ރިޕޯޓް

ކަށުކަމާކެމީގެ ބުރަ ލުއިކޮށްދިން އެއްބައިވަންތަކަން

އާ ސަރަހާގައި ސަންދޯކެއް ޖަހަނީ

30 ސެޕްޓެމްބަރ 2017 - 08:40

32 comments

އާއިލާގެ މީހަކު މަރުވެގެން އުޅޭ ހިތްދަތި އުނދަގޫ ވަގުތު އެ މީހެއްގެ ކަށުކަމާކެމީގެ ކަންކަމާ އުޅުމަކީ ކޮޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ކަމަށް ބޭނުންވާ ސާމާނު ހޯދުމަކީ މާލޭގައި އާންމު މީހަކަށް ބޮޑު ތަކުލީފެކެވެ. އެއް ގެއިން ސަންދޯކެއް، އަނެއް ގެއިން ވެލިކޮޅެއް، އެހެން ދިމާލަކުން ކަފަ އާއި ކަފުނާއި ކުނާ ފަދަ ތަކެތި ހޯދަން ހިނގުމަކީ މީހަކު މަރުވެގެން އުޅޭ ވަގުތު ލިބޭ އިތުރު ވޭނަކަށް ނޫނީ ނުވެ އެވެ.

މިކަން މިހާ އުނދަގުލުގައި ކުރި ދުވަސްވަރެއް ދިޔަ އެވެ. އޭރު މީހަކު ވަޅުލަން މާލޭގައި 6،000ރ. އަށް ވުރެ ބޮޑު އަގެއް ނެގި އެވެ. އެހާ ގިނަ ވަގުތު ހޭދަވެ އެވެ. އެކަމަކު މިހާރު މިއީ ފިކުރު ބޮޑުވާންޖެހޭ ކަމަކަށް ނުވެ އެވެ. އާ ސަހަރާގައި ހިންގާ ޖަމިއްޔަތުއް ތައާވުންގެ އިންތިޒާމުތަކުން މި ބުރަ ލުއިކޮށްދީފި އެވެ. ތަކެތީގެ އަގުގެ ގޮތުގައި ހާހެއްހާ ރުފިޔާ ނަގައިގެން، އިތުރު އުޖޫރައެއް ނެގުމަކާ ނުލައި ހިލޭސާބަހަށް އެ މީހުން ދެނީ މަތިވެރި ހިދުމަތެކެވެ.

މި ޖަމިއްޔާގެ ފެށުމާ ގުޅިފައި ވަނީ މަސްޖިދުއް ތަޢާވުން (އާ ސަހަރާ މިސްކިތް) އެވެ.

"މި މިސްކިތް އުފެދުނުތަނާ އަޅުގަނޑުމެން މިތަނަށް ވަރަށް ގިނައިން އައިސް އުޅުނިން. (މި އައިސް އުޅުނު) އަޅުގަނޑުމެންގެ ގްރޫޕަކަށް މި ޚިޔާލު އައީ. އަގުހެޔޮކޮށް، ފަސޭހަކޮށް ކުރެވޭނެ ގޮތަކީ ކޮބައިތޯ. ދެން އޭރު ވިސްނުނީ ގަވައިދެއްގެ ތެރެއިން ކުރެވޭނީ ޖަމިއްޔާއެއް އުފައްދައިގެން ކަމަށް. މި ޖަމިއްޔާ އުފެއްދުމުގެ ކުރިން ވެސް ކުދިކުދި ޗަންދާ ނަގައިގެން މީހުން ވަޅުލައިދީހެދިން،" ޖަމިއްޔަތުއް ތައާވުންގެ ރައީސް ޖައުފަރު އީސާ މުހައްމަދު ވިދާޅުވި އެވެ.

އެއްބާރުލުމަށް ނިސްބަތްކޮށް ނަން ދީފައިވާ ޖަމިއްޔާ މީގެ 16 އަހަރު ކުރިން އަށެއްކަ މީހުންނާ އެކު ފެށި ނަމަވެސް މިހާރު 400 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

މީހަކު ވަޅުލުމުގެ މަރުހަލާ

މީހަކު މަރުވެއްޖެ ނަމަ، ހިނަވާ މީހުންގެ އެންމެ އިސްކޮށް ހުންނަ މީހަކަށް އެކަން ހޮސްޕިޓަލުން އަންގާނެ އެވެ. ފުރަން ޖެހޭ ފޯމުތައް އެ މީހަކު ފުރައިދީ ޖަމިއްޔާއިން އެ ވަގުތަކު ސަހަރާގައި ޑިއުޓީގައި ހުންނަ މީހަކާ ހަވާލުކޮށް ލިޔެކިޔުންތައް ފުރިހަމަކުރާނެ އެވެ. އެ ހިސާބުން ދެން ހުރިހާ ކަމަކާ ހަވާލުވަނީ ޖަމިއްޔަތުއް ތައާވުން އެވެ.

