ރިޕޯޓް / މައްކާ

މައްކާ ހަރަމްފުޅު: ތާރީޚް ގެނެސްދިން ބަދަލު

މިއަހަރު ހައްޖަށް އައި ބައެއް ޠަވާފްކުރާ އިރު، ގެފުޅުގެ ބިއްދޮށުން އެ ފެންނަނީ މައްކާ ކްލޮކް ޓަވަރުގެ ހަތް އިމާރާތް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މައްކާ އިން: އަހުމަދު އަބުދުﷲ ސައީދު

28 އޯގަސްޓް 2017 - 06:16

8 comments

މައްކާގެ ހަރަމްފުޅަކީ ހަމަ ގައިމު ވެސް މި ބިންމަތީގައި ހުރި އެންމެ މުގައްދަސް އަދި އެންމެ ޒަމާންވީ ބިނާގެ ވަށައިގެންވާ ސަރަހައްދެވެ. ދުނިޔޭގައި އިންސާނުން އުޅެން ފެށުމުގެ މާ ކުރިން ބިނާކުރި ގެފުޅު ހުންނަނީ ޙަރަމްފުޅުގެ މެދުގަ އެވެ. މިއަދު ވެސް ގެފުޅު އެ ހުރީ، އެންމެ ފުރަތަމަ މަލާއިކަތް ބޭކަލުން އެ ގެފުޅު ބިނާކުރެއްވި ބިންގަލުގެ މަތީގަ އެވެ. ނަމަވެސް ތަފާތު ޒަމާންތަކުގައި ގެފުޅުގެ އިމާރާތަށް ބަދަލުތައް އައި ފަދައިން ގެފުޅުގެ ވަށައިގެންވާ ހަރަމްފުޅަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.

ރިވާވެގެންވާ ގޮތުގައި ސަލާމްލެއްވި ނޫޙްގެފާނުގެ ގައުމު ނެތިކުރެއްވުމަށް، މާތް ﷲ ފޮނުއްވެވި ޠޫފާނުގައި މި ބިމުގައި ފެން ބޮޑުވެގެން ދިޔަ ހިނދު، ގެފުޅު ޙިމާޔަތް ކުރެއްވުމުގެ ގޮތުން މާތް ﷲ ވަނީ ގެފުޅު އުފުއްލަވައިފަ އެވެ. އެއަށް ފަހުގައި ސަލާމްލެއްވި އިބްރާހީމްގެފާނަށް، ސަލާމްލެއްވި އިސްމާއީލްގެފާނު ލިބިވަޑައިގަތުމަށް ފަހުގައި، ގެފުޅުގެ ބިންގާ ހުރި ތަން، ﷲ ސުބްހާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނަށް އަންގަވައިދެއްވި އެވެ. އެ ދެ ބަފައިކަލުން، އެ ބިންގަލުގެ މަތީގައި ގެފުޅު ބިނާ ކުރެއްވި އިރު، އެއީ ގަހެއް ރުކެއް އަދި ބޯފެން ވެސް ލިބެން ނެތް ހަނަފަސް ބިމެކެވެ.

އެއަށް ފަހުގައި، ގެފުޅުގެ ބިނާ ނެތް ޒަމާނެއް އިންސާނީ ތާރީޚް ދެކިފައެއް ނުވެ އެވެ. ކޮންމެ ޒަމާނެއްގައި މައްކާގައި އުޅުނު ބަޔަކު ވެސް ގަދައަޅައި މަސައްކަތް ކުރީ، ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކު ގެފުޅު ބަލަހައްޓައި ފަހުގެ ޖީލުތަކަށް ދެމެހެއްޓުމަށެވެ. އެ ބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ގެފުޅަށް ޚަރަދުކޮށް މަރާމާތުކޮށް އާބާތުރަ ފިލުވައި އުޅުނެވެ.

އެ ގޮތުން ބަލާއިރު، މީގެ އަހަރުތަކެއް ކުރިން މައްކާގެ ހަރަމްފުޅުގެ ތެރެއިން ފެންނަން ހުރި ކިތަންމެ ތަނެއް މިހާރު ފެންނާކަށް ނެތެވެ. އަދި ބައެއް ތަންތަނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ޒަމްޒަމް ވަޅުކޮޅު

1940 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، މައްކާގެ ހަރަމްފުޅުގެ ތެރޭގައި ގެފުޅާ މާ ދުރު ނޫން ހިސާބެއްގައި ހުރި ޒަމްޒަމް ވަޅު ހިޔާ ކުރުމަށް އެ ދުވަސްވަރު ހަދާފައި ހުރި އިމާރާތެވެ. ނަމަވެސް މިހާރު މި އިމާރާތް ވަނީ ތަޅާލައި ޠަވާފްކުރާ ސަރަހައްދު ބޮޑު ކޮށްފަ އެވެ.

1940 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، މައްކާގެ ހަރަމްފުޅުގެ ތެރޭގައި ގެފުޅާ މާ ދުރު ނޫން ހިސާބެއްގައި ހުރި ޒަމްޒަމް ވަޅު ހިޔާ ކުރުމަށް އެ ދުވަސްވަރު ހަދާފައި ހުރި އިމާރާތް.

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން 1940 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، ޒަމްޒަމް ވަޅު ހިޔާ ކުރުމަށް ހަދާފައި ހުރި އިމާރާތެވެ. އެ ޒަމާނުގައި ޒަމްޒަމް ވަޅުން ފެން ނެގުމާއި އެ ވަޅުން ފެންވެރުން ފަދަ ކަންތައް ކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށް، އެ ދުވަސްވަރު ހައްޖުވި ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން އޮތް ގޮތް. މި ފޮޓޯގައި ޒަމްޒަމް ވަޅާ ހަމައަށް ދާން އޮތް ބިންގަރާސް މަގަށް ވަދެވޭ ތަނާއި، މަގާމު އިބްރާހީމް އާއި ބާބް ބަނީ ޝައިބާ ދޮރޯށި ވެސް ފެންނަން އެބަހުރި.

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން 1980ގެ އަހަރުތަކުގައި ނަގާފައިވާ މި ފޮޓޯގައި، ޒަމްޒަމް ވަޅު ހިޔާ ކުރުމަށް ހަދާފައި ހުރި އިމާރާތް ފެންނާކަށް ނެތެވެ. ނަމަވެސް، ޠަވާފް ކުރާ ސަރަހައްދު ބޮޑުކުރުމުގެ ގޮތުން މިބައި ތަޅާލައި ވަޅުގައި މަތިއެޅި އެވެ. އޭގެ ބަދަލުގައި ޠޮވާފްކުރާ ބައިގެ އަޑީގައި ބިންގަރާސް ބައެއް ހަދައި، އެ ބިންގަރާހަށް ފައިބައިގެން ޒަމްޒަމް ވަޅާ ހަމައަށް ދެވޭ ގޮތް ހެދި އެވެ.

މި އަހަރު ހައްޖަށް އައި ބަޔަކު، ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހަރަމްފުޅު ބޮޑު ކުރުމަށް ފަހްދު ރަސްގެފާނު ފެއްޓެވި މަޝްރޫއުގައި މި ދެންނެވި ބިންގަރާސް ބައި ވެސް އާންމުންނަށް ބަންދުކުރި އެވެ. މަތީގައި އެވާ މި އަހަރު ނަގާފައިވާ ފޮޓޯ އިން އެ ފެންނަނީ، ޒަމްޒަމް ވަޅާ ހަމައަށް ދެވޭ ގޮތަށް ކުރިން ހެދި ބިންގަރާސް މަގު އޮތް ސަރަހައްދެވެ. ނަމަވެސް އެ މަގު ބައްދާލައި މިހާރު އެ ވަނީ ޠަވާފް ކުރާ ބައި ބޮޑު ކޮށްފަ އެވެ.

މަގާމް އިބްރާހީމް

މީގެ އަހަރުތަކެއް ކުރިން މަގާމް އިބްރާހީމް ވެސް ހުރީ އޭގެ މަތިން ކުޑަ ވަރެއްގެ އިމާރާތެއް ހަދައި ހިޔާކޮށްފަ އެވެ. މިހެން ހުރުމުން ޠަވާފް ކުރާ ސަރަހައްދުން ބޮޑު ބައެއް ގެއްލެ އެވެ.

1940ގެ އަހަރުތަކުގެ މި ފޮޓޯ އިން ފެންނަނީ، މަގާމް އިބްރާހީމް ހިޔާ ކުރުމަށް އެ ދުވަސްވަރު ހަދާފައި ހުރި އިމާރާތް.

އެހެންކަމުން ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން، މި އިމާރާތް ތަޅާލައި، ރަން ކުލައިގެ ކުޑަ ގުއްބެއް ލީ ކޮއްޓެއްގެ ތެރޭގައި މަގާމް އިބްރާހީމް ބެހެއްޓި އެވެ. މި ބަދަލުގެ ސަބަބުން، ޠަވާފްކުރާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދިޔަ އެވެ.

ކުރިން މަގާމް އިބްރާހީމް ހުރި އިމާރާތް ތަޅާލައި މިހާރު މަގާމް އިބްރާހީމް ހަދާފައިވާ ތަނުގައި ބައެއް މީހުން ހުއްޓިލައިގެން. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ޙަރަމްފުޅަށް އައި ބަދަލުތައް

ވެއަތުވެ ދިޔަ އަހަރުތަކުގައި މައްކާގެ ހަރަމްފުޅަށް އެންމެ ބޮޑު ބަދަލެއް އައީ އުމްރާނީ ގޮތުންނެވެ. ހައްޖާއި އުމްރާގައި ބައިވެރިވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އައުމާ ގުޅިގެން، ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް އަބަދު ވެސް އައީ ކުރަމުންނެވެ.

1887 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ނަގާފައިވާ މި ފޮޓޯގައި ހަރަމްފުޅުގެ ތެރޭގައި އޭރު ހުރި މުހިންމު ބައިތައް ވެސް ސާފުކޮށް ފެނޭ. ފޮޓޯ ކޮންގްރެސް ލައިބްރަރީ

މިއީ 1887 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެކެވެ. އޭރު މަސްޖިދުލް ހަރާމްގެ އިމާރާތް ފެންނަނީ ހަތަރެސްކަނަށް ހަނި ދިގު ބައްޓަމަކަށެވެ. އަދި ޠަވާފްކުރާ ސަރަހައްދުގައި މަގާމް އިބްރާހީމްގެ އިމާރާތާއި ޒަމްޒަމް ވަޅުގެ އިމާރާތާއި އެހެން ކުދިކުދި އިމާރާތްތައް ފެންނަން އެބަ ހުއްޓެވެ.

މައްކާގެ ހަރަމްފުޅު ސަރަހައްދު 2015 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ފެންނަން އޮތް ގޮތް. ފޮޓޯ: އޭއެފްޕީ

ނަމަވެސް ހަމަ އެ އެންގަލުން 2015 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯގައި މަސްޖިދުލް ހަރާމްގެ އިމާރާތް ފެންނަނީ ނުވަ ކަނަށް ނުވަތަ ނުވަ ބިތަށް ބިނާކޮށްފައިވާ ތަނެވެ. ނަމަވެސް އެކި ބިތް ހުރީ އެކި ވަރަށެވެ. އަދި ހަރަމްފުޅުގެ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ޠަވާފްކުރާ މީހުންނަށް ދަތިވިޔަ ނުދިނުމަށްޓަކައި، ޠަވާފް ކުރުމަށްޓަކައި ދެ ބުރި އަށް ހަދާފައިވާ ދެ ވަށްބުރު އެބަ ހުއްޓެވެ.

