ރިޕޯޓް / މަރު

ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށައަޅައިފި

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަން ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

މާފުށީ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އައި ފުވައްމުލަކު ހޯދަޑު، އޯޝަންވިލާ، ރަޝްފާ، 20، މަރުވީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އެ ހާދިސާ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށައެޅީ ރަޝްފާ މަރުވި ދުވަހު ގަބޫލުކުރަން ދަތި އެތައް ކަމެއް ފެނިފައި ހުރުމުން ކަމަށް އެ އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ބޮޑުދައިތަ ރަޒީނާ އަހުމަދު "މިހާރު"އަށް ބުނީ ރަޝްފާ މަރުވި އިރު އަނގަޔާއި ނޭފަތުން ގިނައިން ލޭ އައިސްފައި ހުރުމުގެ އިތުރުން އޭނާގެ ބޯ ވެސް އެއް ފަރާތަކަށް ގޮސްފައި ކަމަށެވެ. އަނެއް ޝަކުވާ އަކީ ރަޝްފާ ބަލިވެއިނުމަކީ "ހައި ރިސްކް ޕްރެގްނެންސީއެއް" ގެ ގޮތުގައި ފައިލްގައި ނޯޓްކޮށްފައި އޮތަސް އެކަށީގެންވާ ފަރުވާ ލިބިފައި ނުވުމެވެ.

"ހިނަވަމުން ދިޔަ އިރު ވެސް އޭނާގެ އަނގަޔާއި ނޭފަތުން ލޭ އަންނަމުން ދިޔަ. ހިނަވާ ނިމުނު ފަހުން ވެސް،" ރަޝްފާގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވި އެ އާއިލާގެ އެހެން މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ރަޝްފާގެ އާއިލާ އިން ވަނީ އޭނާގެ ފިރިމީހާ މުހައްމަދު ނާޝިދާއި މާފުށީ ސިއްހީ މަރުކަޒާ މެދު ވެސް ޝަކުވާތަކެއް ކޮށްފަ އެވެ. އެގޮތުން ބަލިވެ އުޅުނު އިރު ދެ ވަނަ ފަހަރަށް ސިއްހީ މަރުކަޒަށް ގެންގޮސް ނުދެއްކުމަކީ، ރަޝްފާގެ އާއިލާ އިން ނަގާ މައްސަލައެކެވެ.

"ކީއްވެތޯ ފަތިސް ވަންދެން ކެއްސައި، ބަލިވެ އުޅުނު އިރު ދެވަނަ ފަހަރަށް ސިއްހީ މަރުކަަޒަށް ނުގެންދިޔައީ؟" އާއިލާގެ މެމްބަރަކު ބުންޏެވެ.

އެކަމަކު ނާޝިދުގެ ވާހަކަތައް ތަފާތެވެ.

އޭނާ ބުނި ގޮތުގައި ރަޝްފާއަށް ފަރުވާ ދިނުމުގައި އޭނާގެ އެއްވެސް އިހުމާލެއް ނޯންނާނެ އެވެ. އަދި މަރުވި އިރު އަނގަ އާއި ނޭފަތުން ލޭ ނާންނަ ކަމަށާއި އައިސްފައި ހުރީ "ޗޮކްލެޓް ކުލައިގެ ފެނެއް" ކަމަށް ވެސް އޭނާ ބުންޏެވެ.

"ލޭ އައީ ހިނަވާ ނިމުނު ފަހުން،" ނާޝިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިން ދުވަސް ކުރިއްސުރެ ރަޝްފާ ބަލިވެ އުޅުނު ކަމަށް އޭރު މީޑިއާތަކުން ރިޕޯޓްކުރީ ގޯސްކޮށެވެ. ނާޝިދު ބުނީ ބޮލުގައި ރިއްސާތީ އާއި ކެއްސާތީ ރަޝްފާ ޑޮކްޓަރަށް ދެއްކީ ވެސް ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އެރޭ އަލުން ސިއްހީ މަރުކަޒަށް ނުގެންދިޔައީ، އޭނާ ބުނި ގޮތުގައި، އަނެއް ދުވަހު ހެނދުނު ޓެސްޓްތަކެއް ހަދަން ސިއްހީ މަރުކަޒުން އަންގާފައި އޮތުމުންނެވެ.

ރަޝްފާ ބަލިވެއުޅުނުތާ އޭރު ދެތިން ދުވަސް ވީ ކަމަށް، މީޑިއާތަކުން ހަބަރު ފެތުރީ ސީދާ ނާޝިދަށް ހަވާލާދީފައެއް ނޫނެވެ. އެ ވާހަކަތައް ކިޔައިދީފައި ހުރީ ރަށުގެ އެކި މީހުންނެވެ.

ރަޝްފާގެ އާއިލާ އިން ނަގާ އަނެއް މައްސަލަ އަކީ ރަޝްފާ އަށް މާފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރު އެރޭ ދިން އެއް ބޭހެވެ.

އަންހެނުންގެ ބަލިތަކަށް ހާއްސަ ބައެއް ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށް ފަހު ރަޝްފާގެ އާއިލާ އިން ބުނަނީ "ގްރިލިންކްޓަސް" އަކީ މާބަނޑު މީހަކަށް، ހާއްސަކޮށް ހައި ރިސްކު އޮތް މީހަކަށް ދޭން އެކަށީގެންވާ ބޭހެއް ނޫން ކަމަށެވެ.

ނާޝިދު ބުނި ގޮތުގައި އެ ބޭސް ލިއެދިން އިރު އެއީ ރައްކާތެރި އެއްޗެއްތޯ އެތައް ފަހަރަކު ޑޮކްޓަރު ކައިރިން ސާފުކުރި އެވެ.

"އަޅުގަނޑު ތަކުރާރުކޮށް ސުވާލު ކުރިން ޑޮކްޓަރާ މިއީ މާބަނޑު މީހަކަށް ދެވިދާނެ ބޭހެއްހޭ؟ އެއްވެސް މައްސަލައެއް ނެތޭ ބުނީމާ ދިނީ. އެ ބޭސް ރަޝްފާ ބޭނުން ކުރީ ވެސް އެންމެ ފަހަރަކު،" ނާޝިދު ބުންޏެވެ.

އެ ބޭހާ މެދު ޑޮކްޓަރުން ދެ ގޮތަކަށް ވާހަކަ ދައްކަ އެވެ. ބައެއް ޑޮކްޓަރުން ބުނާ ގޮތުން އެއީ ކޮންމެހެން ދޭން ޖެހިއްޖެ ހާލަތެއްގައި ދެވިދާނެ ބޭހެކެވެ. އަނެއް ބަޔަކު ބުނަނީ މާބަނޑު ވަކި ދުވަސްވަރެއްގައި އެއްގޮތަކަށް ވެސް އެ ބޭސް ދީގެން ނުވާނެ ކަމަށެވެ.

ސިއްހީ މަރުކަޒާ މެދު ރަޝްފާގެ އާއިލާ އިން ހިތްހަމަނުޖެހެނީ ދެ ކުދިން ސަލާމަތްކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނާޝިދު ބުނި ގޮތުގައި ރަޝްފާ ވެއްޓުނުތާ 15 ވަރަކަށް މިނިޓް ތެރޭގައި ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭރު އަންހެނުން މަރުވެފައި އޮތް ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށް، އޭނާ ކިޔައިދިނެވެ.

އެކަމަކު ބަނޑުގައި އޮތް ދެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ސިއްހީ މަރުކަޒުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ ކުދިން މަރުވީ ސިއްހީ މަރުކަޒަށް ގެނައި ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ވެސް ނޭނގެ އެވެ.

ހެލްތު މިނިސްޓްރީން އަންނަނީ ރަޝްފާގެ މަރުގެ މައްސަލަ ބަލަމުން ކަމަށް ވާތީ، މިހާރަށް ވުރެ އިތުރު މައުލޫމާތުތަކެއް ފަހުން ލިބިދާނެ ކަމަށް ބެލެވެ އެވެ.

ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމައެއް ނުޖެހޭ

ރަޝްފާގެ ބައްޕަޔާއި ބޮޑުދައިތަ، ރަޒީނާގެ ވެސް އެންމެ ބޮޑު ޝަކުވާ އަކީ ކުއްލި ގޮތަކަށް މަރުވި ރަޝްފާގެ އަނގަޔާއި ނޭފަތުން ލޭ ފެންނަން ހުރި އިރު ވެސް ފުލުހުން ތަހުގީގުނުކޮށް ވަޅުލުމެވެ. އާއިލާއިން ދެކޭ ގޮތުގައި އެއީ ބަޔަކު މައްސަލަ ނުޖެއްސިޔަސް ފުލުހުން ބަލަން ޖެހޭނެ ކަންކަމެވެ.

"އަޅުގަނޑުމެން އެންމެން ތިބީ ވަރަށް ބޮޑު ޝޮކެއްގައި، ކައިރި ރިސޯޓްތަކުންނާއި ފުވައްމުލަކުން އައި މީހުން ވެސް. މާފުށީގައި ތިބި ތިމާގެ މީހުން ވެސް،" ރަޒީނާ ބުންޏެވެ.

"ހިނެވި އިރު ވެސް އަނގަޔާއި ނޭފަތުން ލޭ އަންނަމުން ދިޔަ އިރު، ކީއްވެތޯ ހަމަ އާދައިގެ މަރެއް ކަމަށް ބަލައި، ތަހުގީގެއް ނުކޮށް ދޫކޮށްލަންވީ؟"

އާއިލާއިން ކުރި ޝަކުވާއާ ގުޅިގެން ފުލުހުންނަށް ދޭން ބޭނުންވި ބަޔާން ވެސް ނެގީ އުނދަގުލުން ކަމަށް ރަޒީނާ ބުންޏެވެ. އެގޮތުން އެ ބަޔާން ނެގީ، އޭނާ ބުނި ގޮތުގައި، ޖެނުއަރީ 6 ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން އާއިލާ އިން ސިޓީއެއް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް އެ މައްސަލަ މިހާރު ހުށައަޅަން ޖެހޭނީ ހެލްތު މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ މާފުށީގެ އަންހެނުންގެ ބަޔަކު، ސިއްހީ މަރުކަޒުގެ ދިފާއުގައި އަޑުއުފުލަނީ

މާފުށީ އަންހެނުން ސިއްހީ މަރުކަޒުގެ ދިފާއުގައި

ރަޝްފާގެ މަރު ތަހުގީގު ކުރަން އާއިލާއިން ހުށައެޅުމުން މާފުށީގައި މިހާރު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. އަދި މާފުށީގައި ދިރިއުޅޭ ރަޝްފާގެ ތިމާގެ މީހުން ސިއްހީ މަރުކަޒުގެ ނަރުހުންނަށް ބިރު ދައްކާ ކަމަށް ތުހުމަތުކުރި އެވެ. އާއިލާއިން ބުނަނީ އެ މީހުންނަށް ރަށުގެ ބައެއް މީހުން ފުރައްސާރަކުރާ ކަމަށެވެ.

މާފުށީގެ ބައެއް އަންހެނުން އިއްޔެ ވަނީ ހެލްތު ސެންޓަރު ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ. އެމީހުން ތުހުމަތުކުރީ ރަޝްފާގެ ދައްތަ ފޮނުވި ބަޔަކު ހެލްތު ސެންޓަރުގެ ސްޓާފުންނަށް ބިރުދެއްކި ކަމަށެވެ. އެމީހުންގެ ޝަކުވާ އަޑުއަހަން ހެލްތު މިނިސްޓްރީގެ ޓީމެއް އިއްޔެ އެރަށަށް ވެސް ދިޔަ އެވެ.

ހެލްތު ސެންޓަރުގެ ނަރުހުންނަށް ބިރު ދެއްކި ކަމަށް ބުނާ ދެ މައްސަލައެއް ހުށައެޅުމުން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ރަޒީނާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ މާފުށީ ސިއްހީ މަރުކަޒުގެ ސްޓާފުންނަށް ބަޔަކު ބިރުދެއްކި ނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވެސް އޭނާ ގޮވާލި އެވެ. "އަޅުގަނޑުމެން ނުބުނަން އެއްވެސް ބަޔަކު ގާތު، ހަަމަނުޖެހުން ހިންގާކަށް. ހިތްވަރެއް ވެސް ނުދެން އެކަހަލަ ކަމަކަށް. އެފަދަ ކަމެއް ބަޔަކު ކުރި ކަަމަށް ވާ ނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވެސް އާއިލާއިން ގޮވާލަން،" ރަޒީނާ ބުންޏެވެ.

11 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 85%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

26 January 2019

މިފަހަކުން ހިނގާދިޔަ މަރުތަކުގެ އެންމެ ޒިންމާނަގަން ޖެހޭނެ ފަރާތް ތަކަކީ ކައިރިން އަނިޔާލިބިފަވާ މީހާޔާ އި އެކު އުޅުނުމީހުންގެ އިޙްމާލުންނެވެ. މިސާލަކަށް ސިމެންތި ބަސްތާ ބޮލަށް ވެއްޓުނު ކުށްޖާ ނެގިގޮތަށް ނަގާއެއްލީ ކޮނޑަށއެވެ، ނާރސުންގެ ތެރޭގައި ތަޖުރިބާ ނެތި ވަޒީފާ ދީފަތިބޭ މީހުންނާއި 24 ގަޑިއިރު ޗެޓްގައި ތިބެ ކުށްލިހާލަތަށް ޕޭޝަންޓަށް އަޅާލުން ނުދެވޭމައްސަލައެވެ. މީކެއަރލެސް ވެވޭއެއްސަބަބެވެ.

The name is already taken The name is available. Register?

ޑޮކްޓަރު

26 January 2019

ގުރިލިންކްޓަސް އަކީ ބުރޮމްހެކްޒިން އަދި ޓާބިއުޓަލައިން ކިޔާ ދެ ބޭހެއްގެ މިކްސްއެއް. ޓާބިއުޓަލައިންއަކީ ބޮރޮންކޯ ޑައިލޭޓާއެއް. މާނައަކީ ފުއްޕާމެއި ގެ ވައިހިނގާ ގޮފިތައް އިތުރަށް ބޮޑުކޮށް ނުވަތަ ޑައިލޭޓް ކުރާ ބޭހެއް. މީގެ ސަބަބުން މާބޮޑަށް ޑައިލޭޓްވުމުން ނޭވަޔަށް އުދަގޫވެ ރެސްޕިރޭޓަރީ އެރެސްޓަކަށްވެސް ހިނގައިދާނެ. ވަރަށް ގިނަ މީހުން ގްރިލިންކްޓަސް ދިނުމުން ތުރުތުރު އަޅާތީވެސް އުޅޭ. ގްރިލިންކްޓަސް އަކީ ކެޓެގަރީ ސީގެ ބޭހެއް. މާނައަކީ ޑެފިނިޓީވް ރިސް

The name is already taken The name is available. Register?

ޙިނި

25 January 2019

މިކަމާ އުޅޭނެ މީހެއްގެ އުމުރު ހުސްވާނީ، އެއްކަމެއްވެސް ނުބެހޭނެ، ބެޅޭނެނަމަ މި ފާއިތުވި 10 އަހަރު ތެރޭ ޕޯސްޓްމޯޓަމް ހެދޭނެ ގޮތް ގާއިމް ކުރީސް

The name is already taken The name is available. Register?

ްޝްރޭ

25 January 2019

އެއްވެސް އިންސާނަކަށް މަރު ނުހިއްފެއްޓޭނެ،ތަޙްޤީޤު ކުރިޔަސް، އިޙްމާލްވި މީހަކު ހައްޔަރު ކޮށް ނުހައްޤުން އަނިޔާއެއް ދިނުމަކީ ރަޝްފާ އަނބުރާ ދުނިޔެއައް ނޭވާލާނެ ކަމެއްނޫން. ހުރިހާކަމެއްވެސް އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ،އިންތިޒާރު ކުރަމުން އައި ދުވަހެއް ނޫން ކަންނޭނގެ ފިރިމީހާވެސް އެދުވަހު އެ ދެކުނީ،، އޭނާ އެތައް ދުވަހެއް ވަންދެން ގަބުވެފައި ހުރި،،އެކަން މި ދެލޮލުން ދުށިން! ކުއްލި މަރަކީ ޤިޔާމަތުގެ އަލާމާތެެއް،ވަﷲއައުލަމް

The name is already taken The name is available. Register?

