މާލޭގައި ހުންނަ ޝީޝާގެ ޝޯރޫމުގައި ވިއްކަން ބަހައްޓާފައިވާ ސައިކަލްތަކެއް: އަތޮޅުތެރޭގެ ދެވަނަ ޝޯރޫމް މިމަހުގެ 27ގައި ހދ. ކުޅުދުއްފުށީގައި ހުޅުވަން ވަނީ ނިންމާފައި.
18 އޮކްޓޯބަރ 2017 - 15:11
ޝީޝާ އިން އަތޮޅުތެރޭގައި ގާއިމްކުރާ ދެވަނަ އައުޓްލެޓް ހދ. ކުޅުދުއްފުށީގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނީގެ ޗެއާމަން އަހުމަދު ހަސަން މަނިކު މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި އެ ކުންފުނީގެ ޝޯރޫމަކާއި ސާވިސް ސެންޓަރެއް ހިމެނޭ ގޮތަށް އައުޓްލެޓެއް މި މަހުގެ 27 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި 28 ވަނަ ދުވަހުން ފެށިގެން އައުޓްލެޓުން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ޝޯރޫމް ހުޅުވަނީ މާލެއާ އެއްގޮތަށް ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރުމާއި ސްޕެއާ އާއި ސާވިސް ވެސް ލިބޭ ގޮތަށް. އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ސައިކަލް ވިއްކުމެއް ނޫން. ސައިކަލް ވިއްކާފައި އެ އަށް ދިމާވާ ހުރިހާ ކަމެއް ހަމަ އެ ބްރާންޗުން ހައްލުކޮށްދޭނަން،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ވެސް ސައިކަލް ވިއްކާނީ މާލެއާ އެއް އަގެއްގަ އެވެ. އަދި އެތަން ހުޅުވުމާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ސައިކަލްގެ ފުރަތަމަ ސާވިސް ހިލޭ ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު
"އަލަށް ހުޅުވާ ތަނެއް ވީމަ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަން ދޭނީ ސާވިސްތަކުގެ މައުލޫމާތު ދޭން. އޭގެ އިތުރުން އެތަނުން އަޅުގަނޑުމެން ވިއްކާނީ ހޮންޑާ ޕަވާ ޕްރޮޑަކްޓްސް އާއި ފެން ޕަމްޕާއި އޯލް ޕާޕަސް ޖަނަރޭޓަރު،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ޝީޝާ އިން މަސައްކަތް ކުރަނީ ހދ. އަތޮޅުގެ ރައްޔިތުންނަށް ވެސް މާލެއެކޭ އެއްފެންވަރެއްގެ ޚިދުމަތް ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އައުޓްލެޓް ހުޅުވާ ދުވަހުގެ ހަވީރު 4:30 އަށް އައުމަށް. އޭރުން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ފަހު ލ. އަތޮޅުގައި ވެސް އައުޓްލެޓެއް ހުޅުވަން ވިސްނާފައިވާ ކަމަށެވެ.
ޝީޝާގެ އައުޓްލެޓެއް މިހާރު ސ. ހިތަދޫގައި ވެސް ހުޅުވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
25 October 2017
ވަރަށް އުފާވެރި ޙަބަރެއް!
ރަދީފް
18 October 2017
މަރުހަބާ ޝީޝާ އަހްމަދު.އަހްމަދު ތިޔައީ ވަރަށް ކާމިޔާބް ވިޔަފާރިވެރިއެއް ކަމުގަ ދަންނަވަންޖެހޭ.ވަރަށް އާދައިގެ ގޮތަކަށް ފެށުނު ވިޔަފާރިއެއް މިއަދު ތިވަނީ މިލިއަނުން އިންވެސްޓްކޮށް ފައިދާ ނެރެފަ.ސައިކަލްތަކުގެ އަގު އަދި ތަންކޮޅެއް ހެޔޮކޮށްލުން އެއީ ރައްޔަތުންނަށް ޝީޝާގެ ފަރާތުން ކޮށްދެވޭނެ ވަރަށް ބޮޑު ސަދަގާތަކަށް ނޫނީ ނުވާނެ.އަޅުގަނޑު އެދެނީ ޝިޝާ އަހްމްދުގެ ވިޔާފާރި އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައިގެން ދިޔުން.ވ.ވެދުން