މައްކާގެ ހަރަމްފުޅު މިހާރު އޮތް ގޮތް. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

އެ މަސައްކަތް ނިންމައި 2016 ވަނަ އަހަރުގެ ހައްޖު މޫސުމާ ކުރިމަތިލި އިރު، ޠަވާފްކުރަން ހެދި ވަށްބުރު ވަނީ ނަގައިފަ އެވެ. އަދި ޠަވާފްކުރާ ބައި ވެސް ވަނީ ކުރިއަށް ވުރެ ބޮޑު ކޮށްފަ އެވެ.

1887 ވަނަ އަހަރުގެ ދުވަހެއްގައި، މައްކާގެ ހަރަމްފުޅުގައި މެންދުރު ނަމާދު ޖަމާއަތުގައި ކުރަނީ. ފޮޓޯ: ކޮންގްރެސް ލައިބްރަރީ

މަތީގައިވާ، 1887 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯގައި ގެފުޅާއި މިންބަރާއި މަގާމް އިބްރާހީމްގެ އިމާރާތާއި ބަނީ ޝައިބާ ދޮރޯއްޓާއި ޒަމްޒަމް ވަޅުގެ އިމާރާތް ރީތި ކޮށް ފެނެ އެވެ. އަދި މަސްޖިދުލް ހަރާމްގައި އުސްމާނީ ދައުލަތުގެ ފަރާތުން ބިނާކުރި، ކުދި ގުއްބުތައް ލީ ޕޯޓިކޯ ވެސް ވަރަށް ރީތިކޮށް ފެނެ އެވެ. ފޮޓޯގެ ވާތް ފަރާތުން އެ ފެންނަނީ މިހާރުގެ ބޮޑުގަޑި ހުރި ތަނުގައި އޭރު ހުރި ފަރުބަދަ އާއި ފަރުބަދައިގެ މަތީގައި 18 ވަނަ ގަރުނުގެ ފަހުކޮޅު އުސްމާނީ ދައުލަތުން ބިނާކޮށްފައި ހުރި އަޖްޔާދު ކިއްލާ އެވެ.

މިއަހަރު ހައްޖަށް އައި ބައެއް ޠަވާފްކުރާ އިރު، ގެފުޅުގެ ބިއްދޮށުން އެ ފެންނަނީ މައްކާ ކްލޮކް ޓަވަރުގެ ހަތް އިމާރާތް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން 2002 ވަނަ އަހަރު އެ ކިއްލާ ތަޅާލައި، އެ ފަރުބަދަ ބިމާ ހަމަކޮށް، އެ ތަނުގައި ބިނާކުރީ ހަތް އިމާރާތް ހިމެނޭ "އަބްރާޖް އަލް ބައިތު" ނުވަތަ މައްކާ ކްލޮކް ޓަވަރެވެ. މީގެ ތެރެއިން އެންމެ އުސް އިމާރާތުގައި ދުނިޔޭގެ އެންމެ ބޮޑު ގަޑި ހުރި އިރު، އިމާރާތުގެ އުސްމިނަކީ 1،972 ފޫޓެވެ. އެއީ 120 ބުރި އެވެ. ދެން ހުރީ 279 ފޫޓުގެ ދެ އިމާރާތާއި 232 ފޫޓުގެ ދެ އިމާރާތާއި 220 ފޫޓުގެ ދެ އިމާރާތެވެ. މި ހަތް އިމާރާތަކީ މައްކާގެ ހަރަމްފުޅަށް ވަގުފުކޮށްފައިވާ ތަނަކަށް ވުމުން، އެ ޓަވަރުން ލިބޭ ހުރިހާ އާމްދަނީއެއް ހޭދަކުރެވޭނީ ހަރަމްފުޅުގެ ތަރައްގީ އަށެވެ

