުމަދު ސައިފް އަދި ވީއޭއެމްގެ ހިންގާ ކޮމިޓީ މެންބަރު ޑިލައިޓް އަލީ ލަތީފް (ޑިލައިޓް އައްޔަ) އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީބޯޅަ ބައިނަލްއަގްވާމީ ފެންވަރުގައި ނެރޭ ނަތީޖާތަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ފެށުމެއް ކަމަށެވެ.
އެންމެ ފަހުން ކުޅުނު ގައުމީ ވޮލީބޯޅަ ޓީމުތަކުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫނެވެ. މިިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި އޭވީސީ މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމަށް ތިން ވަނަ ލިބުނުއިރު، މިދިޔަ މާޗް މަހު މާލޭގައި ކުޅުނު މުބާރާތުން ރާއްޖެ ދިޔައީ ހަތަރު ވަނަ އެވެ. އަދި ޖެނުއަރީ މަހު މާލޭގައި އޮތް އަންހެން މުބާރާތުން ރާއްޖެ ކެޓީ މެޗަކުން މޮޅުނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy