25 ޖެނުއަރީ 2018 - 12:53
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވަނީ އެނޫ ންގޮތެއް ނެތިގެން ނޫން ކަމަށާއި އެއީ އޭނާ އިޚުތިޔާރު ކުރެއްވި ގޮތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ޝެއިހް އިމްރާން ޖަލުގައި ހުންނަވާތާ މިއަދަށް 1000 ދުވަސް ވީ އެވެ. އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ޝެއިހް އިމްރާނު ޖަލުގައި ހުންނެވީ އެނޫން ގޮތްތައް ހުރެމެ، އެކަމަކު މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމަށް ދޫދެއްވަން ބޭނުން ނުވާތީ ކަމަށެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ޖަލުގައި އެ އިންނަވަނީ ޖަލުގައި އިންނަވަން ޗޫސް ކުރައްވައިގެން. ނުވަތަ އެގޮތަށް އެކަން ކުރަން އިހުތިޔާރު ކުރައްވައިގެން. ފަސޭހަ ގޮތްތައް ލިބުމުގެ ފުރުސަތު އޮތް ވެސް މެ. މިއަދުގެ ސަރުކާރަށް އެމަނިކުފާނު އަޑު އުފުއްލެވި މި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައާ އަދި ނޭއްގާނީ ކަންތައް ކަމަށް ވެފަ އެ ކަންތައް އެހެން އޮތްހާ ހިނދަކު އެކަމަށް ދޫނުދެއްވުމަށްޓަކައި އެމަނިކުފާނު ޖަލުގައި އިންނަވަން އެޗޫޖް ކުރައްވަނީ،" ޝިދާތާ ވިދާޅުވި އެވެ.
ޝެއިހް އިމްރާނަށް ޖަލުގައި ހުންނެވުން ނޫން ގޮތްތައް ހުރި ކަމަށް ޝިދާތާ ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. ދޭތެރެ ދޭތެރެއިން އިމްރާން ގޭ ބަންދަށް ބަދަލުކުރެ އެވެ.
އިމްރާން ޖަލަށް ލައިފައި ވަނީ ނުހައްގުންކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އިމްރާނަށް ޖަލު ހުކުމް އިއްވިއިރު ޝަރީއަތް ހިންގާފައިވަނީ ނުފޫޒް ބޭނުން ކުރައްވައިގެން ކަމަށެވެ. ދެހާސް ދުވަހު ޖަލުގައި ހުންނަވަނަ ޖެހިވަޑައިގަތަސް އިމްރާނުގެ ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
އިމްރާން ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމަކުން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިއްޔެ ވިދާޅުވެފައިވާއިރު އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އަލުން ބަލައިދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ގޮވާލެއްވި އެވެ.
އަދީބަކީ ޖަރީމާތައް ހިންގުމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމަށް އިމްރާން ކުރިން ތުހުމަތު ކުރައްވާފައިވާއިރު އަދީބުގެ ވާހަކަތައް އަދާލަތު ޕާޓީން ގަބޫލްކުރަންތޯ ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ އިމްރާން ޖަލަށް ލާފައި ވަނީ ނުހައްގުންކަން އަބަދުވެސް ގަބޫލް ކުރައްވާ ކަމަށެވެ.
މި ސަރުކާރާ ދެކޮޅަށް އިމްރާން މަސައްކަތް ކުރައްވަން ފެއްޓެވުމުން އެކަން ގަބޫލް ނުކުރެވޭ ބަޔަކު އަދާލަތު ޕާޓީގެ ތެރޭގައި ތިއްބެވި ކަމަށާއި މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުން އެނބުރި އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
26 January 2018
ތަޅުދަޑި ވެސް އެއްލާލާފިން! ދެނޯ؟
ފުންއަސަރު
25 January 2018
ފަސޭހަ ކަމަކަށްވެގެން މީހަކު ޖަލުގާ ހުންނާނެތަ؟ އިތުރު ގޮތެއް އޮތްނަމަކަ އެތާކު ނުހުންނާނެ. ސިކުނޑިއަށް ގަބޫލުކުރެވޭ ޒާތުގެ ވާހަކަ ދައްކަބަލަ.
ވާނުވާ....
25 January 2018
ޝޭޙް އިމްރާން އެ ކުރައްވާހިއްވަރު ކުރެވޭނެ މީހަކު ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަކުން ނުފެންނާނެ.
އަޙްމަދު.
25 January 2018
ހެހޭ: ގޮތް ހުސްވެގެން. ހިތުން މޮޅު ވާހަކާއެއް!
ސުޖާ
25 January 2018
ކުރިން އިމުރާނާމެދު ދެކޭގޮތް ބަދަލުވީ ކޮންމެސަރުކާރަކުން ކުރިޔަސް ނުބައިކަމެއް ވާނީ ނުބައިކަމަކަށޭ ކިއާފަ މިސަރުކާރުގެ ކަރެޕުސަނާ ފަސާދަޔާ ދެކޮޅައް އަޑު އުފުލަންފެށި ހިސާބުން! އިމުރާނައްވެސް އެކަން ތައްތައް ގަބޫލު ކޮއްގެން ބޮޑު މަގާމެއްގަ ހުރުމުގެ ފުރުސަތުއޮތް
އިންސާނާ
25 January 2018
ރާއްޖެ ދޫކޮއް ފިލާދިއުން ނޫން އެހެން އިތުރުގޮތެއް ނިކަން ދައްކަބަލަ މަންޖޭ