ފެންބޮޑުވުމުގެ ހާދިސާ

ވަށައިގެންވާ ފަރުބަދަތަކާއި އުސް ބިންތަކުން ފައިބައިގެން އަންނަ ފެންގަނޑު ޖަމާވާ ވާދީއަކީ ގެފުޅު އެ ހުރި ތަނެވެ. އިބްރާހީމްގެފާނު ގެފުޅު ބިނާ ކުރެއްވުމަށް ފަހު، އިސްލާމް ދީން ފައުޅުވުމާ ހަމަ އަށް ވެސް، ވިއްސާރަ މޫސުމުގައި މި ސަރަހައްދުގައި ކިތަންމެ ފަހަރަކު ފެންބޮޑުވެފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ 1941 ވަނަ އަހަރު ކުރިމަވިތި ބޮޑުވިއްސާރައިގެ ހާދިސާ އެވެ.

1941 ވަނަ އަހަރު މައްކާ ސަރަހައްދަށް ކުރިމަތިވި ބޮޑު ވިއްސާރައިގައި ހަރަމްފުޅު ތެރޭގައި ފެންބޮޑުވެފައި.

މަތީގައިވާ ފޮޓޯ އިން ފެންނަ ގޮތުގައި 1941 ވަނަ އަހަރު މައްކާ އަށް ކުރިމަތިވި ފެންބޮޑުވުމުގައި ހަރަމްފުޅުގެ ތެރޭގައި ނަމާދުކޮށް ނޫޅެވޭ ވަރަށް ފެން ބޮޑުވި އެވެ. ނަމަވެސް އެ ހާލަތުގައި ވެސް ބައެއް މީހުން ގެފުޅު ވަށައިގެން އެ ގެންދަނީ ޠަވާފް ކުރަމުންނެވެ. އަދި ފެންގަނޑު އެންމެ ބޮޑުވެފައި ހުރި އިރު ހަޖަރުލް އަސްވަދާ ހަމައަށް ފެންގަނޑު އުފުލިފައި ހުރި ކަމަށްވެ އެވެ.

މި ފޮޓޯ އިން މި ފެންނަނީ 1941ގެ ފެންބޮޑުވުމުގައި، ހަރަމްފުޅުގެ ތެރޭގައި ފެންބޮޑުވެފައިވާ ވަގުތު، މީހަކު ފަތާފައި ގެފުޅުގެ ވަށައިގެން ޠަވާފްކުރާ މަންޒަރެވެ. އޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެއީ ބަހްރައިނުން އެ އަހަރު ހައްޖަށް އައި މީހެކެވެ. އަދި ބައެއް މީހުން ގެފުޅުގެ ދޮރުކޮޅުގެ ގާފޮޅު މަތީގައި ވެސް އިށީނދެލައިގެން އެބަ ތިއްބެވެ.

ސެޕްޓެމްބަރ 11، 2015 ގައި މައްކާ އަށް ޖެހުނު ބާރުގަދަ ކޮޅިގަނޑުގައި، ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތުގައި ބޭނުން ކުރަމުން އައި ކްރޭނެއް ވެއްޓިފައި. --ގެޓީ އިމޭޖް

ނަމަވެސް މިހާރު ގެފުޅުގެ ވަށައިގެންވާ ސަރަހައްދުގައިވަނީ، ފެން ބޮޑުނުވާނޭހެން ކާނުތައް ހަދައި ފެން ހިންދުމަށް ރަނގަޅު ނިޒާމެއް ގާއިމުކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން، ސެޕްޓެމްބަރު 11، 2015 ގައި ކުރިމަތިވި ކްރޭން ވެއްޓުމުގެ ހާދިސާ ހިނގި ދުވަހު، އައި ބާރުގަދަ ކޮޅިގަނޑުގައި ބޯކޮށް ވާރޭ ވެހުނު އިރު ވެސް، ހަރަމްފުޅުގައި އެއްވެސް ވަރަކަށް ފެންބޮޑެއް ނުވެ އެވެ.

އުސްމާނީ ދައުލަތުގެ ކޮރިޑޯ

1947 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، މައްކާގެ ހަރަމްފުޅުގެ ތެރޭގައި، ކުދި ގުއްބުތަކަކުން ޒީނަތްތެރިކޮށް އުސްމާނީ ދައުލަތުގެ ފަރާތުން އޭރު ބިނާ ކުރި ޕޯޓިކޯގެ އެތެރެ އެވެ.

