ލައިފްސްޓައިލް / އެމެރިކާ

އާއިލާއެއްގެ މަރުގެ ސިއްރު ފަޅާއަރުވާލި ކުޑަކުއްޖާ

ޓެރީ ޖޯ ނޮވެމްބަރު 16، 1961 ގައި ސަލާމަތްކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން

18 އޯގަސްޓް 2017 - 08:20

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ ރަށްވެއްސެއް ކަމަށްވާ އާތާ ޑުޕަރޯލްޓް އަކީ މުއްސަނދި މީހެކެވެ. ހޫނު ހިސާބެއްގައި އާއިލާއާ އެކު ޗުއްޓީއެއް ހޭދަކޮށްލުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ ވަނީ ވަރަށް ގިނަ ދަތުރުތައް ކޮށްފަ އެވެ. އެހެންކަމުން އާއިލާއާ އެކު ކުރަން މިއުޅޭ ޗުއްޓީ ދަތުރަކީ ބިރުވެރި ހުވަފެނަކަށްވެ އެންމެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިދާނެ ކަމެއް ކަމަށް އޭނާ ހިއެއް ނުކުރެ އެވެ.

އެއީ 1961 ވަނަ އަހަރެވެ. އާތާ ގަސްތުކުރީ އާއިލާ ގޮވައިގެން ބަހާމަސް އަށް ޗުއްޓީއަށް ދާށެވެ. މި ދަތުރަށް އޭނާ ޔޮޓެއް ޗާޓަރު ކުރި އެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ ޗުއްޓީ އިތުރުކުރަން އޭނާ ހުރީ ވިސްނައިގެންނެވެ.

އެމީހުން ކުއްޔަށް ހިފި ބްލޫބެލޭ ޔޮޓަށް އެރީ ފްލޮރިޑާގެ ބަނދަރަކުންނެވެ. އެ ޔޮޓުގެ ކެޕްޓަނަކީ ކުރިން އެއާފޯސް ޕައިލެޓަކަށް އުޅުނު ޖޫލިއަން ހާވޭ އެވެ. ނޮވެމްބަރު 8، 1961 ގެ ހެނދުނު އެމީހުން ދަތުރަށް ފެށި އެވެ. މި ދަތުރުގައި ޔޮޓްގައި ތިބީ ކެޕްޓަން ހާވޭ އާއި އޭނާގެ އަންހެނުން އަދި އާތާ އާއި އޭނާގެ އަންހެނުން ޖީން އަދި ތިން ދަރިން ކަމަށްވާ ބްރަޔަން، ރީނީ އަދި ޓެރީ ޖޯ އެވެ.

ޓެރީ ޖޯގެ އާއިލާ

ފުރަތަމަ ހަތަރު ދުވަސް ތެރޭ ކެޕްޓަން ހާވޭ ވަނީ ޑްޕަރޯލްޓްގެ އާއިލާ ގޮވައިގެން ބަހާމާސްގެ ވަށައިގެންވާ ސަރަހައްދާއެކު 100،000 އަކަ މޭލު ދުއްވާފަ އެވެ. ބްލޫބެލީ ޔޮޓް ބަހާމަސްގެ ބިމީލީ ޖަޒީރާތައް ކައިރިއަށް ގޮސް ސްނޯކްލިން ކުރުމާއި ބޮލި އެއްކުރުމާއި އެނޫން ވެސް ކަންކަމުގައި ދުވަސްތައް ހޭދަކުރި އެވެ.

އެންމެ ފަހުން ޗުއްޓީ ނިންމައި އެމީހުން ވިސްކޮންސިންއަށް އެނބުރި ދާ ދުވަސް ޖެހިއްޖެ އެވެ. އާތާ އާއި އާއިލާގެ މީހުން އަލުން އެމެރިކާ ސަރަހައްދަށް ވަނުމަށް ފުރަންޖެހޭ ފޯމްތައް ފުރަން އެހިސާބުގަނޑުގައި ހުރި ތަނެއްގައި މަޑުކުރި އެވެ. އަނެއް ދުވަހަކީ އެމީހުން ޔޮޓް ދޫކޮށްލާފަައި އެނބުރި ގައުމަށް ދާން ހަމަޖެހިފައި އޮތް ދުވަހެވެ. ނަަމަވެސް އެމީހުން މިދަތުރުގައި ހޭދަކުރި އެންމެ ފަހު ރެއަކީ ބްލޫބެލީގެ ފަސިންޖަރުންގެ ތެރެއިން ގިނަ މީހުންގެ ހަޔާތުގެ ވެސް އެންމެ ފަހު ރެއަށް ވި އެވެ.

