ޝަހީދު ލެގަސީ ޝޯއެއްގައި ޕަފޯމް ކުރަނީ: ލަންކާގެ ގިޓާ ފެސްޓްގައި ބައިވެރިވާނެ.
16 ޖުލައި 2018 - 13:51
މި ހަފުތާގައި ސްރީ ލަންކާގައި ފަށާ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓް" ގައި ރާއްޖޭގެ އެންމެ ހުނަރުވެރި ގިޓަރިސްޓުންގެ ތެރޭގައި ހިމެނޭ ޝަހީދު ލެގަސީ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ކުރިން ވެސް އޭނާ ވަނީ މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ. ޝަހީދަކީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގަމުން އަންނަ މެޓަލް ބޭންޑް "ގްރެވިޓީ ބައި ހަބޭސް" ގެ ލީޑް ގިޓަރިސްޓެވެ.
މި މަހުގެ 18-28 އަށް ކުރިއަށް ގެންދާ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓް" ގައި ފެސްޓިވަލްގެ ދަށުން ލަންކާގެ އެކި ހިސާބުތަކުގައި ކޮންސަޓް ޓުއާތައް ބާއްވަން ހަމަޖެހިފައިވެ އެވެ. އެގޮތުން އެ ގައުމުގެ ތިން ސިޓީއެއްގެ ހަ ޔުނިވާސިޓީއަކާއި ދެ ސެންޓަރެއްގައި ކޮންސަޓްތައް ބާއްވާނެ އެވެ. ވެރިރަށް ކޮލަމްބޯގައި ކުޅޭ ކޮންސަޓް އޮންނާނީ ރަޝިއާ އެމްބަސީގަ އެވެ.
މި ޓުއާތަކުގައި ރާއްޖޭގެ އިތުރުން ރަޝިއާ، އިންޑިއާ، އީރާން، ފަލަސްތީންގެ އިތުރުން ޖަޕާނުގެ ގިޓަރިސްޓުން ޕަފޯމް ކުރާނެ އެވެ.
"ގިޓާ ފެސްޓް" ގައި ޝަހީދު ބައިވެރި ވާނެ.
އެގޮތުން ތަފާތު ސްޓައިލްތަކުގެ ގިޓާ މިއުޒިކް ހުނަރު ވެސް ދައްކައިލާނެ އެވެ. އޭގެ ތެރޭގައި ކްލެސިކަލް، ހަވާއިއަން، ޓްރޯވާ، ޖެޒް، ފްލެމެންކޯ، ހެވީ މެޓަލް އަދި ޕެޑެލް ސްޓީލް ހިމެނެ އެވެ.
ހަބޭސް އިން މިދިޔަ އަހަރު އެއްފަހަރާ ފަސް އަލްބަމެއް ނެރުނު އިރު، އޭގެ ތެރޭގައި ޝަހީދު ލެގަސީގެ ރާގުތައް ހިމެނޭ "ގޭޓްވޭޒް" ހިމެނެ އެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ދެ ބޭންޑެއް ކަމަށްވާ މެޓަލް އާއި ސެކްރެޑް ލެގަސީގެ ފައުންޑަ މެމްބަރު ވެސް މެ އެވެ.
ޝަހީދު ލެގަސީގެ ވީޑިއޯއެއް.
"ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓް" ރާއްޖެ ތަމްސީލްކޮށްދޭ ޝަހީދުގެ އިތުރުން މި ފެސްޓިވަލްގައި ރަޝިއާ ތަމްސީލްކޮށް ދޭނީ ދެ ޕްރޮފެސަރުން ކަމަށްވާ ޔޫރި އަދި އަނާ އެވެ. މި ދެ ޕްރޮފެސަރުން ވަނީ ކްލެސިކަލް ގިޓާގެ ދާއިރާއިން އެކި ކަހަލަ އިންޓަނޭޝަނަލް އެވޯޑްތައް ވެސް ހޯދައިފަ އެވެ. އިންޑިއާ ތަމްސީލްކޮށް ދޭ ބައިވެރިތަކީ އަދިތުޔަ ގާންދީ އެވެ. މީގެ އިތުރުން ފަލަސްތީން އަދި ޕާކިސްތާނުގެ ކުޅަދާނާ އާޓިސްޓުން ވެސް މީގައި ބައިވެރިވެ އެވެ. ފެސްޓިވަލް ބަލަން ހިލޭ ވަދެވޭނެ އެވެ. އަދި ހުރިހާ އާޓިސްޓުން ގުޅިގެން ލަންކާގެ އެލިއަންސް ފްރަންސެސްގައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ވެސް ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޔަ
16 July 2018
ގްރެވިޓީ އަކީ މިހާރު ހަބޭސް ގެ ބައެއް ނޫނެވެ. މައުލޫމާތު ސާފު ކޮށްލާފަ ލިޔެލާ!!