މައްކާގެ ހަރަމްފުޅުގެ ތެރެއިން މިހާރު ފެންނަން ހުރި އެންމެ އެވޭލާ ގޮތްގަނޑު ދައްކައިދޭ ތަނަކީ، ތަވާފްކުރާ ސަރަހައްދާއި، މަސްޖިދުލް ހަރާމްގެ އިމާރާތް ގުޅޭ ހިސާބުގައި ވަށައިގެން ހަދާފައިވާ ކޮރިޑޯ ނުވަތަ ޕޯޓިކޯ އެވެ. މަތީގައިވާ ފޮޓޯގައި އެ ވަނީ އުސްމާނީ ދައުލަތުން، މައްކާގެ ހަރަމްފުޅު ހިމާޔަތް ކުރުމަށާއި އެ ހަރަމްފުޅުގެ ހައިބަތާއި މަގާމު ދެމެހެއްޓުމުގެ ގޮތުން އިމާރާތް ކުރި ކޮރިޑޯ އެވެ.

މިއަހަރު ނަގާފައިވާ މި ފޮޓޯ އިން ފެނނަނ

ނަމަވެސް ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން 2012 ވަނަ އަހަރު މި ބައިތައް ތަޅައިލި އެވެ. އޭގެ ތިން އަހަރު ފަހުން، ކުރިން ހުރި ތަނަށް ވުރެ 20 މީޓަރު ދުރުގައި އަލުން ވަނީ ހަމަ އެ ފަރުމާއާ އެއްގޮތަށް އެ ކޮރިޑޯ ބިނާ ކުރަން ފަށައިފަ އެވެ. ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ނިމޭ އިރު، 150 ގުއްބު ހިމެނޭ މި ކޮރިޑޯއާ އެކު، ހަރަމްފުޅުގެ ހިތްގައިމުކަން އިތުރުވެގެން ދާނެ އެވެ.

އުސްމާނީ ޚިލާފަތުގެ ފަންނުވެރިކަން ރަމްޒުކޮށްދޭ ކޮރިޑޯގެ ދޮރޯށިތަކުގެ ތެރެއިން ގެފުޅު ފެންނަ އިރު، ސައޫދީ ރަސްގެފާނު ސަލްމާން، މި ކޮރިޑޯ ސިފަކުރައްވަނީ ގެފުޅުގެ ވަށައިގެން ލެވިފައިވާ ހާރެއްގެ ގޮތުގައި. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މިހާރު މި ކޮރިޑޯ ބިނާ ކުރަމުން އަންނަނީ، ކުރީގެ ފަރުމާއާ އެއްގޮތަށް، ނަމަވެސް އެއަށް ވުރެ މާ ފުރިހަމަ އަށް އަދި އެހާމެ ޒީނަތްތެރި ކޮށެވެ. ކުރިން އާދައިގެ ގޮތަކަށް ހުރި ތަނބުތައް ވެސް މިހާރު ހަދާފައި ހުރީ، މަރުމަރު ހިލަ ޖަހައިގެންނެވެ.

1953 ވަނަ އަހަރު ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، ނަމާދު ވަގުތެއްގައި ނަމާދު ކުރުމަށްޓަކައި ގެފުޅުގެ ވަށައިގެން ބަޔަކު އިށީނދެލައިގެން ތިބި މަންޒަރެވެ.

މީގެ 64 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯއިން، އެ ދުވަސްވަރު ހަރަމްފުު ސަރަހައްދުގެ އަމާންކަމާއި އަޅުކަން ކުރުމުގެ ލުއި ފަސޭހަކަ ކަން ވަޒަން ކުރެވޭނެ އެވެ. ޖަމާއަތުގައި ނަމާދު ކުރާއިރު، ގެފުޅުގެ ވަށައިގެން ހެދިފައިވަނީ ދެތިން ސަފެވެ. ބޭނުން މީހަކު ގޮސް ބޮސްދިނުމަށް ހަޖަރުލް އަސްވަދު ވެސް އެހުރީ ދިމާލަށް ފެންނާށެވެ.

މި އަހަރު ހައްޖަށް އައި ބަޔަކު، މައްކާގެ ހަރަމްފުޅުގެ މެދުގައިވާ ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

ނަމަވެސް މިއަދު މަންޒަރު މުޅީން ތަފާތެވެ. ހައްޖު މޫސުން ނޫނަސް ކިތަންމެ ހޫނު ގަދަޔަސް، ގެފުޅުގެ ވަށައިގެން ޠަވާފްކުރާ މީހުންނާއި ގެފުޅާ ވީހާ ކައިރީގައި ޖަމާއަތުގައި ނަމާދު ކުރުމަށް ސަމާލުކަންދޭ މީހުން އެހާ ގިނަ އެވެ. މި އަހަރުގެ ހައްޖު މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ނަގާފައިވާ މި ފޮޓޯ (ތިރީގައި) އިން ވެސް، މީހުން ބައިބޯ މިންވަރު ވަޒަން ކޮށްލެވޭނެ އެވެ.

8 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިހޮއްކޮ

28 August 2017

ހިތަށް އުފާވެރިކަން ގެނެސްދިން ފުރިހަމަ ލިޔުމެއް. ޝުކުރިއްޔާ އަހްމަދު.

The name is already taken The name is available. Register?

އިގްބާލް

28 August 2017

އަހުމަދު އަބްދުﷲ ސައީދު ތިޔަކުރައްވާ މަސައްކަތަށް ހަމަ ސާބަސް، ތިޔައީ ދިވެހި ނޫސްވެރިންނަށް ނަމޫނާ ބޭފުޅެއް، ކުރިއަށްހުރި ދުވަސްތަކުގައި މައްކާގެ ބިމުން އިތުރު ލިޔުންތަކާއި ފޮޓޯތައް އަޅުގަނޑުމެން ކިޔުންތެރިންނާ ހަމައަށް ގެނެސްދެއްވާނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ވަތަނަބޭ

28 August 2017

ހެޔޮނިޔަތުގައި ޙަލާލު މުދަލުން މިކަންކުރި އެންމެންނަށް ރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

އިނަފް

28 August 2017

މައްކާގެ ހަރަމް ފުޅަށް އަޅުކަން ކުރަން ދިއުމަކީ އެއީ އިންސާނަކަށް ލިބޭނެ އެންމެ އުފާވެރި އަދި އެންމެ ހިތް ހަމަޖެހޭނެ ކަމެވެ. ނަމަވެސް މިކަން ވެސް މިރާއްޖޭގައި ފުރަމާލޭގައި ތިބި ކިއްލި ތަޅާ ބަޔަކުު ބޮޑު ވިޔަފާރި އެއް ހެން ހަދައިގެން މަކަރާއި ހީލަތުން މިކަން ކުރަމުން ދާއިރު ވެސް އަދި ވެސް މިކަމަށް މުޅި އެކުން ހައްލެއް ނާދެއެވެ. މައްކާ އަށް ދިވެހިން ހައްޖަށް ގެންދިއުމަކީ އެއީ މިރާއްޖޭގައި އަމިއްލަ ކުންފުނި ތަކަށް ވިޔަފާރި އުސޫލުން ކުރެވޭނެ ކަމެއް ނޫނެވެ. އެހާ ހީވާގި ތެދުވެރި ބަޔަކު އެކަން ނުކުރާނެއެވެ. އެކަން ނުކުރާނެ ރާއްޖޭގައި ހުރި ބިއުޓިފުލް ކުންފުނި ތަކުން. އެހެން ކަމަށްވާނަމަ އެކަން ދެން ކުރާނީ މާލޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް އެވެ. އެމެން އެކަން ކުރާނީ މަކަރާއި ހީލަތާއި އޮޅުވާލައިގެން. ކަން މިހެން ހުރުމުން ސަރުކާރުން މިކަން ދަނެގެން އަންނަ އަހަރުން ފެށިގެން ޕްރައިވެޓް ސެކްޓަރ އަށް މިކަން ނުވާނެ ގޮތަށް ބޭން ކޮށްލަންވީ މިކަން. އިނަފް އިޒް އިނަފް ފޯރ ދެއަރ ގާރބޭޖް.