ފިތި

26 January 2019

ހިތެށްނުބުނޭ ފިރިމީހާ އަޅާނުލާ ހުންނާނެކަމަށް، އޭނަވެސް ހާދަ އުންމީދެށް ކުރާނެޔޭ....... 3 މަންނަށް ސުވަރުގެ މިންވަރު ކުރަށްވާށިއެވެ.

The name is already taken The name is available. Register?

ޢަލީނަސީރު

24 January 2019

މަރު އެއީ ޔަގީން ކަމެއް ކޮންމެ މަރަކީ ގަސްތުގައި ނުވަތަ އިހުމާލުން ވީ ކަމަކަށް ނުވެވެސް ހިނގައިދާނެ. އެހެން ކަމުން ކޮންމެ މަރެއް ތަހުގީގު ކުރަން ވެއްޖެކަމުގައި ވަނީނަމަ އިޖުތިމާއީ ބަލި މަޑު ކަމަކަށް އެކަންވެދާނެ. އިލްޒާމް ނާޅުވާ ތަހުގީގުކޮށް ނިމެންދެން މަޑުކޮށްލުން ބުއްދިވެރި. އެހެންނޫނީ މަރެއްގެ ތުހުމަތު ކުށެއްނެތް ބަޔަކަށް ވެސް ކުރެވިދާނެ

The name is already taken The name is available. Register?

Faisal

25 January 2019

މޮޅު ވާހަކަ ދައްކަަތި. ޢިލްޒާމް އެލުނަސް ޖެހޭ ތަހުގީގު ކުރަން ކުރިހާ އަން ނެޗަރަލް ޑެތްސް. އެކަން ކުރަންވީ މަރުވި މީހާގެ ފުރާނައިގެ ބަދަލަކަށް ނޫން، ދިރިތިބީންގެ ސަލަމަތައް

The name is already taken The name is available. Register?

ޝިފާއު

24 January 2019

"ގްރިލިންކްޓަސް" އަކީ އަސްލު މާބަނޑު މީހުންނަށް ދިނުން އެކަށީގެންވާ ބޭހެއްނުން. ފުރާނައަށް ނުރައްކާވެ އެނޫންގޮތެއް ނެތިގެންނޫނީ ދިނުން އެއްގޮތަކަށްވެސް ރަގަޅު އެއްޗެއްނުން. އެވެސް އެކަން ބަލިމީހާ އަށް ރަގަޅަށް ކިއައި ދިނުމަށްފަހު.

The name is already taken The name is available. Register?

ފަރޫ

25 January 2019

ތީ ޑޮކްޓަރެއްތަ؟ އަހަރެންގެ ދެ ދަރިންނަށް ބަނޑުބޮޑު އިރުވެސް ގްރިލިންޓަސް ބުއިން... ސަބަބަކީ މާބަނޑު އިރު ކެެއްސުމަކީ ރަނގަޅުކަމަށް ނުވުން... އިތުރަށް ފިތުނަ ނުއުފައްދާ

The name is already taken The name is available. Register?

ކިހާބޮޑު އުނދަގުލެއް

24 January 2019

ދޮގު މައުލޫމާތު ނުފަތުރާށެވެ.

The name is already taken The name is available. Register?

މަަާއެގޭ

25 January 2019

ގްރްލިންޓަސް ކޮންމެ ބަނޑުބޮޑު މީހަކު ބޮއެގެން ގޮތެއް ނުވެދާނެ އެކަމަކު ހައި ރިސްކު މީހުން ބޭނުން ކުރުން ރަގަޅެއް ނޫން. ފަރޫ އެންމެންނަކަށް އެއްގޮތެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454