ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން- ރާއްޖެތެރެ

ރަށެއްގެ ގޮނޑުދޮށުގައި ދެ އަންހެންކުއްޖަކު ހިތްފަސޭހަކޮށްލަނީ.---ފައިލް ފޮޓޯ: މިހާރު

އަހުމަދު އަބްދުﷲ

05 ޖޫން 2018 - 10:09

24 comments

ޤަދީމީ ދިވެހިރާއްޖޭގައި ރާއްޖެތެރެ އާއި މާލެއާ އަޅާކިޔުމުގައި ވަރަށް ބޮޑު ތަފާތެއް ގެންގުޅުނެވެ. އެ ތަފާތު އެހާ ބޮޑަށް ގެނެވިފައި އޮތީ މާލެ އަކީ އެ ޒަމާނުގައި ރާއްޖޭގައި އޮތް އެންމެ ބޮޑަށް ތަރައްޤީ ވެފައި އޮތް ރަށަށް ވީމަ އެވެ. އަދި މާލެ އަކީ ވެރިކަން ކުރާ ރަށަށް ވީމަ އެވެ. މާލޭގެ އާބާދީ އެހެން ރަށްރަށަށް ވުރެ ބޮޑު ވެފައި މާލޭގައި ކާރޫބާރު ބޮޑު ވުމުންނެވެ. ޒަމާނީ ބޭސްފަރުވާ ކިތަންމެ ކުޑަކޮށް ވިއަސް ކުރެވެނީ މާލޭ ގައި ކަމުގައި ވާތީ ވެ އެވެ. ކިޔަވާ ފުރާވަރުގެ ކުދިން ކިޔަވަން ދާނެ ރަގަޅު ސްކޫލް ވެސް ހުންނަނީ މާލޭގަ އެވެ. ވަޒީފާ ލިބުމުގެ މަގު ބޮޑަށް ތަނަވަސް ވެފައި އޮންނަނީ ވެސް މާލޭގަ އެވެ. ލައިސެންސެއް ނަގަން ޖެހުނަސް، ޕާސްޕޯޓެއް ހައްދަން ޖެހުނަސް އަންނަން ޖެހެނީ މާލެ އަށެވެ. ރާއްޖެ އިން ބޭރަށް ފުރަން ޖެހެނީ ވެސް މާލެ އިންނެވެ. މަގުމަތީގައި ދުއްވޭ ވަރުގެ އެއްޗެއް އޮތިއްޔާ އެ އެއްޗެއް ވެސް އޮންނަނީ މާލޭގަ އެވެ.

