18 ޖޫން 2017 - 15:03
މޮރިޝަސްގައި ކުރިއަށްދިޔަ ބެޑްމިންޓަން ސީރީސްގެ ސެމީ ފައިނަލުގެ ދެ އިވެންޓަކުން ރާއްޖޭގެ ތިން ޕެއާ ވާދަކޮށް ބަލިވި ނަމަވެސް ގައުމީ ބެޑްމިންޓަން ޓީމު މި މުބާރާތުން އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ދިވެހި ކުޅުންތެރިން ކުޅުނުއިރު މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގައި ގައުމީ ބެޑްމިންޓަން ޓީމުން ސެމީގައި ކުޅުނު ފުރަތަމަ ފަހަރެވެ. މިިދިޔަ އަހަރު ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ބީޑަބްލިއުއެފްގެ މުބާރާތެއްގައި ރާއްޖޭގެ މައިސާ ފަތުހުﷲ ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.
މި މުބާރާތުން ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ތިން އިވެންޓުން ލޯ މެޑަލް ހޯދިއިރު، މިއީ ބީޑަބްލިއުއެފް އިވެންޓެއްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
އިއްޔެ ސެމީގައި ގައުމީ ބެޑްމިންޓަން ޓީމުން ވާދަކުރީ ވިމެންސް ޑަބަލްސްގައި ދެ ޕެއާ އާއި މިކްސް ޑަބަލްސްގައި އެއް ޕެއާ އެވެ. ވިމެންސް ޑަބަލްސްގައި ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ބަލިވީ މި މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ދުނިޔޭގެ ރޭންކިން 81 ވަނަައިގައި އޮތް ޖާމަނީގެ ޕެއާ އެއް ކަމަށްވާ ލީސާ ކަމިންސްކީ އާއި ހަނާ ޕޯލްގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ 21-10، 21-09 އިންނެވެ.
އަންހެން ޑަބަލްސްގައި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲގެ ޕެއާ ބަލިވީ ދުނިޔޭގެ ރޭންކިންގެ 91 ވަނައިގައި އޮތް އިންޑިއާގެ ޕެއާ ކަމަށްވާ ޕްރަޖަކްތާ ސާވަންތާއި ސަންޖޯއިތާގެ އަތުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-1، 21-5 އިންނެވެ.
މިކްސް ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ބަލިވީ ދުނިޔޭގެ ރޭންކިން 41 ވަނައިގައި އޮތް މެލޭޝިއާގެ ޔޮގެންދުރަ ކްރިޝްނަން އާއި އިންޑިއާގެ ޕްރަޖަކްތާ ސާވަންތު އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ އަތުން ސެޓުތައް ގެއްލުނީ 21-6، 21-4 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން 10 ކުޅުންތެރިން ވާދަކުރިއިރު، ޒުވާން ދެ ކުޅުންތެރިއަކު ބައިނަލްއަގްވާމީ ބޮޑު މުބާރެއްތައި މުޅިން އަލަށް ބައިވެރިވި އެވެ. އެއީ ނިބާލް އަހުމަދާއި އަރްސަލާން އަލީ އެވެ. މި ދެ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، ހާއްސަކޮށް ނިބާލްގެ ކުޅުން ފާހަގަކޮށްލެވެ އެވެ.
މިިދިޔަ އަހަރު ގައުމީ މުބާރާތުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ނިބާލް ވަނީ ފިރިހެން ސިންގަލްސްގައި ކޮލިފައިން މެޗުތަކުން މޮޅުވެ މުބާރާތުގެ މެއިން ޑްރޯއިން ފުރުސަތު ހޯދައިފަ އެވެ. މެއިން ޑްރޯގައި ވެސް އޭނާގެ ފެށުން ރަނގަޅެވެ. އޭނާ ކެޓީ ދުނިޔޭގެ ރޭންކިންގެ ކުރީގައި އުޅޭ ކުޅުންތެރިއެއްގެ އަތުންނެވެ.
މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް އެނބުރި އައިސް އަޖުފާން ރަޝީދު ވެސް ވަނީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފިރިހެން ސިންގަލްސްގެ ކޮލިފައިންގައި ވާދަކޮށް އަޖުފާން ވެސް ވަނީ މެއިން ޑްރޯ އިން ފުރުސަތު ހޯދައިފަ އެވެ.