އާތާގެ އެންމެ ހަގު އަންހެން ދަރިފުޅު ޓެރީ ޖޯ ޔޮޓްގެ އެންމެ ދަށުގައިވާ ޑެކްގައި ހުންނަ ކުޑަކުޑަ ނިދާ ކޮޓަރިއަށް ދިޔައީ ރޭގަނޑު 9.00 ގައެވެ. ޓެރީ ޖޯ ނިދާފައި އޮއްވައި އޭނާގެ ބޭބެ އެހީތެރިކަމަށް އެދި ވަރަށް ބާރަށް އޭނާގެ ބައްޕައަށް ގޮވާ އަޑަށް ޓެރީ ޖޯ އަށް ހޭލެވުނެވެ. ވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ކޮޓަރީގެ މަތީ ބައިގައި ބަޔަކު ހަޅޭއްލަވަމުން ރޮމުން ދުވާ އަޑު އިވެމުން ދިޔަ އެވެ. އަދި ފަސްވަރަކަށް މިނެޓް މި އަޑުތައް ކުއްލިއަކަށް މަޑުވި އެވެ.

އޭނާ މަޑުމަޑުން ސިޑިން މަތީ ބަޔަށް އެރިއިރު މަންމަ އާއި ބޭބެ ލޭގެ ކޯރެއްގެ ތެރޭގައި އެއްވެސް ހަރަކާތެއް ނެތި އޮއްވައި ފެނުނެވެ. އަވަހަށް އެތަނުން މައްޗަށް އަރަން ހަދައިގެން މަތީގައިވާ ދޮރެއްގައި ޓެރީ ޖޯ ގެ ބޯ ވެސް ޖެހުނެވެ. ލެއިން ތަތްތެޅިފައިވާ ވަޅިއެއް އެތަނުން ފެނުނެވެ. ދުވެފައި ކެޕްޓަންގެ ކެބިން އަށް އެރި އެވެ. ކެޕްޓަން ހާވޭ އަށް އޭނާ ފެނުމާއެކު އެތަނުން ދާށޭ ކިޔާފައި ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ޓެރީ ޖޯ ބިރުން އަވަހަށް ތިރިއަށް ފައިބައިގެން ދިޔައީ އެވެ. އޭނާ ދިޔައީ މަންމަ އާއި ބޭބެގެ ހަށިގަނޑު ގިރާކޮށްފަ އެވެ.

ކުއްލިއަކަށް ކެޕްޓަން ދޮރުމައްޗަށް އެރި އެވެ. އޭރު އޭނާ ހުރީ ޓެރީ ޖޯގެ ބޭބެ ގެންގުޅޭ ރައިފަލްއެއް ހިފައިގެންނެވެ. ވަރުބަލިވެފަ އެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ޓެރީ ޖޯ އަށް އެނގުނެވެ. ކުއްލިއަކަށް ޔޮޓްގެ ވަށައިގެން ލޮނު އަރަން ފެށި އެވެ. ކެޕްޓަން ހާވޭ އެއްވެސް އެއްޗެކޭ ނުބުނެ އެންމެ މަތީގައިވާ އޭނާގެ ކެބިން އަށް އަރައިގެން ދިޔަ އެވެ.

ޔޮޓަށް ދިޔަވަމުން ގޮސް އޭނާ އޮތް ގޮދަޑި ވެސް ފޯވެއްޖެ އެވެ. އެެހިސާބުން އޭނާއަށް އެތަނުގައި ދެން ނުހުރެވޭނެކަން ޓެރީ ޖޯ އަށް އެނގުނެވެ. ވަރަށް ހިތްވަރުކޮށްފައި ލޮނުގަނޑު ތެރޭން ގޮސް އޭނާ ޔޮޓުން ބޭރު ބަލާލިއިރު އޭގައި އޮތް ހަަމައެކަނި ލައިފްބޯޓާއި ރަބަރު ޑިންގީ ޔޮޓް ކައިރީގައި ފެންމަތީގައި އޮތެވެ. ހީވާގޮތުން ކެޕްޓަން ޔޮޓުން ފައިބަން ތައްޔާރު ވަނީ އެވެ.

އޭނާގެ ހިތް ބުނަނީ ކެޕްޓަން ނޫނީ އެ ބޯޓުގައި މިހާރު ފުރާނަ ހުރި މީހަކު ނެތް ކަމަށެވެ. އެހެންވެ ކެޕްޓަނަށް ގޮވާލާފައި، ޔޮޓް އަޑިއަށް ދަނީތޯ ޓެރީ ޖޯ ސުވާލު ކުރި އެވެ. ޖަވާބުގައި ކެޕްޓަން އާއެކޭ ބުންޏެވެ. އަދި ޑިންގީގެ ވާގަނޑު ގަދަކަމުން ޓެރީ ޖޯ ގެ އައްސިވެފައިވާ އަތަށް ދިނެވެ. ނަމަވެސް ޓެރީ ޖޯގެ އަތުން ވާގަނޑު ދޫވީ އެވެ. ކެޕްޓަން އޭރު ހުރީ ޔޮޓް އަޑިއަށް ދާތީ ޑިންގީއަށް ނޭރިގެން ލަސްވެފަ އެވެ. އެހެންވެ ކަނޑަށް ފުންމާލައިގެން ގޮސް ޑިންގީއަށް އަރައިގެން އޭނާ ފަލި ޖަހާފައި ދިޔައީ އެވެ.

