ށ. ގާކޮށިބީގައި ހަދާ ރިސޯޓު: އެ ރިސޯޓު ހުޅުވުން މިހާރު ވަނީ އޭޕްރިލް މަހަށް ފަސްކޮށްފައި.
01 ފެބުރުއަރީ 2018 - 16:55
ށ. ގާކޮށިބީގައި ހަދާ މަތީ ފެންވަރުގެ ރިސޯޓު ހުޅުވުން އަންނަ އޭޕްރިލް މަހަށް ލަސްކޮށްފި އެވެ.
"ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި"ގެ ނަމުގައި ހަދާ 120 ލަގްޒަރީ ވިލާގެ ރިސޯޓު ކުރިން ހުޅުވަން ހަމަޖައްސާފައި އޮތީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އެންމެ ބޮޑު ފަޅު ހިމެނޭ ރިސޯޓުގައި، އެންމެ ކަނޑު އަޑީގެ ފުރަތަމަ ސްކަލްޕްޗާ މިއުޒިމް ވެސް ހުންނާނެ ކަމަށެވެ. އެ މިއުޒިމް ހެދީ އިނގިރޭސިވިލާތުގެ ކުރެހުންތެރިއެއް ކަމަށްވާ ޖޭސަން ޑިކެއާސް ޓޭލާސް ކިޔާ މީހެކެވެ. ނެޝަނަލް ޖިއޮގްރަފިކުން ވަނީ އެ މަސައްކަތަށް ދުނިޔޭގެ އެންމެ މޮޅު 25 މީހުންގެ ތެރޭގައި އޭނާ ހިމަނައިފަ އެވެ.
ކުރިން އޭޑީކޭ ޓްރެވަލްސް އިން 2007 ވަނަ އަހަރު ތަރައްގީކުރަން ފެށި ރަށް ސިންގަޕޫރުގެ އެސް ސީ ކެޕިޓަލް ކިޔާ ކުންފުންޏަށް ވިއްކައިލީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވާ އެ ރިސޯޓު ވިއްކާލިއިރު އޮތީ 60 ޕަސެންޓް މަސައްކަތް ނިމިފަ އެވެ.
ރާއްޖޭގައި އަލަށް ރިސޯޓެއް ހިންގާ ފެއާމޮންޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ހޮޓާތަކެއް ހިންގަމުންނެވެ. އެގޮތުން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޕްލާޒާ ހޮޓެލް އާއި ލަންޑަންގައި ހުންނަ ދަ ސެވޮއީ އަދި ޗައިނާގެ ޝަންހާއީގައި ހުންނަ ފެއާމޮންޓް ޕީސް ހޮޓެލް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy