ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ: އެމްއެމްއޭގެ ރަސްމީ ރިޒާވް ޖެނުއަރީ މަހު އިތުރުވި އިރު ބޭނުންކުރެވޭ ރިޒާވަށް ކުރިއެރުމެއް ނާދޭ.
27 މާޗް 2018 - 15:46
މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށް އިތުރުވިއިރު ބޭނުންކުރެވޭ ރިޒާވަށް ކުރިއެރުމެއް ނާންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު މިދިޔަ މަހު އިގްތިސާދީ ރިވިއުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 625.9 މިލިއަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 31 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް މަހުން މަހަށް ބަލާއިރު ހަތް ޕަސެންޓްގެ އިތުރުވުމެކެވެ.
ރަސްމީ ރިޒާވް ކުރިއެރި ނަމަވެސް ބޭނުންކުރަން ހުންނަ ރިޒާވް ޖެނުއަރީ މަހު ހުރީ 205.6 މިލިއަން ޑޮލަރުގަ އެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓްގެ ކުރިއެރުމެއް ނަމަވެސް މަހުން މަހަށް ބަލާއިރު ފާހަގަކުރެވޭ ބަދަލެއް ނާންނަ ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ.
ބޭނުންކުރެވޭ ރިޒާވުން ދައްކައިދެނީ ޑޮލަރުން ކުރަން ޖެހޭ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާގެ އަދަދެވެ.
އިގްތިސާދީ ރިވިއުގައިވާ ގޮތުން ރާއްޖެއިން މައިގަނޑު ގޮތެއްގައި ރާއްޖެއިން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ގައުމުތަކުގެ ފައިސާއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު ޔޫރޯ އާއި ޕައުންޑު، ސިންގަޕޯރު ޑޮލަރު، ޗައިނީސް ޔުއާން، އިންޑިއަން ރުޕީއާ އަދި ސްރީލަންކަން ރުޕީއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށްވެފައި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy