މާލެ: ޑިސެމްބަރު 25، 2018- ސީއްހަތައް ރަނގަޅު ނޫން ބާވަތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވައުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް އިފްތިތާހު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ގެ ތެރެއިން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
25 ޑިސެމްބަރ 2018 - 14:40
ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތަކާއި ނުރަނގަޅު ކާނާއާ ދެކޮޅު ބިޔަ ކެމްޕެއިންތަކެއް ހިންގުމަށް 21 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ނުރަނގަޅު ކާނާއާ ދެކޮޅަށް ހޭދަ ކުރާ ފައިސާ އިތުރު ކުރުން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ނުރަނގަޅު ކާނާއާ ދެކޮޅަށް ކެމްޕެއިން ކުރުމަށް މިހާރު ހަރަދު ކުރަމުންދަނީ މިލިއަނެއްހާ ރުފިޔާ ކަމަށެވެ.
ނަމަވެސް އަންނަ އަހަރު ނުރަނގަޅު ކާނާއާ ދެކޮޅަށް ތަފާތު 30 ކެމްޕެއިނެއް ކުރުމަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓް މީހުންނަކީ ގައިން ގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލީގައި މަރުވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނާއި ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.
ރާއްޖެ އަށް އަހަރަކު 460 މިލިއަން ސިނގިރެޓު އެތެރެ ކުރެ އެވެ. އެއީ 1.6 ބިލިއަން ރުފިޔާގެ ސިނގިރެޓެވެ. ރާއްޖޭގެ އަންހެނުންގެ އާބާދީގެ ތިން ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އަދި ފިރިހެނުންގެ އާބާދީގެ 34 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.
އާދަޔާ ހިލާފަށް ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ އެނާޖީ ޑްރިންކްސްގެ 40 އަށް ވުރެ ގިނަ ބްރޭންޑު ރާއްޖޭގެ ބާޒާރުން ލިބެން ހުރެ އެވެ. އެނާޖީ ޑްރިންކްސް ބޭނުން ކުރާ މީހުންގެ ނިސްބަތް ނޭންގުނު ނަމަވެސް ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެނާޖީ ޑްރިންކްސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ އާބާދީގެ 42 ޕަސެންޓަކީ ފަލަ މީހުންނެވެ. ފިރިހެނުންގެ އާބާދީގެ 32 ޕަސެންޓަކީ ފަލަ މީހުންނެވެ. އަދި އަންހެނުންގެ އާބާދީން 82 ޕަސެންޓު މީހުންނަކީ އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރާ މީހުންނެވެ. ކަސްރަތު ނުކުރާ ފިރިހެންގެ ނިސްބަތަކީ 58 ޕަސެންޓެވެ.
ރާއްޖޭގައި ތަރުކާރީ އާއި މޭވާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންގެ ނިސްބަތް ވެސް އާދަޔާ ހިލާފަށް ގިނަ އެވެ. އެގޮތުން އަންހެނުންގެ އާބާދީގެ 94 ޕަސެންޓަކީ އެކަށީގެންވާ މިންވަރަށް ކާނާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހުންނެވެ. ފިރިހެނުންގެ ތެރެއިން އެ އަދަދު އުޅެނީ 92 ޕަސެންޓުގަ އެވެ.
ދުންފަތަކީ ކެންސަރު ޖެހޭ ވަރަށް ގިނަ މާއްދާ އެކުލެވޭ އެއްޗެކެވެ. ހަކުރު އަޅާ ފޮނިކޮށްފައިވާ ބުއިންތަކުގެ ސަބަބުން ވެސް މީހާގެ ފުރާނަ އަށް ގެއްލުންވާ ވަރަށް ގިނަ ބަލިތައް ޖެހެ އެވެ. އަދި ސުޕާރީއަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ވަރަށް ގިނަ ކެމިކަލްތައް އެކުލެވޭ އެއްޗެކެވެ.
އެ ޖަލްސާގައި ވަނީ ހެލްތު ޕްރޮމޯޝަން އެޑްވައިޒަަރީ ބޯޑެއް އެކުލަވާލައި އެ ބޯޑަށް މެންބަރުން އަށް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އެއީ ހެލްތު މިނިސްޓްރީން ހަދީޖާ އަބްދުއްސަމަދާއި އެޗްޕީއޭގެ މައިމޫނާ އަބޫބަކުރާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތޫމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓްރީގެ ހުސެއިން ރަޝީދު މޫސާ އާއި މެޑިކަލް އެސޯސިއޭޝަނުން ޑރ. ނިޔާޝާ އިބްރާހިމާއި މީޑިއާ ކައުންސިލުން އަޒްމީ އަލީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުން އަހުމަދު ރާޝިދާއި އޮލިމްޕިކް ކޮމެޓީން އަހުމަދު މަރުޒޫގެވެ.
