ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކީޕަރު އިމްރާންގެ ކެރިއަރުން ހިތްވަރާއި ފިލާވަޅުތަކެއް!

ގޯލްކީޕަރު އިމްރާން މުހައްމަދު: އޭނާ ވަނީ 17 އަހަރު ގައުމީ ޓީމުގެ ގޯލުބަލަހައްޓާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަތާރަ އަހަރު ގައުމީ ޓީމަށް މެދުކެނޑުމެއްނެތި ކުޅުނުއިރު ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗުތަކުގައި ކުޅެފަ އެވެ. އިމްރާންގެ ގައުމީ ޓީމުގެ ކެރިއަރު މިދިޔަ އާދިއްތަ ދުވަހުގެރޭ ހާއްސަ މެޗަކުން ނިމިގެންދިޔައިރު، ގައުމީ ޓީމުގެ ގޯލުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އޭނާގެ ކެރިއަރުގައި ދެއްކި ތަފާތުން ދިވެހި ޒުވާން ކުޅުންތެރިންނަށް ހިތްވަރާއި ފިލާވަޅުތަކެއް ލިބޭނެ އެވެ. އެކަން ކަމުން އިބްރަތް ހާސިލްކުރުމަކީ އިމްރާން ވެސް އެދޭ އެދުމެއްކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ގައުމީ ޓީމާ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 11 ވަނަ ދުވަހު އިމްރާން ވަކިވި ނިންމުމަކީ ގިނަ ބަޔަކަށް ލިބުނު ސިހުމެކެވެ. އެއީ އޭރު ވެސް އޭނާ ހުރި ފޯމު ރަނގަޅުވެފައި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ބޯމަތީގައި އޮތުމުންނެވެ. އެކަމަކު އިމްރާން އެ ނިންމުން އޮތީ ކުރިން ނިންމައިފަ އެވެ. އެކަން އޭނާގެ ގާތް މަދުބަޔަކާ އެކަން ހިއްސާކޮށް އެކަން އާންމުނުކުރަން ވެސް އޮތީ ޝަރުތުކޮށްފަ އެވެ. އެއީ ވެސް ސަބަބަކާ އެކު ކުރިކަމެކެވެ.

"ލާއޯސްއާ ދެކޮޅަށް މެޗު ކުޅެން ދިޔައިރު އަޅުގަނޑު ހުރީ ރިޓަޔާކުރަން ނިންމައިގެން. މާގިނަ ބަޔަކަށް އެކަން ނޭނގުނަސް އެކަން ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރިން. ހިއްސާކޮށްފައި އަޅުގަނޑު އެދުނިން އެކަން ސިއްރުކުރަން. އޭގެ ސަބަބަކީ ރިޓަޔާކުރަން ނިންމާ ހުރިހާ ފަހަރަކު ދިމާވާ އެންމެ ބޮޑު ހުރަހަކީ ދިވެހި ފުޓްބޯޅައިގައި އެ އުޅޭ ފަރާތަތައް އެދެނީ އަޅުގަނޑު ހުއްޓާނުލައި ކުރިއަށްދިއުމަށް، އެހެންވެ އެކަން އެގޮތަށް ބޭއްވުމަށް ފަހު 12 އޮކްޓޫބަރުގައި ލާއޯސް މެޗަށް ފަހު އަޅުގަނޑު ރިޓަޔާކުރީ،" ހާއްސަ މެޗުގެ ކުރިން ސަޕޯޓަރުންނާ ވާހަކަދައްކަމުން އިމްރާން ބުންޏެވެ.

ޒުވާން އުމުރުގައި ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާކުރީ 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރުކުރި މެޗާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

އިމްރާން ރިޓަޔަކުރުމަށް ބޭއްވި މެޗުގެ ތެރެއިން އޭނާ ޓީމުގެ ކެޕްޓަން ބޭންޑް ދަގަނޑޭ އަތުގައި އަޅުވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު އިމްރާން ފިޓްކޮށް ހުއްޓައި މިދިޔަ ސަތާރަ އަހަރު އޭނާ ނޫން އެހެން ކުޅުންތެރިއަކަށް ގައުމީ ޓީމުގެ ގޯލުން ފުރުސަތު ލިބުން އޮތީ އުނދަގޫވެފަ އެވެ. އެއީ އޭނާ އެ ޒިންމާ އަދާކުރަމުންދިޔައީ ނުހަނު އިތުބާރާ އެކު ކަމަށްވާތީ އެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި އެއް ސަބަބަކީ އެހެން ކީޕަރުންނަށް އޮތް ހުރަހަކަށް އޭނާ ނުވުމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު ރާއްޖޭގެ ގޯލު ބަލަހައްޓާފައި. އަޅުގަނޑާ އެކު ތިބި އެތަކެއް ގޯލްކީޕަރުންނަށް އެ ގޯލުގައި ކުޅެލާނެ ފުރުސަތެއް ނުލިބި. އެ ގޯލްކީޕަރުންގެ ކެރިއަރު ވެސް ނިމިދާނެތީ. އަޅުގަނޑަށް ވުރެން ކުރިން އެ ކީޕަރުން ކުޅުން ހުއްޓާލަފާނެތީ. އަޅުގަނޑު އެހެންވެ ނިންމީ ޒުވާން ކުޅުންތެރިންނަށް އެ ގޯލު ހަވާލުކުރަން،" އިމްރާން ބުންޏެވެ.

އުމުރުފުރާ ގައުމީ ޓީމުތަކަށް ލިބޭ މުބާރާތްތަކުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގައި ވެސް މީގެ ކުރިން އިމްރާން ހިމަނަ އެވެ. އެކަމަކު ކެރިއަރުގެ ފަހުކޮޅުގައި އިމްރާން އެ ގޮތަށް ލިބޭ ފުރުސަތުތައް ދޫކޮށްލި އެވެ. އަދި މިހާރު ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އަލުން ގައުމީ ޓީމަށް އަންނަން އިމްރާނަށް ދިން ދައުވަތު ވެސް އޭނާ ގަބޫލެއްނުކުރި އެވެ.

"އޭޖް ގްރޫޕްތަކުގައި އެ އޮތް މުބާރާތްތަކުގައި ލިބުނު ފުރުސަތުތައް ވެސް އަޅުގަނޑު ދޫކޮށްލިން. އެއީ މުސްތަގުބަލަށް އަޅުގަނޑު އެޅި ފިޔަވަޅެއް. އަޅުގަނޑު މި ނެގި ރިސްކުގެ ފައިދާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެން އެ ދިޔައީ. މުޅި ސައުތު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފައިސަލް ހޮވި ރާއްޖޭގެ ޓީމު ރަން މެޑަލް ހިފައިގެން އައީ. މިއީ އަޅުގަނޑު ކުރި އުއްމީދަކީ،" އިމްރާން އުފަލާ އެކު ފާހަގަކުރި އެވެ.

އުމުރުން 37 އަހަރުގައި ވެސް އިމްރާން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަންނަ އަހަރުގައި ވެސް ކްލަބް ލެވެލްގައި އޭނާ ކުޅޭނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ހުއްޓާނުލައި ގިނަ ދުވަސްތަކެއް ވަންދެން އިމްރާން ކެރިއަރު ކުރިއަށްގެންދިއުމުގެ ފަހަތުގައި އޮތީ އޭނާގެ ބަދަލުނުވެ އޮތް ރޫހެވެ. އަނިޔާއެއް ވިޔަސް އަނބުރާ އަންނަން ދެއްކި ހިތްވަރެވެ.

ހާއްސަ މެޗުގެ ތެރެއިން އިމްރާން ސަޕޯޓަރެއްގެ ޖޯޒީގައި ސޮއިކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާ ދުވަހު އަޅުގަނޑު ކުޅުން ހުއްޓާނުލައި ކުރިއަށްދިޔައީ ކިތަންމެ ބޮޑު އިންޖަރީއެއް ވިޔަސް އަލުން އަނބުރާ ކުޅެން ނުކުތުމަކީ ކުރަން ޖެހިގެން ކުރި ކަމެއްގެ ގޮތުގައި ދެކިގެން. އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑު މިކުރި މަސަައްކަތުން ދެއްކި ހިތްވަރުން ދިވެހި ޒުވާން ކުޅުންތެރިން އިބްރަތް ހާސިލްކޮށް އެ ކަންތައްތަކުން ފިލާވަޅު ދަސްކުރުން،" އިމްރާން ބުންޏެވެ.

"ފައިގެ ލިގަމެންޓް ދިޔަސް އެ ހިސާބުން ކެރިއަރު ދިޔައީކީ ނޫން. އަޅުގަނޑު މިހުރީ ކަކުލުގެ ތިން އޮޕަރޭޝަނެއްކޮށްފައި. އަތުގެ އޮޕަރޭޝަނެއްކޮށްފައި. ރިޓަޔަކުރުމާ ހަމައަށް އަޅުގަނޑު މަސައްކަތް ކުރީ ގައުމަށް އިހުލާސްތެރިކޮށް. ދިވެހިންނަށް ރީތި ނަން ހޯދައިދޭން. ހިތުގެ އެންމެ ފުންމިނުން ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރަން،" ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނަށް ފަހުގެ މެސެޖެއްގެ ގޮތުގައި އިމްރާން ބުންޏެވެ.

އިމްރާންގެ ކެރިއަރުން ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އޭނާއާ އެކުގައި ކުޅެމުންދިޔަ ކުޅުންތެރިންނާއި ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އެކަން ހެކިދެނީ އިމްރާނަށްޓަކައި ފާއިތުވި ދުވަސްތަކުގައި ސަޕޯޓަރުންނާއި ކޯޗުން ބަންޑުންކޮށްލި ޝޫރުތަކުންނާއި ވަދާއީ މެސެޖްތަކުންނެވެ. ހަގީގަތަކީ އިމްރާނަކީ ދިވެހި ކުޅިވަރަށް ގިނަ ނަމޫނާތަކެއް ދޫކޮށްދިޔަ ކުޅިވަރުގެ ޝަހުސިއްޔަތެކެވެ. އޭނާ ގައުމުގެ ގޯލު ބެލެހެއްޓުމުގައި ދެއްކި ހިތްވަރަކީ ފިލާވަޅު ނެގޭނެ ކަންތައްތަކެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 6%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިކުރީ

02 January 2019

އިމްރާނުގެ ކެރިއަރުން ހިތްވަރާއި ފިލާވަޅު ލިބިގަންނަން ނޭނގުނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454