ޓެރީ ޖޯ އާއި އާއިލާއަށް ކުރިމަތިވި ބިރުވެރި ހާދިސާ ދިމާވި "ބްލޫވޭލް"

ވަރުބަލިވެ އެކަނިވެފައިވާ ޓެރީ ޖޯ ދެން ހޯދަން ފެށީ ޔޮޓް އަޑިއަށް ދިއުމުން ހިފަހައްޓައިގެން އޮންނާނެ އެއްޗެކެވެ. އެވަގުތު މައި ކެބިންގެ މަތީގައި އޮންނަ ކޯކް ލައިފް ފްލޯޓެއް މަތިން އޭނާ ހަނދާންވި އެވެ. ވަރަށް ހާލުން އޭނާ އެ ނައްޓާލައިގެން ކަނޑަށް ދޫކޮށް އެއަށް އެރި އެވެ. އޭނާގެ ހާލަތުގެ ނާޒުކުކަން ޓެރީ ޖޯ އަށް އިހްސާސްވީ އަނެއް ދުވަހު ހެނދުނު އެވެ. އެހާތަނުން އޭނާއަށް ރޮވެން ފެށި އެވެ. އޭނާގެ އަތުގައި ފެނެއް އަދި ކާނެ އެއްޗެއް ނެތެވެ. އޭނާ ހުރީ ނިދާ ހެދުމުގައި ކަމުން ފިނިން ވެސް ސަލާމަތް ވެވޭނެގޮތެއް ނެތެވެ. އޭނާ އިން ކޯކް ރާފްޓް ރާޅާ ތަޅަމުން، ދެވޭ ނުދެވޭ ތަނެއް ނޭނގި ބެހެމުން ދިޔަ އެވެ.

ނަސީބަކުން އަވީގެ ސަބަބުން ފިނިކަން ކެނޑުނެވެ. ނަމަވެސް ހޫނަކީ ފިންޏަށް ވަކިން ދޫކުރާ އެއްޗެއް ނޫންކަން 11 އަހަރުގެ މި ކުޑަ އަންހެންކުއްޖާއަށް ވިސްނުނީ އެހިސާބުންނެވެ. ޓެރީ ޖޯގެ ހުދު ހަންގަނޑު އަވިން ފިހެމުން ދިޔަ އެވެ.

ކުޑަކުޑަ ރަތް މަތިންދާބޯޓެއް މަތިން ދާތަން ފެނުމުން ޓެރީ ޖޯ އޭނާގެ ހެދުމުގެ މަތީ ބައި ބާލާފައި ހޫރަން ފެށި އެވެ. ނަމަވެސް އެ ބޯޓަކަށް އޭނާ ފެނުނު ކަމަކަށް ނުވި އެވެ. އޭތި ގޮސް ގެއްލުނީ އެވެ. އަދި މަޑުމަޑުން ހާލު ގޯސްވަމުން ގޮސް ވަރަށް ހާލު ބޮޑުވި އެވެ.

އެ ރާފްޓް މަތީގައި ކަނޑުމަތީގައި އެކަނިމާއެކަނި ހަތަރު ދުވަސް އޭނާ ހޭދަކުރި ފަހުން ކޮންމެވެސް އެއްޗެއްގެ ހިޔާ އޭނާގެ ގަޔަށް އެޅޭހެން ޓެރީ ޖޯ އަށް ހީވާން ފެށި އެވެ. ބަޔަކު އޭނާ އުފުއްލާލައިގެން ގެންދާ ކަހަލަ އިހްސާސެއް ވާން ފެށިއެވެ. އެހިސާބުގަނޑުން ދަތުރުކުރި ބޯޓަކަށް ޓެރީ ޖޯ ފެނިގެން އޭނާ އެ ބޯޓަށް ނެގީ އެވެ. އޭނާ ނުވެސް ދަންނަ މޫނުތަކެއް އޭނާގެ ވަށައިގެން އުޅޭކަން މި އަންހެންކުއްޖާއަށް އެނގުނެވެ. އެހިސާބުން އޭނާ ޚަބަރު ހުސްވީ އެވެ. ނަމަވެސް ހޭ ނެތެމުންދިޔައިރު އޭނާ ސަލާމަތްވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ.

