ބަންގްލަދޭޝްގެ ކޮލެޖުގެ ދަރިވަރުން މިއަދު ކަޅު ބެޖު ޖަހައިގެން ހިތާމައިގައި.
13 މާޗް 2018 - 18:36
ޑާކާ (މާޗް 13) - ޑާކާ އިން ފުރައިގެން ކަތުމަންޑޫ އަށް ދަތުރުކުރި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓު އިއްޔެ ވެއްޓި މަރުވި 49 މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ސިލްހެޓް ޖަލާލްއާބާދު ރާގިބް ރަބީއާ މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވާ ނޭޕާލުގެ 13 ދަރިވަރުން ހިމެނެ އެވެ.
ބަންގްލަދޭޝްގެ ކޮލެޖް މިހާރު ވަނީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ. އަދި ކޮލެޖުގެ ސްޓާފުންނާއި ދަރިވަރުން މިއަދު ތިބީ ކަޅު ކުލައިގެ ބެޖް ހަރުކޮށްގެންނެވެ. މިއަދުގެ ހުރިހާ ކްލާސްތަކާއި ޓެސްޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ނޭޕާލުގެ ދަރިވަރުން އަމިއްލަ ގައުމަށް ދަތުރުކުރީ ބަންގްލަދޭޝްގެ ކޮލެޖުގެ ފަހު އިމްތިހާނަށް ފަހު ޗުއްޓީގަ އެވެ. ނޭޕާލުގެ 33 މީހުން ބޯޓުން ދަތުރުކުރި ކަމަށެވެ. އަދި ބަންގްލަދޭޝްގެ 32 މީހުންނާއި ޗައިނާ މީހަކު ވެސް ދަތުރު ކުރި އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ނޭޕާލުގެ 11 މީހުންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި ދިވެހި ޑޮކްޓަރު ހިމެނެ އެވެ. ގިނަ މީހުން ސަލާމަތްވެފައި ވަނީ ބޯޓުގެ ކުޑަ ދޮރުންނާއި އިމަޖެންސީ ދޮރުން ފުންމާލައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy