ސީއެސްސީގެ ރައީސް ޝަމީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
10 ޑިސެމްބަރ 2018 - 12:20
އިންސާނީ ހައްތުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ހަދާފައިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެފައި ނުވާތީ އެކަން ވީހާ ވެސް އަވަހަށް ކުރުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ގޮވާލައްވައިފި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ ރާއްޖޭން ދެ މުއާހަދާއެއްގައި ބައިވެރި ވެފައި ނުވާކަން ފާހަގަ ކުރައްވައިފަ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގު ބަޔާން ކުރާ މުއާހަދާ އާއި ނިޒާމުން ގެއްލޭ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މުއާހަދާ އެވެ.
"މި ތާރީހީ ޖަލްސާގައި ސަރުކާރަަށް އަޅުގަނޑު ގޮވާލަން މި ދެ މުއާހަދާގައި ބައިވެރިވުމަށް،" އެޗްއާރުސީއެމްގެ މެމްބަރުކަން ކުރެއްވި ޝަމީމް ވިދާޅުވި އެވެ.
ދުނިޔޭގެ އަސާސީ އިންސާނީ ހައްގުތަކާ ގުޅޭ އެ ދެ މުއާހަދާ ފިޔަވައި އެހެން މުއާހަދާތަކުގައި ރާއްޖޭން ވަނީ ބައިވެރި ވެފަ އެވެ.
ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް އެކުލަވާލާފައި ވީނަމަވެސް ތަންފީޒު ކުރަން ނުފެށިފައި ވާތީ އެކަން ލަސްނުކޮށް ފެށުމަށް ވެސް ޝަމީމް މިއަދު ގޮވާލެއްވި އެވެ.
އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ރައްޔިތުން މަޖިލީހުން ދޭންޖެހޭ ސަމާލުކަން ނުދޭކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހުރިކަންކަން ފާހަގަކޮށް އެޗްއާރުސީއެމުން ކޮންމެ އަހަރަކު ރިޕޯޓެއް ނެރޭތާ 15 އަހަރު ވެފައިވާއިރު އެ ރިޕޯޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ތަރައްގީ ވެފައިވާ އެހެން ގައުމުތަކުގެ މަޖިލިސްތަކުގައި ހުންނަ ފަދަ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ހާއްސަ ކޮމެޓީއެއް ރާއްޖޭގެ މަޖިލީހުގައި އުފައްދާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމީމް ވަނީ އިންސާނީ ހައްގުތައް ދިފާއު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގައުމީ ފެންވަރެއްގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ބާރު އަޅާ ހާއްސަ ގާނޫނެއް ހެދުން މުހިންމު ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"ހިއުމަން ރައިޓްސް ގާނޫނަކު ނޫން އިންސާނީ ހައްގުތަކުގެ ވާހަކަތައް ބަޔާންވެގެން އަންނަންވީ. މިކަމަށް ހާއްސަ ގާނޫނެއް އެބަ އޮންނަންޖެހޭ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ އެޗްއާރުސީއެމާއި ސަރުކާރުގެ އެކަނި ޒިންމާއެއް ނޫން."
އެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ދުނިޔޭގެ ފެންވަރުގައި ލީޑްކުރާ ގައުމަކަށް ވެފައި ކަމަށް ވިދާޅުވި އެވެ. އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަން ދެ ފަހަރު ރާއްޖެ ކޮށްފައިވާއިރު ޝަމީމް ވަނީ އެ ކައުންސިލްގައި ރާއްޖެ ތަމްސީލް ކުރައްވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔު
11 December 2018
އަޅުގަޑު ގެ ހައްްްޤެއް މުވައްސަސާއަކުން ނިގުޅައިގަތުމުން ޝަމީމް ކައިރިއަށް ދިއުމުން ބުނީ މިވެނި ތަނަކަށް ދާށޭ. ޢެއްގޮތެއްވެސް ނެތިގެން ދިއުމުންވެސް ފޮނުވާލީ. ޔާމީނަށްކެންޕެއިންކުރުމުގައި ވަރަށް ބަރާބަރު
މާރަނގާ - އައްޑޫ ސިޓީ
10 December 2018
ސޫޓް ކޮޅުތުރުކުރައްވައި ގިރުވާނުގައި ދައުލަތުގެ ނިޝާންޖައްސަވާ ދައްކާވާހަކައަށް “ހެކިވެރިވެ ބާރުގަދަކުރެއްވުމުގެ ގޮތުން ގަލަންކޮޅު އުޑަށްނެންގެނިކަމުގައިވިޔަސް” ޝަމީމް އާއިމެދު އަހަރުމެން ނުދެކެން ތިވާހަކަ ދެއްކުން ހައްޤު މީހެއްކަމަކަށް. * * ދައުލަތުގެ މަޤާމްތަކުގައިތިބެ ޤާނޫނީ ޒިންމާ އުފުލާފައިނެތްމީހުން ސޯލިޙްގެ ވެރިކަމުގައި ރީތިކޮށް މަޤާމްދޫކުރައްވަން ފުރުސަތުދީ ސީވީ ނަލަކުރާން ޗާންސްނުދީ ހުތުރުކޮށް ވަޒީފާއިން ނަގާ އެއްލާލަންޖެހޭ.
ޢަހަންމާ
10 December 2018
މިއުޅެނީ މޮޅުވާހަކަ ދައްކާފަ ދީނީ މިނިވަނކަން ދޭ މުޢާހަދާގައި ސޮއިކުރަން
އިންކުއަރީ ރިޕޯޓު
10 December 2018
ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުން އެތައް ބުރައެއް އުފުލައިގެން އެތައް ރަށަކަށް ދަތުރުކޮށް، ރަނގަޅަށް ނުކައި ރަނގަޅަށް ނުނިދާ ތިބެ، ނުކުޅެދުންތެރިކަން ހުންނަ އެތައް ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިވެދިނުމުގެ އުއްމީދުގައި، އެކުދިން ގާތަށް ގޮސް، އެކުދިންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ކައުންސިލަރުން ގެނެސްގެން އެތައް މަޢުލޫމާތެއް ހޯދައިގެން ލިޔުނު އިންކުއަރީގެ ރިޕޯޓު ނުނެރެ ހިފެހެއްޓި މީހަކީ މިއީ! ޖަވާބުދާރީކުރުވާ!
މަހަށްދޭ ބަލަ
10 December 2018
މިކަލޭގެ މިއޮއްހާ ދުވަހު ހޮރުގަ އޮވެފަ ނުކުމެގެން މާ ފުއްޕާފަ ރާގުރާގަށް މިގޮވާއިރު މީނަ ހީކުރަނީ އެ މާއްދާއެއް ނެތްކަން އެނގިގެން މިއުޅެނީ މީނާއަށް އެކަނި ކަމަށްދޯ.
މުޚްލިސް
10 December 2018
ހުޅަނގުން އިންސާނީ ހައްގުތައް ކަމަށް ބުނާ ބައެއް މުއާހަދާތަކުގައި މިހާތަނަށް ރާއްޖެއިން ސޮއި ނުކޮށް އޮތީ އެމުއާހަދާތަކުގެ ބޭރުފުށުގެ ނަން ކިތަންމެ ރީއްޗަސް، އެއްކޮށް ތަފްސީލުކޮށް ކިޔާލާއިރު އިސްލާމްދީނާ ވަރަށް ބޮޑަށް ޚިލާފުވާ ބައެއްކަންކަން ހުރިކަން ފާހަގަ ކުރެވިގެންނެވެ. މިސާލަކަށް ބިދޭސީ މަސައްކަތްތެރިންގެ ހައްގު ބަޔާންކުރާ މުއާހަދާގައި، ފައްޅި ފަދަ ތަންތަން ހަދައިގެން ފާޅުގައި ޕަބްލިކްގައި ޣައިރު ދީންތަކުގެ އަޅުކަންކޮށް އުޅުމުގެ މިނިވަންކަން.
