މާލެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މަގެއްގައި ފެންބޮޑުވެފައި: މި މައްސަލައަށް އަދި މާ ބޮޑު ހައްލެއް ނުލިބޭ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
22 އޯގަސްޓް 2016 - 08:18
އަނެއްކާވެސް ވިއްސާރަ ދުވަސްވަރެކެވެ. ހުއްޓާނުލައި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހިއްޖެ ނަމަ މަގުމައްޗަށް ނިކުންނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. ވިއްސާރަ މޫސުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވުމަކީ އެންމެ ބޮޑު އެއް މައްސަލަ އެެވެ. އެކަމަކު މިކަމަށް ހައްލެއް ހަމަ ނެތީތޯ، މިއީ މި ފަދަ ކޮންމެ ދުވަސްވަރެއްގައި ވެސް އުފެދޭ ސުވާލެކެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ކިރިޔާ ވިއްސާރަކޮޅެއް ވެހިލާ އިރަށް ވެސް ފެންބޮޑުވެ އެވެ. ހާއްސަކޮށް، މެދަށް އަޑިކޮށް އޮންނަ ރަށްރަށުގައި ބޮޑުވާ ފެން ހިންދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި މާލޭގައި މިހާރު ފެން ބޮޑުވާން ދިމާވަނީ މީގެ އަހަރުތަކެއް ކުރިން މާލެ ހިއްކައި، މަގުތައް ހަދާފައި އޮތް ގޮތުންނެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ މަގުތައް ޑިޒައިންކޮށްފައި ވަނީ ފަސޭހައިން ފެން ހިނދޭނެ ގޮތެއް ބަލައިގެން ނޫން ކަމަށެވެ. އެހެންކަމުން އެހާ ބޮޑަށް މިހާރު ފެންގަނޑު ދެމިގެންދަނީ މަގުތައް ހަދާފައިވާ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވާރޭ ވެހި މަގެއްގައި ފެންބޮޑުވެފައި: ވިއްސާރަ ދުވަސްވަރަކު މި ގޮތަށް މަގުތަކުގައި ފެންބޮޑުވޭ --ފައިލް ފޮޓޯ
އަސްލަމް ވިދާޅުވި ގޮތުގައި މާލެ ވަށައިގެން އޮންނަ، މަގަށް ވުރެ ދެން އޮންނަ މަގުތައް ތިރި އެވެ.
މިކަމުގައި އަަސްލަމް މިސާލަކަށް ނެންގެވީ އަމީނީ މަގެވެ. އެއީ ކުޑައިރުކޮޅަކު ވާރޭ ވެހިލި ނަމަވެސް ފެންބޮޑުވާ މަގެކެވެ. އޭނާ ވިދާޅުވީ އަމީނީމަގަށް ވުރެ އެ މަގުގެ ބޭރަށް އޮންނަ ބޮޑުތަކުރުފާނު މަގާއި އެތެރެއަށް އޮންނަ ބުރުޒު މަގު އުސް ކަމަށާއި އެ ދެ މަގަށް އެޅޭ ފެން ވެސް ޖަމާވަނީ އަމީނީމަގަށް ކަމަށެވެ. އަދި އެ މަގުގައި ބޮޑުވާ ފެން، ހަމައެކަނި ކާނުތަކުން ނުހިންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މާލޭގެ މަގުތައް ޑިޒައިންކޮށްފައިވަނީ ފެން ހިނދޭނެ ގޮތަކަށް ބަލައިގެންނެއް ނޫން. އެއް މަގަށް ވުރެ އަނެއް މަގު އުސްކޮށް، އެކި ލެވެލްތަކަށް މަގުތައް މި ހުންނަނީ. އެހެންވެ، ފަސޭހައަކުން ފެނެއް ނުހިނދޭނެ،" އަސްލަމް ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގެ މައްސަލަތައް ބޮޑެވެ. ފެން ނުހިނދުމުގެ އިތުރުން މަގުތައް މާ ބޮޑަށް އަޑިގުޑަން ވުމާއި މަގަށް ނުކަތާ ވަރަށް އުޅަނދުތައް ގިނަ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް މަގުތަކުން އަޑިގުޑަން ފިލުވައި، ތާރު އެޅި ނަމަވެސް ފެން ހިންދުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަކަށް އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.
