ތޫފާން ރޯނުން ސަލާމަތްވުމަށް ބަންގްލަދޭޝްގެ ބައެއް މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ދަނީ. --ފޮޓޯ:އޭއެފްޕީ
22 މެއި 2016 - 10:53
ތޫފާން "ރޯނު" ބަންގްލަދޭޝްގެ ދެކުނުގެ ހިސާބުތަކަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އަދި ބައި މިލިއަނެއްހާ މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ.
ތޫފާނުގައި ބޯކޮށް ވާރޭ ވެހި ގިނަ ހިސާބުތަކުން ވަނީ ބިންގަނޑު ފައިބައިފަ އެވެ. އަދި 23 މީހުން ވަނީ މަރުވެފަ އެވެ. ބަންގްލަދޭޝްގެ ދެކުނުގެ ހިސާބުތަކުގައި ފަގީރުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެ ހަލާކުވި އިރު ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ގަޑިއަކު 54 މޭލު ބާރު މިނުގައި ވައި ޖަހެމުން ދިޔަ ތޫފާނުގެ ބިރަށް ރައްކާތެރި ކަމުގެ ހިސާބުތަކަށް ވަނީ 500،000 މީހުން ބަދަލުކޮށްފަ އެވެ.
ޗިޓަގޮން ސަރަހައްދުގެ ފުލުހުންގެ އިންސްޕެކްޓަރު ޝާހު އާލަމް ވިދާޅުވީ އެ ސަރަހައްދުން ފެންގަނޑު ތެރެއަށް ގެނބިގެން ހަތް މީހުން މަރުވެފައިވާ ކަމަށެވެ.
ޗިޓަގޮންގެ އެޑްމިނިސްޓްރޭޓަ މިސްބާހު އުއްދީން ވިދާޅުވީ ރާޅު އެރުމުގެ ސަބަބުން އެ ސިޓީގައި 250،000 މީހުން ތާށިވެފައިވާ ކަމަށެެވެ. ޗިޓަގޮންގެ 20 އަވަށެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
ބަނގްލަދޭޝް އަށް އެރި ތޫފާނުގައި ފެންބޮޑުވެފައިވާ މަގެއްގައި ބައެއް މީހުން ދަނީ. --ފޮޓޯ:ބީބީސީ
ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ ރިޔާޒް އަހުމަދު ވިދާޅުވީ ތޫފާނުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް އެނގޭނީ މިއަދު ކަމަށެވެ.
ތޫފާން ރޯނު ބަންގްލަދޭޝް އަށް އިރު އިރު ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް މި ތޫފާނުގައި ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ލަންކާ އަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ 25 އަހަރު ތެރޭ ލަންކާ އަށް ކުރި އެންމެ ގަދަ ވިއްސާރަ އެވެ.
މި މަހު ކުރީކޮޅު ބަންގްލަދޭޝް އަށް ކުރި ވިއްސާރައިގައި ހޮނު އެޅުމުގެ ސަބަބުން ވަނީ 59 މީހުން މަރުވެފަ އެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy