އަގްސާ މިސްކިތް ހިމެނޭ ސަރަހައްދު: އެ މިސްކިތް ހުންނަ ގުދުސްއަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުން ގުދުސްގައި ދަނީ ހަމަނުޖެހުންތައް ހިނގަމުން --ފޮޓޯ:އޭއެފްޕީ
10 ޑިސެމްބަރ 2017 - 16:19
މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއެކު، ހަމަނުޖެހުން ބޮޑުވެފައިވާތީ، ދިވެހިންގެ އުމްރާ ދަތުރުތަކުގައި މަސްޖިދުލް އަގްސާ އަށް ޒިޔާރަތް ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ބަލައިގަތް ކަން އެމެރިކާއިން މިދިޔަ ހަފުތާގައި އިއުލާންކުރީ، މުޅި ދުނިޔެއިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން ގުދުސް އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ހަމަނުޖެހުންތަކާ ގުޅިގެން، އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންވެ، ކަމާބެހޭ ފަރާތްތަކުން ވަކި ގޮތަކަށް އަންގަންދެން، އުމްރާ ދަތުރުތަކުގައި އަގްސާ މިސްކިތަށް ޒިޔާރަތް ނުކުރަން އިލްތިމާސް ކުރާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އުމްރާ ދަތުރުތަކުގައި ތިން ހަރަމަށް ދަތުރު ކުރުމުގެ ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ބައެއް ގްރޫޕްތަކުން އަގްސާ މިސްކިތަށް ޒިޔާރަތް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްކީ
11 December 2017
އަގްސާ މިސްތިކުގެ ފޮޓޯއެއް ޖެހި ނަމަ ގައިމު އާންމުނަށް އޮޅޭގޮތެއް ނުވީސް، މީޑިއާގެ ސަބަބުން އިޒްރޭލްގެ މިޝަން ކާމިޔާބު ވަނީ، އަގްސާ މިސްކިތަކީ ރަން ގުއްބު ކަމަށް މުސްލިމުންނަށް ދެއްކުން ހުޓާލާ، މިއީ އިޒްރޭލުން ބޭނުންވާ ގޮތް.
އެމް.އޭ.ކަރީމް
11 December 2017
ފޮޓޯގަ ބޮޑުކޮށް ފެންނަން އިނީ އަލް ޢަގްސާ މިސްކިތެއް ނޫން.ތިޔައީ ޔަހޫދީންގެ ޕްރޮޕެގެންޑާގެ ދަށުން އޮޅުވާލަމުންދާ އޮޅުވާލުމެއް.އަސްލު އަގްސާ ފަހަތުން ފެންނަށް އިނީ ކަޅު ގުއްބެއްލާފަ.ނޫސްތަކުންވެސް ރަގަޅު މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުން އެދެން.
އަލީ ނާޒިމް
10 December 2017
ރަގަޅު ނިންމުމެއް. އެތަނައް ގޮސް އެންމެންހެން އަނިޔާވެ، މަރުވެ، އެހެނިހެން ތަކުލީފް ތައް އުފުލުމަކީ ރަގަޅު ކަމެއް ނޫން. އެހެނަސް ބަޔަކު އެބަ ބޭނުންވޭ އެތަނައް ނޭވަޔަކު ދެފަހަރު ގޮސް އެމީހުންގެ ފީކަޅާ ކަމުން އަތުން ބީވެ ދިޔާ ބިންތައް އަލުން ހޯދުމައް، ދުނިޔޭގެ އެހެން އެންމެން އެހީވާން. ނަމަނަމަ މިކަމައް ނުހެއްލޭތި! ދިވެހިން މާ ރަގަޅު ވާނެ އަހަރުމެން ގެ ދަރީން ރަގަޅުގޮތުގައި ބޮޑުކުރުމައް ވިސްނިއްޔާ!!!
ލައިން
10 December 2017
އަޤްސާ މިސްކިތް ފެންނަން އެއީ ވަރަށް ކުޑަކޮށް ފަހަތުން އަޅި ކުލައިގެ ހިލަ ގުއްބެއް ލާފަ.. ރަން ގުއްބުލީ މިސްކިތްއެއީ އަޤޞާއެއް ނޫން.
ނީނާ
10 December 2017
ކުޑައިރު ޓީވީ އެމްއިން ވެސް މަސްޖިދުލް އަޤްސާގެ ހަބަރު ކިޔާއިރު ތިޔަ ފޮޓޯ ފެންނާތީ އަޅުގަނޑުވެސް ކުރިން ހީކުރަނީ މަސްޖިދުލް އަޤްޞާއަކީ ފޮޓޯގަ ތިޔައިން ރަންގުއްބުލީ މިސްކިތްކަމަށް.. މީޑިއާތައް އިސްލާހުވެ ހޭލުންތެރިވާން ވެއްޖެ.. މި ކޮމެންޓް ލިބުމުން ފޮޓޯ ބަދަލުކުރާނެކަމަށް އުންމީދުކުރަން
އަސްލު
10 December 2017
މީޑިއާތައް ހޭލަން ވެއްޖެ، ޔަހޫދީންގެ ޕްރޮޕެގެންޑާގެ އަވާގަ ދިވެހި މީޑިއާތައްވެސް ޖެހި ނިމިއްޖެ.. މަސްޖިދުލް އަޤްސާގެ ނަންކިޔާ ކޮންމެ ފަހަރަކު ހަބަރުގަ ތިޔައިން މިސްކިތުގެ ފޮޓޯދައްކާ ހަޤީޤީ މަސްޖިދުލް އަޤްސާއަކީ ކޮބައިކަން އޮޅުވާލަން ކުރާ މަސައްކަތަށް ހިތްވަރު ނުދެމާތޯ.. އަސްލު މަސްޖިދުލް އަޤްސާގެ ފޮޓޯތައް ހަބަރުތަކާއެކު ދަޢރުކުރުވަމާ
ހައްޤުބަސް18
10 December 2017
ހަބަރާއެކު ތި ފެންނަނީ އަޤްސާ މިސްކިތުގެ ފޮޓޯއެއް ނޫން.. އެއީ އެތާނވެ ކައިރީގަ ހުންނަ ގުއްބަތުއް ޞަހްރާ އޭ ކިއޭ މިސްކިތް.. ޔަހޫދީންގެ ޕްރޮޕެގެންޑާގެ ދަށުން އޮޅުވާލާ ތާރީޙް ހަނދާން ނެތިކޮށްލުމަށް ތި މިސްކިތް މީޑިއާގަ ދައުރު ޖުރުވަނީ އަޤްޞާ މިސްކިތޭ ކިޔޭ ކޮންމެ ފަހަރަކު.
ހިތާމަ ހުރި
10 December 2017
މޮޔަ ނުވޭ. މަސްޖިދުލް އަގްސާ އަކީ މުޅި ކޮމްޕައުންޑް. ގުރުއާނުގައި އެ އިށާރާތް ކުރާ މިސްކިތަކީ ސުލައިމާނުގެ ފާނު ބިނާކުރެއްވި މިސްކިތް. ގުއްބަތުއް ސަޚްރާ ހިމެނޭހެން. މަސްޖިދުލް ހަރާމް އަކީ ކައުބާ ވަށައިގެން މިސްކިތުގެ ގޮތުގައި ތަރައްގީކޮށްފައިވާ ސަރަހައްދުހެން.
ރިއަލިޓީ18
11 December 2017
އެއީ ޔަހޫދީންގެ މިޝަން ތިޔަ ހުރީ އެމީހުންގެ އަވާގަ ޖެހި ރަނގަޅަށް މޮޔަވެފަ.. އަޤްޞާއަކީ ސުލައިމާނުގެފާނު ބިނާކުރެއްވި މިސްކިތް އެއީ ފުރަތަމަ ހަރަމްފުޅު.. ސުލައިމާން ބިން އަބްދުލްމަލިކު ބިނާކުރެެއްވި ރަންގުއްބުލީ މިސްކިތް އެއީ މާފަހުގެ ތަނެއް.. ކޮމްޕައުންޑޭ ކިޔާ އަސްލު އޮޅުވާލަން ނޫޅޭ... ދުވަސްކޮޅަކުން ތިކަހަލަ މީހުން ބުނާނެ މުޅި ސައުދީއެއީ މައްކާގެ ހަރަމްފުޅުގެ ކޮމްޕައުންޑޭ.. ސައުދީގެ ކޮންމެ ސިޓީއަކަށް ގޮސް ހައްޖުކުރެވޭނެއޭ.. މޮޔަވެފަ ތިޔަހުރީ ކަލޭ..
އިޙްސަ
10 December 2017
ފޮޓޯގަ އެވަނީ އަސްލު އަޤުޞާ މިސްކިތްތަ؟
ޖީޕް
10 December 2017
އަޤްސާ މިސްކިތަށް ނުދިޔުމަކީ ޔަހޫދީންނަށް ލިބޭނެ ކާމިޔާބެއް. ދުނިޔޭގެ ދެވެން ހުރި މުސްލިމަކު ދާންވީ ހަމަ. ޒިހްޔޫނީ އަނިޔާވެރިކަމަށް ކުޑަކަކޫ ޖަހާނެ ކަމެއް ނެތް