"މިއީކީ ހަމައެކަނި އެންމެ މަގެއް ހަދައިގެން ހައްލުވާނެ މައްސަލައެއް ނޫން. މިކަން އިސްލާހު ކުރެވޭނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން، ފެން ބޮޑުވާ ހުރިހާ މަގެއް އަލުން ރީޑިޒައިންކޮށްގެން،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމަށް ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އެމްއާރުޑީސީއާ ހަވާލުކޮށްގެން، މާލޭގެ ބައެއް މަގުތަކުގެ ކާނުތައް ސާފުކުރުމާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ސްޓޭޝަންތައް ބަހައްޓައި، ބޮޑުވާ ފެން މޫދަށް ބޭރު ކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
މާފަންނުކޮޅުގައި ފެންބޮޑުވި ދިވަހެއްގައި ފުލުހުންގެ އިދާރާއަކަށް ފެން ވަނަ ނުދޭން ވެލި ބަސްތާ ޖަހާފައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަމީނީމަގު ފަދަ، ފެން ބޮޑުވާ ބޮޑެތި މަގުތަކުގެ ކާނުތައް މިދިޔަ އަހަރު އެމްއާރުޑީސީން ވަނީ ކޮނެ މުޅިން ސާފުކޮށްފަ އެވެ. އެ ދުވަސްވަރު މަގުމަތީގައި ފެން ބޮޑު ނުވާތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތީގައި ފެންބޮޑުވާކަން މީހުން މިހާރު ހަނދާން ނެތިއްޖެ ކަމަށެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުތަކުގައި ކުރިއެކޭ އެއްގޮތަށް ފެން ބޮޑުވާން ފެށުމުން އެއީ ދާއިމީ ހައްލެއް ނޫން އެނގުނެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އެކި ތަންތަނުގައި ޕަންޕު ސްޓޭޝަން ހަރުކޮށް، ފެން ބޭރުކުރުމުގެ މަސައްކަތަށް ސަރުކާރުން މިދިޔަ އަހަރު 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މި މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން އަމީނީމަގާއި ތާޖުއްދީން ސްކޫލު ހުންނަ ސަރަހައްދުގައި ވަނީ ޕަންޕު ހަރުކޮށްފަ އެވެ. އެ ކުންފުނިން ދެކޭ ގޮތުގައި އެ މަސައްކަތް ވަރަށް ކާމިޔާބެވެ.
"މިހާރު އޭގެ ނަތީޖާ އެބަ ފެނެއެއް ނޫންތޯ. ކުރިން އަމީނީ މަގުގައި ހެދޭ ފެން ހިނދެން ނަގާނެ ތިން ދުވަސް. އެކަމަކު މިހާރު ވާރޭ ހުއްޓާލާތާ ދެތިން ގަޑިއިރުގެ ތެރޭގައި ފެން އެއްކޮށް އެބަ ހިނދޭ،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވި އެވެެ.
ވިއްސާރަ ދުވަހެއްގައި ކުޑަކުދިންތަކެއް ފެނާ ކުޅެނީ --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން ވެސް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއުގެ ދަށުން، މާފަންނު މަދަރުސާ ހުންނަ ސަރަހައްދު ފަދަ އިތުރު ތަންތަނުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކާނެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކުމާއި ކާނުތައް ސާފުކުރުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލު ނޫން ކަމަށް ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. މިކަން މުޅިން ހައްލުވާނީ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމާއި އެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ.
މާލޭގެ މަގުތައް އަލުން ރީޑިޒައިންކޮށް ހެދުމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފަށަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތަށް ބޭނުންވާނެ މެޝިނަރީތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި އެއީ މިހާރު ކުރިމަތިވާ ފެން ބޮޑުވުމުގެ މައްސަލައިގެ ހައްލަށް ވުން ވެސް އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
22 August 2016
މާލެއަކީ އެއްވެސް ޕުލޭންއެއްކޮށްގެން ހަދާފަ އޮތްތަނެއްނޫން. މިހާރު އިންސާނުންއުޅެން ހެޔޮވާނެ ތަނެއް ނޫން، ހަމައެކަނި އޮތްހައްލަކީ މާލެ މިއޮތްގޮތަށް ބާއްވާފަ ރާްޖެތެރޭގައި ހުރި ބޮޑެތި ރަށްތައް ތަރައްޤިކުރުން. މާލެގެ ބިންވެރިން މިކަންގަބޫލު ކުރަންވެއްޖެ.