The name is already taken The name is available. Register?

ޢެހެލާނަ

28 August 2017

އިބްރާހީމް ގެފާނާ ޢިސްމާޢީލްގެފާނު ގެފުޅު ބިނާކުރެއްވިއިރު ޒަމްޒަމް ވަޅުނެތްތޯ؟

The name is already taken The name is available. Register?

saabas

28 August 2017

އަހަރެމެންނަށް ކިޔަދިން ތާރީހުންނާއި އަޑުއެހި ސިޔަރަތުން އެނގޭ ގޮތުގަ ވިއްޔާ އިސްމާއީލްގެ ފާނު ތުއްޕުޅު އިރު ޒަމްޒަމް ފެން އާރު ލިބިވަޑައިގަތެވެ'

The name is already taken The name is available. Register?

ހައުކަމް

28 August 2017

މިދުނިޔޭގައި ގެފުޅު ހުންނަ ލޮކޭޝަން އަކީ އެއީ ދުނިޔޭގެ މެދެވެ. ނުވަތަ ދުނިޔެ އެއީ ސާރކަލް ބުރަށް އޮންނަ އިރު އޭގެ ސެންޓަރ ޕޮއިންޓް އެވެ. އެއީ ގެފުޅުގެ ލޮކޭޝަން ގެ އަޖައިބަކީ. ދެން އަނެއް ކޮޅުން ގޯލްޑެން ރޭޝިއޯ ކަލްކިއުލޭޓް ކުރާއިރު އެދިމާވަނީ އިންސާނާގެ މޫނު ދިމާވަނީ އެއީ ގޯލްޑެން ރޭޝިއޯ އާއި އެވެ. ގެފުޅު ދުނިޔޭގެ ސެންޓަރ ޕޮއިންޓަށް ވެ އަދި އިންސާނާ އަޅުކަން ކުރާއިރު އަޅުކަން ކުރަން ގިބްލަ އަށް ކުރިމަތި ލަނީ ގެފުޅަށް ކަމަށްވެފައިވާ އިރު އިންސާނާގެ މޫނު ސީދާ އެވަނީ ގެފުޅާއި އެވެ. އިންސާނާގެ މޫނުގެ ރޭޝިއޯ އަކީ އެއީ ގޯލްޑެން ރޭޝިއޯ އަދި ދުނިޔޭގެ މެދަކީ އެއީ ގެފުޅު ކަމަށް ވެފައި އަޅުކަން ކުރާ އިރު މިދެބައި ސިންކްރޮނައިޒް ވަމުން ދާނެތީވެ މިއަޅުކަމުގެ ރިކޯރޑިންގް އެއީ ރިއަލް ޓައިމް ގައި ޕްރޮސެސްވަމުން އެނަލައިސިސް ވަމުން އަދި އިވޭލުއޭޓް ވަމުން ދާނެ ކަންކަމެވެ. ސުވާލަކީ އިންސާނާ ދުނިޔެ އަށް ފޮނުއްވެވީ އެއީ ކިއެއްކުރަން. އެއީ ދުނިޔެ ބިނާ ކުރަން އަންނަން އޮތް ޖީލަށް. އިންސާނާ އެއީ ކާކުތޭ.

The name is already taken The name is available. Register?

ޝިޔާމް

28 August 2017

މި މާތް ބިމަށް ގޮސް ހައްޖުވުމުގެ ހެޔޮތައުފީގެ އަޅަމެންނަށް މިންވަރު ކޮށްދެއްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454