ހދ. ހަނިމާދޫ: އެ ރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން ވަނީ ނިންމާފައި-- ފޮޓޯ/ ފޭސްބުކް
22 އޯގަސްޓް 2016 - 11:24
އަންނަ ބޮޑު އީދަށް ރަށުތެރެ ރީތިކޮށް، ކުޅިވަރުތައް ކުޅެން ހދ. ހަނިމާދޫ ކައުންސިލުން ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ ހޭދަކުރަން ނިންމާފައި ވަނިކޮށް، އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފި އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެކަން ތަހުގީގުކުރަމުން އަންނަނީ އަމިއްލަ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އެ މައްސަލަ ބަލަމުން ދާތީ އެ ހަރަދުނުކޮށް މަޑުކުރަން ވާނީ އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ހަނިމާދޫ ކައުންސިލް މެމްބަރު ހަސަން ޖައުފަރު ވިދާޅުވީ އީދަށް ރަށުތެރެ ރީތިކުރަން ކައުންސިލްގެ ބަޖެޓުން 875،000 ރުފިޔާ ހަރަދު ކުރަން ނިންމީ ކައުންސިލަރުންގެ ބައްދަލުވުމެއްގައި ކަމަށެވެ.
އޭސީސީން އަންގާފައި ވަނީ އެ ބައްދަލުވުމުގެ އެޖެންޑާ އާއި ޔައުމިއްޔާ އެ ކޮމިިޝަނަށް ހުށަހެޅުމަށެވެ. އަދި އެކަން ބަލައި ވަކި ގޮތެއް ނިމެންދެން، ބޮޑު އީދުގެ ކަންކަމަށް ކައުންސިލުން އެއްވެސް ހޭދައެއް ނުކުރަން ވެސް ވަނީ އަންގައިފަ އެވެ.
ޖައުފަރު ވިދާޅުވި ގޮތުގައި ކައުންސިލުން ނިންމީ އީދަށް ރަށުތެރެ ރީތިކުރުމުގެ ގޮތުން ގެތަކުގެ މަގުމަތީ ފާރު ރާނައި، ކުލަ ލައި އެކި ކަހަލަ މޮނިއުމަންޓްތައް ހަދާށެވެ. އެކަމަކު އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މީހަކު މައްސަލަ ހުށަހެޅީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހަރަދު ކުރަން ކައުންސިލްގެ ދެ މެމްބަރަކު ވެސް ދެކޮޅު. އެއްވެސް ތަނެއްގައި އެންމެންގެ ހިޔާލު އެއްގޮތެއް ނުވާނެ. އެހެންވެ، މިކަމާ ހިޔާލުތަފާތުވެގެން މީހަކު މައްސަލަ ހުށަހެޅީ ކަމަށް ބެލެވެނީ،" ޖައުފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީދަށް ހަރަދު ކުރަން ނިންމީ އެ ރަށުގެ ކުނި ނައްތާލަން ބަޖެޓުގައި ކަނޑައެޅި ފައިސާ ކަމަށާއި އެ ފައިސާ ބޭނުންކުރަން ނިންމީ އެ މަސައްކަތް މި އަހަރު ނުކުރެވޭނެ ކަމަށް ބަލާފައި ކަމަށެވެ.
"މިއީ އަޅުގަނޑުމެން ރަނގަޅު ނިޔަތެއްގައި ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތެއް. އެހެންވެ، އޭސީސީން މިކަން ބަލައިގަންނާނެ ކަމަށް އުއްމީދުކުރަން،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ މި ނިންމުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން އިއްޔެ ރައްޔިތުންނާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދާލު
22 August 2016
9ލައްކަ ރުފިޔާ ވަންނަން އޮތީ އެކަންހުއްޓުވަން އުޅޭ މަހުޖަނުގެ ޖީބަށްކަން އެގުނީ އޭ ސީ ސީ އަށް ލީފަހުން.........މިހާރު އެކަމާ ލޮލުފިޔަ އެއް ވެސް ނުޖެހެ.......
ދޮންދީނި
22 August 2016
ތިއަށްވުރެ މާބޭކާރުގޮތެއްގައި މި ދިޔައަހަރު މިނިވަން ދުވަސް ފާހަގަކުރީ...
