21 ޖުލައި 2018 - 11:00
ލޮޒާން، ސްވިޒަލެންޑް (ޖުލައި 21) – އިޓަލީގެ އޭސީ މިލާނުން ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ އެ އިދާރާ އިން އެ ކްލަބް އެއް އަހަރަށް ޔޫރަޕުން ސަސްޕެންޑްކުރަން ނިންމި ނިންމުން ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ބުނީ ޔުއެފާގެ ފަނޑިޔާރުން ބައެއް މުހިއްމު ކަންކަމަށް އަލިއަޅުވާފައި ނެތް ކަމަށާއި އެހެންވެ ޔޫރަޕުގެ މުބާރާތްތަކުން އެ ކްލަބް އެއް އަހަރަށް ސަސްޕެންޑްކުރަން ނިންމި ނިންމުން އެއީ އެކަށީގެންވާ އަދަބެއް ނޫން ކަމަށެވެ. މާނައަކީ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގައި އެ ކްލަބަށް ވާދަކުރެވުމެވެ.
ކޯޓުން ބުނީ އެފްއެފްޕީގެ މިންގަނޑުތަކާ މިލާނުން ހިލާވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ކްލަބުގެ މެނޭޖްމަންޓަށް ދާދި ފަހުން އައި ބަދަލާ އެކު ކްލަބުގެ މާތީ ހާލަތު ރަނގަޅު ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލައި އާ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ޔުއެފާ އަށް އެބައޮތެވެ.
ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ އިން އެކުލަވާލާފައިވާ އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ސިލްވިއޯ ބާލުސްކޯނީ 30 އަހަރަށް ފަހު މިލާން ވިއްކާލުމުން މިދިޔަ އަހަރު އެ ކްލަބް ގަތް ޗައިނާގެ އިންވެސްޓަރު ޔޮންގޮން ލީ ވަނީ ކްލަބަށް 200 މިލިއަން ޕައުންޑް ހަރަދުކޮށްގެން ކުޅުންތެރިން ގަނެފަ އެވެ.
އެކަމަމިލާނަށް ދިން ސަސްޕެންޝަން ކޯޓުން އުވާލައިފިކު އެންމެ ބޮޑު މައްސަލައަކަށްވީ ކްލަބް ގަތުމަށްޓަކައި އިންވެސްޓަރު ނެގި އިންޓްރެސްޓް ބޮޑު ލޯނެވެ. އެކަމަކު ކަނޑައެޅި މުއްދަތުގައި ލޯން ދެއްކިފައިނުވާތީ ކްލަބް މިހާރު އޮތީ، ލޯން ދޫކުރި އެމެރިކާގެ ހެޖް ފަންޑް ގްރޫޕެއް ކަމަށްވާ އެލިއޮޓް މެނޭޖްމަންޓުގެ ކޮންޓްރޯލުގެ ދަށުގަ އެވެ. އެ ކުންފުނިން ވަނީ ކްލަބަށް އިންވެސްޓްކޮށް ކްލަބުގެ މާލީ ހާލަތު ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ކޯޓުގައި ދީފަ އެވެ.
ކްލަބުގެ ހިއްސާދާރުންގެ ބައްދަލުވުން މިއަދު ބާއްވައި އެލިއޮޓުން ކްލަބް ހިންގަން ފެށި ފެށުން ރަސްމީކޮށް ފާސްކުރާނެ ކަމަށް ބެލެވެ އެވެ. އަދި ކްލަބް ހިންގުމަށްޓަކައި އާ ޑިރެކްޓަރުން ގެންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އާސެނަލްގެ ސީއީއޯ އިވާން ގަޑިޒިސް އާއި މިލާނުގެ ކުރީގެ ޑިރެކްޓަރު އަމްބާޓޯ ގަންޑިނީ އަދި ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ލެއޮނާޑޯ ކްލަބާ ގެންނާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ. މީގެ އިތުރުން މިއަދުން ފެށިގެން ކްލަބުން ރަސްމީކޮށް ޓްރާންސްފާ ބާޒާރަށް ވަންނާނެ އެވެ. އެ ޓީމުން މިހާރު ވެސް ވަނީ އާ ސީޒަނަށް ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ސްޕެއިނުގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އާއި ކްރޮއޭޓިއާގެ ފުލްބެކް އިވާން ސްޓްރިނިޗް އަދި އެ ގައުމުގެ ޒުވާން މިޑްފީލްޑަރު އަލެން ހަލިލޮވިޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޫހޫހޯޔޫއެފާ
22 July 2018
ކޮޕާ ކަރަޕްޓް ޔޫއެފާ ރާކަނި މަސް ކެވިއްޖެއްނު.. އާނ ޕީއެސްޖީ ސިޓީ ސަސްޕެްނޑެއް ނުކުރޭ ތިޔަ ފެއަރޕުލޭ އަކާ ޚިލާފުވީމަ.. މިލާނު ނިކަމެތިވެފަ މާފިޔާ އައްޕައެއް މިހާރު ޓީމު ހިންގުމާ ހަވާލުވެފަ ނެތީމަ ހިތު ހުރިހާއެއްޗެއް ހަދާނަމޭ ހިތާ ތިޔަ އުޅުނީދޯ؟ ބޯން އުޅުނު ބޮނޑި ތިޔަ އޮތީ ބޮވިފާ..