އެ ޒަމާނުގައި ރަސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންގެ ޢާއިލާގެ ބޭބޭފުޅުންގެ ގޭގެ އަށް އަތޮޅުތަކުގެ މީހުން ދިއުމުން އެ މީހުންނާ މެދު އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. އަތޮޅުގެ ތެރެއިން އައުމުންނެވެ. ނާތަހުޒީބު ސަރަހައްދަކުން އައުމުންނެވެ. އެ ތަންތަނުން ވެސް އަންނަ ކިޔަވައިގެން ތިބޭ މީހުންނަށް އެ ބޭފުޅުން އިޙްތިރާމް ކުރައްވަ އެވެ. އެބޭފުޅުން އެ ގެންގުޅުއްވާ މިންގަނޑެއްގެ ތެރެއިންނެވެ. އެބޭފުޅުންގެ ގޭގެ ތެރޭގައި ވާހަކަ ދައްކަވާ ބަހުރުވަ ވެސް އާދައިގެ މީހުންގެ ގޭގެ ތެރޭގައި ވާހަކަ ދައްކާ ބަހުރުވައާ ކުޑަކޮށް ތަފާތެވެ. ވަރަށް ޢާއްމުކޮށް ގެންގުޅުއްވަނީ "ފުޅު" ބަހުރުވަ އެވެ. ފެންވަރަން ދިއުމަށް، ނާނާފުޅު ފިިއްލަވަން، ބޭބެ އަށް ބޭބޭފުޅު، ބައްޕަ އަށް ބައްޕާފުޅު، މަންމަ އަށް މަންމާފުޅު، ގިފިއްޔަށް، ނުވަތަ ވަޅު ކޮޓަރި އަށް، އަވަހާރަގަނޑުވަރު ފަދަ ބަސް ބަހެވެ. މި ގޮތަށް ވާހަކަ ދައްކަވަނީ ހަމައެކަނި ސީދާ ރަސްކަލުންގެ ޢާއިލާ އިން ވަޑައިގެން ތިއްބެވި ބޭފުޅުންގެ މެދުގަ އެވެ. މިހާރު ވެސް ރަސްކަލުންގެ ޢާއިލާ އިން ވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ގޭގެތެރޭގައި އެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މިގޮތަށް ވާހަކަ ދައްކަވަ އެވެ. އެބޭފުޅުން ބޮޑާ ކަމަކުންނެއް ނޫނެވެ. އާދައަކަށް ވެފައި އޮންނާތީ ވެ އެވެ. އެ ބޭފުޅުންގެ ސަގާފަތަކަށް ވާތީ ވެ އަދިވެސް ބައެއް ބޭފުޅުންނަށް އެ އާދަތައް ދޫކޮށްލައްވަން ދަތިފުޅު ވަނީ އެވެ. ރަސްކަމެއް ނެތް ތަނެއްގައި ރިޔާސީ ގަނޑުވަރުގައި އުޅުއްވާ ބޭފުޅުންނަކީ ވެސް "ފުޅު" ކަމަށް ފޫޅު ކަނޑާލެވޭނެ ބޭފުޅުންނެއް ނޫނެވެ. އެތާނގައި ތިއްބަވާނީ ވެސް ބައްޕަ އާއި ދަރިކަލުންނާއި މަންމަ އެވެ. "ފުޅާ" ނުލަ އެވެ. އިޙްތިރާމް ކުރުމުގެ ގޮތުން ވެސް "ފުޅު" ނުލާން ވާ މީހަކަށް "ފުޅު" ލައިފި ނަމަ އެ މީހަކީ "ފުޅު" ބޭނުން ކުރެވޭ އުޞޫލު އެނގޭ މީހަކަށް ވާ ނަމަ ވަރަށް ލަދު ގަންނާނެ އެވެ. "އަޅުގަނޑުގެ ހުންނަނީ ބައްޕައެކެވެ. ބައްޕާފުޅެއް ނޫނެވެ." ބުނެ ފައި ހުރި އަޑު އަޅުގަނޑަށް އިވިފައި އެބަ ހުއްޓެވެ.

ރަސްކަމާ އެއްވެސް ގުޅުމެއް ނެތް މާލޭގެ ބައެއް ޒަމާންވި ރަށްވެހިން އެ މީހުންނަކީ އަތޮޅު ތެރެއާ އެއްވެސް ގުޅުމެއް ނެތް ބައެެއް ކަމަށް ދެއްކުމަށް އެ މީހުންނަކީ ހަތަރު މަތިފުށް މާލޭގެ މީހުން ކަމަށް ފަޚުރުވެރި ކަމާ އެކު ބުނެ އެވެ. ހަތަރުމަތި ފުށޭ ބުނަނީ މަންމަ އާއި ބައްޕަގެ މަންމަ އާއި ބައްޕަ މާލެ އަށް އުފަން ވުމުންނެވެ. މި ޒަމާނުގެ ބައެއް ލިއުންތަކުން ހަތަރު ކަށިމަތީގެ ވާހަކައެއް ދައްކަ އެވެ. އުނދަގުލަކަށް ވާނީ އެ ހަތަރު ކަށިމަތި ގުނާނެ ގޮތެކެވެ. މި ޒަމާނުގައި އަތޮޅުތަކުން އަންނަ މީހުންނާއި މާލޭގައި ދިރިއުޅޭ ދެ ތިން ހަތަރު މަތިފުށް މާލޭ މީހުންނާ ތަފާތެއް ގެނެވޭ ކަހަލަ ގޮތަކަށް، ނުވަތަ ތަފާތެއް ފެންނަ ގޮތުގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމަކު ޙަޤީޤަތަކީ މިހާރު ވެސް މާލޭގެ ޒަމާންވި ބައެއް ގޭގޭގައި މި ޚިޔާލު ގެންގުޅޭ ކަމެވެ. މާލޭގެ ރަޖިސްޓަރީގައި ޖެހުމުން މާލޭގެ މީހަކަށް ވީ އެވެ. މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ތަފާތުވާ ގޮތަށް ވާހަކަ ދެކެވިގެން ނުވާނެ އެވެ. އެކަމުގެ ސަބަބުން ބައެއް މީހުންގެ ހިތްތަކުގައި ތަފާތު ކަން އިޙްސާސް ވުމުގެ ރާޅު ބާނީއެއް އުފެދުމުގެ ފުރުޞަތު އޮވެދާނެ އެވެ. މިހާރު ވެސް ސަރުކާރުގެ އެންމެ އިސް މަޤާމްތަކުން ފެށިގެން ދަށުގެ ގިނަ މަޤާމްތަކުގައި ވެސް ތިއްބެވީ އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ.

މާލެ އާއި ރާއްޖެތެރެއާ ބެހޭ ގޮތުން ލިޔެފައިވާ، އަޅުގަނޑަށް ފެނުނު ކުރީ ޒަމާނުގެ ގިނަ ލިއުންތަކުގައި، ރާއްޖެތެރެ ބޭނުން ކޮށްފައި އޮންނަނީ ދެ ތަފާތު ސަރަހައްދެއް ދެއްކުމަށް ވުރެ ބޮޑަށް ފެންވަރުގެ ގޮތުން ދަށު ދަރަޖައިގެ ސަރަހައްދެއް ދެއްކުމުގެ ބޭނުމުގަ އެވެ. މިއީ ބައެއް ބޭފުޅުން ސުވާލު އުފައްދަވާފާނެ ވިސްނުމަކަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް މި ވިސްނުން އަޅުގަނޑުގެ ސިކުނޑި އަށް ގަދަވެގަތުމުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ ދިވެހި ބަސް ފޮތުގައި ރާއްޖެތެރެ ނުއޮވެ އެވެ. އަޅުގަނޑު ބޭނުން ކުރަނީ އަތޮޅުތެރެ އެވެ.

މިހާރު ވެރިކަން ކުރާ ޕާޓީން ރިޔާސީ އިންތިޚާބުގައި ރަނިންމޭޓަކަށް ނެންގެވީ އަތޮޅު ތެރެއިން ވަޑައިގެންނެވި ބޭފުޅެކެވެ. އެކަކު ވެސް އޭނާ ވަޑައިގެންނެވި ތަނެއްގެ ވާހަކައެއް ނުދައްކަ އެވެ. ދެއްކީ އޭނާގެ ޤާބިލިއްޔަތާއި ތަޖުރިބާގެ ވާހަކަ އެވެ. އެ އަށް ފަހު، ޤާނޫނުއަސާސީގެ މާއްދާއެއް އިޞްލާޙް ކޮށްގެން ގެނެވުނު ނައިބް ރައީސްއާ ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް ނޭނގެ އެވެ. މިހާރު ހުންނެވި ނައިބް ރައީސަކީ ވެސް އަތޮޅުގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއާ ބެހޭ ގޮތުން ވެސް ދައްކަނީ އޭނާގެ ޤާބިލިއްޔަތާއި، ތަޖުރިބާގެ ވާހަކަ އެވެ. އޭނާ ވަޑައިގެންނެވި ތަނަކީ މުހިއްމު ތަނަކަށް ނުވެ އެވެ. މިހާރުގެ ސިޔާސީ އުދަރެހަށް ބަލާލާއިރު ރިޔާސީ އިންތިޚާބަށް ޤާނޫނުގައި ބުނާ ޝަރުތުތައް ހަމަވެގެން ކެންޑިޑޭޓެއް ނެރޭ ނަމަ ފެންނަން ތިބީ މުޅިން ވެސް އަތޮޅުތަކުގައި މޫ ހުރި ކެންޑިޑޭޓުންނެވެ. މި ކަހަލަ ކަންތަކުގައި މާލެ އާއި އަތޮޅުތައް ތަފާތު ކުރެވޭ ރާގަށް ވާހަކަ ދެއްކުމަކީ މުޖުތަމަޢުގައި ނުސީދާކޮށް ބައިބައި ވުން އުފެދުމަށް ހިތްވަރު ލިބިދާނެ ކަމަކަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ފަހަކަށް އައިސް މާލެ އާއި އަތޮޅުތަކުގެ ވާހަކަ ދައްކާ އިރު އެންމެ ގިނައިން އިވޭ އަޑަކީ މާލޭގައި ގެދޮރު ހުރި މީހުން އަތޮޅުތަކުން އަންނަ މީހުންގެ އަތުން ބޮޑު ކުއްޔެއް ނަގާ ވާހަކަ އެވެ. މާލޭގެ ގެދޮރުގެ ކުލި ބޮޑެވެ. މާލެ އަކީ ވެރިކަން ކުރާ ރަށަށް ވީމާ ކަމަށް ވެސް ވެދާނެ އެވެ. މިހާރު ހުޅުމާލޭގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ކުލި ބޮޑު ވެއްޖެ އެވެ. ކަަލަމްބޯގައި ކުލި ބޮޑެވެ. ނިއުދިއްލީގައި ކުލި ބޮޑެވެ. ކަޓުމުންޑޫގައި ކުލި ބޮޑެވެ. ލަންޑަނުގައި