ކުޅިވަރު / ގައުމީ ވޮލީ ޓީމް

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ކާއްޓޭ ހަމަޖައްސައިފި

ގައުމީ ވޮލީޓީމުގެ ކޯޗަކަށް ހަމަޖެއްސި ކާއްޓޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

02 އޮކްޓޯބަރ 2017 - 18:26

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަަކަށް ކުރީގެ ކުޅުންތެރިއާ މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ.

ކާއްޓޭ ވަނީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗުކަމުން ތައިލެންޑްގެ ސުންޓޮން ފޮސީޓާ ވަކިކުރި ފަހުން އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ކާއްޓޭ ވަނީ ދުވަސްކޮޅަކު މަސައްކަތް ކޮށްފަ އެވެ.

ކާއްޓޭގެ އިތުރުން މި ފަހަރު ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ ދިވެހި ސިފައިންގެ ކްލަބުގެ މުމްތާޒު އަލީ އަދި ޕޮލިސް ކްލަބްގެ ހާލިދު މުހައްމަދު އެވެ. އަދި ފިޓްނަސް ޓްރެއިނަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ހަމަޖެއްސިއިރު، ޓީމުގެ ކިޓް މެނޭޖަރަކީ އިސްމާއިލް ސަމާހު އެވެ.

ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކާއްޓޭ ބުނީ މި ފަހަރުގެ އެންމެ ބޮޑު އަމާޒަކީ ކާމިޔާބީ އެކޭ އެއްވަރަށް މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށެވެ.

"ޓީމުން ބަދަލު ފެންނާނެ. އަޅުގަނޑުމެންގެ މަގުސަދަކީ ހަމައެކަނި ކާމިޔާބީއެއް ނޫން. ވަކި ކްރައިޓީރިއާތަކެއް ހަދައިގެން އެއާ އެއްގޮތަށް މަސައްކަތް ކުރާނީ. އެންމެ ބޮޑު އަމާޒަކީ ރަނގަޅު ޓީމެއް ބިނާކުރުން. މުސްތަގުބަލުގައި ވެސް ވޮލީ ޓީމު ވަރުގަދަކޮށް ބާއްވަން މަސައްކަތްތަކެއް ކުރަން އެބަޖެހޭ އަޅުގަނޑުގެ ވިސްނުމަކީ އެއީ. ދެން އަޅުގަނޑުގެ ދެ އެސިސްޓަންޓުންނަކީ މި ވަގުތު އެންމެ ކުރިއަރަމުން އަންނަ ދެ ޒުވާން ކޯޗުން،" ކާއްޓޭ ބުންޏެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ވ) ވޮލީޓީމުގެ ކޯޗު ކާއްޓޭއާ ލިޔުން ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން އިގުރާރެއްގައި ސޮއިކުރާނެ ކަމަށާއި އެއީ ޓީމުގެ އެއްބައިވަންތަކަން ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.

"ގާތްގަނޑަކަށް 12 އަހަރު ގައުމީ ޓީމުގައި މަސައްކަތް ކުރެވިއްޖެ. ވަރަށް ގިނައިން ބޭރުގެ ކޯޗުން ވެސް ފާހަގަކުރާ ކަމެއް. ދިވެހި ވަކިވަކި ކުޅުންތެރިންގެ ހުނަރު ހުރި ވާހަކަ. އެހެންވުމުން އެބައެނގޭ ޓީމެއްގެ ގޮތުގައި ކުޅުމުގައިކަން އުނދަގޫ ކަންތައްތަކެއް މިހުރީ. އެކަންތައްތައް ރަނގަޅުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ކާއްޓެ ބުންޏެވެ.

ގައުމީ ޓީމު އެކުލަވާލުމަށް ކުޅުންތެރިން ހޮވުމުގައި ބަލާނީ މަސައްކަތްކުރާ ކުޅުންތެރިންނަށް ކަމަށާއި ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް ކާއްޓެ ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކުރާނީ ގައުމީ މުބާރާތަށް ފަހު ކަމަށާއި އޭގެ ފަހުން ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދާނެ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ. އަދި މިހާރު ކުރަމުންދަނީ ޓެކްނިކަލީ ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.

ޓީމަށް ކުޅުންތެރިން ނެގުމުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ޓްރެއިނިންތަކުން އަންނަ ކުޅުންތެރިންނަށް ވެސް ބަލާނެ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

އަންނަ އަހަރު އޮންނަ އޭވީސީ ސެންޓްރަލް ޒޯނު މުބާރާތަށް ދާއިރު ވެސް ޓީމު އެކުލަވާލުމުގައި ކާމިޔާބީ ހޯދުމަށް ޓަކައި ހަމަޖެހިފައި އޮންނަ އުސޫލުން ބޭރުން ކުޅުންތެރިން ނުނަގާނެ ކަމަށާއި ބަލާނީ މަސައްކަތްކޮށް ޓީމާ އެކު ކުރިއަށްދިއުމުގެ ވިސްނުން ހުރި ކުޅުންތެރިން ގޮވައިގެން މުބާރާތުގައި ވާދަކުރުމަށް ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހާނިމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީމުގެ ފިޒިކަލް ޓްރެއިނަރަކަށް ހަވާލުވި ހާނިމް ބުނީ ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމުތަކުގައި ވެސް ކުޅުންތެރިންގެ މަދުވާ އެއް ކަަމަކީ ފިޓްނަސް ކަމަށާއި ވޮލީގައި އެކަން ރަނގަޅު ކުރުމަށް މަަސައްކަތް ކުރާނެ ކަމަށެވެ.

"ވީއޭއެމުން އަޅުގަނޑަށް މި ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން. އަޅުގަނޑުގެ އަމާޒަކީ ވޮލީބޯޅަ ކުޅުންތެރިންގެ ފިޓްނަސް މިހާރު ހުރި ލެވެލުން އެހެން ލެވެލަކަށް ގެންދިއުން. ހަގީގަތުގައި ކޮންމެ ކުޅިވަރެއްގައި ވެސް ރާއްޖޭގެ ކުޅުންތެރިންގެ މަދުވަނީ ފިޓްނަސް. ވޮލީގައި އެކަން ހައްލު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން،" ހާނިމް ބުންޏެވެ.

ރާއްޖޭގެ ގައުމީ ފިރިހެން އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި ވެސް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުރެވެ އެވެ. ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ސްރީލަންކާގެ ކޯޗު ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އޭގެ ފަހުން މި އަހަރު މާޗް މަހު އޮތް މުބާރާތް ރާއްޖެ ކުޅުނީ މުހައްމަދު ޝަރަފްގެ ކޯޗުކަމުގަ އެވެ. އެ މުބާރާތް ރާއްޖޭން ނިންމާލީ މޮޅެއް ނުލިބި އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454