ވެއްޓުނު ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން (ވ) އަދި ކޯ-ޕައިލެޓް.
28 އޯގަސްޓް 2018 - 15:44
ކަތުމަންޑޫ (އޮގަސްޓް 28) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް މިދިޔަ މާޗް މަހު ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓު ވެއްޓުނީ ޕައިލެޓް އާބިދު ސުލްތާން މާބޮޑު ހާސްވެފައި އިނުމުން ކަމަށް ތަހުގީގު ޓީމުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފި އެވެ.
މާޗް 12 ވަނަ ދުވަހު ކަތުމަންޑޫގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު ބޯޓު ވަނީ ރަންވޭ މަތިން ކަހާލައިގެން ގޮސް ޖެހިގެން އޮތް ފުޓުބޯޅަ ދަނޑަކަށް ވެއްޓިފަ އެވެ. ބޯޓުގައި އަލިފާން ރޯވެ މަރުވި 51 މީހުންގެ ތެރޭގައި ޕައިލެޓާއި ކޯ-ޕައިލެޓް ވެސް ހިމެނެ އެވެ. އެ ހާދިސާ އިން ވަނީ 20 މީހުން ސަލާމަތްވެފަ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ނޭޕާލުގައި ޑޮކްޓަރުކަން ކިޔާ ދިވެހި ކުއްޖަކު ވެސް ހިމެނެ އެވެ.
ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ކެޕްޓަންގެ ގާބިލްކަމާ މެދު އަންހެން ޕައިލެޓް ވެސް ސުވާލު އުފެއްދި ކަމަށެވެ. އޭގެ ފަހުން ޕައިލެޓް އާބިދު ސުލްތާން ވަރަށް ބޮޑަށް ހާސްވެ ޖަޒްބާތު ކޮންޓްރޯލް ނުކުރެވިގެން އުޅުނު ކަމަށް ބުނެފައިވެ އެވެ.
ވެއްޓުނު ބަންގްލަދޭޝްގެ ބޯޓު ކައިރީ ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
"ނަތީޖާއެއްގެ ގޮތުން އޭނާ ހާސްވެ ކޮކްޕިޓްގައި ސިނގިރޭޓް ވެސް ބޮއިފައިވޭ. އަދި އޭނާ ހާސްވެގެން ރޮއި އެތައް ފަހަރަކު ކިނބިހި އަޅައިފައިވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ޑާކާ އިން ކަތުމަންޑޫ އަށް ކުރި ކުރު ދަތުރުގައި ޕައިލެޓް އާބިދު ސުލްްތާން ހުއްޓާނުލައި ވާހަކަ ދެއްކުމުގެ ސަބަބުން ކޯ ޕައިލެޓް ޕްރިތޫލާ ރާޝިދަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބުނެފައިވެ އެވެ. ކަތުމަންޑޫ އެއާޕޯޓަށް ރާޝިދު ކުރިން ބޯޓެއް ޖައްސައިފައެއް ނުވެ އެވެ.
ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ ބޯޓު އެއާޕޯޓަށް ޖައްސަން ގޮސް ކުއްލިއަކަށް ރޫޓް ބަދަލުކުރި ކަމަށާއި އަދި ސްޕީޑް ވެސް ދަށް ނުކުރާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ލޭންޑިން ޗެކްސް ވެސް ނަހަދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޯޓު ވެއްޓުނު ދުވަސްވަރު ހާމަކުރި ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ޕައިލެޓާއި ކޮންޓްރޯލް ޓަވަރުގެ މުވާސަލާތު ކުރުމުގެ އޮޅުންތަކަކުން ކަމަށެވެ.
ވެއްޓުނު ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ 76 ގޮނޑީގެ ޑޭޝް 8 ކިޔޫ400 ބޯޓަށް ވަނީ 17 އަހަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިއަރ
29 August 2018
އެ ޑޮކްޓަރުކަން ކިޔަވާ ކުއްޖާއަށް ކުރެވުނު ތަޖުރިބާ ގެނެސްދީބަލަ
ރާއްޖެ
28 August 2018
ތިހެން ބުނީމަ އޭޓީސީ ގެ އެއްވެސް މައްސަލައެއް ނޯންނާނެ. ބޯޓް ފޯލްސް ލޭންޑިން ކުރަން ޖެހުނީ އޮޅުން އަރައިގެން. އެފަދަ ހާލަތެއްގައި ކޮންމެ މީހަކުވެސް ހާސްވާނެ.