އޭގެ އިތުރުން ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިން މީހަކު އައްޔަން ކުރައްވާނެ އެވެ. ނަމަވެސް އަދި އެ ތިން މެންބަރުން އައްޔަނެއް ނުކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިނީ
27 December 2018
ފުރިހަމަ ސިއްޙަތަކީ ބޮޑު ނިޢުމަތެއް. ނިސްބަތުން ރާއްޖޭގައި ސިއްހަތަށް ކުރާ ހޭދަ ވަރަށް ބޮޑު. ސަރުކާރުން އެ ފައިސާ ހޯދަނީ އަހަރެމެން އެންމެން އަތުން. އަދި އަަހަރެމެން އެންމެންނަށް ނިސްބަތްވާ ގައުމީ މުއްސަނދިކަމުން. އެހެންކަމުން ނުރަނގަޅު އާދަތަކުން ޖެހޭ ބަލިބައްޔަށް ކުރަން ޖެހޭ ޚަރަދު ބޮޑުވާނަމަ އެއީ އަހަރެމެންގެވެސް މައްސަލައެއް ދޯ؟ ދުފުމާ ސިނގިރޭޓް ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލު އެނގޭނީ އެކަން ހުއްޓާލީމަ.
ގައިސް
26 December 2018
ކޯކު އިސްތިހާރު މުޅި މާލޭގަ. އަދި ކުޅިވަރު ކުޅޭ ހުރިހާ ސަރަހައްދެއްގަ. ޓީވީ ތަކުންވެސް ކޯކު އިސްތިހާރު. ގަޓްހުރިއްޔާ މިކަން ހުއްޓުވުއަބަލަ. ޔުނިވާސަލުގެ ދަށުނުވެ މިނިވަން ވާން ވެއްޖެ.
މިލް
26 December 2018
ސިއްހަތަށް ފައިދާ ހުރި ތަރުކާރީއާއި މޭވާގެ އަގު އަތް ފޯރާ ފަށަށް ތިރިކުރަން ވީ ނުންތޯ؟
ކޭލޭ2
26 December 2018
ތިއަށްވުރެ ނަރުދަމާއިން ޓެކްސް ނަގަން އުޅުނަސް ރަނގަޅުވާނެ...ދުނިޔޭގެ ތަހުޒީބު ތަރައްގީވެފަ އޮންނަ ތަންތަނާ މިގައުމާ ހުރިހާގޮތަކުންވެސް އެތައް އަހަރެއް ފަހަތުގަ މިއޮތީ...ކުރާނެ ކަމެއްނޭގިގެން އުޅޭބައެއްތަ މީ?
މިމު
26 December 2018
ތަރުކާރީއާއި މޭވާ ކާނެހާ ފުދުންތެރިކަމެއް ނުހުރޭ އާބާދީގެ %70 މީހުންގެ
ސައީދު އަޙުމަދު
26 December 2018
އަނގުބޮޑު ފޯނާއި، އެންމެ ފަހުގެ ސައިކަލް ގަތުމުގެ ފުދުންތެރިކަން %70 މީހުންގެ ހުންނައިރު، ތަރުކާރީ އާއި މޭވާ ނުގަނެވެންވީ ސަބަބެއް ނޭނގޭ
މުސާހު
26 December 2018
ޕްލީޒް ވޭޕް ކުރުން މަނާ ނުކުރައްވައްޗޭ،
އަލީ އަލީ
26 December 2018
ސިގިރެޓް ވިއްކީމަ ގައުލަތަށް ހުރިހާ ފައިދާއެއް! 200% ޓެކްސް ނަގާ! އެލާރިން އާސަަންދަ ހަމަޖެއްސީމަ އޯކޭއެއްނު! ނުބެހޭކަންކަމާ ނުބެހުނީމަ ނިމުނީ!
އިބްރާ
26 December 2018
މި ބޮޑު ހަރަކާތުގެ ސަބަބުން މި ތަކެތީގެ ވިޔަފާރި މަތިވެގެންދާނެކަމީ އެއްވެސް ށައްކެއް އޮތްކަމެއްނޫނެވެ.
ހުތާނި
26 December 2018
ތިއެޗްޕީއޭ ގެ ބޮޑުމީހާހެދި ދުންފަތުގެގާނޫނު ދިޔައީ ބޮޑުނަގުލަށް. ޢެއަށްވުރެން ތިކަން ފްލޮޕްވާލެއް އަވަސްވާނެ.
ވާލުސޮރު
25 December 2018
ހުސް ބޭކާރު ވާހަކަ! މާލޭގެ ވައިނުސާފު މާހަައުލުން ބޭރުވެ ހުޅުމާލެ ފަދަ ޖާގަ އޮތް ތަންތަނަށް ކުދި ޅަދަރީންކޮޅު ގޮވައިގެން ހިތްފަސޭހަކޮށްލަން ދާއިރު ހިނގަން އޮންނަ ޕޭމަންޓްވެސް "ކަޓުނަގާފަ" އޮންނަނީ ހޮޓާ ކެފޭ ތަކަށް ހިތަކަށްދީފަ. ދެން އެތާތިނބެ ގްރޫޕް ހަދާފަ ސިނގިރޭޓްބޮއި މުޅި ސަރަހައްދު އޮންނަނީ އެއްވަސްކޮށްފަ. އެއިން ހިސާބެއްގަ ދިރިއުޅޭ މީހުންނަށް ދުވާލަކު ފަންސާހަކަށް ސިނގިރެޓްގެ ދުން ހިލޭ ބޮވޭނެ.