ދުނިޔެ / ތައިލެންޑް ސިޔާސީ

ތައިލެންޑުގެ ޕްރިންސަސް އިންތިޚާބުން ބޭރުކޮށްފި

ތައިލެންޑުގެ ޕްރިންސަސް މަހިދޯލް. --ފޮޓޯ:އޭއެފްޕީ

11 ފެބުރުއަރީ 2019 - 16:21

ބެންކޮކް (ފެބްރުއަރީ 11) - ތައިލެންޑުގެ ރަސްގެފާން ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް، އަންނަ މާޗް މަހު އޮންނަ އިންތިޚާބުގައި ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރައްވަން ނިންމެވުމުން ރަސްގެފާންގެ ހިތްހަމަނުޖެހުން އޮތުމާ އެކު އޭނާގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން ޑިސްކޮލިފައި ކޮށްފި އެވެ.

ޕްރިންސަސް މަހިދޯލް، 67، ނޮމިނޭޓްކޮށްފައި ވަނީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާއާ ގުޅިފައިވާ ޕާޓީއެއް ކަމަށްވާ ތައި ރަކްސާ ޗާޓް ޕާޓީންނެވެ. މަހިދޯލް އިންތިޚާބުގައި ވާދަކުރަން ނިންމެވުމުން ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާން ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ބޮޑު ވަޒީރު ކަމަށް ވާދަކުރުމަކީ "ކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ސަގާފަތެއް ވެސް ނޫން" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ރަސްމީކޮށް ބުނެފައި ވަނީ ތައި ރަކްސާ ޗާޓް ޕާޓީން ހުށަހެޅި ޕްރިންސަސް މަހިދޯލްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމީ "ޝާހީ އާއިލާގެ މެންބަރުންނަކީ ސިޔާސީ ކަންކަމަށް ވުރެ މަތީގައި" ތިބެން ޖެހޭ ބަޔަކަށްވާތީ ކަމަށެވެ.

ތައިލެންޑުގެ ރަސްގެފާން. --ފޮޓޯ:އޭއެފްޕީ

ޕްރިންސަސް މަހިދޯލްގެ ނަން ޑިސްކޮލިފައި ކުރުމުގެ ކުރިން ރަކްސާ ޗާޓް ޕާޓީން ވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަހިދޯލް ނުނެރެން ނިންމައިފަ އެވެ. ސަބަބކީ ރަސްގެފާން ހިތްޕުޅު ހަމަނުޖެހޭ ކަމެއް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަފާނެކަމުގެ ބިރު އޮތުމުންނެވެ.

މާޗް މަހު 24 ގައި ބާއްވާ އިންތިޚާބަކީ ފަސް އަހަރުގެ އަޝްކަރީ ވެރިކަމަކަށް ފަހު ތައިލެންޑް އަލުން ޑިމޮކްރެސީގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތެކެވެ.

ބޮޑު ވަޒީރުކަމަށް ވާދަކުރެއްވުމަށް ނިންމެވުމާ އެކު ޕްރިންސަސް މަހިދޯލް ވަނީ އޭނާ އަށް ލިބިވަޑައިގަންނަވާ ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އަކީ މިހާރު އާދައިގެ މީހެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ތައިލެންޑުގެ ޕްރިންސަސް މަހިދޯލް. --ފޮޓޯ:އޭއެފްޕީ

ޕްރިންސަސް މަހިދޯލް ވަނީ އެމެރިކާގެ މަޝްހޫރު މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެމެރިކާ މީހަކީ 1972 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށް ފަހު ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލެއްވި އެވެ. ނަމަވެސް 2001 ވަނަ އަހަރު ތައިލެންޑަށް އެނބުރި ވަޑައިގެން އަލުން ޝާހީ ދިރިއުޅުއްވުމަށް ވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޕްރިންސަސް ވަނީ ތައިލެންޑުގެ ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މީގެ ތެރޭން އެއް ބޭފުޅަކު ވަނީ 2004 ވަނަ އަހަރުގެ ސުނާމީގައި އަވަހާރަވެފަ އެވެ. އަނެއް ދެ ބޭފުޅުން ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454