ބޮޑު މީހެއްގެ ކަށުކަމާކެމީގެ ހުރިހާ ކަމަކަށް މިހާރު ނަގަނީ 900ރ. އާއި 1،200ރ. އާ ދެމެދުގެ އަގެކެވެ. ކުޑަކުދިންނަށް 50ރ. ނުވަތަ 100ރ. ނަގަ އެވެ. މިއީ ކަފުނާއި ކަފަ އާއި ސަންދޯކާއި ވަޅަށް އަޅާނެ ވެއްޔާއި ވެލި ބާލީހާއި ދެން ވެސް މިކަމަށް ބޭނުންވާ ހުރިހާ އެއްޗަކަށް ނަގާ އަގެވެ. ފައިސާގެ ތަނަވަސްކަން ނެތް ނަމަ އަގެއް ނުވެސް ނަގަ އެވެ.

ޖަމިއްޔަތުއް ތައާވުންގެ ރައީސް ޖައުފަރު އީސާ

ޖައުފަރު ވިދާޅުވީ މީހަކު ވަޅުލަން ގެންނައިރު "އިތުރަށް އެއްވެސް އެއްޗެއް ހޯދަން ދާން ނުޖެހޭނެ" ކަމަށެވެ.

ފައިދާއެއް ނުލައި، ހަމައެކަނި ތަކެތީގެ އަގަށްވާ މިންވަރު ނަގައިގެން ހިދުމަތް ދެމުން އަންނައިރު، މީހުން ވަޅުލުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ވެސް މުސާރަ ކަނޑައަޅައިފައެއް ނޯވެ އެވެ. ވޮލަންޓިއަރުންގެ މައްޗަށް ބިނާވެ ތަރުތީބުވެފައިވާ ޖަމިއްޔާގެ ރައީސް ވިދާޅުވީ މީހުން ވަޅުލުމާއި ސަންދޯއް ޖެހުމުގައި އުޅޭ މީހުންނަށް ވެސް މުސާރައިގެ ބަދަލުގައި އޮންނާނީ މަސައްކަތަށް ފަހު "ކުޑަކުޑަ ސައެއް" ކަމަށެވެ. އެކަމަކު އެއީ ކޮންމެ ވަގުތެއްގައި ގޮވައިލިޔަސް، އެ ހުރި ތަނަކުން ގޮސް ޚިދުމަތް ދޭން ތައްޔާރަށް ތިބި ބައެކެވެ.

ޖަމިއްޔާއަށް ދަތިކަމެއް ނެތް

އަމިއްލަ ޖަމިއްޔާތައް ހިންގުމަށް މާލީ ދަތިކަން ބޮޑު ނަމަވެސް ޖަމިއްޔަތުއް ތައާވުންއަށް އަދި އެކަހަލަ ހާސްކަމެއް ނެތެވެ. ވިޔަފާރި އުސޫލުން ހިދުމަތް ނުދިން ނަމަވެސް ޖަމިއްޔާގެ މެންބަރުންނާއި އަމިއްލަ ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާ އެކު ދަތިކަމެއް ނެތެވެ.

ކަށުކަމާކެމީގެ ކަންކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެނެސްދޭ މީހުން ވެސް ޖަމިއްޔާއަށް ސަޕްލައިކޮށްދެނީ އެ އެއްޗެއް ރާއްޖެއިން ބޭރުން ގަންނަން ލިބޭ އަގުގަ އެވެ. ޖަމިއްޔާގެ ކޮންމެ މެންބަރަކު ކޮންމެ މަހަކު މަދުވެގެން 100ރ. ދައްކާނެ އެވެ. އަދި ސަހަރާގައި ބަހައްޓާފައި ހުންނަ ޚައިރާތު ފޮއްޓަށް ވެސް ގިނަ އަދަދަކަށް ފައިސާ ލިބޭ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ފައިސާގެ ގޮތުން ދަތިކަމެއް ނެތަސް މި މަސައްކަތުގައި ޒުވާނުން ބައިވެރި ނުވުމަކީ މިކަން ފުރިހަމަ ގޮތުގައި ގިނަ ދުވަހު ކުރުމަށް އޮތް ގޮންޖެހުމަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ޖަމިއްޔާ ހިންގުމުގައި މިހާރުވެސް ޒުވާނަކު ނެތްކަން ޖައުފަރު ފާހަގަކުރެއްވި އެވެ.

"ޒުވާނުންނަށް މިކަން އެހާ ކަމުދާހެން ހިއެެއް ނުވޭ. އެކަމަކު ޒުވާނުން އައިސްގެން މިކަން ވެސް ރަނގަޅުވާނީ،" ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން ޖައުފަރު ވިދާޅުވި އެވެ.

ޖަމިއްޔާގެ ވެބްސައިޓެއް ލޯންޗުކުރަން މަސައްކަތްކުރަމުން އަންނައިރު، އެ ވެބްސައިޓް މެދުވެރިކޮށް ޖަމިއްޔާ އަށް އެހީތެރި ވެވޭނެ ގޮތް ވެސް ހަމަޖެހޭނެ އެވެ. އަދި މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކަށުނަމާދުގެ މައުލޫމާތު އާންމުކުރުމުގެ މަސައްކަތް ވެސް އިތުރަށް ތަރައްގީވެގެން ދާނެ އެވެ.

އަހަރުތަކެއް ކުރިން، މީހަކު ވަޅުލަން ހައެއްކަ ގަޑިއިރު ހޭދަކުރަން ޖެހި އަދި ބޮޑު ހަރަދެއް ދިޔަސް މިހާރު ގަޑިއެއްހާއިރުގެ ތެރޭގައި، ކުޑަ އަގަކަށް އަދި ބައެއް ފަހަރު ހިލޭ އެކަން ކުރެވޭ ގޮތް ހަމަޖެހިފައި މި އޮތީ ފޮރުވިފައި ތިއްބަސް ޚިދުމަތްތެރިންތަކެއްގެ އިޚްލާސްތެރި މަސައްކަތުންނެވެ.

32 ކޮމެންޓް, 541 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 1%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދު

02 October 2017

ތިޖަމިއްޔާގެ މަސައްކަތުގައި ބަރަކާތް ލައްވާށި... އެކަމު އާޓިކަލް މާނަކުރެވެނީ މީހަކު މަރުވާ ހިސާބުން ވަޅުލަންދެން ހުރިހާ ކަމެއް ކުރަނީ މިމީހުންކަމަށް... އެނގިފައިވާ ގޮތުގައި ހިނެއުމާއި ވަޅުލުމާއި މިމަސައްކަތް އަމަލީ ގޮތުން ކުރަނީ މިނިސްޓަރީގެ މުވައްޒަފުން

The name is already taken The name is available. Register?

ގަޑިއިރު

02 October 2017

ސަންދޯއްވިޔާރި މިދުވަސްކޮޅު ރަންގަޅުތަ؟

The name is already taken The name is available. Register?

ާއަހުމަދު

01 October 2017

ތިޖަމިއްޔާގެ މަސައްކަތުގައި ބަރަކާތްލައްވާށި އާމީން

The name is already taken The name is available. Register?

މަށޭމީ

01 October 2017

ހާދަ ރަނގަޅު ކަމެކޭ. ހާދަ ބޭނުންތެރި ޚިދުމަތެކޭ. ތިކަމަށް އެހީތެރިވެދެވޭނީ ކިހިނެއްބާ؟ އެހީގެ ފައިސާ ފޮނުވިދާނެ ގޮތެއް ސާފުކޮށްލަން ބޭނުންވޭ.

The name is already taken The name is available. Register?

ވިލި احمد

01 October 2017

ބީއެމްއެލް އަދި އެސްބީއައި އެކައުންޓް ނަމްބަރު ވީޑީއޯ ރިޕޯޓުން އެބަފެނޭ .ބީއެމްއެލް 770321964001 އެސްބީއައި : 12604857620201

The name is already taken The name is available. Register?

ޖޫލޭ

01 October 2017

އަދިކިރިޔާ މިއެނގުނީ..! މީގެކުރިން އަޅުގަނޑު ހީކުރީ ކަށުކަމާކެމީގެ އެންމެހާ ކަންކަން ކުރަން އެތިބެނީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންކަމަށް! މާތްﷲ ތިޔަކަމުގައި އުޅޭ އެންމެނަށް ހެޔޮ ރަޙްމަތް ލައްވާށި.. އާމީން.....

The name is already taken The name is available. Register?

ވިލި احمد ގެ ބައްޕަ

01 October 2017

ވަޅުކޮނެ އެހުރިހާ ކަމެއް ކުރަނީ މިނިސްޓްރީގެ މުވައްޒަފުން.ހިނަވަންތިބެނީ މިނިސްޓރީގެ މުވައްޒަފުން.ސަންދޮއް ޖަހައި ކަފުންކުރާނެ ތަކެތި ފޯރުކޮށްދެނީ އެބުނާ ޖަމިއްޔާއިން.

The name is already taken The name is available. Register?

އިބޫ

01 October 2017

ޢާދެ. މި ޖަމިއްޔާ ވުޖޫދަށް އައީ ކުރީގެ މިނިސްޓަރ އުމަރ ޒާހިރު ގެ އިސްނެގުމުގެ މަތިން. ސިއްހީހާލު ރަނގާޅު އިރު އެމަނިކުފާނކީ އާސަހަރާގަ އޮންނަ ކޮްނމެ ޖަނާޒާ އެއްގައި ބައިވެރިވިބޭފުޅެއް.. އެއިރު ބައެއްމީހުނަށް ވަޅުލުމުގެ ކަންތަކުގައި އެހީ ތެރިކަމަށްޖެހޭ ތަން ފެންނާތީ އެމނަކިފަނު އިސްނަގައިގެން ފުރަތަމަ، އެކިއެކި ކާޕެންޓްރީ ތަކުގަ ސަންދޯއް ޖައްސުވައިގެން ގެންގޮސް، ސަންދޯކާއި ކަށުކަމާއި ކެމީގެސާމާނު އާސަހަރާގެ ދޮޅިދާންގޭ ގައި ބަހައްޓައިގެން 600ރ އަށް އަދި ލާރި ދެވެން ނެތް ފަރާތް ތަކަށް ހިލޭ ކަށުކަމާ ކެމީގެ ކަންތައް ހަމަޖައްސައިދިނީ... ދެން ދުވަސް ކޮޅާކުން ޖަމިއްޔާ އެއް ރަޖިސްޓްރީ ކޮށް، ދޮޅިދާންގެއިން ޖާގަ އެއްހޯދާ، ސިސްޓެމިކް ކޮށް މިކަން ރޭވި ހިނގަމުން މިދަނި..... މި ޖަމިއްޔާގެ މަސައްކަތުގައި ބަރަކާތް ލައްވާށި...އާމީން

The name is already taken The name is available. Register?

ކްރިޓިކަލް

01 October 2017

މިއީ އަދި ނޭންގޭ ކަމެތް... މި މައުލޫމާތު މި ނޫހުގަ ޝާއިރު ކުރީތީ ޝުކުރުވެރިވަން... އަތް ފައިގަ ބާރު ހުރި ދުވަހު ހެޔޮ ކަމެތް ކުރަން ނިޔަތް ގަންނަން.. އިރާދަކުރެއްވީޔާ ކޮންމެވެސް ގޮތަކުން ތި ޖަމީއާޔައް އެހީ ވާނަން

The name is already taken The name is available. Register?

އަބްދުލް ހާލިގު އާދަމް

01 October 2017

ޖަމިއްޔަތުއް ތައާވުންއެއީ ވަރަށްއިހުލާސްތެރިތެދުވެރިމަސައްކަތްތަކެއް ކުރައްވާބޭފުޅުންކޮޅެއް މިއީއަޅުގަނޑުގެތަޖުރިބާ ސުކުރިއްޔާ ޖައުފަރު އީސާ މުހައްމަދުއަށް

The name is already taken The name is available. Register?

ސަޅިބައިސާ

01 October 2017

ތިއަ މަސައްކަތުގަ މާތްﷲ ބަރަކާތްލައްވާށި. ތިއަ މަސައްކަތުގެ ހެއު އުޖޫރަ ﷲ މިންވަރުކޮށްދެއްވާށި. މިއެއްނޫންތޯ ސުންތައް ތަބާވުމަކީ. މިއެއްނޫންތޯ އިސްލާމްދީނުގެ މަންހަޖަކީ؟ ޒުވާނުން މިކަމުގައި ބައިވެރި ނުވާކަމީ ވަރަށްވެސް ދެރަކަމެކެވެ.

The name is already taken The name is available. Register?

ރަދީފް

30 September 2017

މިކަމުގަ މަޝްހޫރު ނަޢީމް (މަޑި ނަޢީމް) ގެ ނަން ފާހަގަކުރަންޖެހޭ.މާލޭގަ ކިތަންމެ އިއްޒަތްތެރި އަދި ނިކަމެތި އާދައިގެ މީހަކުގެ ޖަނާޒާއެއް ސަހަރާގަ އޮތަސް އެކަމުގެ އެންމެ ކުރީގަ ނަޢީމް ހުންނަވާނެ.ކަށުނަމާދުކުރަން ސަންދޯއް މިސްކިތުގެ އެތެރައަށް ނުވައްދާނެ ނައީމް އެސަންދޯކެއްގެ ކޮޅުގަ ނުހިފައެއް.އަމިއްލައަށް ފަކީރާ ހިފައިގެން ވަޅަށް ވެލިއަޅަން އެބޭފުޅާ ހުންނަވާ.މާތްﷲ ނައީމަށް ހެޔޮރަހްމަތް ލައްވާށި. އާމިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454