މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރި މީހުންގެ އަދަދު ހަތް ލައްކަ އަށް އަރާ. --ފޮޓޯ:ރޮއިޓާސް
27 އޯގަސްޓް 2018 - 14:18
ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ދައުވާ ކުރަން ޖެހޭ ކަމަށް އދ.ގެ ފެކްޓް-ފައިންޑިން މިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން މާޗް 2017 ގައި އުފެއްދި މިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ މިއަންމާ ސިފައިން ހިންގާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ބެލި ނަމަވެސް އެންމެ ބޮޑެތި ޖަރީމާތައް ކަމަށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ އަސްކަރީ ޖެނެރަލުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ވެރިޔާ މިން އައުން ހްލައިންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަންމާ ސިފައިން ވަނީ ރަކީން ސްޓޭޓުގެ އަވަށްތަކުގައި އަލިފާން ޖަހާފައި
"މީހުން މެރުމާއި އަންހެނުން ރޭޕްކުރުމާއި ކުޑަ ކުދިންނަށް ހަމަލާ ދިނުމާއި އަވަށްތަކުގައި އަލިފާން ޖެހުމަކީ ހުއްދަ ކަމެއްކަން ސިފައިންނަށް ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
މިއަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގި މީހުންގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ވެސް ރިޕޯޓުގައި ލަފާދީފައިވެ އެވެ.
ސިފައިންގެ އަނިޔާވެރިކަން ހުއްޓުވަން މިއަންމާ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާތީ ވެސް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ (ކ) އާއި ސިފައިންގެ ވެރިޔާ. --ފޮޓޯ:ރޮއިޓާސް
"މިއަންމާ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ، ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން އަސްކަރީ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ މީހުންގެ އަދަދު ހަތް ލައްކަ އަށް ވުރެ އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގޫރޯޅި
28 August 2018
އިންސާނީ ހައްގުގެ ނަމުގާ މަސައްކަތް ކޮއްގެން އެކިގައުމުތަކުން ހޯދާފައިވާ ހިމާޔަތާ އެކި ޖަމާއަތްތަކުން މިފަދަ މީހުންނައް ދީފަހުރި ސަރަފުވެރިކަން މިއެންމެން ނިގުޅައިގަންނަން އެބަޖެހެ. ސަބަބަކީ މިކަހަލަ ކޮންމެމީހެއްގެ އަސްލު މަގްސަދާ ކަރުގައި އަޅުވައިގެން އިސްތިހާރު ކުރާ ބޯޑުގައިންނައެއްޗެކާ ދިމާނުވާތީ
އަލިބެ ބިން އަލިބެ
27 August 2018
އެއީ ޑިމޮކްރަސީގެ ވައްތަރެއްނު. ދުނިޔޭގަ އުޅޭނީ ޑިމޮކްރަސީ ވެގެން އުޅޭ 2 މީހުން. ވެރިކަން ލިބުމުން ދެން ހެޔޮ ގައުމުގައި އަލިފާން ޖެހިޔަސް. ދުނިޔެއަށް ވެސް ނުފެންނާނެ. މުޅި ދުނިޔެވެސް ޤަބޫލުކުރާ ޑިމޮކްރަސީ އަށް މަސައްކަތް ކުރި 2 މީހުން މިދުނިޔެ މަތީ މިވަގުތު ތިބީ. އެކަކު ޤައުމު ހިފަން ގޮވާއިރު އަނެކަކު ޤައުމުގެ ރއްޔިތުންގައިގައި އަލިފާން ޖަހަނީ . ސާބަހޭ ޑިމޮކްރަސީ އަށް.