ކުރީގެ ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ.
19 ފެބުރުއަރީ 2019 - 11:41
މަނީ ލޯންޑަރިން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން އުފާކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް މިހެން ވިދާޅުވީ، ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމުގެ އުފަލުގައި ބޮނޑިބަތް ކެއުމުގެ ހަފުލާއެއް ކުނޫޒުގައި ރޭ އޮންނާނެ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވުމުންނެވެ.
ގާސިމްގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކައުންސިލް މެމްބަރަކު އެހެން ވިދާޅުވުމާ ގުޅިގެން ގާސިމް އޭގެ ރައްދުގައި ވިދާޅުވީ، ޔާމީން ޖަލަށްލުމުން ޖޭޕީގެ މެމްބަރުން އުފާކުރުން ރަނގަޅު ނޫން ކަމަށެވެ.
"ކޮންކަމަކާ އުފާ ފާޅުކުރަން. ކުނޫޒުގައި ނޫނީ އެހެން ތަނެއްގައި ވެސް ޖޭޕީގެ ނަމުގައި ޖޭޕީގެ މީހުން، ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމަށް ހަދައިގެން އެއްވެސް ކަމެއް ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލް ގުރޫޕްގެ ވަޓްސްއެޕް ގުރޫޕްގައި ގާސިމް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް ވިދާޅުވީ، ޔާމީނަކީ ރާއްޖެ އެހެން ގައުމަކަށް ވިއްކައިލަން އުޅުއްވި ވެރިއެއް ނޫން ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ގާސިމް ނުދެއްވަ އެވެ.
"ކޮންމެ މީހަކަށް ވެސް މިފަދަ ދުވަހެއް ދިމާވެދާނެ. ވިސްނުމުގައި ބަހައްޓަވާ ރައީސް ޔާމީނަކީ ގައުމު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅުނު ވެރިއެއް ނޫން،" ގާސިމް ލިޔުއްވާފައިވެ އެވެ.
ޔާމީންގެ ޕީޕީއެމާއި ޕީއެންސން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ޕާޓީގެ އިސްވެރިން ވަނީ ގާސިމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ގައުމު އެހެން ބަޔަކަށް ވިއްކައިލަން އުޅޭއިރު ގާސިމް މަޑުން ނުހުންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވެ އެވެ.
ޔާމީން ހައްޔަރުކުރުމަކީ ޖޭޕީން އުފާކުރުން ބުއްދިވެރި ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއިރު، އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީ އާއި ޔާމީނަށް ތާއީދު ކުރާ މީހުން އެކުގައި ވާދަ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެ އެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަ ކުރާ ބައެއް ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީ އިން ވާދަ ނުކުރަން ޔާމީން ވަނީ ނިންމަވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ފައިސާ، އެސްއޯއެފް ކުންފުނި މެދުވެރިކޮށް ގާސިމްގެ ވިލާ ކުންފުންޏަށް ވެސް ލިބިފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، ގާސިމް ވިދާޅުވެފައިވަނީ އޭނާގެ ކުންފުންޏާއި އެސްއޯއެފާ ދެމެދު ކުރީ ސައްހަ މުއާމަލާތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވިލާ ޓްރެވަލްސް އިން އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
ޔާމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
21 February 2019
މައްސަލައާއި ގުޅިގެން ވަކިމީހަކު ހައްޔަރުކުރުމަކީ އެންމެރަނގަޅުގޮތެއްނޫން ހުރިހާއެންމެންވެސް ޝަރިއްއަތް ނިމެންދެންހައްޔަރު ކުރަންޖެހޭނެ އެހެންނޫނީ އެންމެންގެ މައްސަލަވެސް ބަލަންޖެހޭނެ
އަލްޖިބްރާ
20 February 2019
އުފާކުރާނެ ! އެންމެންވެސް އުފާކުރާނެ ! ހަވާވެސް އަރުވަންވީ ، ބޮޑިބަތްވެސް ކާންވީ! ކަލޭ އަނެއްފަހަރު އޭނަގެ ނެޕީ ސާފުކޮށްދޭން ދާންވީނު ؟
ފިރާ
20 February 2019
ޖޭޕީވެސް އުފާކުރަންވީ މުޅިގައު އުފާކުރަންވީ މިވަރުގެ ބޮޑު އަނިޔާވެރިޔަކު ހައްޔަރު ކުރެވުނީތީ.
ބިން
20 February 2019
އެމްޑީޕީ “ބޮޓްސް” ތައް ފިތުނަ އުފެއްދުމާ، އޮޅުވާލުމާ އަދި ބިރުދެއްކުމުގެ ނިޔަތުގައި އެއްގޮތަކައް އެކި ކޮމެންޓުތައް ލިޔަމުން ދާކަމައް ފާހަގަވޭ.
ށ.އަތޮޅު މީހާ
19 February 2019
ދިވެހި ގައުމު އެތައް މިލިޔަން ޑޮލަރަކުން ދަރުވާލާ، ހިންގި ކޮންމެ މަޝްރޫއަކުން ބޮޑު ބައެއް ކައްވާލި، މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލި އަނިޔާވެރިއަކު ޖަލަށްލީމާ ޤާސިމް އުފާނުކުރިޔަސް ދިވެހި ގިނަ ރައްޔިތުން އުފާކުރާނެ. ޤާސިމަށް އުފާނުކުރެވިގެން ތިއުޅެނީ ވެރިކަމަށް ބޫތުގަތްފަ ހުރިވަރުން. ރައްޔިތުން.
މކ އަލް
20 February 2019
ތަރައްގީވަމުންދާ ގައުމެއްގެ ދަރަންޏަކީ އަބަދުވެސް ބޮޑުވަމުންދާނެ އެއްޗެއް. އެމެރިކާ 18ޓްރިލިއަން ޑޮލަރުގެ ދަރަންޏެއް އެެހެންނޫންނަމަ ނޯންނާނެ. 5 އަހަރު ޗައިނާއަށް 1.5 ބިލިއަނައް ދެރިއިރު، ދެތިން މަސްތެރޭ އިންޑިއާއަށް ހަމަ އެވަރައް ދަރައިފި. “އަނިޔާވެރިކަން”، “ވަގު” މިހާރު ރާއްޖޭގައި މާނަ ކުރަނީ އެހެން ގޮވައިގެން އެބަޔަކު ހިތައް ހަމަޖެހުން ލިބި އެރޭ ނުރޮއެ ނިދޭ ކަހަލަ ގޮތަކައް؛ އަމިއްލަ ރަދީފަކުން.
ޓްރޫ
19 February 2019
ޤާސިމް ގެ ހުޅުބުދަނީތަ ފިލާތިއޮންނަނީ
ބޯވައިގެ ބަފާ
19 February 2019
ޤާސިމް އަށް ހާދަ ވަރެއްވެފަޔެޭ ދޯ, ދެއިރު ދެދަޅައަށް ވަާހަކަ އަާއި ޙިޔާލު ބަދަލްވޭ ކަނޑުގަ އުޅޭ ބޯވަފަދައިން!
ހުއްބުލް ގަލަން
19 February 2019
އޭނަ ހައްޔަރު ކުރީމަ ގާސިމް އުފާ ނުކުރިޔަސް މިގައުމުގެ ގިނަ ރައްޔިތުންތަކެއް އުފާ ކުރާނެ. ހަމަގައިމުވެސް އަހަރެން ވަރަށް އުފާކުރަން.
މިލިޓަރީ
19 February 2019
އެމްޑީޕީގަ ގިނައީ މުނާފިގުން. ނަޝީދުގެ ދައުރުގާ ކުރި ކަންތަ ބަލާނީ ކާކުބާ.
ދެލޯ
19 February 2019
ކަލޭގެ މުއުމިނުކަން ކަލޭގެ ކޮމެންޓް ކިޔާލި ކޮންމެ މީހަކަށް އެނގޭނެ. އެކޮއި މިއިން ޒަމާނެއްގައިވެސް ފަތިސް ނަމާދު ކުރިންތަ؟
ނޫހިރި
19 February 2019
މި ތަނުގައި ހާދަ ރިޕީޓް ކޮމެންޓް ކޮށްފަ ހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ބުނެލަންއޮތީ ވިލާ ޓްރަވަލްސްއަށް ވިޔަފާރީގެ ބޭނުމަށް ޑޮލަރު ގަތުމަކީ ޤާސިމާއި ބެހޭކަމެއްނޫނެވެ. ވިލާ ޓްރެވަލްސް އަކީ ވަކި މެނޭޖްމަންޓެއްގެ ދަށުން ހިނގާ ތަނެކެވެ. އޭގައި މައްސަލައުޅެންޏާމު ސުވާލުކުރަންޖެހޭނީ އެތަން ހިންގަންތިބި މީހުންނާއެވެ. ދިވެއްސެއް ކަމެއްކުރުމަކުން އެކަމަށް ޖަވާބުދާރީވާކަށް ނުޖެހޭނެ ހުރިހާ ފިވެހިންނަކަށް. އެގޮތަށް ވިލާ ކިޔަކަސް އަބަދު ގާސިމަށް އެކަމެއް ނުގުޅުވޭނެއެވެ. ބަލަންވާނީ އެކަމުގައި ސާމިލުވޭތޯ އެވެ.