ގަތަރުގެ ޓްރޭޑް އެންޑް އިކޮނޮމިކް މިނިސްޓަރު ޝެއިޚް އަހުމަދު ބިން ޖާސިމް ބިން ސާނީ.
13 ޖޫން 2017 - 11:14
ދޯހާ (ޖޫން 13) - ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ގަތަރާ ދެކޮޅަށް އެޅި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ފެންނަނީ ކުޑަކޮށް ކަމަށް ޓްރޭޑް އެންޑް އިކޮނޮމިކް މިނިސްޓަރު ޝެއިޚް އަހުމަދު ބިން ޖާސިމް އަލް ސާނީ ވިދާޅުވެއްޖެ އެވެ.
އަލް ޖަޒީރާ ޓީވީގައި ވާހަކަ ދައްކަވަމުން ޝެއިޚް އަހުމަދު ވިދާޅުވީ ގަތަރަށް އެފަދަ ފިޔަވަޅެއް އަޅައިފާނެތީ ކާބޯތަކެތި ހޯދުމަށް ދުރާލާ އެހެން ގޮތްގޮތަށް ވިސްނާފައިވާ ކަމަށެވެ.
"ގަތަރާ ގުޅުން ކަނޑާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުވެވިއްޖެ. ފުރަތަމަ ދުވަހުން ފެށިގެން ވަނީ ކިރާއި އެނޫން ވެސް ބާވަތްތައް ތުރުކީން އިމްޕޯޓް ކުރަން ފަށާފައި،" ޝެއިޚް އަހުމަދު ވިދާޅުވި އެވެ. "ހުރިހާ ސަޕްލައި ރޫޓްތައް، ވައިގެ މަގުން އަދި ކަނޑުން މުދާ އެތެރެ ކުރުން އާދައިގެ މަތިން ކުރިއަށް ދޭ."
ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އިމްޕޯޓްކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
ޝެއިޚް އަހުމަދު ވިދާޅުވީ ގަތަރުގައި ކުރިއަށްދާ ހުރިހާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑުގެ ސްޓޭޑިއަމްތަކާއި މެޓްރޯ އަދި ހައިވޭ ފަދަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވެސް އެއްވެސް އިމްޕޯޓެއް އަދި އެކްސްޕޯޓެއް ނުކުރެވުނު ނަމަވެސް މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސް އެބަހުރި،" ޝެއިޚް އަހުމަދު ވިދާޅުވި އެވެ.
ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ގަތަރުގެ ޚާރިޖީ ވަޒީރު ވަނީ އިކޮނޮމިކް މިނިސްޓަރަށް ތާއީދު ކުރައްވާ އެ ފިޔަވަޅުތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނާންނަ ކަމަށް ވިދާޅުވެފަ އެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ވަނީ ޖަރުމަނާއި އިނގިރޭސި ވިލާތް އަދި ފްރާންސަށް ވަޑައިގެން މަޝްވަރާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގުރާމަ
14 June 2017
ކޮބާ ހުޅަގުން ފޯރުކޮއްދޭހަތިޔާރު ތަށް! ގައްޒާފީއާދެކޮޅު ގުރޫޕަށް. އައްސަދު ދެކޮޅުގްރޫޕުތަކަށް. އިރާގަށް. ސޫދާނަށް. ނައިޖީރިޔާއަށް. މީގަ ގަތަރު ނިހިމެނޭ.. ސަރުކާރުތަށް ނެތިކޮއްލާ ހަލަބޮލި ކަން ގައުނުތަކަށްގެނަސް ތިބުނާ ޓެރަރިސްޓުން އުފެއްދި ބަޔަކީ ހުޅަގުގައުމުތަށް.
އަމާންދީ
13 June 2017
ގަތަރަށް އެޅި ފިޔަަވަޅުގެ ގެއްލުން ފެންނަނީ ކުޑަކޮށް ކަމަށް ގަތަރުގެ މިނިސްޓަރު ބުނުމުން މަމެން ހޭނެތިއްޖެ ދޯ. ތަމެން ތިޔާ ބުނަނީ ސައުދީން ތަމެންނަށް ބޭނުންވާ ހުރިހާ މުދަލެއްގެ %40 އެތެރެ ކުރާއިރު އެ އެތެރެ ކުރުން ހުއްޓާލުން ގެއްލުމެއް ނުވެއޭތޭ. އެކަމަކު މިހާރު ގަތަރުގެ އެއް ބޭންކް ގައި ހުރި ހުރިހާ ފައިސާ އެއް ކަސްޓަމަރުން ވިދްޑްރޯ ކުރުމުން އެބޭންކް ވަނީ ބޭންކްރަޕްޓްސީ އިއުލާން ކުރުމުގެ މަގުމަތީގައި ދޯ. އަދި ވެސް ގަތަރަށް އެބައޮތް ފުރުސަތު ސައުދީ އަށް އަމާން ދިނުމުގެ ފުރުސަތު އިނގޭ.