އިންސައިޑަރ
22 August 2016
ވަރަށް އަވަަހަށް!
ކުރާނެ
22 August 2016
މާލޭގެ މަގުތައް ފެނުން ސަލާމަތް ވާނެ ޕިންކް ކުދިންގެ ވެރިކަމުގެ މިއަންނަ އަހަރު ނިމެންވާއިރަށް. މިކަން ކުރުމަށް ޓަކައި ސަރުކާރާއި އެކު އަތާއި އަތް ގުޅުވާލައިގެން މާލެ ސަރަހައްދުގެ ހުރިހާ ކުދިން ވެސް މިއަހަރު ފަހުކޮޅު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވެސް އެބަޖެހޭ ސަރުކާރުން މާލެ ތަރައްގީ ކުރުމަށް ކުރާ ކަންކަމުގައި ހިތްވަރު ދިނުމަށް ޓަކައި ވޯޓް އިން ލިޓިލް ލައިޓް ޑާންސް ޖައްސަން ޕިންކް ކުދިންނާއި އެކު ރަންރީނދޫ ކުދިން. އެއިރުން މާލޭގެ މަގުތަކުން ދެން ހުންނާނީ ފެން ހިންދޭނެ ގޮތް ހަމަޖެހި ނިމިފައެވެ.
ނޫސަމާ
22 August 2016
މިވަރުންވެސް އުޅެވޭތީ އަހަރުމެން ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވާކަށް ނުވޭތަ؟ އިންްޑިޔާގަ އެއުޅެނީ ފެންބޮޑުވެގެން އެތައްހާސް ބަޔަކު މަރުވެގެން. https://mihaaru.com/world/4886
އައިއެފް
22 August 2016
ނޫސްވެރިޔާ އަދި ޖެހޭނީ ރަނގަޅަށް ބަލާފައި ފެންބޮޑުވާ ވާހަކަ ދައްކަން. ނޫސްވެރިޔާ މާލޭގެ މަގުމަތީގެ ވާހަކަ ދައްކަންވެގެން ލިޔުނީ ކޮންމެވެސް އެހެންތަނެއްގެ ވާހަކަ. ފޮޓޯއިން ތިޔަފެންނަނީ އެހެން ގައުމެއްގެ މަންޒަރެއް. އަޅުގަނޑު މެންގެ ހައުސިން މުއިއްޒު އިތުރުފުޅެއް ނުހައްދަވާނެކަންވެސް ނޫސްވެރިޔާ ދަންނަންވާނެ. އަޅުގަނޑު ހަނދާނެއް ނެތް ހައުސިން މުއިއްޒު ހަވާލުވިފަހުން މާލޭގެ މަގުމަތީގައި ފެންބޮޑުވީ ކަމެއް.
މެެންޓަލިސްޓް
22 August 2016
ހައުސިންގް މިނިސްޓަރ ވިދާޅުވިއެއްނު މާލޭގައި މިހާރު ފެންބޮޑުނުވާނެކަމަށް ، އެހެންވީމައި ތިޔައުޅެނީ ތިޔަބޭފުޅުންނަށް ހުވަފެނެއްފެނިގެން ،،، އަސްލު ފެނެށްބޮޑެށްނުވޭ ،،
ނުވޭދޯ
22 August 2016
މާލޭގެ މަގުތަކުގައި މިހާރު ފެންބޮޑު ވާތަން މަމެން ޕިންކް ކުދިންނަށް ނުފެނެއެވެ. މިހާރު ފެންކޮޅެއް ވެހޭތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެން ކޮޅު މަގުމަތިން ހިނދެއެވެ. މާލޭގެ މަގުމަތީގައި ފެންގަނޑު ބޮޑުވީ އެއީ 2009 އިން 2012 ގެ ފެބް ހަތަކާއި ޖެހެން ދެން. އެއަށް ފަހު މާލޭގެ މަގުމަތީގައި ޕިންކް ސަރުކާރުގައި ފެން ބޮޑުވި ހަނދާނެއް މަމެން ނުވެއެވެ.