މި މުބާރާތުގައި ވާދަކުރަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނީ މި މުބާރާތުގައި ބޮޑު ޓާގެޓެއް ކަނޑައަޅައި އެކަން ހާސިލްނުވި ނަމަވެސް ތިން ސެމީ ފައިނަލުގައި ވާދަކުރުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.
އަދި މި މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ގެންނަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބެ
19 June 2017
ލިބެންހުރި ވަސީލަތަށް ބަލާއިރު ނަތީޖާ ގޯހެއްނޫން. އެކަމަކު މިހާރަށްވުރެ އެސޯސިއޭޝަނުގެ މަސައްކަތްތައް ވަރުގަދަކޮށް ޙަރަކާތްތެރިކަން އިތުރުކުރަންޖެހޭ. އަހަރަކު މުބާރާތެއް ބާއްވައިގެން ކިހިނެއް ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ރެޑީކުރާނީ.
އައްޑަބޭ
19 June 2017
އަންހެން ޓީމަށް ވަރަށް މަރުޙަބާ! ފިރިހެން ޓީމަށް މެޑަލެއް ނުލިބުނަސް މިފަދަ ވަރުގަދަ މުބާރާތެއްގެ ސެކައުންޑް ރައުންޑަށް ރާއްޖޭގެ ފިރިހެން 3 ކުޅުންތެރިން ދިއުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ދެކެންޖެހޭ. ޚާއްޞަކޮށް ނިބާލް އަލަށް ބައިވެރި އިންޓަރނޭޝަނަލް މުބާރާތުގައި ތިދައްކާލި ހިތްވަރަށް ސާބަސްދީ މުޅި ޤައުމު ފަޚުރުވެރިވޭ. އަސްލު މުބާރާތުގެ އަންހެން ޓީމުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ފިރިހެން ޓީމުތައް މާވަރުގަދަ. ދުނިޔޭގެ ރޭންކިންގ ވަރަށް ކުރީގައި ގުނާލެވޭ ކުޅުންތެރިން އަތުން ރާއްޖޭގެ ފިރިހެން ކުޅުންތެރިން ބަލިވެފައިވަނީ. އެހެންވީމަ ގޯހެއްނޫން.
ޒޫޓް
19 June 2017
ފާއިތުވި 6 މަސްދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ގޯހެއްނޫން! މުޅިޓީމު ތިޔަދަނީ އާވަމުން ޒުވާންވަމުން.
ޔޮނެކްސް 2017
19 June 2017
ކޮބައިތަ ޓާގެޓަކީ؟ ތިފަދަ މުބާރާތެއްގައި 6 ކުޅުންތެރިޔަކު ކްއާޓަރގައި ކުޅެގެން 5 ކުޅުންތެރިން ސެމީގައި ކުޅުމަކީ ހަމަ ވަރަށް ރަނގަޅު ކާމިޔާބެއް. އެކަމަކު އޭގެ ތަފްޞީލަކަށް ބަލާއިރު އެންމެ އެކަށީގެންވާ ނަތީޖާ ލިބުނުތޯ ސުވާލު އުފެދޭ. ޚާއްޞަކޮށް ސީނިއަރ ފިރިހެން ކުދިން (އަޖުފާނު، ޒަޔާން) އުންމީދުކުރި ހިސާބަށް ދެވުނުތޯ. އަޖުފާނާއި ޒަޔާންގެ ޓާގެޓަކީ ސެމީ ނުވަތަ ކްއާޓަރއަށް ދިއުންކަމަށްވާނަމަ އެކަމެއްނުވި. ދެވުނީ ސެކަންޑް ރައުންޑާއި ހަމައަށް. އެހެންވީމަ މުބާރާތުގައި މުޅިން އަލަށް ވާދަކުރި ޖޫނިއަރ ދެކުޅުންތެރިން (ނިބާލް،އަރުސަލާން) ގެ ޕާރފޯމަންސް ކިތަންމެ ރަނގަޅަސް، ސީނިއަރ ކުޅުންތެރިން މިދަނީ ދަށަށްނޫންބާ! ނިބާލް ވެސް ކޮލިފައިން ބުރުން މޮޅުވެ، ފަސްޓް ރައުންޑް ހުރަސްކޮށް ސެކަންޑް ރައުންޑަށް ދިޔަ. ހަމަ އެއްވަރުތާ!