ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ސްކޫލެއްގައި ބޭއްވި ހަރަކާތެއްގައި، ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފައިލް ފޮޓޯ: ހުސެއިން ވަހީދު
19 ނޮވެމްބަރ 2017 - 12:07
ކުޑަކުދިންނަށް ކުރާ އަނިޔާގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުން ވެސް ލިބޭ ކަމަށާއި އެފަދަ އަނިޔާތަކުން ކުޑަކުދިން ސަލާމަތްކުރަން ހާއްސަ ސަމާލު ކަމެއް ދޭ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވަން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ އަނިޔާއިން ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެއް ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހިިއްސާކުރަނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކަމަށް ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު މަހުގެ ތަފާސްހިސާބުތަކުން ދައްކަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 480 އަށް ވުރެ ގިނަ މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް މުޅި މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަމަށާއި އެހީއަށް އެދޭނެ ފަރާތެއް ނެތި، އެއްވެސް ކުއްޖަކު އަނިޔާތައް ތަހައްމަލު ކުރަމުން ދިއުމަކީ ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ވެގެން ވާނެ ގޮތެއް ނޫން ކަމަށެވެ. މީގެ އިތުރުން، ކަންބޮޑުވާން ޖެހޭ އަލާމާތްތަކަށް އެންމެން ސަމާލުކަން ދޭން ވެސް ޒެނީޝާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް މުއައްސަސާތަކާއި އަމިއްލަ ފަރުދުން އަދާކުރަމުން އަންނަނީ ވަރަށް މުހިއްމު ދައުރެއް ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އާ އަޒުމާ އެކު އެ މަސައްކަތް އިތުރަށް ހަރުދަނާކުރަން އިލްތިމާސްކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޝް
19 November 2017
މި މިނިސްޓަރުގެ ކަމަކީ ތަފާސް ހިސާބު ޖަހަޖަހާ ހުރުން. އެއްވެސްކަމެއް ހައްލެއްނުކުރެވޭ. އެފަދަ ޤާބިލިއްޔަތެއްވެސްނެތް. 1412 އަދިވެސް ނަގަންޖެހެނީ ކޭސް ވަރކަރއިން. ނަމެއްގަ ކޯލް ސެންޓަރެއް. މަހިތަށްއަރާ ޔާމީނަށް ޖެންޑަރ މިނިސްޓްރީ ހިންގޭނެ ގާބިލު އަންހެނަކު ޔާމީނަށް ހަމަ މި އުޑުދަށުން ނުފެންނަނީބާ؟
އިހޫ
19 November 2017
އިޤްތިސާދީ ގެއްލުމެކޭ ބުނީމަ، މިކަމުގެ މުޅި ފޯކަސް ގެއްލުނީ.. އެކުދީންގެ ދިރިއުޅުމަށް ލިބޭ ގެއްލުމާއި، ކުރިމަގު ހަލާކުވުމާއި މިފަދަ ވާހަކަ އަދިވެސް ބޮޑަށް ދައްކަންވީ