މިއަދު ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ: ނުރަނގަޅު ކާނާއިން މުޖްތަމައު ސަލާމަތް ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި -- އަހުމަދު ނިޝާތު / މިހާރު ފޮޓޯ
25 ޑިސެމްބަރ 2018 - 13:23
ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތައް ފަދަ ނުރަނގަޅު އެއްޗެހިން ގައުމު ހަލާކުގެ ތެރެއަށް ދާން ދޫކޮށް ނުލައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
"ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ކެމްޕެއިނަށް ކުރާ ހޭދަ އިތުރުކުރުން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގައިން ގަޔަށް ނާރާ، ލައިފްސްޓައިލާ ގުޅުން ހުރި ބަލިތަކުން ދިވެހިން ވަރަށް ގިނަ އަދަދަކަށް މަރުވަމުންދާ ކަމަށެވެ.
ސިނގިރެޓާއި ސުޕާރީ އާއި އެނާޖީ ޑްރިންކްސް ފަދަ ނުރަނގަޅު ކާނާއަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ އެންމެ ބޮޑަށް އެއް ސަބަބު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ދުންފަތާއި ސުޕާރީ އާއި އެނާޖީ ޑްރިންކްސްގެ ޒަރިއްޔާއިން މުޅި ގައުމުގެ ސިއްހަތު ބަރުބާދުވާން ދޫކޮށްލާން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. މިހެންވެއްޖެ ކަމަށްވާ ނަމަ ދިވެހި ގައުމު ވަރަށް އަވަހަށް މުސްކުޅި، މަރުވެގެން ހިނގައިދާނެ،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅުންހުރި ބަލިތަކުން މަރުވާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކުގައި މަރުވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުން މަރުވާ މީހުން އަދި ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.
އަމީން ވިދާޅުވީ ހަމައެކަނި ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ހޭދަ އިތުރު ކުރި ނަމަވެސް ހަގީގީ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ.
"މި މައްސަލައަކީ މިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން ވަރަށް އިސްކަމެއް ދެއްވައިގެން ނޫނީ ހައްލުވާނެ މައްސަލައެއް ނޫން. އަދި ހަމައެކަނި މިއަށް ކުރާ ހޭދަ އިތުރުވެގެން ހައްލުވާނެ މައްސަލައެއް ނޫން،" އަމީން ވިދާޅުވި އެވެ.
ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ކެމްޕެއިނަށް ކުރާ ހޭދަ އިތުރުކޮށް އަންނަ އަހަރު ގާތްގަނޑަކަށް ތިރީހަކަށް ކެމްޕެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތުގެ ފުރަތަމަ އަހަރު އަޅުގަނޑުމެން އަމާޒު ހިފާފައި މި ވަނީ މި ހޭދަ އިތުރުކޮށްގެން ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ހޭލުންތެރި ކުރުމަށްޓަކައި 30 ވަރަކަށް ހަރަކާތް ހިންގުމަށް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ނިކުންނަނީ ހަގީގީ މާނައިގައި ނަތީޖާތަކެއް ފެންނަ ވަރުގެ މަސައްކަތްތަކެއް ކުރުމަށް."
މީގެ އިތުރުން އަމީން ވިދާޅުވީ ނުރަނގަޅު ކާނާއާ ދެކޮޅަށް ހިންގާ ކެމްޕެއިނުތަކުގައި ސިއްހަތުގެ ތަޖުރިބާކާރުންނާއި އާންމުން ބަލައިގެންފައިވާ ޝަހުސިއްޔަތުތަކާއި ވިޔަފާރިވެރިން ވެސް ބައިވެރި ކުރުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޤީޤަތު ވާލާ
26 December 2018
އެހެންކަމުން ކޮކާ ކޯލާ އާއި ރެޑްބްލް އަދި އެކްސެލް ފަދަ ހަކަތަ ބުއިން ވިއްކާ ފަރާތްތަކުން މީޑިޔާގެ ޒަރީއާއިން ކުރާ އިސްތިހާރުތައްވެސް ހުއްޓުވާން ޖެހޭ. ދައުލަތުގެ މީޑިޔާއިން މޯލްޑިވިއަން އައިޑަލް ފަދަ ޝޯ ތަކުގެ ބެވަރޭޖް ޕާޓްނާ ކިޔާފަ ހަކަތަ ބުއިން (އެނާޖީ ޑްރިންކް) ތަކަށް އިސްތިހާރު ކުރުމުގެ ފުރުސަތު ދިނުން ހުއްޓާލަން ޖެހޭ. ހަޤީޤަތުގައި މައިލޯ އަކީވެސް ރައްކާތެރި ބުއިމެއްނޫން.
ދޮން ބަބުރު ސޮރު
26 December 2018
މިވެސް މޮޅުވާހަކަ ދައްކާ މިނިސްޓަރެއް ކިހާވަރެއް ވާނެ ބާ؟؟ ހުރިހާ ގޮތަކުންވެސް މިގައޮމު ހަލާކުވަމުން މިދަނީ މޮޅުވާހަކަ ޒުވާނުން މުސްކުޅީން ބަލި މީހުނަށް ބަދަލުވެ ނިމިއްޖެ، 150 ކިލޯ ބަރުދަން އިސްކޮޅު 5ފޫޓު ހަމަ ނުވޭ.
ޑޯން
26 December 2018
ބަންގާޅިން ހިގާހޮޓާތަށް މަދުކުރީމަ ...ސާފް ތާހިރުކަން އިތުރުވާނެ
ވަހަިދު
26 December 2018
ބަންގާޅިން ސައިހޮޓާ ކެފޭ ރެސްޓޯރަންޓު ހިންގަން ތިބެނީ. އަގުބޮޑު ރެސްޓޯރަންޓުގައި ވެސް ކައްޕަޅި ހޮޓަލުގައި ވެސް ކާނާ ތައްޔރު ކުރަނީ ހަލާކުވެފައި ނޫނީ މުއްދަތު ހަމަވާން ކައިރި ވެފައި ހުންނަ ތަކެތިން. ދެން ވިސްނާލާ ހާލަތާއި މެދު.
ރަޝީދު އ
25 December 2018
މި އީ ހާދަހާ ދެކޮޅު ނުޖެހޭ ވާހަކަ ފުޅު ދައްކަވާ މިނިސްޓަރ އެކޭ؟ އެއްކޮޅު ބަޔަކަށް އެބުނާ ޑްރިންކާއި ސިގަރެޓް ވިއްކައިގެން މިލިއަނުން ފައިދާ ހޯދަން ފުރުސަތުދީފަ.. މި ކިޔަނީ އެތަކެތީގެ ނުރައްކާތެރިކަމަށް އެވަރ ކުރާ ވާހަކަ؟ ތިޔަށްވުރެން އެބުނާ ގެއްލުން ވާ ތަކެތި އެތެރެކުރުމާއި ވިއްކުމާއި މެދު ފިޔަވަޅު އަޅާނަމަ، ރޫޓް ކޯޒް ނައްތާލެވޭނެ.. މިހާރު ތިކުރާ ކަމަކީ "ފޫނެއް ފަޔަކަށް ފެންފުރުން"
އަޒްލީމް
25 December 2018
މީގެ ފަހުން މިނިސްޓަރު ކާންޖެހޭނީ ހަމައެކަނި ކުކުޅު ބިހަކާއި ވަޅޯމަސްކޮޅެއް އެކަނި.. ފެންވެސް ބޯންވާނީ ދެ ދުވަހުން އެއްދުވަހު.
އައްޑާ
25 December 2018
ޗައިނާ އާއި އިންޑިޔާ އަދި ބަންގްލަދޭޝް އިން ކުނިގޮނޑަށް އުކާލާ ތަކެތި ގިނައިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދަނީ. އެފްޑީއޭ އަކަށްވެސް އެޗްޕީއޭ އަކަށްވެސް މިއިން އެއްވެސް ކަމެއް ބަލާ ފިޔަވަޅެއް ނޭޅޭ! ހުސް ވާހަކަ
މާރަނގާ - އައްޑޫ ސިޓީ
25 December 2018
ކަސްޓަމްސް ޑިއުޓީޓެރިފަށްބަދަލުގެނެސް ތައިލެންޑް މެލޭޝިޔާ، އިންޑޮނޭޝިއާފަދަ ޤައުމުތަކުން އެތެރެކުރާ ކައްކާތެލާއި ކިރުގެ އުފެއްދުމާއި އެކިޒާތްޒާތުގެ ލުއި ބުއިންތަކުން %20 އާއި %30 އާއި ދޭތެރޭ ޑިއުޓީއެއް ތައާރަފްކޮށް އީޔޫ ގައިޑްލައިނާއިއެއްގޮތަށް ޔޯރަޕް، އެމަރިކާ، އިޤިރޭސިވިލާތާއި ޖަޕާން އޮސްޓްރޭލިއާ، ނިއުޒީލަންޑައި ކެނަޑާ ފަދަ ޤައުމުތަކުގެ އޭ ގްރޭޑް އުފެއްދުން ނުވަތަ ޕަބްލިކް ލިސްޓެޑް ކުންފުނިތަކުގެ އުފެއްދުންތަކުގެ ޑިއުޓީ %0 އަށް ތިރިކުރާންޖެހޭ.
އަސީލް
25 December 2018
އެންމެ ފުރަތަމައިންވެސަ ހަދަންވީ ގޮތަކީ ޔާމީނު ދައުރުގަ ހުޅުވި ފާސްޓު ފުޑު ތަންތަން ބަންދު ކޮއްލަންވީ..
ވަހީދު
26 December 2018
ބަންދު ކޮށްފައި ކިހިނެކޭ ހަދަންވީ؟ އަލުން އެތަންތަން ބަންގާޅިންނަށް ދޭންވީތަ؟ ނޫނީ މައުމޫނު ދައުރުގައި އެސަރަހައްދުގައި ހަފްތާނިންމުން ބޭއްވިގޮތަށް ބާއްވަންވީތަ؟
ޒީނިޔާ، ހެލްތު ވޯކަރު
25 December 2018
ދުވާލެއްގެ މައްޗަށް ސިއްހީ ދާއިރާގެ 30 ބަޔަކާ ބައްދަލުކުރޭ. ބައްދަލު ކުރެވުނު އަދަދު 300 އަށްވުރެ ގިނަ. މައި ހޮސްޕިޓަލެއް ނެތް ޒިޔާރަތް ނުކުރާ، ހޮސްޕިޓަލެއްގެ ވެރިއެއް ނެތް ލަފާ ނުހޯދާ. އަތޮޅު ތަކުގެ ހޮސްޕިޓަލްތަކަށްވެސް ޒިޔާރަތް ކުރަން ފަށާ، އައްޑޫގެ ހުރިހާ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށް، މިދިޔަ ހަފްތާގައި ނައިބް ރައީސްއާއި އެކީ ހދ އަތޮޅުގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި. މި ހުރިހާ ކަމެއްކޮށް އެކުލަވާލާ ސިޔާސތުތައް ފައްކާވާނެ.