ދޮގުނަހަދާ
10 December 2018
ކަނޑައެޅިގެން ދޮގު! ނޭނގޭ ކަންކަމުގެ ވާހަކަ ނުދައްކާ. ދީނާ ނުވަތަ ސަޤާފަތާ ޚިލާފު ކަމެއް އޮވެއްޖެއްޔާ އެ މާއްދާއަކަށް ވަކިން އިއުތިރާޒުކުރުމާއެކު މުއާހަދާގައި ސޮއިކުރެވޭނެ. މި މުއާހަދާތަކާ ދެކޮޅަށް ވާހަކަދައްކަނީ ބަހަނާއެއް ދައްކާފަ ޙައްޤުތަކުގެ ވާހަކަ އޮއްބާލަން ބޭނުންވާ މީހުން. އޭރުންތާ ބޮޑުންނަށް ފައިދާ ކުރާނީ.
ފެކްޓޯރިއަލް
11 December 2018
ތިޔަކަހަލަ މުއާހަދާތަކުގަ ސޮއި ކުރަން އެންމެގިނައިން ގޮވާލަނީވެސް ބޮޑުންނާއި ޕިއްލޭ ކަހަލަ މީހުންނާއި ސެކިއުލަރިސްޓުންކަމަށް ވަނީ ކީއްވެތޯ ދިވެހިން ވިސްނާލަން ޖެހޭ. ބައެއް މުއާހަދާ ތައް ފަރުމާ ކުރެވިފަވަނީ ވަކި މާއްދާ އިއުތިރާޒް ކޮއްފަ ސޮއިކުރިޔަސް މަޑުމަޑުން ދީނީ އަދި ސަގާފީ ބަދަލުތައް ގެންނަމުންގޮސް ކުރިން އިއުތިރާޒްކުރި ކަންކަންވެސް އެންމެފަހުން އޯކޭ ވާގޮތަށް. ހުޅަނގުން ބުނާހާ އެއްޗެއްގަ ސޮއި ކޮއްގެން މިހާތަނަށް ފައިދާނަގާފަ ހުރީ ވެސް ބޮޑުން.
ޢާބިދާ
10 December 2018
އައްޗީޑި! ޔާމީންގެ ވެރިކަމުގަ މަގާމު ގެއްލިދާނެތީ އަގައިންނުބުނެ ހުރެފަ މިއަދު ތިފާޑަށް ވާހަކަދެއްކީމަ ތިމާމީހާގެ އަމިއްލައެދުން ބޮޑުކަން ކިތަންމެހާވެސް ރަގަޅަކަށް ހާމަވޭ.
ޮކޮއްކޮ
10 December 2018
ބޭބޭ! ކުއްލިއަކަށް އަޑުފޮށި ހުޅުވުނީ ކިހިނެތްވީތޯ!
މަރުމޯލު
10 December 2018
އަނެއްކާ އަނެކަކަށް އިންސާނީ ޙައްޤު އޮންނަކަން ހަމަ ކުއްލިޔަކަށް އިނގެއްޖެ!
އަހުމަދު މުހައްމަދު
10 December 2018
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރަކަށް ހުރިއިރު އެކޮމިޝަނުން ނިންމާފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު އުނގެނުމުގެ ޙައްޤު އޮތް މިންވަރު ދެނެގަތުމުގެ ނޭޝަނަލް އިންކުއަރީ ރިޕޯޓު ނެރުނަނުދީ ހިފެހެއްޓީ ހަމަ ތިޔަ ބޭފުޅާ. އެރިޕޯޓު ފާސްކުރިއަނުދިނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ޔަޤީންވެފައި އޮތްވާ ސަރުކާރުން އިހުމާލުވެފައިހުރި ކަންކަން އެނގޭނެ ގޮތަށް އޮތް ރިޕޯޓެއް ނެރެފިނަމަ އެމަޤާމު ގެއްލިދާނެތީދެއްތޯ؟