ސަމަންދަރު
22 August 2016
ވާރެއަކީ ގުދުރަތީ ކަމެއް. ވާރޭ ވެހުމުން ފެންބޮޑުވާނެ. އަޑެއް ނައައްސަވަންތޯ ފެން ބޮޑުވެ ބޭރުގައުމުތަކުގައި މީހުން މަރުވަމުންދާ ވާހަކަ. ވެހޭ ވާރޭ ބިމަށް ހިންދުމަކީ ވެސް މުހިއްމު ކަމެއް. ވާރޭ ނުވެހޭނަމަ މަގުތައް ހިރަފުސްވާނެ. ދެން ޖެހޭނީ އެވާހަކަ ލިޔަން. ރަނގަޅު ގޮތެއް ނެތެއްނު. މި މޫސުމާ ގުޅޭ ފޭރާންހެއު ރިޕޯޓެއް ލިއުއްވިނަމަ ވަރަށް ރަނގަޅުވީސް.
ހިހި
22 August 2016
އެއީ ފްލަޑްވުމުން ދޯ ސިވިއަރ ރެއިންފޯލްއިން... އެކަމަކު މިތަނުގަ އެހެނެއްނޫން ވަނީ... މިނިޓަކަށް ބޯކޮށް ވާރޭ ވެހުނަސް ފެންބޮޑުވޭ... ދޭބަލަ ރަނގަޅު މަގުތަށް ހުރިތަނެއްގަ އެގޮތަށް ފެންބޮޑު ވާތޯ ބަލަން.. އަހަރެން މެލޭޝިއާގަ 3 އަހަރުވީ އިރު ސަންވޭގަ އެއޮށް ވާރޭ ވެހޭއިރުވެސް ފެންބޮޑެއްނުވޭ... އެކަމަކު ކަޑަ މަގުތަކުގަ ހަމަ ފެން ބޮޑުވޭ...
ތުއްތޮންބެ
22 August 2016
ބައެއް ސައިންސް ވެރިން ބުނާ ގޮތުން ރާއްޖެއަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ކޮންމެސްދުވަހަކުން އަޑިއަށްދާނެ ގައުމެކެވެ. އެހެންކަމުން މަގުތަކުން ފެންހިންދަން ނޫޅެ ފެނުގެތެރޭގައިވެސް އުޅެވޭނެގޮތެއް ދުރާލާ ހޯދަންވީއެވެ، އެގޮތުން ސައިކަލްގެ ބަދަލުގަ ޖެޓްސްކީ ތައާރަފް ކޮށް ބައެއް ގޯތިތައް ނަގާފަ ނަމަވެސް ފެރީގެ ޚިދުމަތް ދެވޭވަރަށް މާލޭގެ މަގުތައް ފުޅާކުރުން މާރަނގަޅުތޯއްޗެކެވެ. މީނޫން ދާއިމީ ހައްލެއް ތިޔަކަމަކަށް ނެތެވެ.
ލުގުމާން
22 August 2016
މާލެ އެނަޔެއްނޫނެއްނުންތޯ ފެނުން ސަލާމަތް ވާންވީކީ. ފެން ނުވަތަ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ހޫނުގަދަވެ ހަނަފަސްކަން ވެރިވާން ފެށުމުން ވާރޭނުވެހިގެން ރާއްޖޭގެ އެކި ކަންކޮލުތަކުގައި ދުއާ ކޮށްފައިވެސް އެބަހުރި. އަދި މިހާރު މިއުޅެނީ ވާރޭ ވެހޭލެއް ގިނަވެގެން އެކަމުން ސަލާމަތްނުވެގެން. އެހެންވީމާ މިގައި ދެނެގަންނަންވީ އެއްވެސް މިހަކު އެއްމެ އެދޭ ގޮތަށް ކަންކަން ނުވާނެކަން. ނުވެސް ކޮށްދެވޭނެކަން. ފެނުންސަލާމަތް ވެވިދާނެ މުޅި މާލެ ހިޔާކުރުމުންވެސް. އެކަމަކު އެކަންކުރުމުން ވައި ނުސާފްވެދާނެ. ދެންޖެހޭ އެއާކޮނޑިޝަންކުރަން އެހެން ހަދާފިއްޔާ ތިމާވެއްޓަށް ގެއްލުންވާނެ. ކޮބައިތޯ ރަނގަޅުގޮތަކީ؟