ބާސެލޯނާ މެޗެއްގެ ތެރެއިން ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
19 ފެބުރުއަރީ 2018 - 10:02
ލަންޑަން (ފެބްރުއަރީ 19) - ވިގަން އެތުލެޓިކް 2005 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވިއިރު އެ ޓީމާ ގުޅުމާ ވަރަށް ގާތަށް ދިޔަ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އެފްއޭ ކަޕްގައި މިރޭ ރަށުން ބޭރުގައި ވިގަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ވިގަންގައި އޭނާ އަށް ފުރުސަތު ނުލިބުނީ ފިޓްނަސް ރަނގަޅު ނުވުމުން ކަމަށެވެ.
"އަހަރެން ހުރީ ވިގަން އަށް ކުޅޭ ފެންވަރުގައެއް ނޫން. އެއީ ހަގީގަތަކީ. އަހަރެން ހުރީ ވަރަށް މުސްކުޅިވެފައި. އެކަން ގަބޫލުކުރަން ޖެހޭ. އަހަރެން ވަރަށް ބޭނުންވި އިނގިރޭސި ފުޓްބޯޅައިގައި ތަޖުރިބާ ކޮށްލަން. އެހެންވެ ވިގަންގެ ހުށަހެޅުމަށް ފުރަތަމަ އެއްބަސްވީ. އެ ގޮތަށް އެއް ފަހަރު މެންޗެސްޓާ ސިޓީ އަށް ވެސް އައިން،" ބާސެލޯނާ އަށް 250 އަށް ވުރެން ގިނަ މެޗު ކުޅެދިން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އަކީ ނުވަ ދިހައިގެ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރެކެވެ. އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ވަނީ ގިނަ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ބާސެލޯނާ އިން ކެރިއަރު ފެށުމަށް ފަހު ގާޑިއޯލާ ކުޅުން ހުއްޓާލީ 2006 ވަނަ އަހަރު މެކްސިކޯގެ ކްލަބް ޑިޕޯޓިވޯ އިންނެވެ. އޭގެ ކުރިން އޭނާ ވަނީ އިޓަލީގެ ރޯމާ އާއި ބްރެޝިއާ އަދި ގަތަރުގެ އަލް އަހްލީ އަށް ކުޅެފަ އެވެ.
ގާޑިއޯލާ ބުނީ މިރޭ ވިގަންއާ ދެކޮޅަށް ކުޅޭ މެޗުގައި ބޭނުންކުރާނީ ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ކަމަށެވެ.
"ކްލައުޑިއޯ (ބްރާވޯ) ކުޅޭނެ. އަހަރެމެން ގަރަބާއޯ ކަޕް ފައިނަލުގައި މި އޮތީ އޭނާގެ ސަބަބުން. އޭނާ އަށް ހައްގު ފުރުސަތެއް މިއީ ކަޕް މުބާރާތްތަކުގައި އޭނާ އަބަދުވެސް ތަފާތު ދައްކާ،" ގާޑިއޯލާ ބުންޏެވެ.
އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަށުން ބޭރުގައި ތިން ވަނަ ޑިވިޝަންގެ ރޮޗްޑޭލްއާ 2-2 އިން އެއްވަރުވެފަ އެވެ. އިއާން ހެންޑަސަން ރޮޗްޑޭލަށް ލީޑުނަގައިދީފައިވަނިކޮށް ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޕީއެސްޖީ ދޫކޮށް ދާދި ފަހުން އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ލޫކަސް މޯރާ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ހެރީ ކޭންގެ ޕެނަލްޓީން ޓޮޓެންހަމުން ލީޑުނެގި އެވެ. އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ރޮޗްޑޭލްގެ ސްޓީވް ޑޭވިސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy