ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު. -- ފޮޓޯ: އެފްއޭއެމް
18 މާޗް 2018 - 12:52
ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދަށް ރޭ ޓީމުގެ ބައްދަލުވުމަކަށް ދިއުމަށް ދިން ދައުވަތަށް އޭނާ ފުރަގަސްދީފި އެވެ.
އެނގިފައިވާ ގޮތުގައި އިމްރާން އަލުން ޓީމަށް ގެންނަން ޓީމުގެ އާ ކޯޗު ޕީޓާ ސެގާޓާ ބޭނުންވެ އެވެ. ސްކޮޑުގައި ހިމަނަން ބޭނުންވާ 50 ކުޅުންތެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް އިމްރާނަށް ދައުވަތު ދިނީ ވެސް އެހެންވެ އެވެ.
އިމްރާން މިއަދު ބުނީ އޭނާ އެ ބައްދަލުވުމަށް ނުދިޔައީ އޭނާ އަކީ ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކުޅުންތެރިޔަކަށްވާތީ ކަމަށެވެ. އަލުން ގައުމީ ޓީމަށް ކުޅެފާނެތޯ އެހުމުން އިމްރާން ބުނީ އެފަދަ ވިސްނުމެއް އަދި ނެތް ކަމަށެވެ.
"އަދި ޔަގީނުން ވެސް އަޅުގަނޑު ނުވިސްނަން އެނބުރި ދިއުމަކާ މެދު،" އިމްރާން ބުންޏެވެ.
އިމްރާން 17 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އުމުރުން 37 އަހަރުގެ އިމްރާން އޭރު ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނެގި އެންމެ އުދަނގޫ ނިންމުން ކަމަށާއި އެކަމަކު އެއީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށް ގައުމީ ޓީމާ ދުރަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށް ދެކޭ ކަމަށެވެ.
އިމްރާން ކުޅުން ހުއްޓާލީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައިކޮށްދިނުމަށް ފަހު އެވެ. މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތުމުން ކޮލިފައިންގައި އޭނާ ކުޅެން ސަޕޯޓަރުން ބޭނުންވި ވެސް ވި އެވެ.
އިމްރާންގެ ބަދަލުގައި ގައުމީ ޓީމަށް ކުޅެން ތިބި ދެ ކީޕަރުންގެ ތެރެއިން ވިކްޓަރީގެ މުހައްމަދު އިމްރާން ވެސް ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އޭނާ އެގޮތަށް ނިންމީ ފުރުސަތު ނުލިބޭތީ އެވެ. ދެން ހުރީ ނިއުގެ މުހައްމަދު ފައިސަލެވެ.
ނިއުގައި ފައިސަލާއި އިމްރާން ތިބި ނަމަވެސް އަދި ވެސް ގިނަ މެޗުތަކުގައި އެއް ނަމްބަރު ކީޕަރުކަން ކުރަނީ އިމްރާނެވެ. ބެލެވޭ ގޮތުގައި ޓީމަށް އޭނާ ގެންނަން ސެގާޓް ބޭނުންވީ ވެސް އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އަތުން 3-1 އިން ނިއު ރޭޑިއަންޓް މިދިޔަ ހަފުތާގައި މޮޅުވި މެޗު ވެސް ބެލުމަށް ފަހު އެވެ.
ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ (ކ) އާއި އިމްރާން ނިއުގެ ޖާޒީގައި: މި ވަގުތު ރާއްޖޭގައި ކުޅޭ އެންމެ ހުނަރުވެރި ދެ ކުޅުންތެރިން. –ފޮޓޯ: ނިޝާން އަލީ/ މިހާރު
އާ ކުޅުންތެރިންނާ އެކު ކުރިމަގަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް އެފްއޭއެމުން ސެގާޓާ ހަވާލުކުރި ނަމަވެސް އޭނާ ވަނީ އެ މަގުން ދަތުރުކުރާއިރު ކުރިމަތިވާ މުބާރާތްތަކުން ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
އެގޮތުން ކިތަންމެ މުސްކުޅިޔަސް، ކިތަންމެ ދަށް ޑިވިޝަނެއްގައި ކުޅުނަސް ހުނަރު ހުރެފައި މަސައްކަތްކުރަންޏާ އެ ކުޅުންތެރިޔަކު ޓީމަށް ނަގާނެ ކަމަށް އޭނާ ބުންޏެވެ.
"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެކަމަކު ގައުމީ ޓީމުގެ ދޮރު އެއްވެސް ކުޅުންތެރިޔަކަށް އަހަރެން ބަންދެއް ނުކުރާނަން. ކޮލިޓީ ހުރިއްޔާ، އަހަރެމެންގެ ފިލޯސަފީ އަށް އިހުތިރާމްކުރަންޏާ އުމުރަކަށް ނުބަލާނަން،" ސެގާޓް ބުންޏެވެ. "ދިވެހިރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ ކުޅެން. އަހަރެން ދެ ވަނަ ޑިވިޝަން ވެސް ތިން ވަނަ ޑިވިޝަން ވެސް ބަލާނަން. މި ވަގުތުން ފެށިގެން ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ."
ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާ މި ކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.
އިމްރާން ފަދަ ހުނަރުވެރި ކީޕަރެއް އަދި އޭނާ ފަދަ ލީޑަރެއް މިވަގުތު ގަލޮޅު ދަނޑުން ފެންނަން ނެތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސެގާޓް ވެސް ވަނީ ކުރިމަގަށް ބިނާކުރާ އާ ޖީލުގެ ކުޅުންތެރިން ގޮވައިގެން އުޅޭނެ ލީޑަރުން ބޭނުންވާ ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީޕް
19 March 2018
މާ ބޮޑާ ހާކާނެ ކަމެއްނެތް
މާހިރު
18 March 2018
އިމްރާނަކީ ފުޓުބޯޅައިން ޤައުމަށް ރީތިނަން ހޯދައިދީ މީހުންގެ ލޯބި ހޯދާފައިވާ މީހެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށްކަމަށްބުނެ ޤައުމީޓީމަށް ކުޅުން އަމިއްލައަށް ހުއްޓާލުމަކީ ޤައުމަށް އެންމެ ރަނގަޅުވާނެ ގޮތްކަމަކަށް ނުފެނެއެވެ. މިހާރުގެ ކޯޗު ބުނެފައިވާ ފަދައިން މުހިއްމީ ޢުމުރެއް ނޫނެވެ. ކޮންމެ ބަޔަކު ޓީމުގައި ތިބެގެންވެސް ނަތީޖާ ރަނގަޅުވަންޏާ ނިމުނީއެވެ. ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތްކުރެވެންޏާ ޒުވާން ކުދިންވެސް އުފެދޭނެއެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އިމްރާން ޤައުމީޓީމަށް ނުކުޅުމުން ދެން ޓީމަށް ނަގަންތިބީ ބަދަލު ކީޕަރުންގެ ގޮތުގައި ބެންޗުގައި ތިބި ކީޕަރުންނަށްވުމަކީ ރާއްޖޭގެ ޓީމަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެއްކަމަށް ފެނެއެވެ.
ހަލީލާ
19 March 2018
އިމްރާން އަކީ ވިސްނޭ މީހެއް. އަބަދު އިމްރާން އަޝްފާގް މެން ލައިގެން ކުޅެން އުޅޭތީ ރާއްޖެ މޮޅު ނުވެގެން މި އުޅެނީ. އާ ކުޅުން ތެރިން ނަށް ފުރުސަތު ދީގެން މިކަން ވާނީ. މާހިރު މެން ފުޓްބޯޅަ ނުބަލާ ބަށި ކުޅޭތަން ބަލާތީ ތިހެން ތިވަނީ. ..ޕ
މާހިރު
19 March 2018
ހަލީލާ ބޭނުންވަނީ ޓީމުގައި ޒުވާން ކުޅުންތެރިން ތިބުން ހެއްޔެވެ. ނޫނީ މޮޅު ކުޅުންތެރިން ތިބުން ހެއްޔެވެ. ޔަޤީނުންވެސް ނަތީޖާ ނެރެވޭނީ މޮޅު ކުޅުންތެރިން ތިބެގެންނެވެ.
މޯޑު
18 March 2018
ދެކުނު ކޮރެއާ މެޗުން ރާއްޖެ ބަލި ވީ ނޫންތަ 1-0 ކުން.
މުއުމިނާ
19 March 2018
މޯޑު، ކަލޭ ތީ ފުޓުބޯޅަ ބަލާ މީހެއްތަ އަޅެ؟ ރާއްޖެ އާ ސައުތުކޮރެއާމެޗު އެއްވަރު ވުމުން އެވާހަކަ އޭރުގެ އީ އެސް ޕީ އެން އިންވެސް ގެނެސްދިން. އެހެން ނޫނަސް މިދާވަރުން ދަންޏާ ކަލޭބުނެފާނެ ދޯ 2008 ގަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގަ ވެސް ރާއްޖެ އިންޑިއާ އަތުން ބަލިވީ ހަމަ ތިބުނިި ނަތީޖާއިންނޭ
ކޮއި
20 March 2018
ތިކޮއި ހަމަތަ؟
ސިދުގީ
20 March 2018
ސުމެއް ސުމަކުން ރާއްޖެ މޮޅުވީއޭ އަހަރުމެން ކިޔަމުން މިއަދާހަމައައްވެސް މިއަންނަނީ
ރަދީފް
18 March 2018
މިހާރު ނެތެއްނު ގައުމެއް.މިހާރު އޮންނަނީ އެންމެ މީހެއް.އިފް ޔޫ ނޯ ވަޓް އައި މީން.
ޓޮކްހ
18 March 2018
ހެޔޮ ނުވާނެ ކޮންމެ ކަމެއް ސިޔާސީ ނުކުރެބަލަ، ކޮންމެ މީހަކު ވެރިކަން ކުރިޔަސް މަ ދާނަން ގައުމީ ޓީމަށް ހިތްވަރު ދޭން ދަނޑަށް
ޙގފފ
18 March 2018
ރަދީފުބުނީ ހެޔޮކޮށް. ހަގީގަތް ހާމަކުރުމަކީ އަދި ސިޔާސީ ވުމެއްވެސްނޫން
ހުއްބުލް ވަތަން
18 March 2018
ނަށީދު ދޯ
ހޯއް
20 March 2018
ރަދީފް އެވިދާޅުވީ ހެޔޮކޮށް
ަައަންމަޑޭ
18 March 2018
އިމްރާނުގެނިންމުންރަނގަޅު އިމްރާނުއެނިންމުންނިންމީ ޒުވާންކީޕަރުންނައް ފުރުސަތުދިނުމައްކަމައްވާތީ އެއީރަނގަޅުނިންމުމެއް މަރުހަބާ އިމްރާން
ފުންއަސަރު
18 March 2018
ރިޓަޔާ ވުމަށްފަހު އަލުން އެނބުރި ދިއުންވެސް އެހާ ބުއްދިވެރިއެއްނޫން. އެކަމަކު ލިބުނުދައުވަތު ގަބޫލުކޮށް އެތަނަށް ދިއުމަކުން އެއީކީ މައްސަލައެއްނޫން. އަދި އެތަނަށްގޮސް އެކުޅުންތެރީންނަށް އިތުރުހިތްވަރުދީ އާހިތްވަރާއެކު ކަންކަން ކުރީމާ ވާނޭކަން އެކުޅުންތެރީންނަށް ވިސްނައިދޭން އެތަނަށް ދިޔަނަމަ ވަރަށް ސަޅިވީސް. އަހަރެން އިމްރާން އަށް އިޚްތިރާމްކުރަން. އެކަމަކު ދައުވަތު ގަބޫލުނުކުރުން އެއީ އެންމެ ރަނގަޅުގޮތްކަމުގާ ގަބޫލެއް ނުކުރަން.
ހާހުންގާނު
18 March 2018
އެންމެ ރަގަޅުގޮތް އެގޭނީ އިމްރާނަކަށް ނޫންބާ؟
ސިދުގީ
20 March 2018
ބައެއްފަހަރު އެންމެ ރަނގަޅު ގޮއި އިމުރާނައްވެސް ނޭނގިދާނެ
ވާލުސޮރު
18 March 2018
ރާއްޖޭގެ "ޤައުމީ ޓީމް" ގެ ނަމުގަ ހަނދަށް ދާން ފުރުސަތު ލިބުނަސް ގޮތެއް އަދި ލަދެއް ހުރި މީހަކު މިވަގުތު އެކަމަށް އާއެކޭ ނުބުނާނެ! ޢިމްރާން ގެ ނިންމުމަށް މަރުހަބާ!
އިޙްސަ
18 March 2018
އިންމަގެ ނިންމުމަށް މަރުހަބާ. އިންމަ ގައުމީ ޓީމަކަށް ކުޅޭނެކަމެއް ނެތް. ސަޕޯޓު ދޭންވީ. އެކުވެރިކަމުގެ މެޗްވެސް ތަންކޮޅެއް ގިނަކޮށް އަރަންތިބި ކުޅުން ތެރިންނަށް މިކަހަލަ މެޗުތަކުން ފުރުސަތު ދޭންވީ. މިކޯޗާއެކު ރަގަޅު ގައުމީ ޓީމެއް ބިނާކުރެވި ކާމިޔާބީއަށް އެދެން.
ޅަބީބަ
18 March 2018
ހިސާބަށްވުރެ ފޮނީ. ތީ އެފް އޭ އެމް އާއި އޮންނަ ޒާތީ ކަމެއް. ތިއަށްވުރެ ދުވަސްވީ ކީޕަރުން ބުފޮން ވެސް ރިޓަޔާ ކޮށްފަ އެންމެ ފަހުން ނެގި ސްކޮޑުގަ އަލުން ގައުމީ ޓީމުގަ ހިމަނާފަ އޮތީ. އެހެން ނޫނަސް ތި މީޓިން އަކަށް ދިޔުން އެއީ މައްސަލައެއް ކަމަކަށް ނުދެކެން
ވަޅޯމަސް
18 March 2018
އިމްރާނުގެ ނިންމުމަށް އިހުތިރާމް ކުރުން ކިހިނެއްވާނެބާ؟
އިދުރީސް
18 March 2018
ކިރިޔާވެސް ގޮތެއް ހުރި މީހަކު މިހާރު ނުކުޅޭނެ ތި ޓީމަކަށް. އެފް އޭ އެމް ގަތިބި ވަކި ބަޔަކު ބުނާ ބައެއް ޓީމަށް ނަގާނީވެސް. އިމްރާންގެ ނިންމުމަކީ މިއަދު އަމިއްލަ ނަފްސަށް ރެސްޕެކްޓް ކުރާ މީހަކު ނަގާނެ އެންމެ ރަނގަޅު ނިންމުން.