ޓެރީ ޖޯ ވަރަށް ޅަ އިރު އަދި ދާދިފަހުން ޓީވީ ޗެނަލަކަށް އިންޓަވިއު ދެނީ (ކ)

ކެޕްޓަން ހާވޭ ވެސް އެހިސާބުން ދުއްވި ބޯޓަކަށް ފެނިގެން ނެގި އެވެ. އެއީ ޓެރީ ޖޯ ފެނުމުގެ ދުވަސްތަކެއް ކުރިންނެވެ. އޭނާ ސަލާމަތް ކޮށްގެން ގެންދިއުމުން ހާވޭ މިއާމީގެ ކޯސްޓް ގާޑުގެ އޮފިސަރުން ކައިރީ ބުނީ ވަރަށް ވަރުގަދަ އެކްސިޑެންޓެއް ހިނގައި ޔޮޓުގައި ތިިބި އެންމެން މަރުވީ ކަމަށާއި ސަލާމަތްވީ ހަމައެކަނި އޭނާ ކަމަށެވެ. ހާވޭ ބުނި ގޮތުގައި ޔޮޓްގެ މައި ކުނބު ބިންދައިގެން ގޮސް އޭނާގެ އަންހެނުންނާއި އާތާގެ އާއިލާގެ އެންމެންގެ ގައިގައި އެއިން ޖެހި ލިބުނު އަނިޔާތަކުގައި އެ އެންމެން މަރުވީ އެވެ. އަދި ޔޮޓްގެ ގޭސް ލައިން ފަޅައިގެން ގޮސް އޭގައި އަލިފާން ރޯވީ ކަމަށް ވެސް ބުންޏެވެ. ހާވޭގެ ވާހަކައިގައި ހަމަނުޖެހޭ އެތައް ކަމެއް ހުއްޓަސް އެކަން ހިނގި ގޮތް އެހެން އެއްވެސް މީހަކަށް ވެސް ނޭނގޭތީ މައްސަލަ އިތުރަށް ބެލޭނެ ގޮތެއް ނެތެވެ.

އެހާތަނުން ޓެރީ ޖޯ ވެސް ސަލާމަތް ކޮށްގެން މިއާމީ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ހަފުތާއެއް ފަހުން ކޯސްޓް ގާޑު އޮފިޝަލުން ޓެރީ ޖޯއާ ސުވާލުކުރި އެވެ. ބޯޓު ހަލާކުވި ރޭ އޭނާއަށް ފެނުނު ކަންތައްތަކާ ބެހޭ ގޮތުންނެވެ. ޓެރީ ޖޯ ކިޔައިދިން ވާހަކައިން އެ ރޭ ހިނގައި ދިޔަ ހާދިސާތަކުގައި ހާވޭގެ އަތެއް ވާކަން ޔަގީންވި އެވެ. މައްސަލަ އިތުރަށް ތަހުގީގުކުރުމުން ކަން ވީ ގޮތް އޮޅުން ފިލި އެވެ.

އެ ރޭ ކެޕްޓަން ހާވޭ ޔޮޓުގައި އޭނާގެ އަންހެނުންނަށް ހަމަލާދީ މަރާލީ އެވެ. އެއީ އަންހެނުންގެ އިންޝުއަރެންސް ފައިސާގެ ދަހިވެތިކަމުގަ އެވެ. ހާވޭ އަންހެނުން މަރާލިކަން އާތާއަށް އެނގުނު ހިސާބުން އޭނާ އާތާ ވެސް މަރާލީ އެވެ. އަދި އާތާގެ އަންހެނުންނާއި ދެ ކުދިން ވެސް ހާވޭ ވަނީ މަރާލާފަ އެވެ.

ކެޕްޓަން ހާވޭ ސަލާމަތްކުރިތާ އެތައް ދުވަހެއް ފަހުން އޭނާއަށް ޓެރީ ޖޯ ސަލާމަތްވި ކަމުގެ ޚަބަރު ލިބުނެވެ. އޭގެ ދެ ދުވަސް ފަހުން ހާވޭ ފެނުނީ ފާޚާނާގައި އަމިއްލައަށް މަރުވެފައި ހުއްޓަ އެވެ.

ޓެރީ ޖޯ ގެންދިޔައީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ އެކެވެ. އޭނާ އުޅެ ބޮޑުވީ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ތިން ދަރިންނާއެކުގަ އެވެ. އެ ހިތާމަވެރި ހާދިސާއަށް 50 އަހަރު ފުރުނު ފަހުން ޓެރީ ޖޯ ވަނީ އެ ވާހަކަތައް ފުރަތަމަ ފަހަރަށް ސީބީއެސް އާ ހިއްސާކޮށްފަ އެވެ.

0 ކޮމެންޓް, 323 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 93%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454