ލިވަޕޫލްގެ މިޑްފީލްޑަރު ކުޓީނިއޯ.-- ފޮޓޯ: އޭއެފްޕީ
29 ޖުލައި 2017 - 07:26
ލަންޑަން (ޖުލައި 29) - ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާލުމުގެ ވިސްނުމެއް އެ ޓީމުން ނުގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުޓީނިއޯ ހޯދަން ބާސެލޯނާ އިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމުގެ ކުރިން ބާސެލޯނާ އިން ކުޓީނިއޯ އަށް ފާރަލި އެވެ. އެހެން ނަމަވެސް އޭރު ވެސް ލިވަޕޫލުން ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނުމުން ބާސެލޯނާ އިން މަސައްކަތް ހުއްޓާލި އެވެ.
އެހެން ނަމަވެސް ކުޓީނިއޯގެ ހޯދަން ބާސެލޯނާ އިން ކުރާ މަސައްކަތް އިތުރަށް ފުޅާކުރީ އެ ޓީމުގައި ނޭމާ މަޑުކުރުވުމުގެ ބޭނުމާ އެކު ވެސް މެ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވާން ނޭމާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ބާސެލޯނާ އިން ކުޓީނިއޯ ގެންނާނެ ކަމަށް ނޭމާ ގާތު ވައުދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާ އިން ކުޓީނިއޯ އަށް ފުރަތަމަ ކުރި 80 މިލިއަން ޕައުންޑްގެ ބިޑަށް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފަ އެވެ. އަދި އެއްވެސް އަގެއްގައި ކުޓީނިއޯ ވިއްކާނުލާނެ ކަމަށް ވަނީ އަންގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ ވިސްނުން މިހާރު ހުރީ 50 މިލިއަން ޔޫރޯ އާއި އެ ޓީމަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ލިވަޕޫލަށް ހުށަހެޅުމަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމުގެ އޭޝިއާ ޓުއާ ތެރެއިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޓީނިއޯ ގެންދަން ކްލަބަކުން މަސައްކަތް ކުރާނަމަ އެ ޓީމަކުން އެ ކުރަނީ ބޭކާރު މަސައްކަތެއް ކަމަށެވެ.
ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ ބާސެލޯނާއިން ކުޓީނިއޯއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށާއި ވަރަށް އަވަހަށް ލިވަޕޫލާ އެކު ކުޓީނިއޯގެ އަގަކާ މެދު މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޓީނިއޯއާ ގުޅޭގޮތުން އެހެން ކްލަބްތަކާ މަަޝްވަރާ ނުކުރަން ވަނީ ނިންމައިފަ އެވެ.
މީޑިއާ ރިޕޯޓްތަކާ ގުޅިގެން ކްލޮޕް ވަނީ ކުޓީނިއޯއާ ބައްދަލުކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ކުޓީނިއޯ ވެސް ވަނީ ކްލަބްގެ އެދުމަށް ފުރަގަސްނުދޭނެ ކަމަށް ބުނެފަ އެވެ.
އިންޓަ މިލާން ދޫކޮށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި 8.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ކުޓީނިއޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިިދިޔަ ޖެނުއަރީ މަހު ކުޓީނިއޯ ވަނީ 2022 ގެ ނިޔަލަށް ލިވަޕޫލާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy