އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމިރޭޓްސްގެ ފްލައިޓެއް ކައިރީގައި އަހުމަދު ޝައްފާގް ފޮޓޯއަކަށް ހުއްޓިގެން: އޭނާ އަކީ އެމިރޭޓްސުން އެއާކްރާފްޓް އިންޖިނިއަރެއްގެ ވަޒީފާ ދިން ފުރަތަމަ ދިވެހި މުވައްޒަފު.-- ފޮޓޯ: ބިޒްނަސް ކެފޭ ލަންކާ
19 ޖުލައި 2016 - 10:30
މަތިންދާބޯޓުފަހަރު ހަދާފައި ހުންނަ ގޮތާއި މަސައްކަތް ކުރާ ގޮތަށް އޭނާ އަބަދު ވެސް ވަރަށް ޝައުގުވެރިވެ އެވެ. އެހެންވެ، ސްކޫލް ނިންމާލުމަށް ފަހު ކިޔަވަން ލިބުނު ފުރުސަތުގައި އިނގިރޭސިވިލާތަށް ގޮސް ކިޔަވަން ނިންމީ ވެސް އެ ދާއިރާއިންނެވެ. އެއާކްރާފްޓް މެއިންޓެނަންސްގެ ރޮނގުން ދެ އަހަރު ދުވަހުގެ ކޯހެއް ނިންމުމަށް ފަހު އެނބުރި ރާއްޖެ އައިސް އައިލެންޑް އޭވިއޭޝަނާ ގުޅުނީ އެ ދާއިރާއިން ކުރިއަށް ދިއުމުގެ އުއްމީދުގަ އެވެ.
އަހުމަދު ޝައްފާގު، 30، ކުރި އެ އުއްމީދު ހާސިލްވުމުގެ ކޮޅުމަތި ފެންނަން ފެށީ 2007 ގައި އެމިރޭޓްސް އެއާލައިންގެ ރާއްޖޭގެ ޓީމާ ގުޅުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިންގެ ރާއްޖޭގެ ސީނިއާ އެއާކްރާފްޓް މެކޭނިކެއްގެ ވަޒީފާ އެވެ.
ދުބާއީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މި ބޮޑު އެއާލައިނުގެ އެއާކްރާފްޓް އެންޖިނިއަރެއްގެ މަގާމު ފުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދިވެއްސަކީ މިއީ އެވެ.
ޝައްފާގް ވަނީ 2012 ވަނަ އަހަރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންޖިނިއަރިން ލައިސަންސް ހޯދައިފަ އެވެ. އޭގެ ސަބަބުން އޭނާ އަށް ވަނީ ދުބާއީގައި، ދުނިޔޭގެ އެންމެ ބޮޑު ވައިޑް ބޮޑީ މަތިންދާ ބޯޓު ބޮއެންގް 777 ފްލައިޓްތަކުގެ އިންޖިނިއަރިންގެ މަސައްކަތް ކުރަން ފުރުސަތު ލިބިފަ އެވެ.
"ޝައްފާގާ މެދު ވަރަށް ފަހުރުވެރިވަން. މީގެން ވެސް ދޭހަ ވަނީ އެމިރޭޓްސް އަކީ ދުނިޔޭގެ އެކި ތަންތަނާއި، މީހުންނާއި ސަގާފަތް ޕެސެންޖަރުންގެ އިތުރުން، ތަނުގެ މުވައްޒަފުންނާ ވެސް ގުޅުވާލާފައިވާ ކަން،" ލަންކާގެ ބިޒްނަސްކެފޭ ނޫހަށް، ލަންކާ އާއި ރާއްޖެއަށް ކަނޑައާޅާފައި ހުންނަ އެމިރޭޓްސްގެ މެނޭޖަރު ޗަންދަނާ ޑި ސިލްވާ ވިދާޅުވި އެވެ.
އެ އެއާލައިނުން ގަބޫލް ކުރަނީ ޝައްފާގަށް މިހާ ހިސާބަށް އާދެވިފައި ވަނީ އޭނާގެ ބުރަ މަސައްކަތާއި ހިތްވަރުން ކަމަށެވެ. އޭނާ ފާހަގަ ކުރެވެނީ ހާސިލް ކުރަން ބޭނުންވާ ކޮންމެ ކަމެއް ވެސް ހާސިލް ކުރަން ގަދަ އަޅާ މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ކަމަށް އެ އެއާލައިނުގެ އިސްވެރިން ބުނެ އެވެ.
ޝައްފާގު ގަބޫލް ކުރާ ގޮތުގައި އެމިރޭޓްސް އަކީ އޭވިއޭޝަން ދާއިރާއިން އާ ހަރުފަތްތަކަށް އަރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަށީގެންވާ ފުރުސަތުތަކެއް ލިބޭނެ ތަނެކެވެ. އެ އެއާލައިނުގައި 135 އަށް ވުރެ ގިނަ ގައުމަށް ނިސްބަތްވާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
އެމިރޭޓްސުން ރާއްޖޭގައި ދަތުރު ފަށާފައި ވަނީ 1987 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭވިއޭޓާރ
20 July 2016
ދުނިޔޭގެ އެންމެ ބޮޑު ވައިޑް ބޮޑީ އެއާކްރާފްޓަކީ ބޮއެންގް B777 އެއް ނޫން. އެންމެ ބޮޑު ވައިޑް ބޮޑީ ޕެސެންޖާ އެއާކްރާފްޓަކީ އެއާބަސް A380. މަރުހަބާ ޝައްފާގް
ރަދީފް
19 July 2016
މަރުހަބާ އަހުމަދު ޝައްފާގް.
ރާޅު
19 July 2016
ވަރަށް ބޮޑަށް އުފާވެއްޖެ. އަދި ވަރަށް ހޫނު ތަހުނިޔާ ފޮނުވަން.
ދޮން އާމިރު
19 July 2016
އޭބްރޯ އޮބި އިނގޭ..
ޒަންޖަބީލު
19 July 2016
މިފަދަ ކުރިއަަރާފައިވާ ކުންފުނިތަކުގެ ޓެކްނިކަލް ގޮތުން މަތީ ފަންތީގެ ވަޒީފާތަކުގައި ދިވެހިން މަސައްކުރުމަކީ ވަރަށް އުފާވެރިކަން ގެނެސްދޭ، އަދި އެހެން ޒުވާނުންވެސް އިންސްޕަޔަރ ވާނެ ކަމެއް.. ޕްރައުޑް އޮފް ޔޫ މޭން.. ކޮންގްރެޗުލޭޝަން ފޮރ ޔުއަރ އެޗީވްމަންޓް..
ރަސީދު
19 July 2016
ޕްރައުޑް އޮފް ޔޫ މޭން.. ކޮންގްރެޗުލޭޝަން ފޮރ ޔުއަރ އެޗީވްމަންޓް.