އަލިފުޅު
22 August 2016
ބަޔަކު ގޯސްކަމެއް ކުރީމަ، އެއާ ވިއްދާފަ ނުޖެހޭދޯ ގޯސްކަމެއް ކުރާކަށް. މާލޭގަ ބްރިޖް ވެސް އެބަ އަޅާ، މާދަން ފާސް ކުރަންވީނު ހަނިމާދޫއާ ބާރަށާ ދެމެދު ބްރިޖް އަޅަން.
ަސދ
22 August 2016
އެހެން ޕްރޮޖެކްޓަކަށް ހުރި ފައިސާއިން ތަފާތު ދިމާލަކަށް ޚަރަދު ކުރެވޭނީ ފިނެންސްގެ ހުއްސަ ލިބިގެން އަދި ކުރަން އުޅޭ މަސައްކަތުގެ ތަފްސީލްވެސް ކުރިން ފިނޭންސާއި ހިއްސާކޮށްގެން. އެއިރުން އެފައިސާ ޚަރަދު ކުރަންޖެހޭ ރަނގަޅު ކޯޑްތަކަށް ޓްރާންސްފަރ ކޮށްދޭނެ. ވާގޮތަކީ މިކަހަލަ ވަރަށް އާދައިގެ މެނޭޖްމެންޓް ސިކިލް ހުންނަ މީހުންވެސް ކައުންސިލަށް ކުރިމަތި ނުލާތީ ހުރިހާ ކަމެއް ބޮއްސުން ލާފައި މިއޮްނަނނީ
އުނބުށެން
22 August 2016
ދައުލަތުގެ ތަންތަނުގެ މަގުފާރު ރާނައި ކުލައި ހެދިޔަސް ދައުލަތުގެ ފައިސާއިން އަމިއްލަ މީސްމީހުންގެ ގޭގޭގެ ފާރު ރާނައިދީ ކުލައިލައިދީ ހެދުމުގެ ބާރު ކައުންސިލަށް ލިބެނީ ކޮން އުސޫލަކުންބާވައެވެ. އަނެއްކޮޅުން ވަކި ޕްރޮޖެކްޓަކަށް ކަނޑައެޅިފައިވާ ބަޖެޓަކުން އެހެން ކަމަކަށް ހޭދަކުރުމަކީ ޤާނޫނުތަކާއި ގަވާއިދުގެ އިތުރަށް ގާނޫނު އަސާސީއާވެސް ޚިލާފުވާނެ ކަމެއް ނޫންބާވައެވެ.
ކަދާމާލި
22 August 2016
އޭސީސީ އަކަށްވެސް އާރުލާ ކަމެއް ކުރާހާ ހިއްވަރެއް ނުހުންނާނެ. އެކަމަކު އީދު ފާހަގަކޮށްލުން ފަދަ އާދައިގެ ކުޑަކުޑަ ކަމެއްގަ މައްސަލައެއް މީހަކު ހުށަހަޅާއިރަށް ދެން ހީވާނީ އެއަށްވުރެ ބާރުގަދަ ބަޔަކު ނެތިގެން އުޅޭހެން.
ވާނުވާ
22 August 2016
ފާރުތައް ރާނާ މޮނިއުމެންޓް ތައް ހަދަނީ ރަނުންބާ؟ މާ ބަޖެޓް ބޮޑުވީމަ ހަމަ އަހާލީ. މިހާރުވެސް ސްކޫލްގަ އެއުޅެނީ ފެން ބޮޑުވެގެން. ސާބަސް ހަމަ އީދު ފާހަގަ ކޮއްފަ ބަހައްޓާ!
ޝަހާމް
22 August 2016
ވީޓީވީ އިން ހަނިމާދޫގައި މިފަހަރު އީދު އުފާ ފާހަގަ ކޮށް ލައިވް ކުރުމަށް އޮތީ ހަމަޖެހިފައި. އެއީތޯ މިވީގޮތަކީ. ފަހަރުގައި ޕާޓީ ކުދިންގެ ގޭގޭފާރު ރާނާލާ ކުލަ ހާކާލުމަށް ހިންގަން އުޅުނު ކަމެއްކަމަށް ވެދާނެ. މަތީގައިވާ ފޮޓޯގަނޑުން ފެންނަނީ ޖުމްހޫރީ ޕާޓީގެ ނިޝާންތައް.
މާނާ
22 August 2016
ތިހާބޮޑު ހަރަދެއްކޮށްގެން ޢީދު ފާހަގަ ކުރާކަން ނުފެނޭ