ޑެވޮލީނާ: ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައި ދޫކޮށްލާފައި.
13 ޑިސެމްބަރ 2018 - 07:37
މުމްބާއީގެ ޖަވާހިރު ވިޔަފާރިވެރިއެއް ކަމަށްވާ ރާޖޭޝްވަރު އުދާނީގެ މަރުގެ މައްސަލާގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށް ބުނާ ވާހަކަ ސްޓާ ޕްލަސްގެ ކުރީގެ ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީ ބަހޫގެ ރޯލް ކުޅުނު ބަތަލާ ޑެވޮލީނާ ދޮގުކޮށްފި އެވެ.
އިންޑިއާ ފޯރަމް އަށް ދިން އިންޓަވިއުއެއްގައި 28 އަހަރުގެ ބަތަލާ ބުނީ ފުލުހުން އޭނާ ހައްޔަރުކޮށް ބަންދު ވެސް ނުކުރާ ކަމަށާއި ހަމައެކަނި ސުވާލު ކުރަން ގެންދިޔައީ ކަމަށެވެ.
"އެކަމަކު ވިޔަފާވެރިޔާގެ މަރާއި އަހަންނާ ގުޅުން އޮތް ކަމަަށް ބުނެ ބައެއް މީޑިއާތަކުން ދައްކާފައި ވަނީ މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ޑެވޮލީނާ ބުންޏެވެ. "އަހަރެން ބަންދެއް ނުކުރޭ، ސުވާލުކޮށްފައި ވަގުތުން ފޮނުވާލީ."
ޑެވޮލީނާ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކުރި އޭނާގެ ފޮޓޯއަކާ އެކު "ހުރިހާ ކަމެއް ރަނގަޅު" ކަމަށް ވެސް ބުނެފަ އެވެ. އަދި ހެޔޮއެދޭ މީހުންނަށް އޭނާ ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.
ޑެވޮލީނާގެ ޕޯސްޓް.
މީޑިއާތަކުން ބުނި ގޮތުގައި ރަޖޭޝްވަރީގެ މަރުގެ މައްސަލާގައި މިދިޔަ ހޮނިހިރުދުވަހު ޑެވޮލީނާ ހައްޔަރު ކުރީ ވިޔަފާރިވެރިޔާގެ ކޯލް ރިކޯޑް ޗެކް ކުރި އިރު، އޭގެ ތެރޭގައި އޭނާގެ ނަން އޮތުމުންނެވެ.
ޑެވޮލީނާގެ ވަކީލު ފަލްގުނީ ބްރަމްބަޓް ވިދާޅުވީ އޭނާގެ މުވައްކިލާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމަކީ ޑެވޮލީނާގެ އަބުރަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ސާބިތު ނުހިފޭ ކަހަލަ ވާހަތަކެއް ފެތުރުމަކީ އާންމުންގެ ތެރޭގައި ޑެވޮލީނާގެ އިމޭޖް ހަރާބުކޮށްލި ކަމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ ކަމުގެ ދެކޮޅު ބަލާނުލައި ހަބަރުތައް ނުފަތުރަން ފަލްގުނީ ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy