ޒުވާން ކެޔޮޅު އަލީ އަކްބަރު
13 ޑިސެމްބަރ 2018 - 13:01
ގއ. ގެމަނަފުއްޓަށް އުފަން އަލީ އަކްބަރަށް ރޭ ވަނީ ޒުވާން ކެޔޮޅުގެ މަގާމު ލިބިފަ އެވެ. އުމުރުން 31 އަހަރުގެ އަކްބަރު މަސްވެރިކަމުގެ ދާއިރާ އަށް ނުކުތީ 18 އަހަރުގަ އެވެ. އޯލެވެލް ނިންމުމަށް ފަހު 2004 ވަނަ އަހަރު މަސްވެރިކަމަށް ނުކުތީ، މިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެން ނަމަވެސް 2007 ވަނަ އަހަރު ފުލުހުންގެ ވަޒީފާއާ ގުޅުނީ އެދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ ވަޒީފާއަކަށް ދިއުމުގެ ބޭނުމުގަ އެވެ.
އޭގެ ހަ އަހަރު ފަހުން އަނެއްކާވެސް "އެންމެ ކުރާ ހިތްވާ" މަސްވެރިކަމާ އަކްބަރު ގުޅުނެވެ. އެ މަސައްކަތާ ގުޅުނީ ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ. ކަންތައްތައް ވެގެންދިޔައީ އުންމީދު ކުރިގޮތަށެވެ.
"އެންމެ ފުރަތަމަ މި މަސައްކަތް ފެށި އިރު ވަރަށް ބުރަކޮށް އުޅުނީ. އެކަމަކު މިހާރު ކުރިޔާ އަޅާ ބަލާއިރު ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުއި. މަސް ދޯންޏަކުން ނުލިބޭނެ އެއްވެސް ހިދުމަތެއް މިހާރަކު ނޯންނާނެ. ކިތަންމެ ގިނަ ދުވަހަކު ކަނޑުމަތީގަ އުޅެން ޖެހުނަސް މިހާރު މައްސަލައަކަށް ނުވޭ،" އޭނާ ބުންޏެވެ.
ޒުވާން މަސްވެރިޔާ އަލީ އަކްބަރު ފީނަނީ
އަކްބަރުގެ ބައްޕަ އާއި ކާފަގެ އިތުރުން އާއިލާގައި ގިނައީ މަސްވެރިންނެވެ. މަސްވެރިކަމުގައި 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އުޅޭ އިރު ލިބޭ އާމްދަނީވެސް ރަނގަޅެވެ.
"ފުލުހުންގެ މުއައްސަސާގައި އުޅުނު އިރު ވެސް ޗުއްޓީގައި އައިސް މަހަށް ދަން. އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަސްވެރިކަމުން. ފުލުހުންގެ ވަޒީފާ އިން ލިބޭ އާމްދަނީގެ ދެގުނަ މިހާރު ލިބޭ،" އޭނާ ކިޔާދިނެވެ.
މިއީ ޒުވާނުން ކުރަން އެންމެ ރަނގަޅު މަސައްކަތް ކަމަށް އޭނާ ބުންޏެވެ.
"ގެމަނަފުށީގެ 75 ޕަސެންޓް ޒުވާނުން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަން. އުމުރުން ދޮށީ މީހުން މިހާރު ވަރަށް ނޫޅޭނެ. ގިނަ ވާނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން. މަސްވެރިކަން ކުރާނީ ވަރަށް ޒަމާނީކޮށް. މަސް ދޯންޏެއްގައި އުޅުމާއި ގެއެއްގައި އުޅުމުގެ ތަފާތެއް ނެތް،" އަކްބަރު ބުންޏެވެ.
ޒުވާން މަސްވެރިޔާ އަލީ އަކްބަރު (ވ).
ގެމަނަފުށީގައި ގިނަ ޒުވާނުން މަސްވެރިކަމުގައި އުޅުނަސް، ރާއްޖޭގެ އެހެން ހިސާބުތަކުގައި މަސްވެރިކަމުގައި އަދިވެސް ގިނައީ އުމުރުން ދޮށީ މީހުންނެވެ. މަސްވެރިކަމުގައި ޒުވާނުން މަދީ، މި މަސައްކަތާ މެދު ދެކޭ ގޮތުން ކަމަށް އަކްބަރު ބުންޏެވެ. މަސްވެރިކަމަކީ ނުކިޔަވާ މީހުން ކުރާ މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުން އަދިވެސް ގިނަ ކަމަށާއި އެހެން ދެކޭ މީހުންވެސް އަމަލީ ގޮތުން މިކަން ތަޖުރިބާކޮށްފި ނަމަ، މަސްވެރިކަމާ މެދު ދެކޭ ގޮތް ބަދަލުވާނެ ކަމަށް އޭނާ ބުންޏެވެ.
"ކާބަފައިން ކާންބޯން ކުރި މަސައްކަތަކީ މަސްވެރިކަން. މަސްވެރިން ވެހޭހާ ވާރެ އާއި އަވީގާ ބުރަ މަސައްކަތްކޮށް ދަރިންނަށް އޭރު ކިޔަވައިދެނީ. ދެން މަސްވެރިމީހާ ބޭނުމެއް ނުވޭ ކިޔަވައި ދިނުމަށްފަހު އެމީހުންގެ ދަރިން މި މަސައްކަތަށް ނެރޭކަށް. އެހެންވެގެން މިހާރުގެ މި ޖެނެރޭޝަންގައި އެގޮތަށް ދެކެނީ،" އޭނާ ބުންޏެވެ.
ޒުވާނުން މަސްވެރިކަމަށް ނުކުތުމުގެ ހަމައެކަނި ހުރަހަކީ އެމީހުންގެ ވިސްނުމެވެ. މިއީ އާމްދަނީއެއް ހޯދުމަށްވުރެ ބޮޑަށް "ރަނގަޅު" އާމްދަނީއެއް ބޭނުންވާ ޒުވާނުން ކުރުމަށް ރަނގަޅު ކަމެއް ކަމަށް އަކްބަރު ދެކެ އެވެ. ހަފްތާއެއްގެ މައްޗަށް 10،000ރ. ނުވަތަ 15،000ރ. ވެސް ލިބިދާނެ ކަމަށް އޭނާ ބުންޏެވެ. އަދި މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރުގައި ލިބޭ އާމްދަނީ މަދުވި ނަމަވެސް އަހަރުގެ ބޮޑު ބަޔަކީ މަސްވެރިކަން ރަނގަޅު ދުވަސް ވަރު ކަމަށް އަކްބަރު ބުންޏެވެ.
ޒުވާން ކެޔޮޅު އަކްބަރު އޭނާގެ އާއިލާއާ އެކު.
ޒުވާން ކެޔޮޅު އަކްބަރު 2011 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފަށާފައިވާ އިރު އޭނާ އަކީ މިހާރު ދެ ކުދިންގެ ބައްޕަ އެވެ.
"މަސްވެރިކަން ކުރާތީ ވަކިން ޗުއްޓީ ނަގާކަށް ނުޖެހޭ. އާއިލާއަކު ގިނަ ވަގުތު ލިބޭ. މިއީ ރަށުގައި ހުރެގެން ކުރަން އެންމެ ރަނގަޅު މަސައްކަތް،" އޭނާ ބުންޏެވެ.
އަކްބަރު ބުނީ، މަސްވެރިކަމަށް ސަރުކާރުންދޭ އަހައްމިއްޔަތު އިތުރު ކުރަންޖެހޭ ކަމަށެވެ. މަސްވެރިނަށް އައިސް އަދި ތެޔޮ ނުލިބުން ފަދަ ކަންކަމަށް އަވަސް ހައްލުތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
އަކްބަރު ބުނީ "ޒުވާން ކެޔޮޅު" ފަދަ އެވޯޑުތަކުގެ ސަބަބުން ގިނަ މަސްވެރިން މި ދާއިރާއަށް ނުކުތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އޭނާއަށް ޒުވާން ކެޔޮޅުގެ އެވޯޑް ލިބުމުން އަކްބަރު ވެސް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ދެން ވެސް ފެނިގެންދާނީ މަސްވެރިޔެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތާ
14 December 2018
މަރުޙަބާ އަކްބަރު، ތިޔައީ ހުވަދޫ ދަރިންނަކީ
މަސްވެރިއެއް ނައިފަރު
13 December 2018
ކެޔޮޅޭ އޮތީމަ ހިނިއާދޭ ވަރަށް އެބަ، 3އަހަރު 4އަހަރުން ވާކަމެއް ނޫން ކެޔޮޅަކީއެއް، ކަނޑުފަޅު ދަނެ ހާހަލާއި ގިރި ގިރި އެނގި ދަހެއްނުވާނެ 4އަހަރަކުންނެއް، މަށަކީވެސް ނައިފަރު މީހެއް މަސްވެރިކަމާ އެއާ ގުޅުންހުރި ކަންކަމާ ތިކަމުގަކުރިއަށް ދެވޭނެ މިންވަރާއި ހަލުވިމިން އެނގިހުރެމިބުނަނީ. ސަޅިކަމެއްތީ ވަރަށް އާމްދަނީވެސް ރަނގަޅު.
ޢައްޑޫ މަސްވެރިޔާ
13 December 2018
ޥަރަށް ރަނގަޅު ވާހަކައެއް. 3 އަހަރުން ކެޔޮޅު ވެވެންޔާ މަގޭ 7 އަހަރުގެ ދަރިއަކީވެސް ކެޔޮޅެއް ސަބަބަކީ ބައްޕަ އަތުގަ މަސްދޯންޔެއް އޮތީމަ.
ނައިފަރު
14 December 2018
ތިބޭފުޅާ ތަންކޮޅެއް ގަމާރުވީމަދަހެއް ނުވާނެ އުމުރު ހުސްވިޔަސް ،ކެރިގެން ކަންކަން ކުރީމަ 4 އަރު ވެސް ދަސްވާނެ ހަޖަމް ކޮއްބަލަ
ހަންޖަރުކުމާރު
13 December 2018
އެއްބަޔަކު އާމްދަނީ ހޯދަނީ ރާއްޖޭގެ ރަށްރަށާ ކަނޑުފަޅު މިލިއަން ޑޮލަރުން ވިއްކާފަ ފައިސާކޮޅު މާލޭގެ އެކިއެކި ގަބީލާތަކަށް ބަހާލައިގެންނެވެ. ތިގޮތުގައި ހަލާލުގޮތުގައި ހޯދާ ފައިސާ މާ އައުލާކަން ބޮޑުވެގެންވެއެވެ. އ.ހ
އުފަ
13 December 2018
ސާބަހޭ ދަރިއާ.
ސުރުހީ
13 December 2018
ގުޑް ޖޮބް ބުރޯ ކީޕް އިޓްއަޕް. ލަވް ދަ ޖޮބް ނޮޓް ދަ ބޯޓް.
ރަދީފް
13 December 2018
ސާބަހޭ އަލީ އަކްބަރު.ތިޔަ ހިތްވަރަށް ސާބަސް.ރަދީފްގެ ފަރާތުން ''އެންމެ ޒުވާން ހިތްވަރުގަދަ މަސްވެރިޔާ'' މި މެޑަލްގެ އެންމެ މަތީ ލެވެލް އަރުވަން ނިންމި ވާހަކަ ދަންނަވަން.އެދެނީ ފާގަތި އުފާވެރި ދުވަސްތަކަކަށް.ވ.ވެދުން. ~ރަދީފްގެ ޕަބްލިސިސް~
ކަރީމުއްދީން ބާޝާ
13 December 2018
މަހަކީ ދިރުމޭ. މަހަކީ ކެއުމޭ. މަހަކީ ބުއިމޭ. މަހަކީ ހެދުމޭ....
ޢެޑްމުންޑޯ
13 December 2018
މަރުހަބާ އަކުބަރަށް ، އަކުބަރަކީ ފުލުހުންގެ ވޮލީޓީމުގެވެސް މޮޅަށްކުޅުނު ކުޅުންތެރިއެއް ، މަސްވެރިކަމަކީ މިޒަމާނުގެ ވަރަށްފައިސާލިބޭ ރަގަޅު މަސައްކަތެއް