22 ޑިސެމްބަރ 2018 - 08:05
ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބި ހުންނަ ދުވަހެއް ނަމަ ޑޯނަޓް ފަދަ ކާނާ ކާހިތްވާކަން ފާހަގަވޭ ހެއްޔެވެ؟ އާ ދިރާސާއެއްގައި ބުނަނީ އެންމެ ރެއެއްގެ ނިދި ގެއްލުނަސް ޖަންކް ފުޑަށް ޝައުގުވެރިކަން އިތުރުވެގެންދާ ކަމަށެވެ. އެހެންވެ މިއީ ބަރުދަން އިތުރުވެ ސިއްހަތަށް ގެއްލުން ހުރި ކަމަކަށްވެ އެވެ.
ނިދި މަދުވުމުން ބައެއް ކާނާތަކަށް ދަހިވިޔަސް އެކަން ދިވާނީ ބަނޑުހައިވުމުގެ އިހްސާސް އުފައްދާ ހޯމޯން ގިނަވެގެންނެއް ނޫނެވެ. މިކަން މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ ކަށަވަރުވެފަ އެވެ. އަދި އެ ދިރާސާތަކުން އެނގޭ ގޮތުގައި ނިދި މަދުވުމުން، ރަނގަޅު ކާނާއާ ދުރުވެ ޖަންކް ފުޑަށް ލޯބިކުރެ އެވެ.
"ނިދި މަދުވުމުން ރަނގަޅު ކާނާއާ ދުރުވަނީ ހޯމޯނަށް އަންނަ ބަދަލަކުން ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުމަކީ މާ އާދައިގެ ގަބޫލުކުރުމެއް ކަމަށް ވެދާނެ،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ކޮލޯންގެ ބަޔޮލޮޖިކަލް ސައިކޮލޮޖީ ޕްރޮފެސަރު ޖޭން ޕީޓާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިދި މަދުވުމުން ކެއުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑު ބަރުވެ ސިއްހީ މައްސަލަތައް ދިމާވާކަމާއި އެ މައްސަލަތަކުގެ ސަބަބުން ނިދި އިތުރަށް މަދުވެ މައްސަލަ އިތުރަށް ގޯސްވާކަން ކުރީގެ ދިރާސާތަކުން ވެސް ދައްކާފައިވާ ކަމަށެވެ.
އަލަށް ކުރި ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، އެންމެ ރެޔަކު ނިދި ހަމަނުވި މީހުންގެ ސިކުނޑިން ވެސް ކާނާއަށް ބޭނުންވުމުގެ ހަރަކާތްތައް އިތުރުވި އެވެ. ބައިވެރިންގެ ތެރެއިން ރަނގަޅަށް ނިދި މީހުންނާއި ނިދި މަދުވި މީހުން ޖެހިގެން އައި ދުވަހު ކާނާއަށް ކުރި ޚަރަދަށް ބަލާއިރު، ނިދި މަދުވި މީހުން ކުރި ޚަރަދު ބޮޑެވެ. އަދި އެ މީހުން ކާން ބޭނުންވި ތަކެއްޗަކީ، ރަނގަޅަށް ނިދި މީހުން ކާން ބޭނުންވި އެއްޗިއްސާ އަޅާބަލާއިރު ސިއްހަތަށް ރަނގަޅު ނޫން އެއްޗެހިކަން ވެސް ފާހަގަވި އެވެ.
މި ދިރާސާ، ޖާނަލް އޮފް ނިއުރޯސައިންސްގެ މި މަހުގެ 17 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
22 December 2018
ނިދި މަދުވީމާ މަ ކާހިތްކެނޑެނީ.