ކުލި ބޮޑެވެ. ޓޯކިޔޯ އާއި ވޮޝިންގްޓަން ކަހަލަ ތަންތާގައި ވެސް ކުލި ބޮޑެވެ. މާލޭގެ ގެދޮރުގެ ކުއްޔާ ބެހޭ ގޮތުން ބައެއް ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުމަކީ ވެސް ކަންތައް އޮންނަ ގޮތަށް ބަލާފައި ލިޔެފައި އޮންނަ ލިއުމެއް ނޫނެވެ. މާލޭގައި ގެދޮރު އިމާރާތް ކުރާ މީހުން ގެދޮރު އިމާރާތް ކުރަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ލޯނެއް ނަގައިގެންނެނެވެ. އަނެއް ގޮތަކީ ދިގު މުއްދަކަތަކަށް ވިޔަފާރި ވެރިއަކަށް ބިންކޮޅު ކުއްޔަށް ދީގެން އިމާރާތް ކުރުމެވެ. މިހާރު 23 އަހަރުން، 30 އަހަރުން 35 އަހަރުގެ މުއްދަތަށެވެ. ލޯނެއް ނަގާ ނަމަ ބޭންކުތަކުން ލޯނު ދޫކުރަނީ 11 ޕަސެންޓުގެ އިންޓަރަސްޓަށެވެ. ރީތިކޮށްލަން އެ 11 ޕަސެންޓުގެ އިންޓަރެސްޓަށް ކޮންމެ ނަމެއް ކިޔަސް ބޭންކުން ދޫކުރާ ކޮންމެ 100 ރުފިޔާއަކަށް 11 ރުފިޔާ އިތުރުކުރެ އެވެ. ލޯނު ދޫކުރުމަށް ފަހު އެ ލޯނެެއް ދައްކަން ފަށަން ބޭންކުން ބުނާ ތާރީޚުން ފެށިގެން ލޯނަށް ނެގި ފައިސާ ކޮންމެ މަހަކު އިންޓަރަސްޓާ އެކު ދައްކަން ޖެެހެ އެވެ. އެންމެ ދުވަހެއް ލަސްވިޔަސް އެ ތަނުން އެ ހަދާ ހިސާބަކުން އިތުރަށް ފައިސާ ދައްކަން ޖެހެ އެވެ. ލޯނަށް ފައިސާ ނަގައިގެން ކުރާ އިމާރާތް ނިމުނަސް ނުވަތަ ނުނިމުނަސް، އެ ތަނުން އާމްދަނީއެއް ލިބުނަސް ނުވަތަ ނުލިބުނަސް ކަނޑައެޅިފައި އޮތް މުއްދަތުން ލޯނަށް ނެގި ފައިސާ އިން ކޮންމެ މަހަކަށް ޖެހޭ އަދަދަށް ބޭންކަށް ފައިސާ ދައްކަން ވެ އެވެ. މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނުގެ އަގު ކަންޓުރޯލު ކުރަން ބޭނުން ނަމަ، އަގު ތިރި ކުރެވޭތޯ ބަލަން ވެސް ބައިވަރު ކަންތައްތައް ކުރަން ޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބޭންކުން ލޯނަށް ދޫކުރާ ފައިސާގެ އިންޓަރެސްޓު ކުޑަކުރުމެވެ. އެ އީ މުޅި އިޤްތިޞާދަށް އަސަރު ކުރާނެ ކަމެކެވެ. ބޭންކުތަކަކީ އެ ތަނުން ފެންނަ ގޮތަކަށް ކަންތައް ކުރާ ބަޔެކެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އޭސީ ކޮށްފައި ހުންނަ ބައެއް ގެސްޓު ހައުސްތަކުން ދުވާލަކަށް ކޮޓަރިއަކަށް ނަގާ ކުއްޔަކީ 500 ރުފިޔާ އެވެ. ޑަބަލް އެނދަކާއި ކޮޓަރި ތެރެއިން ވަދެވޭ ފާޚާނާއެއް ހުރެ އެވެ. ޓީވީ ހުންނަނީ ބޮޑު ކޮޓަރީގަ އެވެ. ފައިސާކޮޅެއް ގެންގުޅޭ އަރާމު ބޭނުންވާ މީހާ އަށް މި އަގު ރަނގަޅު ވެދާނެ އެވެ. ނަމަވެސް އާދައިގެ ދިރިއުޅުމެއްގެ މީހަކަށް އެއީ މާ ހިތްހަމަޖެހޭ އަގަކަށް ނުވެދާނެ އެވެ.

ޚިދުމަތްތަކުގެ އަގު އަޅާ ކިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ތަފާތު ސަރަހައްދުތަކުގަ އެވެ. އެއީ ބަލަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެތީ ވެ އެވެ.

24 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

08 June 2018

ތިމާމެން އަތުންފައިން މަސައްކަތެއްނުކޮށް “މަޖުބޫރީ ހާލަތުގައި ތިބިބައެއްގެ އަތުން ނަގާ ފައިސާ” ނުވަތަ “ކުލީ އަޅުން”ގެއްލިދާނެތީ ކޮންމެވެސް 4 ކަށިމަތި މީހަކު އިރުޝާދު ދީގެން ލިއުންތެރިޔާ ލިއުނު އެއްޗެއްތޯ؟؟! . . . އަހްމަދު އަބުދުﷲ އަށް ނޭގުނު ކަމުގައި ވިޔަސް އައްޑޫ އަކީ ރާއްޖޭގެ ތަނެއްނަމަ “ތިޔަބުނާ ރަށްގަނޑުގެ ކަށިމަތިތައް” މާލެ އިން އެއްވެސް ވަރަކަށް ލިބެންނެތް ބޭސްފަރުވާ ހޯދުމަށް އައްޑޫ އަށް އައިސް (މިހާރު ތިކިޔާ އާސަންދަ) ފަދައިން ގަމުގެ ހޮސްޕިޓަލުން ހިލޭ ބޭސްކުރުމަށް އައްޑޫ ގެއެއްގެ ރެޖިސްޓްރީގައި ޖެހުނުކަން ވަންހަނާ ކުރުރެވޭނެ. . . . މާޒީގައި ދަތުރު ފަތުރުގައި އެއްވެސް އިރެއްގައި މާލެ އަކީ ތަނެއްނޫން. ކަނޑުބޯޓް ތައް އޭރުވެސް ހުރީ ހުވަދޫ އައްޑޫ ކުޅުދުއްފުށި މީހުން އަތުގަ. . . . އިޤިރޭސިން ގޭން އައިލެންޑް މާލޭސަރުކާރާއި ހަވާލު ކުރުމަށް ސިލޯނުއެމްބަސީގައި ބޭއްވިރަސްމީއްޔާތަށް އިބްރާހިމް ނާސިރު ސިލޯނަށް ދިޔައީ މާލޭ ނުވަތަ ހުޅުލޭގައި އޮތް އެއަރޕޯޓަކުން ފުރައިގެންތޯ؟ ތާރީޙް އޮޅުވާނުލާ.

The name is already taken The name is available. Register?

ބަދި

06 June 2018

ދުނިޔޭގެ އެކި ތަންތާ ކެޕިޓަލް ސިޓީ ތަފާތު ތަންކޮޅެއް ބޮޑްވަރު މާާލެއެއީ

The name is already taken The name is available. Register?

އަންދަލާ

05 June 2018

"ރީތިކޮށްލަން އެ 11 ޕަސެންޓުގެ އިންޓަރެސްޓަށް ކޮންމެ ނަމެއް ކިޔަސް ބޭންކުން ދޫކުރާ ކޮންމެ 100 ރުފިޔާއަކަށް 11 ރުފިޔާ އިތުރުކުރެ އެވެ." މި ޖުމުލާގައި ލިޔުންތެރިޔާ ބުނެފައިމިވާ "އިންޓަރެސްޓަށް ކޮންމެ ނަމެއްކިޔަސް" މިއީ އެއްގޮތަކަށްވެސް ރަގަޅު ވާހަކައެއްނޫނެވެ.ވިޔަފާރިއެއް ކުރަންޏާ ފައިދާ އެއް ނަގާފައި ނޫނީ އެކަމެއް ނުކުރާނެއެވެ.އެހެން ނޫނީ ވާނީ ބަނގުރޫޓެވެ.އިސްލާމީ މާލީ ނިޒާމަކީ ފައިދާއާއި ގެއްލުން ދެފަރާތް ހިއްސާވާގޮތަށް ރޭފިފައި އަދި ރިސްކު ދެފަރާތަށް އޮންނަގޮތަސް އޮންނަ ނިޒާމެކެވެ.ލިޔުންތެރިޔާ އަށް އިސްލާމީ މާލީ ނިޒާމާއި ބެހޭ މަޢުޟޫ ފަހުމް ކުރުމަށް އިލްތިމާސް ކުރަމެވެ.

The name is already taken The name is available. Register?

ޕަޕެޓް މޭން

05 June 2018

ހަމަ ބުއްދީގެ ބޭނުން ކޮށްގެން ވިސްނައިފި މީހަކަށް އެންގޭނެ މިހާރު މާލޭގައި ހަމައެއް ލަމައެއްނެތި އަޅަމުންދާ އިމާރާތްތަކާއި "އެސްލޯނު ހޮޅި" އެޅި މަގުތައް ކުރިޔަށް އޮތް ފަންސާހަކަށް އަހަރުތެރޭ ވީރާނަވެދާނެކަން، އޭރަށް ހުންނާނީ ހުޅުމާލެ އަދި ރާއްޖޭގެ އާބާދި ބޮޑު ސީޓީތައް ފުރިހަމައަށް ތަރައްގީވެފައި، "މާލެތެރޭ" ދެންވާނީ ސްލަމް ސިޓީ އަކަށް، "ބޭފުޅުންނަށް" ވަރަށް ވެދުން....

The name is already taken The name is available. Register?

ބެރުބެ

05 June 2018

ތަންތަން ކުއްޔަށް ދިނުމުގެ ވިޔަފާރިއަކީ ރެގިއުލޭޓް ނުކޮށް އޮންނަ ހަމައެކަނި ވިޔަފާރި. ރަޖިސްޓްރީ ނުކޮށް އެންމެ ބޮޑު ފައިދާ ލިބޭ ވިޔަފާރި. ޖީ.އެސް.ޓީ ދައްކަން ނުޖެހޭ ވިޔަފާރި.

The name is already taken The name is available. Register?

ބީވާ

05 June 2018

ބޮޑު އިންވެސްޓް ކުރަން ބޭންކުން ފައިސާ ދެނީވެސް ލިބޭ ފައިދާ ބޮޑުވީމަ. އާނ ހަމަ ނުކަތާ ވަރުގެ ކުލި ދައްކަން ޖެހެނީ.

The name is already taken The name is available. Register?

ސޯސޯ

05 June 2018

ކުޑަ ކޮ ޓަރިއެއް ކުއްޔަށްދޫކޮށްލައިފަ ގޮސް ބޭރުގައި ބޮޑެތި ގޭގޭ ކުއްޔަށް ނަގައިގެން އެއުޅެނީ ބޭންކަށް ފައިސާދައްކައިފައި ބާކީވާވަރު ނުވާތީތޯ. އެޕާރޓްމަންޓެއް ކުއްޔަށް ދީފައި މުޅިއާއިލާ އަތުން ފައިން މަސައްކަތެއް ނުކުށް އެއުޅެނީ ހަމަ އިންޓަރެސްޓް ބޮޑުކަމުންތޯ.

The name is already taken The name is available. Register?

ވަހީސާ ހު

05 June 2018

މާލޭގެ ގެދޮރުގެ ކުލި ބޮޑެވެ. މާލެ އަކީ ވެރިކަން ކުރާ ރަށަށް ވީމާ ކަމަށް ވެސް ވެދާނެ އެވެ. މިހާރު ހުޅުމާލޭގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ކުލި ބޮޑު ވެއްޖެ އެވެ. ކަަލަމްބޯގައި ކުލި ބޮޑެވެ. ނިއުދިއްލީގައި ކުލި ބޮޑެވެ. ކަޓުމުންޑޫގައި ކުލި ބޮޑެވެ. ލަންޑަނުގައި ކުލި ބޮޑެވެ. ޓޯކިޔޯ އާއި ވޮޝިންގްޓަން ކަހަލަ ތަންތާގައި ވެސް ކުލި ބޮޑެވެ ދުނިޔޭގެ ކޮން ގައުމެއްގަތޯ ވެރިކަން ކުރާ ރަށަށް އެގައުމުގެ އެންމެން ޖަމާކުރަން ސިޔާސަތު ރާވާތަންފީޒުކުރަނީ؟ އިންޑިޔާގައި ނިއުދިއްލީގަތޯ އެންމެން އުޅެނީ؟ އިގިރޭސިވިލާތުގެ ލަންޑަންގަތޯ އެންމެން އުޅެނީ؟ އަހަރަމެން މިދައްކާ ވާހަކައަކީ ދިވެހިރާއްޖެއަކީ ހަމައެކަނި ގުރޭޓަރ މާލެއެއްނޫނޭ ރާއްޖެގެ އަތޮޅުތައްވެސް ތަރައްގީ ކުރަންޖެހޭ، އެންމެން މާލޭގައި ކުއްޔަށް އުޅެން މަޖުބޫރުވުމުގެ ސަބަބުން ކުލި ބޮޑުވެގެން އުޅެނީ. ލިއުންތެރިޔާއަށް އެގި ނުލައްވަނީ އަތޮޅުތައް ތަރައްގީކުރުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ، ތަފާތުކުރުން އެބަހުރި

The name is already taken The name is available. Register?

ސަލީމު އިދުރީސް

05 June 2018

އަތޮޅުތަކުގެ ޓޫރިސްޓު ގެސްޓުހައުސް އަކުން 500 ނެގޫމާއި މާލޭގެ ކިރިއާ އެދެއް ބަހައްޓަލެވޭވަރު ތާކުން 400 ،500 ނެގުމާތަފާތު! މާލޭ ގިނަކޮޓަރިތަކުގަ ފާނަތަށީ މަތިގަނޑެއް ނޯންނެ ތަތްމަކުނުން ފުރިފަ ހުންނަ ކޮޓަރިވެސް ހުރޭ ލޯގަނޑު ގިނަފަހަރު ހުންނާނީ ތަޅައިގެންގޮސްސަ ކުރިންނިދި މީހުންގައިން ވެޓުނު އިތަށިތައް ކޮޓަރިތެރޭ އޮންނާނެ! މިއައްކިއާނީ ކޮންމެ އަގެއް ކިޔަސް ރާއްޖެތެރޭ މީހުން މާލެ ދާންޖެކަން އެގޭތި އެމިހުން ފެލުން! މިބުނީ މަޖުބޫވެގެން ޑޮކުރައް ދައްކަން ދާމީހައަތުން 500 ނެގުމާ ފުދި އިތުރުވެގެން ޓުއަރިސްޓެއްގެ ގޮތުގަ އުފާކުރަން ރާއްޖެރެއައް ދަތުރުކުރާ މީހަ އަތުން ޓުއަރިސްޓު ގެސްޓު ހައުސްއަކުން 500 ނެގުމަކީ ތަފާތުކަމެކޭ!

The name is already taken The name is available. Register?

1828

05 June 2018

ވަރަށް ބަރާބަރު ވާހަކައެއް. ރާއްޖެތެރޭ މީހާ މަޖުބޫރުވެގެން މާލެ ދިޔާމައި ކޮޓަރިއެއް ރެއަކާ ދުވާލަށް 500ރ. މާލޭ މީހާ ރާއްޖެތެރޭ ރަށަކަށް ޗުއްޓީއަށް އައީމައި ގެއެއްް ދޭންވީ ހިލޭ ތޯ؟ ލާރި ބޭނުންވަނީ މަލޭ 'ބޭފުޅުން' އެކަނި ތޯ؟

The name is already taken The name is available. Register?

ކިލޯގުރާމް

05 June 2018

ލަންޑަނުގަ ކުލިބޮޑުވާގޮތަށް މަންޗެސްޓާގަވެސް ކުލިބޮޑު. ދިއްލީގަ ކުލިބޮޑުވެގެނެއް ނޫޅޭނެ ބޮމްބޭ ޗެންނާއީ ބެންގަލޯރު މީހުނެއް، ވޮޝިންޓަނުގެ ކުލިބޮޑުވެގެނެއް ނޫޅޭނެ ނިއުޔޯކު ލޮސްއެންޖަލިސް، ޗިކާގޯ، ބޮސްޓަން މީހުނެއް، ޖަޕާނުގަ އެހެން ބޮޑެތި ސިޓީތަކާ ޓޯކިޔޯއަކާ މާބޮޑު ތަފާތެއްނެތް. އެކަމަކު ރާއްޖޭގަ މިވާގޮތަކީ ޒަމާނުއްސުރެ ތަރައްގީގަ ރަށްރަށް ބާކީކޮއްފަ މިއޮންނަނީ ނަސްލީ އިމްތިޔާޒުގެ ތެރެއިން.

The name is already taken The name is available. Register?

އިލަބޯ

05 June 2018

ތިބުނީ ތެދެއް ލަންޑަނު މަންޗަސްޓާ ލިވަފޫލު ޖަރުމަނުގަ ބާލިން ސުޓުގާޑު މިއުނިކު ސުއިޒަލެއްޑު ސިއުރިކު ޖެނީވާ މިހެންގޮސް އިޑިއާގަ ދިއްލީއާ އެހެންސިޓީތަކާ ތަފާދެއް ނުހުހުރޭ އެކަމަކު މިގައުމުގަ ކަރުގަ ތާށީވާ މަހުކަރި ނަގަންވެސް ދާންޖެހޭނީ މުގައްދަސް މާލެޔައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454