ހައި ކޯޓު: ބަލި ޖެހުނު މީހާގެ ފަރާތުން އެހެން މީހަކަށް ނުރައްކަލެއް ނެތްއިރު އޭނާގެ ވަޒީފާގެ އެއްބަސްވުން އާކޮށް ނުދިނުން ގާނޫނާއި ޚިލާފް ކަމަށް ހުކުމުގައިވޭ --މިހާރު ފޮޓޯ/ނިޝާން އަލީ
25 ޖުލައި 2016 - 09:54
އެޗްއައިވީއަށް ޕޮޒިޓިވްވުމުން ވަޒީފާގެ އެއްބަސްވުން އާކޮށް ނުދިނުމުގެ ސަބަބުން ވަޒީފާ ގެއްލުނު މީހަކަށް ބަދަލު ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރެއް ދަމަހައްޓައި، އެ މީހާއަށް ބަދަލު ދޭން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މެގަ މޯލްޑިވްސް އެއާލައިންގެ ފްލައިޓް އެޓެންޑެންޓަކަށް އުޅުނު މި މީހާ އަށް 2012 ގައި އެއްޗައިވީ ޖެހުމުން ވަޒީފާއިން އެކަހެރިކޮށް ބެހެއްޓުމަށް ފަހު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވަޒީފާގެ އެއްބަސްވުން އާކޮށް ދޭން މެގަ މޯލްޑިވްސް އިން ވަނީ އިންކާރުކޮށްފަ އެވެ. އެޗްއައިވީ ޖެހޭ މީހުންގެ މައުލޫމާތު ސިއްރުކުރަން ޖެހޭތީ ހައި ކޯޓުން ވެސް ވަނީ މި މައްސަލާގައި ދައުވާކުރި މީހާގެ ހުރިހާ މައުލޫމާތެއް ސިއްރުކޮށްފަ އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އޮކްޓޫބަރު، 2013 ގައި ނިންމީ އެ މީހާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ނުވަތަ އެ މީހާއާ އެއް މަގާމެއްގައި ތިބި މުވައްޒަފުން ވަޒީފާގައި ބޭތިއްބި މުއްދަތަށް އެ މީހާ ވަޒީފާގައި ބެހެއްޓި ނަމަ ލިބޭނެ މުސާރަ އާއި އިނާޔަތްތައް އަނބުރާ ދިނުމަށެވެ.
ޓްރައިބިއުނަލްގެ އަމުރު މެގަ މޯލްޑިވްސް އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ނަމަވެސް ދައުވާކުރި މީހާ މެގަ މޯލްޑިވްސްގައި މިހާރު ވަޒީފާ އަދާކުރަން ބޭނުން ނުވާތީ ހައި ކޯޓުން ނިންމީ އެ މީހާއަށް އެ ވަޒީފާގައި ދެމިހުރެވުނު ނަމަ ތިން އަހަރު ދުވަހަށް ލިބޭނެ މުސާރަ އާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި އެ މީހާއަށް ދޭންޖެހޭނެ ކަމަށެވެ. ތިން އަހަރު ދުވަހަކީ އެ މީހާއާ އެކު އުޅުނު އެހެން މުވައްޒަފުންގެ އެއްބަސްވުން އާކޮށް ދިން މުއްދަތެވެ.
އިސްތިއުނާފް ރައްދުވާ ފަރާތް އާދައިގެ މަތިން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް މީހަކަށް ނުރަައްކަލެއް ނެތް ކަމަށް ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައިވާކަމުން އޭނާގެ ބަލި އޭނާގެ ފަރާތުން އެހެން މީހަކަށް އަރާފާނެ ކަމުގެ ފުރުސަތު އޮތް ކަމަކަށް ނުބެލެވޭ: ހުކުމް
އެޗްއައިވީ ޖެހުނު މީހަކީ ފްލައިޓް އެޓެންޑެންޓަކަކަށް ވެފައި އޭނާ ވަޒީފާގައި ބަހައްޓައިފި ނަމަ ދަތުރުކުރާ މީހުންނަށް ނުރައްކާ އޮތް ކަމަށް ބުނެ، ބޭރުގެ ބައެއް ކޯޓުތަކުގެ ނިންމުންތައް މެގަ މޯލްޑިވްސް އިން ހައި ކޯޓުގައި ފާހަގަކުރި އެވެ. އަދި އެޗްއައިވީ ފަދަ ނުރައްކާތެރި ބައްޔެއް ކްރޫއެއްގެ ގައިގައި ހުރެއްޖެ ނަމަ ޗައިނާއަށް ދަތުރުކުރަން ބޭނުންވާ ވިސާ ހޯދަން ދަތިވާ ކަމަށް ވެސް މެގަ މޯލްޑިވްސްއިން ބުނެފައިވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ އެޗްއައިވީ އާންމުކޮށް ބަލިތަކުގެ ވައިރަސް ފަތުރޭ ގޮތަށް ފެތުރޭ ވައިރަހަކަށް ނުވާއިރު އެ މީހާ އަދާކުރާ އެ ވަޒީފާގެ ގޮތުން އެހެން މީހަކަށް އެއްޗައިވީގެ ނުރައްކަލެއް ނެތް ކަމަށް އަންގައިދޭ ޑޮކްޓަރުގެ ލިޔުމެއް އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ މީހާގެ ވަޒީފާގައި އަދާކުރަންޖެހޭ ޒިންމާގެ ސަބަބުން އެހެން ބަޔަކަށް އެއްޗައިވީގެ އަސަރު ފޯރާނެ ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މީހުންގެ މެޑިކަލް އެގްޒެމިނޭޝަން ހެދުމުގައި އަމަލުކުރާ ގޮތަށް އެ މީހާގެ މެޑިކަލް ޓެސްޓެއް އޯގަސްޓް، 2012 ގައި ހަދާފައިވާއިރު އެ ޓެސްޓުން އޭނާ ފާސްވެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ އޭނާއަކީ އެ ވަޒީފާ އަދާކުރަން އެކަށީގެންވާ މީހެއް ކަމަށް ހުކުމުގައިވެ އެވެ.
"އިސްތިއުނާފް ރައްދުވާ ފަރާތް އާދައިގެ މަތިން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް މީހަކަށް ނުރަައްކަލެއް ނެތް ކަމަށް ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައިވާކަމުން އޭނާގެ ބަލި އޭނާގެ ފަރާތުން އެހެން މީހަކަށް އަރާފާނެ ކަމުގެ ފުރުސަތު އޮތް ކަމަކަށް ނުބެލެވޭ" ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެޗްއައިވީ ހުންނަ މީހުންނަށް ޗައިނާ އިން ވިސާ ހޯދަން އުނދަގޫކަން ފާހަގަކޮށްފައި ވާތީ ހުކުމުގައި ބުނެފައި ވަނީ އެ ކުންފުނިން ދަތުރުކުރަނީ ހަމައެކަނި ޗައިނާއަށް ނޫން ކަމަށާއި ހޮޮންކޮން އާއި ކޮރެއާ އަށް ވެސް އެ ކުންފުނިން ދަތުރު ކުރާތީ އެއީ އެ މީހާގެ އެއްބަސްވުން އާ ނުކުރުމަށް އޮތް ސަބަބެއް ނޫން ކަމަށެވެ. އަދި އެ މީހާ ކުރިން ވަޒީފާގައި ހުރިއިރު ވެސް އޭނާ ހުރީ ހަމައެކަނި ހޮންކޮންގަށް ދަތުރުކުރާ ކްރޫއެއްގެ ގޮތުގައި ކަން ވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ މީހާއަކީ އެޗްއައިވީއަށް މިހާރު ފަރުވާ ހޯދަމުން އަންނަ މީހަކަށް ވާއިރު އެޗްއައިވީ ޖެހިފައި ތިބޭ މީހުންނާ މެދު އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެ ކަމަށް ބައިނަލްއަގްވާމީ ވަޒީފާއާބެހޭ އުސޫލުތަކުގައި އޮންނަ ކަން ވެސް ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ބެއްލެވި އެ މައްސަލާގައި ކުރި އެ ހުކުމުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާޓް
25 July 2016
ތި ބަލިޖެހުނީމަ މީހާ ތިފޮރުވަނީ އެހެނަމީހުން އޭނަ ކިބައިން ސަލާމަތްވެދާނެތީ ދޯ.... މީ އަޖައިބެއްކަހަލަ ދުނިޔެއެއް
ަޭހަސަން
25 July 2016
މި އާޓިކަލް ގައި ނުބުނާ ވަރަށް މުހިންމު ވާހަކައަކީ މެގަ ގެ ފަރާތުން މި މުއައްޒަފަށް ކެބިން ކްރޫ ނޫން އެހެން މަގާމެއްގަ ވަޒީފާ އަދާކުރުމުގެ ފުރުސަތުދިނެވެ. އެކަމަކު އޭނަ ބޭނުން ނުވީ އެކަން ކުރަން ވެސް. އަދި މީގަނުބުނާ ވާހަކައަކީ މިކަމާމެދު މެގަ އިން ސިިވިލް އޭވިއޭސަނުން ލަފައަކަށް އެދުމުން އެބޭފުޅުން ވެސް ވިދާޅުވީ ކެބިން ކްރޫ އަކަށް ނުހުރެވޭނެކަމަށެވެ.
އެނޮނީމާ
25 July 2016
އޭ އޭނަޔަށް އޭތި ޖެހުނީ ކިހިނެއްތަ؟ އެކަން ލިޔުނުނަމަ އެހެންމީހުނަށްވެސް އިބުރަތަކަށްވީސް ކަންނޭގެ.
ވިސްނާލީމާ
25 July 2016
ޔަގީން ތީ ދިވެއްސެއްކަން! އެހެން ނޫން ނަމަ މިހާރު އެމީހަކު ހުންނާނީ އަމިއްލަ ގައުމަށްގޮސް! ފަިސާބޭނުންވެގެން ރާއްޖޭގެ ކޯޓެއްގާ މައްސަލަޖެއްސީވެސް އެހެންވެ! އަދި އެފަދަމީހަކު ރާއްޖޭގާ ބަހައްޓަކަށް ބޭނުމެއްވެސް ނުވާނެ! ރާއްޖޭންބޭރުމީހުން އެޗްއައިވީ ޖެހިފާ ހުރިކަން ޔަގީންވާ ދުވަހުން ފެށިގެން އެމީހަކު ފޮނުވާލުމުގެ މަސައްކަތް މީގެކުރިން ކުރޭ! އެހެންވެ ޔަގީންވަނީ! -އިބްރާހީމް-
ވަޒަންބެ
25 July 2016
މިފަހަރު އިންސާނިއްޔަތުކަން އިސްކުރެވިއްޖެ. ޑީޑީ މެން ހަމަ ؟؟؟؟؟؟؟
އަލީ
25 July 2016
އެޗް އައިވީ ޖެހިފައި ހުރި މީހެއްގެ ފަރާތުން ޚިދްމަތް ލިބިގަންނަ ކަސްޓަމަރުން މަދުވާ ކަމައްވަންޏަ . އެއީ ކުންފުންޏަށް ލިބޭ ގެއްލުމަކަށްވާނެ ،
ގެންޓު
25 July 2016
ހަވީރުގެ ހިއްސާދާރުންނޭ ކިޔާދައުވާކުރި 3 މީހުނަށް ހަވީރު ހުއްޓާލައިފިއްޔާ ގެއްލުންވާނެތީއޭކިޔާ އެމީހުން ދައުވާގަ ނުވެސް ހިމަނާކަމެއް ކޯޓުން އަމިއްލައަށް ހަވީރުގެ މުވައްޒަފުންނަށް ހުކުމްކުރިއިރު ތިޔަބުނާމީހަކު ވަޒީފާގަ ބަހައްޓައިގެން ބޯޓުދަތުރުކުރަންބޭނުންވާ މަންޒިލްތަކަށް ނުދެވިގެން އެކުންފުންޏަށް ލިބިދާނެ ގެއްލުން ނުފެނޭދޯ. ހަމައެކަނި ގެއްލުންވާނީ ހަވީރުގެ އެ ތިންހިއްސާދާރުންނަށްދޯ. ބައިދަވޭ މަވެސް މާލައިކްވާކުންފުންޏެއްނޫން މެގައަކީ. ބަޓް ސްޓިލް އެކްސެޕްޓް ދި ޓްރުތް
އަބޫ
25 July 2016
ޚިދުމަތެއް ދިނުމުގެ މިންގަނޑުންބަލާއިރު މެގަމޯލްޑިވްސްގެ ނިންމުން ރަނގަޅު. ޚުދު ފަނޑިޔާރުންވެސް އެގޮތަށް ވިސްނަންޖެހޭ