ގަތަރުގެ ފްލައިޓެއް: ވައިގެމަގުން ރާއްޖެ ދަތުރުކުރާ މީހުންގެ މައުލޫމާތު ދިނުމާ ބެހޭ ގަވާއިދެއް ކަސްޓަމްސް އިން ވަނީ ހަދާފައި.--ފޮޓޯ: ފައިޒާން މުހައްމަދު
27 އޯގަސްޓް 2018 - 12:20
ވައިގެ މަގުން ރާއްޖެ ދަތުރުކުރާ މީހުންގެ މައުލޫމާތު ކަސްޓަމްސް އަށް ދިނުމާ ބެހޭ ގަވާއިދެއް ހަދައިފި އެވެ.
ކަސްޓަމްސް އިން އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވަނީ، ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތުތަކުގެ އިތުރުން ރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ފުރާ އުޅަނދުތަކާ ބެހޭ މައުލޫމާތު ވެސް އެތަނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެއީ ކަސްޓަމްސްގެ ގާނޫނާއި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަނަށް ރިއާޔަތްކޮށްގެން ހަދާފައިވާ ގަވާއިދެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސްގެ ސީނިއަ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމާ ބެހޭ ގަވާއިދެއް ނޯންނާތީ ކަސްޓަމްސްގެ ބައެއް އޮޕަރޭޝަންތައް ހިންގަން ގޮންޖެހުންތައް ދިމާވާ ކަމަށެވެ.
"ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ދިނުމާ ބެހޭ ގަވާއިދެއް ހެދީމަ ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތަކަށް މަޖުބޫރުވެގެން އެބަ ދޭ މައުލޫމާތު ދޭން. އޭގެ ސަބަބުން ފަސޭހަވެގެން ދާނެ އޮޕަރޭޝަންތައް ހިންގުމަށް،" ނިޔާޒު ވިދާޅުވި އެވެ.
މިސާލަކަށް "މަސްތުވާތަކެތި އަންނަ ގައުމުތައް ހުރޭ. އެހެންވެ އެ މައުލޫމާތުތައް ލިބުނީމަ ކުރިން ތައްޔާރުވެވޭނެ."
ރާއްޖެ އަށް އަންނަ ފްލައިޓްތަކުން ދަތުރުކުރާ އެންމެންނާއި ފްލައިޓް ފުރާ ގަޑީގެ އިތުރުން ރާއްޖެ އާދެވޭނެ ގަޑި ވެސް އެ ގަވާއިދުގެ ދަށުން ކަސްޓަމްސް އަށް އަންގަން ޖެހެ އެވެ.
ގަވާއިދުގެ ދަށުން މައުލޫމާތު ނުދޭ ފަރާތްތަކާ ދެކޮޅަށް ކަސްޓަމްސް އަށް ފިޔަވަޅު ވެސް އެޅެ އެވެ. އެގޮތުން ފްލައިޓާއި އެއިން ދަތުރުކުރާ މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ އެ މައުލޫމާތު ދިނުން ލަސްކުރާ ނަމަ އެ އެއާލައިނެއްގެ އެޖެންޓް 2000ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އަދި އޭގެ ފަހުން މައުލޫމާތު ނުދީ ނުވަތަ މައުލޫމާތު ދިނުން ލަސްކުރުމަށް ފަހު ކުރާ ކޮންމެ ދަތުރަކަށް އެޖެންޓް 300ރ އިން ޖޫރިމަނާކުރެވެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓު ކުރާތާ މަހެއް ފަހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިއަން
27 August 2018
ވަރަށް ރަނގަޅު ނިއްމުމެއްމީ.....މިހާރުވެސް ބަޔެއް އެއާލައިންތަކުން ބައިނަލްއަޤްވާމީ މުއާހަދާތަކާ ހިލާފުވެއެވެ.
އަހުމަދުބޭ
27 August 2018
ރާއްޖޭން ފުރާ އަދި އަންނަ މީހުންގެ މައުލޫމާތު ރައްކާތެރިކަމާއެކު ކަސްޓަމަށް ބެލެހެއްޓޭނެބައި، ؟ އެހެން މިދަންނަވަން ޖެހެނީ ރާއްޖޭގައި ވެސް ނޯންނާނެ ކަސްޓަމަށްވުރެ ކޮރަޕްސަން ބޮޑުތަނެއް، ކޮރަޕްސަންގެ ހާއްޔަކަށް މިފަދަ މައުލޫމާތު ދިނުމުން އެތަށްބަޔެއްގެ މިނިވަންކަން ގެއްލިގެންދާނެ ކަމީ ސައްކެއްނެތް ކަމެކެވެ، ކަސްޓަމޭ ބުންޏަސް އަޅުގަނޑު ބޯއަބުރައިގަނޭ،
ވެލިދޫ މީހާ
27 August 2018
ކޮރަޕްސަނާ ފަސާދާގަ އަރާހުރި މުއައްސަސާ އެއް ތިކަސްޓަމަކީ ، ތީރައްޔިތުން ކޮންމެވެސް މަޅިއެއްގަ ޖައްސަން ކުރާކަމެއް
މަމެން
27 August 2018
މިގައުމުގަ ވެސް ހުރި އެންމެ ކޮރަޕްޓް އެއް ތަން ކަސްޓަމަކީ. ހިދުމަތް ދިނުމުގަ އެހާ ސުލޯ، ބޮޑައް ބަލަނީ އަމިއްލަ ޖީބައް ބަރުވާ ގޮތައް ހިދުމަތް ދެވޭތޯ ރައްޔިތުން ނައް އަނެއް އުނދަގުލެއް ތިޖައްސަނީ
ހޮޓްކިންގ
27 August 2018
ރާއްޖެ އަންނަމީހުންނާއި ފުރާމީހުންގެ ނަންތައް ކަސްޓަމަށް ނޭނގުނު ކަމުގައިވިޔަސް ކަސްޓަމުން ބަލަންޖެހޭ ބެލުންތައް ރަނގަޅަށް ބަލާނަމަ މަނާތަކެތި އެތެރެވެ ބޭރެއް ނުވާނެ. ކަސްޓަމަށް މީހުންގެ ނަންތައް ދިނުމަކީ ރަނގަޅު ކަމެއްނޫން. ކަސްޓަމަކީ މީހުންގެ ޒާތީ މަޢުލޫމާތު ރައްކޭތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ތަނަކަށް ނުވާތީ މީހުންގެ އެކި ކަހަލަ މަޢުލޫމާތު ބޭރުވެ މީހުން ފަލީހަތްވުމަށް ހުޅުވޭނެ ދޮރެއްމީ. ކަސްޓަމަށް ދޭން ޤާނޫނަކުން ލާޒިމް ނުކުރާ މަޢުލޫމާތެއް ހޯދަން އެދިގެންވެސް ނުވާނެ.
އަލިފް ހ
27 August 2018
ރަނގަޅު ކަމެއް. އެކަމަކު ހާދަ ކުޑަ އެއްޗަކުން ޖޫރިމަނާ ތިކުރަނީ؟ އެމީހުންނަށް ކަހަރުވަކެކޭވެސް ހީނުވާނެ ތިޔައިން!
އެމްސަ
27 August 2018
ކަސްޓަމްސް މިއީ ދިވެހި ސަރުކާރާ ވަކިން ހިނގާ ތަނަކީ ބާ؟
މަރޭމިތުރާ
27 August 2018
[[އިތުރައް ދެވޭ އަނިޔާތަކަކަށް ތިޔަކަންވާނީ! އިތުރުބަޔަކު ކުށަކާނުލައި ހައްޔަރުވާނީ!]]
މަރޭމިތުރާ
27 August 2018
ކަސްޓަމަށް މިގޮތައް ފުރުސަތުދިނުމީ ނުރައްކަލަކަށްވެދާނޭ! މަސްތުނުވާމީހަކު މަސްތުގައޭ ބުނެ ހައްޔަރުކޮށްފާނޭ!
މަރޭމިތުރާ
27 August 2018
ކަސްޓަމުން ކަމަކާނުލާ އަންނަތަނުން ކަސްޓޯޑިއަލަށް ގެންދަންރާވަނީ! ކަސްޓަމްސް އާއި ފުލުހުންގުޅިގެން އަނިޔާކުރަންތޯ ތިޔަވިސްނަނީ!