އަޓާރީ އިން ވިހި އަހަރު ފަހުން ބާޒާރަށް ނިކުންނަކަން އިއުލާނުކުރަމުން ދައްކާލި ލޯގޯ
22 ޖޫން 2017 - 08:16
ވީޑިޔޯ ގޭމް ހާޑްވެއާ ވުޖޫދަށް އައި އިރު ބާޒާރުގައި އެންމެ ކުރީ ސަފުގައި އުޅުނު "އަޓާރީ" އިން 20 އަހަރު ފަހުން ގޭމް ކޮންސޯލެއް ނެރެން ތައްޔާރު ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"އަޓާރީބޮކްސް" ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަޓާރީގެ ސިއީއޯ ފްރެޑް ޗެސްނާއިސް ބުންޏެވެ. އެކަމު އެ ކޮންސޯލް ބާޒާރަށް ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަޓާރީ ކުންފުނިން 1972 ވަނަ އަހަރު "އަޓާރީ 2600" ގޭމް ކޮންސޯލު އުފައްދައި ތާރީހުގެ ތެރެއަށް ވަނެވެ. އެއީ ފާހަގަކޮށްލެވޭ ހާއްސަ ކޮންސޯލެކެވެ. އެއަށް ފަހު އެކި ކޮންސޯލްތައް ބާޒާރަށް ނެރެމުން ގޮސް 1993 ގެ "އަޓާރީ ޖަގުއާ" ކޮންސޯލަކީ އެ ކުންފުނިން ނެރުނު އެންމެ ފަހު ކޮންސޯލެވެ. މި ކުންފުނިން 80 ގެ އަހަރު ތަކުގައި ވަނީ މަގްބޫލުކަން ހޯދި މަޝްހޫރު ގިނަ އާކޭޑް ގޭމުތައް ވެސް ފަރުމާކޮށްފަ އެވެ.
ވާދަވެރިކަން އިތުރުވެ، ކޮމްޕިއުޓަރުގެ ޓެކްނޮލޮޖީ ފުރިހަމަ ވެގެން އެ ޒަމާނުގެ ގިނަ ގޭމު ކުންފުނިތައް ފަނޑުވެގެން ދިޔަ އެވެ. މި ޒަމާނުގައި ގޭމް ކޮންސޯލް ވިއްކުމަށް އެންމެ ވަރުގަދައީ ސޮނީ، މައިކްރޮސޮފްޓް، އަދި ނިންޓެންޑޯ އެވެ. ގޭމް ސިނާއަތުގެ މާހިރުން ބުނަނީ މިހާރު ބާޒާރުގައި ލިބެން ހުރި އެކި ވައްތަރުގެ ޓެކްނޮލޮޖީތަކާއި ކޮންސޯލް ތަކަށް ބަލާލައި އިރު، އަޓާރީ އިން ވާދަވެރި އުފެއްދުމެއް އިޖާދުކުރުން ވަރަށް ނާދިރު ކަމަށެވެ.
އަޓާރީން ގޭމް ކޮންސޯލް ބާޒާރަށް ނެރުމުން ނާކާމިޔާބު ވާނޭ ކަމަށް މާހިރުން ބުނާ އެންމެ ބޮޑު ސަބަބަކީ ސާސްކަފު ފެށުން އިރު އިހުގެ ބޮޑެތި ގޭމް ހާޑްވެއާ ބްރޭންޑުތަކުން ބާޒާރުން ނުކުމެގެން ގޮސްފައިވާ ގޮތެވެ. އޭގެ އެއް މިސާލަކީ ސެގާ އެވެ. އެ ކުންފުނިން 2001 ގައި ނެރުނު ސެގާގެ އެންމެ ފަހު ގޭމް ކޮންސޯލް "ޑްރީމްކާސްޓް" އާ އެކީ އެ ކުންފުނިން އެ ވިޔަފާރި ދޫ ކޮށްލި އެވެ.
އިހުގެ ގޭމް ކޮންސޯލްތައް ބީވެގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ފޯނާއި ކޮމްޕިއުޓަރުގެ ޓެކްނޮލޮޖީތައް ކުރިއެރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy