ކަތުމަންޑޫ އެއާޕޯޓަށް ބޯޓު ވެއްޓިފައިވާ ސަރަހައްދުން ބޯޓެއް ނައްޓާލަނީ. --ފޮޓޯ:އޭއެފްޕީ
15 މާޗް 2018 - 12:25
ކަތުމަންޑޫ (މާޗް 15) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަނިކޮށް ވެއްޓުނު ބޯޓުން ޒަޚަމްވި ބައެއް މީހުން އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފޮނުވަން ނިންމައިފި އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓް ބީއެސް211 ނޭޕާލްގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓުމުން ވަނީ 49 މީހުން މަރުވެފަ އެވެ. އެ ބޯޓުން 71 މީހުން ޒަޚަމްވި އެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ޑރ. ރިޒްވާނުލް ހައްގު ޝެރަން ވަނީ ސިންގަޕޫރަށް އިއްޔެ ފޮނުވައިފަ އެވެ. އޭނާ ގެންދިޔައީ އެއާ އެމްބިއުލެންސެއްގަ އެވެ. ރިޒްވާނުގެ އާއިލާގެ ބައެއް މީހުން ބުނީ ހުރިހާ ޚަރަދަކާ ހަވާލުވެފައި ވަނީ ޔޫއެސް-ބަންގްލާ އެއާލައިންސް އިން ކަމަށެވެ. ޑާކާގެ ރަންގްޕޫރު މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމު އަދާކުރާ ރިޒްވާން އެޑްމިޓްކޮށްފައި ވަނީ ސިންގަޕޫރް ޖެނެރަލް ހޮސްޕިޓަލްގަ އެވެ. އޭނާ އަށް ކުރިން ފަރުވާ ދިނީ ކަތުމަންޑޫގެ އޯއެމް ހޮސްޕިޓަލުގަ އެވެ. އޭނާގެ ހަށިގަނޑުގެ 40 ޕަސެންޓް ވަނީ ފިހިފަ އެވެ.
އޭގެ އިތުރުން ބަންގްލަދޭޝްގެ ދެ މީހުންނާއި ނޭޕާލުގެ ރައްޔިތަކު ވެސް ވަނީ އިތުރު ފަރުވާ އަށް އެހެން ގައުމުތަކަށް ފޮނުވަން ނިންމައިފަ އެވެ. ސަލާމަތްވި ބަންގްލަދޭޝްގެ ދެ މީހަކު އިންޑިއާ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު އިއްޔެ ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1212
15 March 2018
އަނެއްކާ ނުވެއްޓެއްޗޭ..
އަހުމަދު ސަލީމް
15 March 2018
އެކީއްވެބާ؟ މިހާރު އެމީހުން އަސްލު ގެންނަންޖެހޭނީ ޗަމްޕާ ހޮސްޕިޓަލަކަށްނު... ކޮން ސިންގަޕޫރެއް!!!!